ކައިރިޔަށް މީހަކު ހުއްޓުމުން ނިޝާ އެނބުރި ބަލައިލި އިރު އެއީ އޭނާގެ މަންމައެވެ. މަންމާއޭ ކިޔައި ގޮވައިލަމުން ކިޔަން އިން ފޮތުގެ ތެރެއަށް ގަލަން ލާފައި ފޮތް ލައްޕައިލިއެވެ. މަންމަ އެއްޗެއް ނުބުނުމުން ގޮޑިން ތެދުވެ މަންމަގެ މޫނަށް ބަލައިލިއިރު މަންމަ ހުރީ ވަރަށް ކަންބޮޑުވެފައިކަން ނިޝާއަށް އެނގުނެވެ. ނިޝާގެ ހިތަށް ވަނީ ބަލިވެ އޮތް ބައްޕަގެ ހާލު މާ ބޮޑުވީ ކަމަށެވެ. 

       “މަންމާ ކިހިނެއްވީ؟” ނިޝާ އެއްސެވެ. 

       “މަންމައަކަށް ނޭނގޭ ދަރިފުޅު ގާތު މި ވާހަކަ ބުނާނެ ގޮތެއްވެސް.” އެތާ ހުރި އެނދާ ދިމާލަށް އެނބުރި ހިނގައިގަންނަމުން މަންމަ ބުންޏެވެ. މަންމަ ބުނަން އުޅޭ އެއްޗެއް ނޭނގޭތީ ނިޝާ ހުރީ ހާސްވެފައެވެ. ނިޝާ މަންމައާއެކު ގޮސް އެނދުގައި އިށީދެއްޖެއެވެ. އެހެން ނަމަވެސް މަންމަ އެއްޗެއް ނުބުނެ މަޑުން އިނެވެ. 

       “މަންމާ، ކީކޭ ބުނަންތަ މަންމަ ތިއުޅެނީ؟” ނިޝާ އަނެއްކާ ވެސް އެއްސެވެ. 

       “ދަރިފުޅާ. މަންމައަށް އިހަށް ރެއަކު ވަރަށް އެހެން ކަހަލަ ހުވަފެނެއް ފެނުނު.” މަންމަ ބުންޏެވެ. “މަންމައަށް ހުވަފެނުން ފެނުނީ ދަރިފުޅު ގެއްލިގެން މަންމަމެން ހޯދަނިކޮށް.”  

       “މަންމަ ދައްކަން އުޅުނީ ތި ވާހަކައެއް ނޫނެއްނު؟” މަންމަ ބުނަން އުޅުނު އެއްޗެއް ނުބުނަންވެގެން އުޅޭކަމަށް ހީކޮށް ނިޝާ ބުންޏެވެ.

       “ދަރިފުޅާ. މަންމަ ބުނަން އުޅުނީ ދަރިފުޅުގެ ބައްޕަ އެ އުޅެނީ ވަރަށް ބޮޑަށް ބަލިވެއޭ. ކުރީ ފަހަރު ވެސް ދަރިފުޅުމެންގެ ކަންތަކާ ގުޅިގެން ކިރިޔާއޭ ބައްޕަގެ ހިތް ނުހުއްޓުނީ.” ދަރިފުޅާ ދިމާލަށް އެނބުރިލާފައި މަންމަ ބުންޏެވެ. “ދަރިފުޅު ވަރަށް ބޮޑަށް ވިސްނާތި. ބައްޕަ އެހާ ބަލިވެ އޮތް އިރު މިކަމާ ގުޅިގެން އަނެއްކާ ބައްޕަ ރުޅި ނާރުވާތި.” މިހެން ބުނެފައި މަންމަގެ ލިބާހުގެ ޖީބުން ސިޓީއުރައެއް ނަގާފައި ނިޝާއަށް ދިއްކުރިއެވެ. 

       “މިއީ ކޮން ސިޓީއެއް މަންމާ؟” ސިޓީގައި ހިފަމުން ނިޝާ އެއްސެވެ.

       “މަންމަ ބުނަން ވެގެން އުޅުނީ މަންމައަށް އެ ހުވަފެން ފެނިފައިވަނިކޮށް މި ސިޓީ ހިފައިގެން އައި މީހާ ދަރިފުޅު ދާންވީއޭ މަންމަ ގާތު ބުނި ވާހަކަ.” މަންމަގެ ލޮލުން ކަރުނަ ފޭބިއެވެ.

       “މަންމާ ކޮންތަނަކަށް ދާންވީތަ؟” ނިޝާ ކަންބޮޑުވުމާއެކު އެއްސެވެ. 

       “މަންމަ އޭނާކުރެން އެހިން ތިހެން.” މަންމަ ބުންޏެވެ. “އެކަމަކު އޭނާ ވަކިއެއްޗެއް ނުބުނެ ދިޔައީ.”

       “އެއީ ކާކުތަ މަންމާ؟” ނިޝާ އެއްސެވެ. “ކިހިނެއް އޭނާއަށް އެނގެނީ؟”

       “އެއީ މިރަށު މީހެއްނޫން. ހުޝާމުމެން އުމުރުގެ މީހެއް. އެ އިސްކޮޅުގެ މީހެއް. މަންމަ ކިޔައިދިނެވެ. “މަންމަ އުޅުނިން ފަހުން އޭނާ ފެނޭތޯ. އެކަމަކު ހަވީރުގެ ފެރީން އޭނާ ފުރައިގެން ގޮސްފި އޭރު. މަންމައަށް ހީވަނީ އޭނާ މިރަށަށް އައީ ވެސް މި ސިޓީ ރައްދުކުރަންހެން. އޭނާ ބޭނުންވީ ސީދާ ދަރިފުޅުއަތަށް ދޭން. އެކަމަކު އޭރު ދަރިފުޅު ވީ ކިޔަވަން ގޮސް. ދަރިފުޅު ގެއަށް އައިހާ އަވަހަކަށް ދަރިފުޅު އަތަށް ދޭށޭ ބުނީ. ދަރިފުޅު ތީގައި އޮތް އެއްޗެއް ކިޔާބަލަ. މަންމައަށް ކިޔައިދޭތި ފަހުން.” ކަރުނަ ފޮހެމުން ނިޝާގެ މަންމަ އެތަނުން ދިޔައެވެ. 

ކޮންތަނަކަށް ދާން ޖެހޭ ވާހަކައެއްތަ؟ މިކަމާ އަނެއް ފަހަރު ބައްޕަ ރުޅި ނާރުވާށޭ މަންމަ ބުނުމުން ނިޝާ ހައިރާންވިއެވެ. އޭރު ނިޝާގެ ބައްޕަ ރުޅިއަންނަން ޖެހުނީ ހުޝާމާއި ނިޝާއާ ދެމެދުގައި މައްސަލަ ޖެހެން ފެށުމުންނެވެ. މައްސަލަ ޖެހެން ފެށީ ނިޝާއަށް ހުޝާމުގެ މާޒީ އެގެން ފެށުމުންނެވެ. އޭނާގެ ރައްޓެހިން ނިޝާއަށް ސާފުވާން ފެށުމުންނެވެ. ވިސްނާ ވިސްނާވެސް އޭނާގެ އުޅުން ނޭނގުމުންނެވެ. ނިޝާ ޔުނިވަރސިޓީއަށް ނުފޮނުވާނެކަން ކަށަވަރު ވުމުންނެވެ. އެންމެފަހުން، ހުޝާމާއެކު ރާއްޖެއިން ބޭރަށް ދާން ބުނުމުންނެވެ. ދެ މީހުންގެ ދެމެދުގައި ހުޅު ފަޅައިގެން ދިޔައީ އެ ހިސާބުންނެވެ.  

މިހާރު އެ ކަންތައް ވަނީ ނިމިފައެވެ. ހުޝާމު ވަނީ ސީރިޔާގައި މަރުވެފައެވެ. މިހާރު އެ ފަހުން އަހަރެއް ވެއްޖެއެވެ. އެ މަރުގެ ޚަބަރު ލިބުނު ދުވަހު، ނިޝާއަށް ރޮވުނެވެ. ކައިވެނި ވުމުގެ ކުރިން ހުޝާމު ނިޝާގެ ހިތުގައި ޖައްސައިދީފައިވާ ރީތި ކުލަތައް ހަނދާން ވިއެވެ. 

ނިޝާއަށް ހުޝާމް ފުރަތަމަ ފެނުނީ މާލެއިން ބަޔަކު ގޮސް އެ ރަށުގެ ޒުވާނުންނަށް ހިނގި ވޯކްޝޮޕެއްގެ ތެރެއިންނެވެ. އެ ވޯކްޝޮޕްގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އޭނާ އުޅެނިކޮށްނެވެ. އެންމެ ފުރަތަމަ ހުޝާމު އޭނާއާ ވާހަކަ ދެއްކީވެސް ސައި ގަޑިއެއްގައި އެތަނުންނެވެ. އެކަމަކު އެރޭ ހުޝާމް ނިޝާއަށް ފޯނުކުރިއެވެ. 

       “ނިޝާ މިއަދު ވާހަކަ ދެއްކިއިރު އަހަރެންގެ ނަމެއް ވެސް ނާހަމެއްނު؟” ހުޝާމް ބުންޏެވެ. “ނަންބުނަން މި ގުޅައިލީ. އަހަރެންގެ ނަމަކީ ހުޝާމް”

      “ހުޝާމް އެންމެ ފުރަތަމަ އެހީ ނަންދޯ؟” ނިޝާ ބުންޏެވެ. “އެކަމަކު ފޯނު ނަމްބަރެއްގެ ވާހަކައެއް ނާހަމެއްނު؟ ކާކުއަތުން ނަމްބަރު ހޯދީ.”

      “ވޯކްޝޮޕްގެ ރަޖިސްޓްރީގައި އެއޮތީނު ނަމާއި އައިޑީ ނަމްބަރާއި ފޯނު ނަމްބަރާއި އީމެއިލް އެޑްރެހާ ހުރިހާއެއްޗެއް؟”

      “އެހެންދޯ؟ މިހާރު ނަން ބުނެފީމެއްނު؟ ދެން ނިމުނީނު؟”

      “އަހަރެން ދޭތެރެ ދޭތެރެއިން ގުޅައިލިޔަސް އެންމެ ރަނގަޅުތަ؟”

      “ގުޅަންވީ ހަމަ. ގުޅައިފިއްޔާ ވާހަކަދައްކާނަން.”

ހުޝާމު ގުޅިއެވެ. ނިޝާ ވާހަކަ ދެއްކިއެވެ. ދެ މީހުން އެކަކު އަނެކަކާ ފޯނުން ވާހަކަދައްކަމުން ގެންދިޔައެވެ. މި ވާހަކަތައް މާ ގިނަ ދުވަހެއް ނުވެ ލޯބީގެ ވާހަކަތަކަކަށް ބަދަލުވެއްޖެއެވެ. ފޯނުކުރުމާއި، އެސް އެމް އެސް ކުރުމާއި ވައިބަރުން ފޮޓޯއާއި މެސެޖް ފޮނުވަމުން ދިޔައެވެ. ހުޝާމްގެ ވާހަކަތަކުން ނިޝާ ހުންނަނީ އުފާވެފައެވެ. ދެ މީހުންގެ ވާހަތަކުން ހައްދަމުން ގެންދިޔަ މުސްތަޤުބަލްގެ މާ ބަގީޗާ ކިތަންމެހާ ވެސް ރީއްޗެވެ. އެ ބަގީޗާގެ ތެރޭގައި ދެމީހުން އުފަލުން ފުމެމުން ނަށަމުން ދާތަން ނިޝާގެ ޚިޔާލުގެ ލޮލަށް ދިޔައީ ފެންނަމުންނެވެ. 

އެކަމަކު، ކައިވެނި ކޮށްގެން މާލެ އައިތާ ދުވަސްކޮޅެއް ވީއިރު އެ ހެއްދި މާ ބަގީޗާގެ ގަސްތައް މިލައި މޯޅިވާން ފަށައިފިއެވެ. ނިޝާ އެ ގަސްތަކަށް ފެންދީ ބެލެހެއްޓުމަށް ވަރަށް ހިތްވަރު ކުރިއެވެ. އެހެންނަމަވެސް އެއީ އެކަކަށް ކުރެވޭނެ ކަމެއް ނޫންކަމުން އެކަމެއް ނިޝާއަކަށް ނުވިއެވެ. 

ހުޝާމް މަރުވި ޚަބަރު ލިބުނު ދުވަހު ނިޝާގެ ކަންފަތުގައި އެންމެ ބޮޑަށް ގުގުމައިލީ އޭނާގެ ކިޔެވުމާ ގުޅޭގޮތުން ދެމީހުން ދެއްކި ވާހަކައެވެ.

       “އަހަރެން ކައިވެނި ކުރަން ބޭނުންވަނީ މުދައްރިސްކަމުގެ ކޯސް ނިންމާފައި.” ނިޝާ ބުންޏެވެ. “ކޯހަށް އަހަރެން ވަނީ ހޮވިފައި. އަންގާލުމުން މާލެ ދާންވީ.”

       “ކައިވެނިކޮށްގެން ވެސް ކޯސް ހެދިދާނެއެއްނު.” ހުޝާމު ބުންޏެވެ. “ހިނގާ އަވަހަށް ކައިވެނިކޮށްގެން މާލެ ދާން. އަހަރެމެން ގޭގައި މާ ގިނަ މީހުންނެއް ނޫޅޭނެ. ނިޝާއަށް ވަރަށް ފަސޭހަވާނެ ކޯހުގެ މަސައްކަތްކުރަން.”

       މާލެ ދިޔަތާ ދުވަސްކޮޅަކުން ޔުނިވަރސިޓީއަށް ދާން އެންގިއެވެ. އެވާހަކަ ބުނުމުން ހުޝާމް ބުންޏެވެ. “އަދި މިއުޅެނީ ރަނގަޅަށް ހަމަނުޖެހިއެއްނު؟ ކިހިނެއް މިހާ އަވަހަށް ކިޔަވަން ފެއްޓޭނީ؟ މަށަށް ފެންނަނީ މި އަންނަ އަހަރު ކިޔަވަން ފަށަން.” 

އެ އަހަރު މަޑުކުރީއެވެ. އޭގެ ފަހު އަހަރުވެސް މަޑުކުރީއެވެ. އެންމެފަހުން އެއީ ކުރަން މާ ބޭނުންކަމަކަށް ހުޝާމަށް ނުފެނުނީއެވެ. އެ ވާހަކަތައް ހަނދާން ވުމުން އޭނާގެ ލޮލުން ކަރުނަ އޮހިގަތެވެ. އެއީ މީގެ ކުރިން ވެސް އެތަކެއް ފަހަރު އޮހޮރިފައިވާ ކަރުނައެކެވެ. އެ ކަރުނައިގެ ތެރެއިން އެ ދުވަހު އޭނާއަށް ފެނުނީ އޭނާގެ ގެއާއި ޢާއިލާއާއި ރައްޓެހީންނާއި ރަށުގެ ހިތްގައިމު މާހައުލާއި އެ މާހައުލުގައި އޭނާ އުޅެމުން ގެންދިޔަ އުފާވެރި ދުވަސްވަރެވެ. 

މިއަދު އޭނާ އެ އުޅެނީ ރަށުގައި އަމިއްލަ ގޭގައެވެ. ރަށުގައި މުދައްރިސްކަމުގެ ކޯސް ހެދޭގޮތް ވުމުން އޭނާ އެ އުޅެނީ ކޯހުގައި ބައިވެރިވެގެންނެވެ. 

މަންމަ ދިއުމުން އެ ސިޓީއުރައަށް ބަލައިލިއެވެ. ބޭރުގައި އެޑްރެހެއް އެއްޗެއް ލިޔެފައެއް ނެތެވެ. ސިޓީ އުރާގައި ވަނީ ވަރަށް ބޮޑަށް ރޫޖެހިފައެވެ. އަދި ހަޑިވެސް ވެފައެވެ. އޭނާގެ ހިތަށް އެރިއެވެ. ކީއްކުރަން މިހާރު މީހަކު ސިޓީއެއް ފޮނުވަނީ. ކީއްވެ އެސް އެމް އެސް ނުކުރީ؟ ކީއްވެ ވައިބަރ ނުކުރީ؟ ކީއްވެ އީމެއިލް ނުކުރީ؟ ސިޓީ އުރަ ކަނޑައި ބެލުމުގެ ކުރިން މަންމަ ބުނި ވާހަކައާ މެދު އަނެއްކާ ވެސް ނިޝާ ވިސްނައިލިއެވެ. މަންމަ ބުނީ ކޮންތަނަކަށް ދާންޖެހޭ ވާހަކައެއްބާވައެވެ؟ އަނެއްކާ އަހަރެން އިނީ ހުޝާމުގެ ކުއްޖަކަށް ބަލިވެ ކަމަށް ހީކޮށް އޭނާގެ ބައްޕަމެން އަހަރެން ގެންދަން އުޅެނީބާވައެވެ؟ މި އުރައިގައި އޮންނާނީ އެ ވާހަކަ ބާވައެވެ؟ އެ ވާހަކަ އޮތަސް އަހަރެން ދާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ އެ ގޮތަށް އެއްފަހަރު ދެވިއްޖެއެވެ. ދެނެއް ނުދާނަމެވެ. ބައްޕަ ރުޅިއަޔަސް، ކިޔެވުން ދޫކޮށް ދާނެ އެއްވެސް ތަނެއް ދެނެއް ނޯންނާނެއެވެ. އަހަރެން ކޯސް ހެދުމުގެ މުހިންމުކަން މިހާރު މާ ބޮޑަށް ވިސްނެއެވެ. 

ނިޝާ ސިޓީ އުރައަށް ރަނގަޅަށް ބަލައިލިއެވެ. ތުރުތުރު އަޅައަޅާ ހުރި އިނގިލި ތަކަކުން ސިޓީ އުރަ ކެނޑިއިރު އޭނާގެ މޭގަނޑު ވަރަށް ބާރަށް ތެޅެއެވެ. މަޑުމަޑުން އޭގައި ފަތް ޖަހާފައި އޮތް ކަރުދާސްކޮޅު ނެގިއެވެ. އޭގައި ވެސް ވަނީ ރޫޖެހިފައެވެ. އެ ކަރުދާސްކޮޅު ނިއުޅުވާނުލާ އޭގައި ހިފަހައްޓައިގެން އިނެވެ. މަތި ބަލައިލާފައި މާނޭވާއެއް ލިއެވެ. ލަސްލަހުން ކަރުދާސްކޮޅު ނިއުޅުވިއެވެ. 

އޭގައިވާ ލިޔުން ފެނުމާއެކު އޭނާ ސިއްސައިގެން ދިޔައެވެ. އޭނާއަށް ފެނުނީ ހުޝާމްގެ ލިޔުމެވެ. ހުޝާމުގެ ލިއުން ހުންނާނީ ވަރަށް ކުދިކޮށް، އަކުރުގެ ފައިކަށި ވަރަށް ދިގުކޮށެވެ. ކުރުކުރު މެސެޖެކެވެ. އަވަސް އަވަހަށް ކިޔައިލިއިރު އޭގައި ވަނީ “ލޯބިވާ ނިޝާ، މިއީ ވަރަށް ބޮޑު ސިއްރެއް. އަހަރެން އަސްލު މަރެއް ނުވޭ. އެހެން ދިވެއްސަކު މަރުވީ. ނިޝާއަށް މި ސިޓީ ލިބޭ އިރު އަހަރެން ހުންނާނީ ރާއްޖޭގައި. އެ މަރުވި މީހާގެ ނަމުގައި ގޮސް. އަހަރެން ނިންމަން ޖެހޭ މުހިންމު ކަމެއް ނިންމުމަށް. އެކަން ނިންމާފައި ފުރާނަން. ނިޝާ ގޮވައިގެން ފުރާނީ. ތައްޔާރުވެގެން އަންނަ ހޯމަދުވަހު މާލެއަށް ދޭ. ގެ ހުންނާނީ ތައްޔާރަށް. ނިޝާ މާލެ ދާ ދުވަހުގެ ފަހު ދުވަހު ފުރަން ވާނެ.” ނިޝާ ހައިރާންކަމާއެކު އެ ލިޔުންކޮޅު ތަކުރާރުކޮށް ކިއެވެ. ހުޝާމް ދުވަހަކު ވެސް މިހާތަނަކަށް އެނާއަށް ސިޓީއެއް ނުފޮނުވައެވެ. 

އޭނާގެ މޫނު މައްޗަށް އަނދިރިވާހެން ހީވިއެވެ. އަތްފައިން ދާހިތްލާގޮތް ވިއެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އޭނާގެ އިހުސާސްތަކުގެ މައްޗަށް ނިޝާ ގަދަވެގަނެފިއެވެ. އޭގައި އެވަނީ ތެދެއްކަމަށް ނިޝާ ގަބޫލުކުރިއެވެ. ހުޝާމަކީ ނުރައްކާތެރި މީހެއްކަމަށް އޭނާ ކުރިން ވެސް ޝައްކު ކުރެއެވެ. އެކަމަކު، މިއަދު މިވަނީ އެކަން ޔަޤީންވެފައެވެ. އޭނާ އެ އަންނަނީ އެހެން މީހެއްގެ ގޮތުގައެވެ. އަހަރެން އޭނާއާ އެއްކޮށް ގެންދިއުމަށެވެ. ނުދާނަމެވެ. ނިޝާ މަސައްކަތްކުރަން ޖެހޭނީ މި ނުރައްކަލުން އޭނާ ސަލާމަތްވުމަށެވެ. އެކަން ކުރަން އޭނާ ކަނޑައެޅިއެވެ.

އޭނާއަށް އިރުޝާދި ލިބިފައިވާ ގޮތަށް ނިޝާ މާލެ ދިޔައެވެ. ދަތުރުގެ ހުރިހާ ކަމެއް ނިންމިއެވެ. 

ނިޝާ މާލެ އައި ދުވަހުގެ ފަހު ދުވަހުގެ ވަރަށް ހެނދުނާ ނިޝާ ބަލާ މީހަކު އަތުވެއްޖެއެވެ. އެ މީހާ ފެނުމާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް އެއީ ހުޝާމްކަން ނިޝާއަށް އެނގުނެވެ. ނަމަވެސް އެހެން މީހަކަށް އެކަން އެނގުމަކީ ވުން ކައިރި ކަމެއް ނޫންކަމަށް ނިޝާ ގަބޫލުކުރިއެވެ. 

“ނިޝާއަށް އެނގިއްޖެ ދޯ؟” އެ މީހާ ހިނިއައިސްފައި ބުންޏެވެ. 

“ހީވޭ.” ވަށައިގެން ހޯދާލަމުން ނިޝާ ބުންޏެވެ. 

“ހިނގާ އަވަހަށް ފުރަންދާން.” އޭނާ ހުރީ އަވަސް އަރައިގެންފައެވެ.  

ހުޅުލެއަށް ގޮސް ޗެކިންގ ނިންމިއެވެ. ފާސްޕޯރޓް ކައުނޓަރަށް ދިޔައިރު ބޮޑު ކިއޫއެއް ވެސް ނެތެވެ. ނިޝާ ވަނީ ހާސްވެފައެވެ. ހިތުގައި ސުވާލުތަކެއް އުފެދިފައެވެ. މޭ ގަނޑު ވަރަށް ބާރަށް ތެޅެއެވެ. އެކި ދިމަދިމާލަށް ބަލައިލެވެއެވެ. އަނބުރާލާފައި ދުއްވައިގަންނަން ވެސް ހިތަށް އެރިއެވެ. އެ ވަގުތު ވަރަށް ބާރަށް އެތަނަށް ވަދެގެން އައި ފުލުހުންތަކެއް އެ އައިގޮތަށް އައިސް އެ ދެމީހުން ހިފައި ހައްޔަރުކޮށް ފުރަގަހަށް ބިޑިއަޅުވައިގެން އެތަނުން ނެރެގެން ގެންގޮސްފިއެވެ.  

އޭނާގެ މައްޗަށް ޝައްކުކުރެވޭ ކަންތައްތަކެއްގެ ތަޙުޤީގަށް ހުޝާމް ޖަލަށް ލެވުނެވެ