ޝާން އެ ރަށުގެ ދެ ފިރިހެން ކުއްޖަކާއެކު ދިޔައީ ދަނޑުތަކާ ދިމާލަށެވެ. ކުރީ ފަހަރާ ޚިލާފަށް މި ފަހަރު އޭނާގެ ކޮނޑުގައި އޮތީ އެންމެ ކެމެރާއެކެވެ.  

ކުރީ ފަހަރު އޭނާ ދަނޑުތަކާ ދިމާލަށް ދިޔައީ އޭނާގެ އޮފީހުން ފޮނުވައިގެން ފިޔޯރީގެ ވީޑިއޯ އެއް ހެދުމަށްޓަކައި ދަނޑުތަކާއި ދަނޑުވެރިކަމުގެ ފޮޓޯއާއި ވީޑިއޯ ނެގުމަށެވެ. ފިޔޯރީއަކީ ޖޯގުރަފީގެ ގޮތުން ރާއްޖޭގެ އެހެން ރަށްރަށާ ތަފާތުކޮށް އުފެދިފައިވާ ރަށެވެ. ރަށުގެ މެދަށް އަޑިކޮށް އޮތުމާއެކު ފެން ހިފެއްޓޭތީ ފަސޭހަކަމާއެކު ގޮވާމުގެ ބާވަތްތައް ހެއްދެއެވެ. ރަށުގެ ގިނަ ބަޔަކު ހީވާގިކަމާއެކު އެ މަސައްކަތުގައި އުޅެއެވެ. 

އެ ދަތުރުގައި އޭނާ ގިނަ ފޮޓޯތަކެއް ނެގިއެވެ. ދަނޑުވެރިކަމުގެ މަސައްކަތް ވީޑިއޯކުރިއެވެ. ދަނޑުވެރިންނާއި އިންޓަވިއު ކުރިއެވެ.  

ޝާންގެ މި ފަހަރުގެ ދަތުރު ކުރީ ދަތުރާ ވަރަށް ތަފާތެވެ. މި ދަތުރަކީ މުޅިން އެހެން ބޭނުމަކު އޭނާ ކުރާ ދަތުރެކެވެ. އަމިއްލަ ދަތުރެކެވެ. ކުރީ ދަތުރުގައި އެ ރަށުން ރައްޓެހިވި ދެ ފިރިހެން ކުއްޖަކާއެކު ދަނޑުތަކާ ދިމާލަށް އޭނާ އެ ދަނީ ކުރީ ފަހަރު އޭނާއަށް ފެނުނު މަންޒަރެއް އަލުން ދެކިލުމުގެ ބޭނުމުގައެވެ.

       “އެ ފަހަރު އަހަރެން އިންޓަވިއު ކުރި ދަނޑުވެރިޔާ އާއެކު އަންހެން ކުއްޖެއް ހުއްޓެއްނު؟ އެއީ ކޮން ކުއްޖެއްތަ؟” ޝާން އެއްސެވެ. 

       “ނެތެއްނު އެހެން މީހަކު؟” އެއް ކުއްޖަކު ޖަވާބު ދިނެވެ.  

       “އަހަރެން ފޮޓޯނަގަން ފެށިއިރު ކުއްޖަކު ހުއްޓެއްނު. ފޮޓޯ ނަގަން ފެށުމުން ދިއައެއްނު ކުއްޖަކު؟” ޝާން ކިޔައިދިނެވެ. “އެއީ ކޮން ކުއްޖެއް؟”

       “އާން. ތިބުނަނީ މަރިޔަނބު ދައިތަގެ މާމަ ދަރިފުޅު ވާހަކަ.” އެއިން ކުއްޖަކު ޖަވާބު ދިނެވެ. “އޭނާއަށް ކިޔަނީ ސަމާ.”

       “ސަމާސާއެއް ނޫންތަ؟” ޝާން ސަމާސާކޮށްލިއެވެ. އެންމެން އެއް ކޮށް ހީނގަތެވެ. 

       “ސަމާ އެއީ ހަމަ ސަމާސާއެއް.” އެއްކުއްޖަކު ބުނެލިއެވެ. “ވަރަށް ސަމާސާ ވާނެ އޭނަ.”

       “ކޮބާ މިހާރު އޭނާ. ރަށުގައި އެބަ އުޅޭތަ؟” ޝާން އެއްސެވެ.

       “ހީވަނީ އުޅޭހެން.” އެ މީހުން ޖަވާބު ދިނެވެ. “އޭނާ ރަށުގައި އުޅެންޏާ އުޅޭނީ މާމައާ އެއްކޮށް ދަނޑުގައި. ސްކޫލުގައި އުޅުނު އިރުވެސް ގެއަށް ދާގޮތަށް ދަނީ ދަނޑަށް.”

ޝާންމެން ދަނޑުތަކުގެ ތެރެއިން ދިޔައިރު ތަނުގައި ހުރީ ތެތް ފިނިކަމެކެވެ. މުޅި ތަން ވަރަށް ފެއްސެވެ. ކަނބިލި ފަދަ ތަކެތި ގޮވާ އަޑު ވެސް އިވެއެވެ. ހިތްގައިމު މަންޒަރެކެވެ. ޝާން މި ފަހަރު އެ ރަށަށް އައީ ފޮޓޯ ނަގަން ނޫން ނަމަވެސް އޭނާ ދިޔައީ އޭނާއަށް ފެންނަ ބައެއް ގަސްތަކާއި މަންޒަރުތައް ދޭތެރެ ދޭތެރެއިން ފޮޓޯ ނަގަމުންނެވެ. ޝާނަކީ މޮޅު ފޮޓޯގްރާފަރެކެވެ. ޝާން ވަނީ ކުރީ ފަހަރު، ދުވާލުގެ އެކި އެކި ވަގުތު ވަގުތު މި މަންޒަރުތައް ވަރަށް މޮޅަށް ކެމެރާކޮށްފައެވެ. ޝާންގެ އޮފީހުން ޝާން އެތަނަށް ފޮނުވީ ވެސް އޭނާގެ ފޮޓޯގްރަފީގެ މޮޅުކަމުންނެވެ. އެ ރަށުގެ މާހައުލާ ބެހޭގޮތުން އެ ކުންފުނިން ހަދާ ޑޮކިއުމެންޓްރީ މޮޅުކުރުމަށެވެ. އެ ޑޮކިއުމެންޓްރީއަކީ އެ ރަށާ ކައިރީގައި އޮންނަ އުކުޅަފުށީ ގައި ރިޒޯރޓެއް ހަދަމުންދާ ކުންފުންޏަކުން އެ ރަށާއެކު ފިޔޯރީ ޕްރޮމޯޓް ކުރުމަށްޓަކައި ހައްދާ ޑޮކިއުމެންޓްރީއެކެވެ.

އެފަހަރު ޝާން އެނބުރި މާލެ ގޮސް ވިޑިއޯތައް އެޑިޓްކުރަން އިށީނުމުން އޭނާގެ ލޮލުގައި އަޅައިގަތީ ޝާން ފޮޓޯ ނަގަން ފެށުމުން އެތަނުން ދިޔަ ކުއްޖާއެވެ. އޭނާގެ ކަކުލާހަމައަށް ނަގާފައވާ ކަނޑިކި ތިރިކޮށްލި ތަނެވެ. އެ މީހުންނަށް ބަލަން ހުރިތަނެވެ. އަދި އަނެއް ފަރާތަށް އެނބުރި ބާރަށް ހިނގައިގަތް ތަނެވެ. މި ތަންކޮޅުގެ ވީޑިއޯ އޭނާ އެތަކެއް ފަހަރު ތަކުރާރު ކުރިއެވެ. އެ ކުއްޖާގެ ފޮޓޯ ބޮޑު ކޮށްގެން ވެސް ބެއްޔެވެ. އޭނާގެ ލެޕްޓޮޕުން އެކިއެކި ހެދުން އަޅުވައިގެން އޭނާގެ ހަށިގަނޑުގެ އެކިއެކި ތަންތަން ވަކިވަކިން ބެއްޔެވެ. އެ ކުއްޖާގެ ޝާއްބަ މޫނު އޭނާ ތަކުރާރުކޮށް ބެއްޔެވެ. ވަކިން ޚާއްޞަކޮށް އެ އަންހެން ކުއްޖާގެ ތޫނު ދެލޯ އޭނާ މަސްތު ކުރުވިއެވެ. އެންމެ ފަހުން، އެ މޫނު އޭނާގެ ލެޕްޓޮޕްގެ ސްކްރީން ސޭވަރއެއް ކަމުގައި ހެއްޖެވެ. އެއާ އެކު އޭނާގެ ހިތުގައި ވެސް އެ ފޮޓޯ ބިންވަޅު ނެގިއްޖެއެވެ. 

ޝާން މި ފަހަރު ފިޔޯރީއަށް ދިޔައީ އެ ކުއްޖާ ފެނޭތޯއެވެ. އޭނާއާ ބައްދަލުކުރާށެވެ.

       “ސަމާ ސްކޫލަށް ދޭތަ؟” ޝާން އެއްސެވެ.

       “މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ނިމިއްޖެ ސްކޫލުން.” ކުއްޖަކު ބުންޏެވެ. “އޭނާގެ ބައްޕަ ބޭނުންވީ ކިޔަވަން މާލެ ގެންދަން. އަޑު އިވެނީ ސަމާ ދާން ބޭނުން ނުވީކަމަށް.”

       “ކީއްވެބާ ބޭނުން ނުވީ؟” ޝާން ސުވާލުކުރިއެވެ.  

       “ނޭނގޭ. ބޭނުންނުވި ކަމެއް.” ކުއްޖަކު ޖަވާބު ދިނެވެ. “ހީވަނީ ރަށު ކަބިއްޔެއް ވީމާހެން. އޭނާ ބޭނުންވަނީ ދަނޑުގައި އުޅެން.” 

       “އެހެން ވީއިރު ‘ކަނބިއްޔާ ކަނބިއްޔަށޭ މަ މި ގޮވަނީ ކަނބިލި ވަލުގައި ބޮނދާ ފިލާ ވާތީ'”ޝާން މި ތަންކޮޅު ކިޔައިލިއެވެ. އަދި ތިން މީހުން ވެސް ރާގަށް އެ ތަންކޮޅު ދެ ތިން ފަހަރު ތަކުރާރު ކޮށްލިއެވެ. 

       “އަނެއްކާ ކުއްޖަކު ރަށު ކަނބިލި ނުހިފާތަ؟” ޝާން އެންމެ ބޮޑަށް އޮޅުން ފިލުވަން ބޭނުން ކަންތަކުގެ ސުވާލު ކޮށްލިއެވެ.

       “ރަށުގެ ވަރަށް ގިނަ ކުދިން އެ ކަނބިލި ހޯދަން ވެގެން އުޅޭ.” އެއް ކުއްޖަކު ބުންޏެވެ. “ޚުދު އަހަރެން ވެސް އުޅުނިން.”

       “އެހެންތަ؟” ޝާން ކުއްލިއަކަށް ހިނގުން މަޑުޖައްސާލާފައި އެއްސެވެ. “މިހާރަކު ނޫޅެންތަ؟” 

       “މިހާރު އަހަރެން އުޅެނީ އެހެން ކުއްޖަކާ ރައްޓެހި ވެގެން.”

       “އެހެން ވީއިރު، އެހެން ކުއްޖަކު ކަނބިލި އޮޅުނުކުރޭތަ؟” ޝާން އެއްސެވެ.  

       “ހިއެއް ނުވޭ. އެއީ ވަރަށް ވަގު ކަނބިއްޔެއް. ހީއެއްނުވޭ މީހަކަށް އޮޅުކުރެވިދާނެހެނެއް.” ޝާނުގެ މޫނަށް ބަލައިލާފައި އޭނާ ބުންޏެވެ. “ތެދަށް މި ބުނީ. ސަމާއަކީ ކުދިންނާ ރައްޓެހިވެގެން އުޅޭ ވައްތަރެއް ނޫން. އެނގޭތަ؟ ފޯނެއް ވެސް ނުގެންގުޅޭ ކުއްޖަކު ގުޅާފާނެތީ.”

       “އެހެންތަ؟” ޝާން ހިނގައިގެންފައި ބުންޏެވެ. “ހަމަ ވަލު ކަނބިއްޔެއްތާ! އަދިވެސް ފިލާ ބޮނދާ އޮތީތާ! 

“މިއޮތީ ދަނޑަށް އާދެވިފައެއްނު. ކޮބާ މަރިޔަނބުދައިތަގެ ދަނޑު.” ދަނޑުތަކާ ހަމައަށް ދެވުމުން ޝާން ބުންޏެވެ.

އެ މީހުން މަރިޔަނބު ދައިތަގެ ދަނޑަށް ވަން އިރު ދިޔައީ ‘ކަނބިއްޔާ ކަނބިއްޔަށޭ މަ މި ގޮވަނީ ކަނބިލި ވަލުގަ ބޮނދާ ފިލާ ވާތީ’ މި ލަވަ ކިޔަމުންނެވެ. ދަނޑަށް ވަންއިރު މަރިޔަނބު ދައިތައެއް ނެތެވެ. އެ ދަނޑުގައި އުޅެނީ ބަންގްލާދޭޝް މީހެކެވެ. އޭނާކުރެން މަރިޔަނބުދައިތަގެ ވާހަކަ އެހުމުން ބުންޏެވެ.

       “ދައްތަ ބަލިވަނީ. މާލެ ދަނީ. އަހަރެން ހުންނަނީ.” 

       “ކޮބާ ސަމާ؟”

       “ނެތީ. މާލެ ދަނީ. އެންމެން މާލެ ދަނީ. އަހަރެން ހުންނަނީ.”

މި އަޑު ޝާންގެ ކަންފަތުގައި ޖެހުމުން އޭނާގެ މޫޑު މުޅިން ޚަރާބުވެއްޖެއެވެ. މޫނުމަތީގައި ހުރި އުފާވެރިކަން ހާސްކަމަކަށް ބަދަލުވެއްޖެއެވެ. 

       “މާލޭގައި އެ މީހުން ތިބެނީ ކޮން ގެއަކު؟” ޝާން އެއްސެވެ. 

       “ގެ ނޭނގެނީ.” ބަންގްލާދޭޝް މީހާ ބުންޏެވެ. “މާލޭގައި ގިނަ ގޭ ހުންނަނީނު؟” 

       “ފޯނު ނަންބަރެއް ނެތްތަ؟” އެތަނުން ކުއްޖަކު ސުވާލު ކުރިއެވެ.

       “ފޯނު ނަމްބަރު ނެތީ.” އޭނާ ބުންޏެވެ. “ބޭބެމެން ކީއްކުރަން އަންނަނީ؟”

       “އެ މީހުން ފޯނު ނުކުރޭތަ؟” ޝާން އެއްސެވެ. 

       “ފޯނު ނުކުރަނީ.” އޭނާ ޖަވާބު ދިނެވެ. “ފޯނު ކުރަނީ ބޭނުންނެތީ.”  

       “ބޭބެމެން ކޮން ސުވާލު ކުރަނީ؟” ކުޑައިކޮށް ހިތްހަމަ ނުޖެހިފައި ހުރެ އޭނާ އެއްސެވެ. “ބޭބެމެން މިރުސް ގަންނަނީތަ؟ ބަރަބޯ ގަންނަނީތަ؟” 

       “މިރުސް ނުގަންނަނީ. ބަރަބޯ ނުގަންނަނީ.” އޭ ބުނެ ޖަވާބު ދީފައި ޝާން މެން އެނބުރި ދިޔައީ ރަށުތެރެއަށެވެ. 

އެ ދުވަހު އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެން ވެސް ސަމާމެން މާލޭގައި ތިބޭ އެޑްރެހެއް ސާފުވާގޮތެއް ނުވިއެވެ. އަދި އެއިން މީހެއްގެ ފޯނު ނަންބަރެއް ވެސް ލިބޭގޮތެއް ނުވިއެވެ. ޝާނަކަށް ގިނަ ދުވަހު އެ ރަށުގައި ހުރެވޭކަށް ވެސް ނެތެވެ. އެއް ސަބަބަކީ އޭނާ ސަމާ ހޯދަން އުޅޭކަން އެނގިގެން އެ ރަށުގެ ކުދިން ތަކެއް އޭނާއާ ދިމާ ވެސް ކޮށްފިއެވެ. ބައެއް ރަށްރަށުގައި އަންހެން ކުދިންގެ މައްސަލާގައި އަދި ވެސް ބީރައްޓެހިންނަށް ޖެއްސުން ކުރެއެވެ. ޖެހިގެން އައި ދުވަހު ޝާން އެނބުރި މާލެ އައީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވައި ހުރެގެންނެވެ.

އޭނާއަކަށް މަސައްކަތަކަށް ސަމާލުކަމެއް ނުދެވެއެވެ. ޑޮކިއުމެންޓްރީ ނިންމަން ޖެހޭ މުއްދަތު ވެސް ފާއިތުވެ ހިނގައްޖެއެވެ. ކޮމްޕިއުޓަރު ކައިރީގައި އިށީނުމުން އޭނާއަށް ބެލެނީ ދަނޑުން ފެނުނު އަންހެން ކުއްޖާއަށެވެ. މިހާރު އެއީ ސަމާކަން އެނގިއްޖެއެވެ. މީހަކާވެސް ނީނދެ ހުރި ކުއްޖެއް ކަން ވެސް އެނގިއެއްޖެއެވެ. އަދި ކުއްޖަކާ ރައްޓެހި ވެގެން އުޅޭކަމަކަށް ވެސް ލަފައެއް ނުކުރެވެއެވެ. ޝާން އަސްލު ސަމާ ދެކެން ބޭނުމެވެ. ވާހަކަ ދައްކަން ބޭނުންވެއެވެ. އޭނާއާއެކު ވަގުތު ހޭދަކުރަން ބޭނުމެވެ. ސަމާ ދެކެ އޭނާއަށް ލޯބި ވެވިއްޖެކަން އޭނާއަށް ކަށަވަރު ވެއްޖެއެވެ. ނަމަވެސް، ސަމާ ވީތަނެއް އޭނާއަކަށް ނޭނގެއެވެ. ހޯދާނެ ގޮތެއް ވެސް ނޭނގެއެވެ. ސަމާ ހޯދާނެ ގޮތެއް ނޭނގިގެން އޭނާގެ ހިތުގައި އަޅާ ވޭން ދަނީ އިތުރު ވަމުންނެވެ. 

އޭނާ ކޮމްޕިއުޓަރުގައި ސަމާގެ ފޮޓޯގެ ތިރީގައި ލިޔުނެވެ. “‘ޢިޝްޤިއްޔަ ވަރުގަދަ ލޯތްބަކީ ޖެހުމުން އެ ޖާދޫގާ ތެރޭ، ފިސް ހިތްވެ ގޮސް ކަންނެތް ކުރާ ވެސް އެއްޗެކޭ ވޭނުން ފުރޭ’ މީހުން މިހެން ބުނެއުޅެއެވެ. ކުރިން އަހަރެން އެކަމެއް ގަބޫލެއް ނުކުރަމެވެ. އަހަރެން ގަބޫލުކުރަނީ އެއީ ހަށިގަނޑުގައި ނެތް ހަކަތަ ގެނުވާ ޖަޒުބާތެއް ކަމަށެވެ. މިއަދު އެހެން ނޫންކަން އެނގިއްޖެއެވެ. އަހަރެންގެ ހިތް މިއޮތީ ސަމާއަށް އެދި ގޮވަގޮވައެވެ. ސަމާ ނުފެނުމުން އަހަރެން މިވަނީ ހިތްވަރު ބަލިވެ ކަންނެތް ވެފައެވެ. އަހަންނަށް ސަމާ ފެންނާނީ ކިހިނެއް ހެއްޔެވެ؟ ފެނުމަށް އެދިގެން ކަމެއް ނުކޮށް އިނަކަސް ނުފެންނާނެ ދޯއެވެ؟ އެކަމަކާ އެކަށީގެންވާ ހަކަތައެއް ހޭދަކޮށްގެން ނޫނީ އެކަމެއް ނުވާނެ ދޯއެވެ؟ ގޮތް ހުސްވެ ކަންނެތް ވެފައި ސަމާގެ ފޮޓޯއަށް ބަލަހައްޓައިގެން މިހެން އިނަކަސް ސަމާ ނުފެންނާނެ ދޯއެވެ؟ ފެންނާނީ ހޯދަން އުޅުނީމާ ދޯއެވެ؟”

ސަމާމެން މާލެ އައީ ބޭހަށް ކަމަށް ވާތީ ސަމާ ފެނޭތޯ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލް ޝާން ބަލައިފިއެވެ. ކްލިނިކް ތަކަށް ވެސް ގޮސްފިއެވެ. މާލޭގެ މަގުތަކުގައި ބުރުޖަހަން ފަށައިފިއެވެ. މީހުން ދާހާތަނަކަށް ދާން ފަށައިފިއެވެ. ގިނަގިނައިން ކެފޭތަކަށާއި ރެސްޓޯރެންޓްތަކަށް ވެސް ދާން ފަށައިފިއެވެ. އެއްލައްކަ ފަންސާސްހާހެއްހާ މީހުންގެ ތެރެއިން ސަމާއެއް ފެންނާނެހެއްޔެވެ! ފެނިދާނެއެވެ. ހީވެސް ނުކުރާ ގޮތަށް ކަންކަން ހިނގައެވެ. ޝާންގެ ހިތުގެ އާދޭހުގެ ހަކަތައިން މާދުރުގައިވާ ސަމާގެ ހިތަށް ބާރެއް ނުފޯރުވޭނެކަން އެނގެނީ ކާކަށް ހެއްޔެވެ؟

އެއްދުވަހެއްގެ ހަވީރެވެ. އޭނާ އިނީ ‘ކަނބިއްޔާ ކަނބިއްޔަށޭ މަ މި ގޮވަނީ ކަނބިލި ވަލުގަ ބޮނދާ ފިލާ ވާތީ’ މި ލަވަ ހިތުން ކިޔާލަ ކިޔާލާ ކޮފީތައްޓެއް ބޯށެވެ. ވަރަށް ލަސްލަހުން އޭނާ ބޮމުންދިޔަ ކޮފީތަށިން އެތިފޮދެއް ބޯލަން ޖޯޑު ހިއްލައިލި ވަގުތު އޭނާގެ ކަޅި ގޮސް ހުއްޓުނީ ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެން އައި ދެ އަންހެން ކުދިންގެ ތެރެއިން ކުއްޖަކަށެވެ. އެއީ އޭނާ ހޯދަމުންދާ ސަމާއެވެ. ޝާން ފެނުނު ވަގުތު އޭނާވެސް ޝާންއާ ދިމާލަށް ބަލައިލިކަން އޭނާއަށް ފާހަގަކުރެވުނެވެ. ސަމާއަށް ކުއްލި ހުއްޓުމެއް އައިހެން ވެސް އޭނާއަށް ހީވިއެވެ. ހަމަގައިމު ވެސް ޝާނަށް ހުއްޓުމެއް އައެވެ. އެ ދެކުދިން ހިނގާފައި ގޮސް މޭޒެއްގެ ދޮށުގައި އިށީންނަން ދެން އޭނާ ތުބުގައި ޖަހަން ހިއްލައިލި ކޮފީތަށި އެގޮތުގައި ހިފަހައްޓައިގެން އޭނާއަށް އިނދެވުނެވެ.

ސަމާ އިށީނީ އޭނާއަށް ފުރަގަސްދީގެންނެވެ. އެކަމަކު، އެ މީހުން އައިގޮތުން ސަމާއަށް އަސްލު އިށީނދެވެން ވާނީ ޝާނަށް ކުރިމަތި ވާގޮތަށެވެ. އޭނާގެ ފޮޓޯ ޝާން ނެގިކަމާއި އެ ފޮޓޯ ޝާން އަތުގައި އޮންނާނެކަން ސަމާއަށް އެނގޭތީ ލަދުން ކުރިމަތިވާގޮތަށް ނީށީނީކަމަށް ޝާން ގަބޫލު ކުރިއެވެ.  

ކޮންމެއަކަސް، ޝާނަށް މިވަނީ ސަމާ ފެނިފައެވެ. ދެން ޝާން ހަދާނީ ކިހިނެއްހެއްޔެވެ؟ ޝާނަކަށް ނޭނގެއެވެ. އޭނާގެ ހިތް ތެޅެއެވެ. ތެދުވެގެން ގޮސް ސަމާއަށް ގޮވައިލާފައި ސަލާން ކުރަން ހިތަށް އެރިއެވެ. ނަމަވެސް، މީހުން ގިނަ ރެސްޓޯރެންޓެއްގައި އޭނާ އަޅައި ނުލައިފިނަމަ ކިހާ ލަދެއް ގަންނާނެ ހެއްޔެވެ؟ އަދި އެއްޗެތި ކިޔައިގެންފިނަމަ އެ އެންމެން ޝާނަށް މަލާމާތް ކުރާނެއެވެ.

ޝާން ނިންމީ އެ މީހުން ނިމެންދެން އެތަނުގައި އިނުމަށެވެ. އެ މީހުން ހިނގައިގަތުމުން ފަހަތުން ގޮސް ސަމާއަށް ގޮވައިލުމަށެވެ. 

ސައި ބޮއި ނިމިގެން އެ މީހުން ހިނގާފައި ގޮސް ވަނީ ޗާދަނީ މަގުގައި ހުންނަ ރެއިންބޯ ފިހާރައަށެވެ. ޝާންގެ ސައިކަލުވެސް އެ ހިސާބުގައި ހުރުމުން އޭނާ ވެސް އެތަނަށް ވަނެވެ. އެ ދެކުދިންގެ ބޯކޮޅު ބަލަމުން ޝާން ފިހާރައިގެ ތެރޭގައި ހިނގައެވެ. ސަމާމެން އެނބުރިލި ވަގުތަކު ސަމާއަށް ޝާން ފެނުނުކަން އޭނާއަށް އެނގުނެވެ. ސަމާގެ ތުންފަތަށް ހިނިތުން ވުމެއް އައިކަން ޝާނަށް ފާހަގަކުރެވުނެވެ. ޝާން ވަރަށް އުފާވިއެވެ.  

ފިހާރައިން ނުކުމެގެން އެ މީހުން ދިޔައީ މަޖީދީ މަގާ ދިމާލަށެވެ. ޝާން ވެސް ހިނގާފައި އެ މީހުންގެ ފަހަތުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސްފައި ސަމާ ފަހަތް ބަލައިލިއެވެ. ސަމާއަށް ޝާމް ފެނުނެވެ. ސަމާމެންގެ ފަހަތުން އަޅުވާލައިގެން އުޅޭތީ އޭނާ ހީކުރާނީ ވެސް ކީކޭ ބާއޭ ޝާންގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް މިނޫން ގޮތެއް އޭނާއަކަށް ނެތެވެ.

މަޖީދީމަގުން ކާނާއަތަށް ލަނބާލައިގެން އެ މީހުން ދިޔައީ ކުރިއަށެވެ. ވަރަށް ބޮޑަށް ވިސްނާފައި ހިތްވަރުކޮށްފައި ގޮސް އެ މީހުންނާ އަރައި ހަމަކޮށްފައި ސަމާއޭ ކިޔާފައި ޝާން ގޮވައިލިއެވެ. ނަމުން ގޮވައިލުމުން ސިއްސައިގެން ގޮސްފައި ސަމާ ބަލައިލިއެވެ. ނަމަވެސް، އެކައްޗެކޭ ވެސް ނުބުނެ ދިޔައީ ކުރިއަށެވެ. ޝާން ލަދުގަތެވެ. އެނބުރި ހިނގައިދާނަމޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި އެ މީހުނާއެކު ދިޔައީ ކުރިޔަށެވެ. 

އެމީހުން ގޮސް ވަން އިމާރާތަށް ޝާން ވެސް ވަނެވެ. އެ މީހުން ލިފްޓަށް އެރުމުން ޝާން ވެސް އެރިއެވެ. އެ މީހުން ފިތަކަށް އޮއްބައެއް ނުލައެވެ. ދިއްލިފައި ހުރީ ތިނެއް، ފަހެއް، ހަޔެކެވެ. އެ މީހުން ފައިބާނީ އެތަނުން ތަނަކަށެވެ. ލިފްޓްގައި މީހުން ތިބުމުގެ ސަބަބުން ޝާނަށް އެއްޗެކޭ ބުނާނެ ފުރުޞަތެއް ނުލިބެއެވެ. ޝާން ހުރީ އެ މީހުން ފައިބާ ތަނަކަށް ފައިބަން ހުށިޔާރު ވެގެންނެވެ. އެ މީހުން ފޭބީ ފަސް ވަނަ ބުރިއަށެވެ. ޝާން ވެސް ފޭބިއެވެ. އެ މީހުން ގޮސް ފްލެޓްގެ ދޮރު ހުޅުވާފައި އެތެރެއަށް ވަން ވަގުތު އަތްދިއްކޮށްފައި ޝާން ސަމާއަށް ގޮވައިލިއެވެ. ސަމާ ބަލައިލިއެވެ. ނަމަވެސް އެކައްޗެކޭ ވެސް ބުނެނުލާ ވަނީ އެތެރެއަށެވެ. އެތެރެއަށް ވަދެ ދޮރު ލައްޕައިލީއެވެ. 

ޝާން ވަރަށް ދެރަވިއެވެ. އޭނާ ވަރަށް ބޮޑަށް ދެރަވި ވަގުތުތައް އޭނާގެ ޙަޔާތުގައި އައިސްފައި ވެއެވެ. މިއީ އޭގެ ތެރެއިން އެންމެ ބޮޑަށް ދެރަވި އެއް ވަގުތެވެ. ހަމައެކަނި ދެރަވީއެއް ވެސް ނޫނެވެ. އެހާ ވަރަށް ލަދުވެސް ގަތެވެ. އުންމީދުވެސް ގެއްލޭގޮތް ވިއެވެ. ގައިން ވަރު ވެސް ދޫވިއެވެ. ޝާން އެނބުރި އޭނާ ސައިކަލް ހުރިތަނަށް ހިނގާފައި ދިޔައިރު ހީވަނީ އެތަކެއް ދުވަހު ބަލި އެނދުގައި އޮވެފައި ތެދުވެ އުޅޭ މީހެއް ހެންނެވެ. 

އެރޭ ކޮންޕިއުޓަރު ކައިރީގައި އިށީދެ ސަމާގެ ފޮޓޯގެ ތިރީގައި ޝާން ލިޔުނެވެ. ‘އަހަރެން ގޮވައިލުމުން އަނގަޔަކުން ވެސް ނުބުނީމު ނޫންހެއްޔެވެ؟ މީހަކު ގޮވައިލުމުން އަނގައިން ބުނެލަން ވެސް ވާނެ ނޫންހެއްޔެވެ؟ އެކަމަކު، އަހަރެންހެން ފަހަތު އަޅުވައިލައިގެން އަންނަ މީހަކާ ވާހަކަދައްކަން ވީވެސް ކީއްކުރަން ހެއްޔެވެ؟ ސަމާއެވެ. ސަމާއަށް ނޭނގުނު ނަމަވެސް ސަމާގެ މި ފޮޓޯއާއެކު އަހަރެން އުޅޭތާ މިހާރު ކިތަންމެ ދުވަހެކެވެ. ސަމާގެ ތިޔަ ނާޒުކީ ހަށިގަނޑު ވަނީ ޝާނަށް ހިތު ދަސްވެފައެވެ. ސަމާއަށް ނޭނގުނު ނަމަވެސް އަހަރެން މިވަނީ ސަމާއާ ވަރަށް ކައިރި ވެފައެވެ. ސަމާއެވެ. އަހަރެން ސަމާގެ ފަހަތުން ދިޔަ ނަމަވެސް އަހަންނަކީ ސަމާ ތިޔަ ހީކުރާ ކަހަލަ މީހެއް ނޫނެވެ. އަހަންނަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ހަރުދަނާ ފިރިހެނެކެވެ. އަހަރެން ސަމާއާ ވާހަކަ ދައްކާލަން ބޭނުމެވެ. އަހަރެން ސަމާ ބޭނުމެވެ. އަހަންނަށް މިވަނީ ސަމާދެކެ އިންތިހާއަށް ލޯބިވެވިފައެވެ. މާދަމާ ވެސް އަހަރެން އެ ގަޑިއަށް އެ ރެސްޓޯރެންޓަށް ދާނަމެވެ. ސަމާ އަންނާނަން ހެއްޔެވެ؟’ 

އެ ކަހަލަ ޚިޔާލެއްގައި އިނދެފައި އެ ފްލެޓަށް ގުޅައިލާނަމޭ ހިތައި ދިރާގަށް ގުޅައިގެން ބެލިއިރު އެ ފުލެޓަކު ލޭންޑް ލައިނެއް ނެތެވެ. ސަމާ މޮބައިލް ފޯނެއް ނުގެންގުޅެއެވެ. ގުޅައިލެވޭނެ ގޮތެއް ވެސް ނުވިއެވެ. 

ޝާން ޖެހިގެން އައި ދުވަހު ހަމަ އެ ގަޑިޔަށް ލެމަން ގްރާސް އަށް ދިޔައެވެ. އެތައް އިރަކު އެކަނި އިނދެ އިނދެފައި މާޔޫސްކަމާއެކު ޖެހުނީ ގެއަށް އަންނާށެވެ. އެގޮތަށް އެތައް ދުވަހެއް ތަކުރާރުވެއްޖެއެވެ. އެއް ދުވަހު ރެސްޓޯރެންޓްގައި އިނދެފައި ގެއަށް އައިތަނާ ޝާންގެ ހިތަށް އެރިއެވެ. ‘ސަމާ އުޅޭ ފްލެޓަށް ދާން ވީއެވެ. ކޮންމެ ވެސް ހަދިޔާއެއް ގަނެގެން އެ ރައްދުކުރަން ދާންވީއެވެ.’ އެހެން ހީކޮށް ލެކިއުޓަށް ވަދެ ވަރަށް އަގުބޮޑު ސެންޓް ފުޅިއެއް ގަތެވެ. އޭނާގެ ނަމާއި ފޯނު ނަމްބަރާއެކު ސެންޓުފުޅި ޕާރުސަލް ކުރުވައިގެން މަޣްރިބު ނަމާދަށް ފަހު އިރުކޮޅަކުން އެ ފްލެޓަށް ގޮސް ރަނގަބީލު ޖަހައިފިއެވެ. އެ ވަގުތު އޭނާ ޚިޔާރު ކުރީ އެއީ ގޭގެ ބޮޑެތި މީހުން ނަމާދުކުރަން ދާނެ ވަގުތުކަމަށް ބަލާފައެވެ. ދޮރު ހުޅުވީ ކުރީ ދުވަހު ސަމާއާއެކު ރެސްޓޯރަންޓަށް ދިޔަ އަންހެން ކުއްޖާއެވެ. 

       “ސަމާއަށް ދޭން ގެނައި އެއްޗެއް.” ޕާރުސަލް ދައްކާލާފައި ޝާން ބުންޏެވެ.

       “ސަމާ!” ސަމާއަށް ގޮވާފައި އޭނާ ބުންޏެވެ. “މިހިރީ ސަމާއަށް އެއްޗެއް ހިފައިގެން އައި މީހެއް.”

       “ކާކު؟” ސަމާގެ އަޑު ޝާނަށް އިވުނީ އަދި ކިރިޔާއެވެ. އެ އަޑު އޭނާގެ ހިތް ތޮރުފައިލިއެވެ. “މިދަނީ.”

ސަމާ ހިނގާލާފައި އައިސް ޝާން ފެނުމުން ދޮރާހަމައަށް ނައިސް ހުއްޓިއްޖެއެވެ. އެނބުރި އައި ކޮޅަށް ހިނގައިގަތުމުން، ތިމަން ކީއްކުރާނީއޭ ބުނާ ކަހަލަ ހަރަކާތެއް ހަށިގަނޑަށް ގެނެސްފައި ދޮރު ހުޅުވި ކުއްޖާ ޝާންގެ މޫނުމައްޗަށް ދޮރު ލައްޕާލައިފިއެވެ. 

ޝާނަށް ހީވީ މީހަކު އޭނާގެ ހިތަށް ފައިން އަރައި ފިއްތައިލިހެންނެވެ. ވީ ދެރައާއެކު އިންތިހާއަށް ރުޅިވެސް އައެވެ. އޭނާގެ އަތުގައި އޮތް ޕާރުސަލުން ވަރަށް ބާރަށް ދޮރުގައި ޖަހައިފާނަމޭ ވެސް ހިތަށް އެރިއެވެ. އެއަށް ފައިން އަރައި ކުދިކޮށްލަން ވެސް ހިތަށް އެރިއެވެ. ނަމަސް، އޭނާގެ ޖަޒުބާތުގެ މައްޗަށް ބާރު ފޯރުވައި މާނޭވާއެއް ލިއެވެ. ހިތްވަރު އާކުރިއެވެ. އޭނާގެ ހިތަށް އެރިއެވެ. ‘މިރޭ ހުންނާނީ މިތަނުގައެވެ. ކޮންމެވެސް އިރަކު މީހަކު ބޭރަށް ދިއުމަށްޓަކައި ނުވަތަ މިގޭ މީހަކު ބޭރުން އައިސް ގެއަށް ވަނުމަށްޓަކައި ދޮރު ހުޅުވާނެ ތާއެވެ. މިރޭ ގެއަށް ދާނީ ސަމާއަށް މި ހަދިޔާ ދީފައެވެ.’ 

ޝާން ދޮރުކައިރީގައި ހުރި އިރު އެތެރެއިން މީހުން ވާހަކަދައްކާ އަޑު ކުޑަކޮށް އިވެއެވެ. އެތަކެއް އިރު ވެއްޖެއެވެ. މީހަކު ނުނިކުމެއެވެ. ބޭރުން ވެސް މީހަކު ނައެވެ. އެންމެފަހުން ޝާން ރަނގަބީލަށް ފިތާލައިފިއެވެ. ޝާން ދިޔައީ ސިއްސައިގެންނެވެ. މި ފަހަރު ދޮރު ހުޅުވައިލީ ސަމާއެވެ. ޝާން ފެނިފައި ސަމާ ވެސް ދިޔައީ ސިއްސައިގެންނެވެ. ރަނގަބީލު ޖެހީ ޝާން ކަމަކަށް އޭނާ ހީނުކުރާ ކަން ޝާމަށް އިހުސާސްކުރެވުނެވެ.

       “ސަމާ.” ސަމާއަށް ދޮރު ލައްޕައިނުލެވޭ ވަރަށް އެތެރެއަށް ޖެހިލާފައި ޝާމް ބުންޏެވެ. “އަހަރެން މިއައީ ސަމާއާ އަނގައިން ބުނެލަން.” 

       “ތި އަނގައިން ބުނެވުނީއެއްނު؟” ސަމާސާ ރާގަކަށް ސަމާ ބުންޏެވެ.

       “މިއޮތީ އަހަރެން ގެނައި ހަދިޔާއެއް.”

       “ނުދަންނަ މީހުންނަށް މީހުން ހަދިޔާ ދޭތަ؟” ސަމާ ޝާންގެ ބޮލުން ފެށިގެން ފައިތިލައަށް ބަލައިލިއެވެ. އޭނާއަށް ފެނުނީ ވަރުގަދަ ހަށިގަނޑެއްގެ ވެރި ނުހަނު ރީތި ފިރިހެނެކެވެ. “ނުދަންނަ މީހުންގެ ހަދިޔާ ގަބޫލުކަރަން ވާނެތަ؟”

       “އަހަރެން މީ ނުދަންނަ މީހެއް ނޫނެއްނު.” ޕާރުސަލް ދިއްކުރަމުން ޝާން ބުންޏެވެ. “މިއީ އެދުވަހު ސަމާ ފޮޓޯ ނެގި ފޮޓޯގަރާފަރެއްނު؟ ފޮޓޯގްރާފަރުގެ ހަދިޔާ ގަބޫލުކުރޭ.”

       “ތިއީ އެ ފޮޓޯތަ؟” ސަމާ އެއްސެވެ. 

       “އެ ފޮޓޯ ވިއްޔާ ގަބޫލުކުރާނަންތަ؟ އެހެންކަމަށް ވަންޏާ މިއީ އެ ފޮޓޯ.” 

       “ޝުކުރިއްޔާ. ފޮޓޯގްރާފަރު މޮޅުތޯ ބަލައިލާނަން.” މިހެން ބުނަމުން ޕާރުސަލްގައި އޭނާ ހިފިއެވެ. 

އެވަގުތު ޝާން އުފަލުން ފޮޅުނެވެ. އޭނާ ސަމާއަށް ބަލައިލިއެވެ. ޝާންގެ ކުރިމަތީގައި އެ ހުރީ ފަރިވަމުންދާ ފިނިފެންމަލެކެވެ. އެނާގެ ހިތުގައި ޢިޝްޤުގެ އަލިފާން އަންދަމުންގެންދާ ސަމާއެވެ. ސަމާ ފެނުނީ އިރުކޮޅަކަށެވެ. ބުނެލެވުނީ މަދު އެއްޗެކެވެ. ސަމާ ދޮރު ލައްޕާލައިފިއެވެ. އެހެން ނަމަވެސް ސަމާ ހަދިޔާ ގަބޫލުކުރީ ޝާން އާ ރުހޭތީކަމަށް ޝާން ގަބޫލުކުރިއެވެ. އޭނާ ގެއަށް ދިޔައީ އުފަލުން ފުރިފައި ހުރެގެންނެވެ. 

އެރޭ ޝާން ގެ ފޯނަށް އެސް އެމް އެސް އެއް އައެވެ. އޭގައި ވަނީ “ފޮޓޯއެއް ނޫން. އެކަމަކު ޝުކުރިއްޔާ” އެވެ.

އެއީ ސަމާގެ މެސެޖެއް ކަމަށް ދެކި ފޯނެއް އެބައޮތްހޭ އަހައިލިއެވެ.

       “އޮތީމައެއް ނު މެސެޖް ކުރެވޭނީ؟” ސަމާ ލިޔެލިއެވެ.

       “އަހަރެން ހީކުރީ ފޯނު ނުގެންގުޅޭކަމަށް.” ޝާން ލިޔުނެވެ.

       “ކުރިއަކުން ނުގެންގުޅެން.” ސަމާ ޖަވާބުގައި ލިޔުނެވެ. “ފޮޓޯގްރާފަރަށް ޝުކުރު އަދާކުރަންވެގެން ފޯނެއް ހޯދީ.”

       “އަހަރެން ގުޅައިލިޔަސް ހެޔޮތަ؟” ޝާން އެއްސެވެ.

       “ފޮޓޯ ފޮނުވާނެންޏާ…” ސަމާ ލިޔުނެވެ. “މިރޭ ދިހައެއް ޖަހާއިރު ގުޅާލާ.” ސަމާ ޖަވާބުގައި ލިޔުނެވެ. 

       “ގުޅާނަން.” ޝާން އުފަލުން ގޮސް އޭނާގެ ކޮޓަރީގައި ހުރެ ނަށައިގަނެވުނެވެ. ކޮމްޕިއުޓަރު ކައިރީ އިށީދެ ލިޔުނެވެ. ސަމާ ދެކެ އަހަރެން ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. ތީ ވަރަށް ރީތި ކުއްޖެއް. އަހަންނަށް އެންމެ ރީތީ ސަމާގެ ތޫނު ލޯ. ތިޔަ ދެ ލޮލަށް ބަލަން އަހަރެން އެތައް ވަގުތެއް ވަނީ ހޭދަކޮށްފައި. 

އެރޭ ދިހެއް ޖެހިއިރު ޝާން އޮތީ އޭނާގެ ކޮޓަރީގައި އޭނާގެ އެނދުގައި އޮށޯވެލައިގެންނެވެ. ސަމާ އިނީ ސިޓިން ރޫމުގައި އިށީނދެލައިގެންނެވެ. އެހެން މީހަކު އެތާކު ނެތެވެ. ދިހައެއް ހަމަ ޖެހުމާއެކު ސަމާގެ ފޯނު ރަނގަބީލުވެއްޖެވެ. 

       “ހަލޯ.” އިތުރު އެއްޗެއް ސަމާއަކަށް ނުބުނެވުނެވެ.

       “ސަމާތަ؟” ޝާން އެއްސެވެ.

       “އާން، ސަމާ.” ސަމާ ޖަވާބު ދިނެވެ.

       “ސަމާ އަހަރެންގެ ހަދިޔާ ރަނގަޅުތަ؟” ޝާން އެއްސެވެ.

       “ރަނގަޅެއްނޫން. ދޮގެއްނު ހެދީ؟” ސަމާ ބުންޏެވެ. “ބުނީމެއްނު ފޮޓޯއޭ އެއީ.” 

       “އެނގެއެއްނު އެގޮތަށް ފޮޓޯއެއް ނޯންނާނެކަން؟ ޝާމް އުފަލުން އެނދުގައި ފޮރޮޅިލިއެވެ. 

       “އަހަރެން މިއުޅެނީ ފުރަން.” ސަމާ ބުންޏެވެ.

       “ކޮންއިރަކު؟” ޝާނަށް ލިބުނީ ކުއްލި ޝޮކެކެވެ. ތެދުވެ އެނދުގައި އިށީދެއްޖެއެވެ. އަދި އެ ސުވާލު ތަކުރާރުކޮށްލިއެވެ. “ކޮން އިރަކު ފުރަނީ.”

       “މާދަމާރޭ.” ސަމާ ބުންޏެވެ. 

އެކަކު އަނެކަކަށް އެއްޗެއް ނުބުނެވި އިރުކޮޅެއް ދިއުމަށްފަހު ޝާން ވާހަކަ ދައްކަން ފެއްޓިއެވެ. ވާހަކަ ފެއްޓުނީ އަނެއްކާވެސް ސަމާގެ ފޮޓޯއިންނެވެ. ޝާން ސަމާ ދެކެ ލޯބި ވީގޮތުގެ ވާހަކަ ތަފްސީލުކޮށް ޝާން ކިޔައިދިނެވެ. އޭނާގެ ކޮންޕިއުޓަރުގައި ލިޔެފައިވާ ވާހަކަތައް ވެސް ޝާން ކިޔައިދިނެވެ. ފޮޓޯއަކުން އުފެދުނު ލޯތްބަކީ ސާފު ސީދާ ލޯތްބަކަށް ވާނެހެއްޔޭ ސަމާ އެއްސެވެ. މީހެއްގެ ހިތުގައި އަނެކާ ދެކެ ލޯބި އުފެދެން ވަކި ގޮތެއް ނޯންނާނެއޭ، ކޮންމެ ގޮތަކަށް ވެސް ލޯބި އުފެދިދާނެއޭ ޝާން ބުންޏެވެ. ސަމާ ދެކެ ޝާން ލޯބިވާހެން ސަމާއަށް ހީކުރެވޭ ކަމަށް ސަމާ ބުންޏެވެ. އެރޭ އެމީހުންގެ ވާހަކަ ނިންމައިލީ އަނެއް ދުވަހު ރެސްޓޯރެންޓުން ބައްދަލުކުރަން އެއްބަސް ވެފައެވެ.

އޭގެ އެއް އަހަރު ފަހުން ޝާން ތިން ވަނަ ފަހަރަށް ފިޔޯރީއަށް ދިޔައީ ސަމާއާ ކައިވެނިކުރާށެވެ. ކައިވެނި ކޮށްގެން ސަމާގެ އެދުމުގެ މަތިން، ފިޔޯރީގައި ދިރިއުޅުމެއް ފަށާށެވެ.