
މީހަކު ދޮރުގެ ރަނގަބީލު ޖެހުމުން އެއީ އައިސް އަލަމާރި ހަދަން އައި މީހާކަން ޝަކީލާއަށް އެނގުނެވެ. ޝަކީލާ، ނޫހުގެ ކްލެސިފައިޑުން އެފަދަ މަސައްކަތް ކުރާ މީހެއްގެ ނަންބަރު ހޯދައިގެން އޭނާއާ ގުޅީ މީގެ ދެ ގަޑިއެއް ހާއިރު ކުރިންނެވެ. ދެ ގަޑިއިރު ތެރޭ އަންނާނެ ވާހަކަ އޭނާ އޮތީ ބުނެފައެވެ. ޝަކީލާއަކަށް އޭރު އޭނާގެ ނަމެއް އެހިފައެއް ނުވެއެވެ.
ދޮރު ހުޅުވައިލި އިރު އޭނާއަށް ފެނުނީ އިސްކޮޅުން ދިގު ރޫފަ ރަނގަޅު ފިރިހެނެކެވެ. ލައިގެން ހުރި ހެދުމާއި އޭނާގެ ކޮނޑުގައި އަޅުވާފައިވާ ދަބަސް ވަނީ ކުލަވެއްޓި ހަޑިވެފައެވެ. އޭނާއަކީ މަސައްކަތްކުރާ މީހެއްކަން އެނގެއެވެ. އޭނާގެ ހަލާލު މަސައްކަތުން އާމްދަނީ ހޯދާ މީހެއްކަމާއި ނޭނގޭ ވިޔަފާރި ހިންގައިގެން ލާރި ހޯދާ މީހެއް ނޫންކަން އެނގެއެވެ.
“ތީ ޝަކީލާތަ؟” އޭނާ ސުވާލުކުރިއެވެ
“އައިސް އަލަމާރި ހަދަންތަ؟” ޝަކީލާ ސުވާލުކޮށްލިއެވެ. “ކޮން ނަމެއް ކިޔަނީ؟”
“އަލީ.” ކުރު ޖަވާބެކެވެ. އޭނާއަކީ މަސައްކަތްތެރިއެކެވެ.
“ވަންނަވާ އަލީ.” އަތުން އިޝާރާތްކުރަމުން ޝަކީލާ ބުންޏެވެ.
“ކޮބާ އައިސް އަލަމާރި؟” އެތެރެއަށް ވަންނަމުން އޭނާ އެއްސެވެ.
ބަދިގޭގައި ހުރި ބަންގްލާދޭޝް މީހާއަށް ގޮވާފައި އަލީއަށް އައިސް އަލަމާރި ދައްކަން ބުނެފައި ޝަކީލާ ވަނީ ކޮޓަރިއަށެވެ. އެ ކޮޓަރީގައި އޭނާގެ ފިރި މީހާ އޮތީ އަދި ވެސް ނިދާފައެވެ.
އަލީ ފަރާތަކަށް ބަލައިވެސް ނުލައި ގޮސް އައިސް އަލަމާރިގެ މަސަކަތް ފެއްޓިއެވެ. އޭނާ ބަލައި ނުލިނަމަވެސް އޭނާއަށް ފެނުނު ތަކެއްޗާއި އައިސް އަލަމާރިގެ ސައިޒުން މިއީ މެދު ފަންތީގެ ބައެއްކަމަށް އޭނާއަށް ލަފާކުރެވުނެވެ.
އިރުކޮޅަކުން ޝަކީލާ އައިސް އެތާހުރި ގޮނޑިއެއްގައި އިށީނެވެ. އަދި ބުންޏެވެ. “އައިސް އަލަމާރި ހަލާކުވެފައި ހުންނަތާ މިހާރު ތިން ދުވަސް. ބޭނުންކުރަން ޖެހިފައިވަނީ ޖެހިގެން ހުރި ގޭގެ މީހުންގެ އައިސް އަލަމާރި. މިގޭ ފާޚާނާއިން ފެން ފައިބަމުން ދާތާ ވެސް މިހާރު ހަފުތާއެއް ވެއްޖެ. އަލީއަކަށް ނޭނގޭތަ ފާޚާނާ ހަދާކަށް.”
“ނޫން. އަޅުގަނޑަށް އެނގޭ” އައިސް އަލަމާރިގެ ފަހަތުން ބައެއް ނައްޓަމުން އޭނާ ބުންޏެވެ. “އަޅުގަނޑަށް ވަރަށް ގިނަ ތަކެތި މަރާމާތު ކުރެވޭނެ.”
“ހާދަ ރަނގަޅޭ. ވާނެ ފާޚާނާ ވެސް ހަދައިދޭން މިއަދު.” ޝަކީލާ ބުންޏެވެ.
“މި އައީ އައިސް އަލަމާރި ހަދާ ސާމާނު ހިފައިގެން.” އަލީ ބުންޏެވެ. “ފާޚާނާ ބަލައިލީމަ އެނގޭނީ މިއަދު ހެދޭނެންޏާ.”
އަލީ އޭނާގެ ސާމާނު ދަބަސް ހުޅުވައިގެން މަސައްކަތްކުރަމުން ދިޔައިރު ޝަކީލާ އިނީ ބަލަހައްޓައިގެންނެވެ. އޭނާގެ ހިތަށް އަރައެވެ. ‘އޭނާ އެ މަސައްކަތްކުރަނީ ހާދަ ޔަޤީންކަމާ އެކުގައެވެ. އެކަމަކަށް ބޭނުން ކުރަންވީ ހަތިޔާރެއް އޭނާއަށް އެނގެއެވެ. އޭނާގެ މުޅި ސަމާލުކަން ހުއްޓިފައިވަނީ އެ ކުރާ މަސައްކަތަށެވެ. އޭނާގެ ބޮޑު އަތްތިލައާއި ވަރުގަދަ މުލަތްދަނޑިން އެއީ ހީވާގި މަސައްކަތްތެރިއެއް ކަން އެނގެއެވެ.
“ކިހާ ދުވަހެއް ވެއްޖެ އަލީ ތި މަސައްކަތް ކުރާތާ؟” ޝަކީލާ ސުވާލުކުރިއެވެ.
“މިހާރު ފަސް ވަރަކަށް އަހަރު ވެދާނެ.”
“އަބަދު ވެސް ގޭގެއަށް ދަނީތަ؟”
“ގޭގެއަށާއި އޮފީސް އޮފީހަށާއި ހޮޓާ ހޮޓަލަށާއި، މަސައްކަތް އޮތް ކޮންމެ ތަނަކަށް.” އަލީ ބަލައިވެސް ނުލައި ޖަވާބު ދިނެވެ.
“މަސައްކަތް ކުރަން ޖެހޭނެ. މަސައްކަތް ކޮށްގެން އުޅެވޭނީ.”
“މަސައްކަތްކޮށްގެން އުޅެވޭނީ.” ޝަކީލާއާ ދިމާލަށް އެނބުރިލާފައި އަލީ ބުންޏެވެ. “ވަރަށް ގިނަ ލާރި ހޯދައިގެން މިހާރު އުޅެވޭނީ.”
“ތި ބުނީ ތެދެއް.” ޝަކީލާ އެއްބަސް ވިއެވެ. “އަހަރެމެން ކުއްޔަށް ދީފައިވާ ތަނުން ކުލި ނުލިބޭނަމަ އަހަރެމެނަކަށް ނޫޅެވޭނެ. އެތަން ވެސް މަރާމާތު ނުކުރެވި މި ދަނީ.”
“މިއީ ޝަކީލާގެ އަމިއްލަ ގެތަ؟” އަލީ އެއްސެވެ.
“އާނ. މިއީ އަހަރެންގެ އަމިއްލަ ތަނެއް.”
“ފިރިއެއް ނުހުރޭތަ ތިތަން ބަލަހައްޓާކަށް؟” އަލީ މަޑުމަޑުން ސުވާލު ކޮށްލިއެވެ.
“ނޫން ފިރިއެއް ހުރޭ.” ޝަކީލާ ވައި އަޑަކުން ޖަވާބު ދިނެއެވެ. “އޭނާ އެބައޮތް ނިދާފައި.”
“އިރު އަރައިގެނ ގޮސް މެދު ޖެހޭ އިރުވެސް ނިދާފައިތަ؟” ހައިރާން ކަމާއެކު އަލީ ސުވާލުކުރިއެވެ.
“އިރު މެދު ޖެހޭއިރު ކީއްކުރަން. އިރު އޮސޭއިރު ވެސް އޮވެދާނެ ނިދާފައި.” މަޑުމަޑުން ޝާކީލާ ވާހަކަ ދެއްކިއެވެ. “އެހެންނު ވާނީ، ރޭގަޑު ގެއަށް އަންނާނީ ފަތިސް ވާއިރު ވިއްޔާ.”
ޝަކީލާއާއި ހާރޫނާ ދެ މީހުންނަކީ ވަރަށް ތަފާތު ދެ މިޒާޖެއްގެ ދެ މީހުންނެވެ. ޝަކީލާއަކީ ދިރިއުޅުމަށް ލޯބިކުރާ ހީވާގި ގެވެހި އަންހެނެކެވެ. ހާރޫނަކީ އަތުން ފައިން މަސައްކަތެއް ކުރާ މީހެއް ނޫނެވެ. އޭނާގެ ކަމަކީ ދުވާލު ނިދުމެވެ. ރޭގަނޑު އެނާގެ ގްރޫޕާއެކު ބޭރުގައި އުޅުމެވެ. ޝަކީލާއަށް ހާރޫނާ އިނދެވުނީ އޭނާގެ މުސްކުޅި މަންމަގެ އެދުމުގެ މަތިންނެވެ. ރަނގަޅު ޢާއިލާއެއްގެ ކުއްޖަކަށް ވާތީ މަންމަ މެނަށް އޭނާ ރަނގަޅު ވީއެވެ. އޭރު ޝަކީލާއަށް ވެސް އޭނާ ގޯހެއް ނޫނެވެ. އޭރު ޝަކީލާއަށް ވަރަށް ހެޔޮކޮށް ހިތައެވެ. ކައިވެންޏަށް ފަހު އުޅޭނޭ ގޮތުގެ އުންމީދީ ވާހަކަ ދައްކައެވެ. އޭނާ ޝަކީލާދެކެ އިންތިހާއަށް ލޯބި ވާކަމަށާއި ދެމީހުންނަށް ވަރަށް އުފާވެރި ޙަޔާތެއް ވޭތުކުރެވޭނޭ ކަމުގެ ފޮނި ހުވަފެންތައް ދައްކައެވެ. އެހެންނަމަވެސް، ކައިވެންޏަށް ފަހު ކަންތައް ވެގެން ދިޔައީ އެއާ މުޅިން ޚިލާފަށެވެ. ޝަކީލާގެ ހިތްދަތިކަމާއި މާޔޫސްކަން ދިޔައީ އިތުރު ވަމުންނެވެ. މަންމަ ދުނިޔޭގައި އިން އިރު ވާހަކަ ދައްކާލަން މަންމަ ހުރެއެވެ. މަންމަ ނިޔާވި ފަހުން ވާހަކައެއް ދައްކާލާނެ މީހަކުވެސް ގެއަކު ނެތެވެ.
ޝަކީލާ އޭނާގެ ފިރިމީހާ ނިދާ ނުހޭލާ ވާހަކަ ބުނުމުން އަލީ އިތުރު ސުވާލެއް ނުކުރެއެވެ. ޝަކީލާގެ މޫނަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އޭނާ ޝަކީލާއަށް ބަލައިލީ އަދި ކިރިޔާއެވެ. ރީތި މީހެކެވެ. އެ ރީތިކަމާ އެއްވަރަކަށް އުފާވެރިކަމެއް އެ މޫނަކުން އޭނާއަކަށް ނުފެނެއެވެ. ލޯ ކައިރި ވަނީ ކަޅުވަދެފައެވެ. މޫނު ވަނީ މިލައިފައެވެ. މިއިން ޒަމާނަކު ރީތިވާން މަސައްކަތް ކޮށްފައި ހުރިހެނެއް ހިއެއް ނުވެއެވެ. ލައިގެން ހުރި ހެދުމުގެ ސަބަބުން އޭނާ ފެންނަނީ އަސްލު އުމުރަށް ވުރެން ދުވަސްވެފައި ހުރި ގޮތަކަށެވެ.
“މިހާރު ރަނގަޅުވާނެ.” އައިސް އަލަމާރި ކުރިން ހުރިގޮތަށް ފާރުކައިރިއަށް ޖައްސަމުން އަލީ ބުންޏެވެ. “މިއީ ވަރަށް ކުޑަކުޑަ ކަމެއް.”
“ކުޑަކުޑަ ކަމެއް ވިޔަސް ވެސް ކީއްކުރާނީ؟ މަށަށް ހެދޭނަމަ މިހާރު ހުންނާނީ ހަދާފައި.” ކޮޅަށް ތެދުވަމުން ޝަކީލާ ބުންޏެވެ. “ހިނގާ ފާޚާނާ ބަލައިލަން.”
“ރަނގަޅުކުރެވިދާނެ. އެކަމަކު ޖެހޭނެ ފެން ކަނޑައިލާން.” ފާޚާނާބަލައިލާފައި އަލީ ބުންޏެވެ. “ބޭރުން ފެން ކަނޑަން ޖެހޭނީ. އޭރު އެހެން ތަންތަނުން ވެސް ފެނެއް ނުލިބޭނެ. އެކަމަކު ހަމަ ކުޑަކުޑަ އިރުކޮޅެއް ވާނީ.”
“ރަނގަޅުވާނެ ކުޑަކުޑަ އިރުކޮޅެއްގައި ފެން ކެނޑުނަސް.” ފާޚާނާގެ ދޮރުމަތީގައި ހުރެފައި ޝަކީލާ ބުންޏެވެ.
އަލީ ބޭރަށް ނުކުމެ ފެން ބަންދުކޮށްފައި އައިސް މަސައްކަތް ފެއްޓިއެވެ. ޝަކީލާ ބަލަން ހުއްޓެވެ. އެނާގެ ހިތަށް އަރައެވެ. ‘އަލީ އަކީ ހާދަ ކުޅަދާނަ މަސައްކަތްތެރިއެކެވެ. އަލީގެ އަންހެނުން އިންނާނީ ހާދަ ހިތްހަމަޖެހިފައެވެ. އަހަރެން މި އިންނަ ގޮތަށް ކަމެއް ނުވެފައި ނީންނާނެއެވެ. މީހަކު ނެތިގެނެއް ނޫޅޭނެއެވެ.’
“އަލީ ތިހާ މަސައްކަތްކުރާތީ އަލީގެ އަންހެނުން ވަރަށް އުފާވާނެ.” ޝަކީލާއަށް ބުނެވުނެވެ.
އެހެން ބުނުމާއެކު އަލީ މަސައްކަތް ހުއްޓާލާފައި ތެދުވުނެވެ. ޝަކީލާއަށް މި ބުނެވުނު އެއްޗަކުން ކަންބޮޑުވެފައި އަވަސް އަވަހަށް ބުންޏެވެ. “ސޮރީ އަލީ.”
“އަޅުގަނޑުގެ އަންހެނުން މީގެ ފަސްމަހެއްހާ ދުވަސް ކުރިން ވަނީ ނިޔާވެފައި. ވަރަށް ރަނގަޅު އަތްބެއް އެއީ. އަހަރެން ވަރަށް ލޯބިވޭ ނިއުމާ ދެކެ.” އަލީ އަސަރާއެކު ބުންޏެވެ.
“ވަރަށް ދެރަވަން.” ޝަކީލާ ދެރަވެލާފައި ބުންޏެވެ. “އެނގޭ އަލީ އޭނާ ދެކެ ލޯބި ވާނެކަން. ނެތްތަ ކުދިންނެއް؟”
“ދެ ކުދިން އެބަތިބި. ހަ އަހަރުގެ ފިރިހެން ކުއްޖަކާއި ތިން އަހަރުގެ އަންހެން ކުއްޖެއް.”
“ކުދިން ހާދަ ދެރަވާނެއޭ.” ޝަކީލާ ބުންޏެވެ.
“ކުދިން ވަރަށް ދެރަވޭ. މަންމަ ނެތި ކުދިން ކިހާ ނިކަމެތި ވާނެ؟ ޢަލީ އެއްސެވެ. “ޝަކީލާގެ ކުދީންނެއް ނެތްތަ؟”
“އަހަރެމެންނަކަށް ކުއްޖެއް ނުލިބޭ.” ޝަކީލާ އިސްދަށަށް ޖެއްސެވެ.
“މިތާ ޓޭންކްގައި ހިފަހައްޓާލަ ބަލަ. އަހަރެން އިސްކުރު ބާރުކޮށްލަންދެން.” އަލީ ބުންޏެވެ.
ޝަކީލާ ޓޭންކްގައި ހިފެހެއްޓި ވަގުތު އަލީގެ އަތުގެ އިސްތަށިތައް އޭނާގެ އަތުގައި ކޭއްތުނެވެ. އެ ވަގުތު އޭނާއަށް ހީވީ ކަރަންޓްގައި ޖެހުނު ހެންނެވެ. ކުއްލިއަކަށް އަތް ދަމައިގަތެވެ.
“ކީއްތަވީ ޝަކީލާ ތި އަތް ދަމައިގަތީ؟” އަލީ ހައިރާން ވެފައި އެއްސެވެ.
“ހީވީ ކަރަންޓްގައި ޖެހުނުހެން.” ޝަކީލާ އަލުން ޓޭންކްގައި ހިފަހައްޓަމުން ބުންޏެވެ. “އަލީގެ އަތްދަށު މީހަކަށް އަހަރެން ގެންދަންވީނު؟”
“ކަރަންޓުގައި ޖެހިދާނެއެއްނު؟” ގުދަށް އޮވެގެން އިސްކުރު ބާރުކުރަމުން އަލީ ބުންޏެވެ.
“އަހަންނަށް ރަނގަޅީ ކަރަންޓުގައި ވެސް ޖެހުނީމަ” ޝަކީލާ ސަމާސާ ރާގަކަށް ބުންޏެވެ. “ގެންދާނަންތަ؟”
“ޝަކީލާއަށް އަންނަން ކެރޭނެތަ؟” އަލީ އިސްކުރު ބާރުކޮށް ނިންމާފައި ތެދުވަމުން އެއްސެވެ.
“އަހަރެން ވެސް ހީވާގި މަސައްކަތްތެރި ފިރިއެއް ބޭނުން. އަހަރެން ވެސް ދިރިއުޅުމެއް ބޭނުން. އަހަރެން ކުދިން ވެސް ބޭނުން. އަހަރެން ލޯބި ވެސް ބޭނުން.” ޝަކީލާ އަވަސް އަވަހަށް ބުންޏެވެ. “އަހަރެން މިހުރީ ދާން.”
