އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12 ޖަހާ އިރަކީ ޚާއްޞަ ހިދުކޮޅެކެވެ. އެ ހިނދުކޮޅަށް މުޅި ދުނިޔެ އިންތިޒާރުކުރެއެވެ. އެއީ 2016 ވަނަ އަހަރު ނިމި 2017 ވަނަ އަހަރު ފެށޭ ވަގުތެވެ. އަހަރެއް ފަހަނައަޅައި ގޮސް އައު އަހަރެއްގެ ތެރެއަށް ވަދެވޭ ވަގުތެވެ.

ދުނިޔޭގެ އެކިތަންތަނުގައި އެކި ގޮތަށް އައު އަހަރު ފާހަގަކުރަމުންދާތާ ޒަމާންތަކެއް ވަނީ ވެފައެވެ. ފަހަކަށް އައިސް ދިވެހިން ވެސް ވަނީ އައު އަހަރު ފާހަގަކުރަން ފަށާފައެވެ. ޕާޓީ ބޭއްވުމާއި ބާބެކިއު ހެދުމާއި މަޖާކުރުމުގައެވެ. ނިމި ދިޔަ އަހަރާމެދު ވިސްނައި އައު އަހަރަށް އުންމީދުތަކެއް ކަނޑައެޅުމުގައެވެ.

ޢާއިލާގެ މެންބަރުންނާއި ތިމާގެ މީހުންނާއި ރައްޓެހިންނާއެކު އިޖުތިމާޢީ ޙަރަކާތަކުން އަހަރެއް ފެށުމުން އެކުވެރިކަމާއި ގާތްކަން އައު އަހަރަށް ބޭނުންވާކަން ރަމްޒުވެއެވެ. އަދި ހަމަ އެހެންމެ، އުފާވެރި ހަރަކާތްތަކަކުން އައު އަހަރު ފެށުމުން ކުރިޔަށް އޮތް އަހަރަކީ އުފާވެރި އަހަރަކަށް ވުމަށް އުންމީދު ކުރެވެއެވެ.

އެހެން ގޮތަކަށް ކުރެވުނު ނަމައޭ ހީވާ ކިތަންމެ ކަމެއް ވޭތުވެ ދިޔަ އަހަރުގައި ތިމާއަށް ކުރެވިފައި ހުންނާނެއެވެ. އަދި ނުކުރެވުނު ނަމަ ރަނގަޅޭ ހީވާ ކިތަންމެ ކަމެއް ކުރެވިފައި ވެސް ހުރެދާނެއެވެ. އަހަރު ނިމޭ ދަނޑިވަޅުގައި އެފަދަ ކަންތައްތައް ހަނދާނަށް ގެނައުމުން، އައު އަހަރު ތިމާ ކުރާ ކަންކަން ރަނގަޅުކުރުމަށް ޢަޒުމު ކަނޑައެޅެއެވެ.

އައު އަހަރު ތިމާ ކުރަން ބޭނުންވާ ކަންކަން، ނުވަތަ ރިޒޮލޫޝަންތައް، ކަނޑައެޅުމަކީ ރަނގަޅު ކަމެކެވެ. އައު އަހަރުގެ ރިޒޮލޫޝަންގެ ތެރޭގައި ދެމަފިރިންގެ ލޯބި އިތުރުކޮށް، އާއިލާއާއި ތިމާގެ މީހުންނާއި ރައްޓެހީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރުން ހިމެނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.