ކުރިން އަހަރެން ހީކުރަނީ މި ކަހަލަ ކަންތައް ދިމާވަނީ ޒުވާން ފިރިހެނުންނަށް ކަމަށެވެ. އެއީ ފޯދެމުންދާ ޖިސްމެވެ. ވަރުގަދަ ވަމުންދާ ހަށްޓެވެ. ގަދަ ވަމުންދާ ހަކަތައެވެ. އެނބުރެމުންދާ ޚިޔާލެވެ. ދިމާވެދާނެއެވެ. ނަމަވެސް، މިއަދު އަހަންނަށް މިވަނީ އެފަދަ ކަމެއް ދިމާވެފައެވެ. ބުނަންވެސް ޖެހިލުން ވެއެވެ. އަންހެނަކަށް ވީމައެވެ. ލޫޅާފަތި ޖިންސް ވީމައެވެ. ކެތްތެރިވާން ޖެހޭ މީހާ ވީމައެވެ. ކަލޭމެން ބުނާނީ ކީކޭކަން ވެސް ނޭނގޭތީއެވެ. ބުނަންހެއްޔެވެ؟ އަހަރެން އަންހެނަކަށް ވީނަމަވެސް އަހަންނަކީ ވެސް އިންސާނެކެވެ. އަހަރެންގެ ވެސް ހުރީ އިޙުސާސެވެ. އަހަރެންގެ ވެސް އޮތީ ހިތެކެވެ. އެ ހިތް އަބަދުވެސް އަހަރެންގެ ކޮންޓްރޯލުގައި ބާއްވަން ބޭނުން ވެއެވެ. އެކަމަށް މަސައްކަތް ވެސް ކުރަމެވެ. އެކަމަކު، މި ފަހަރު މި އުޅެނީ އެކަން ނުކުރެވިގެންނެވެ. އަހަރެންގެ ހިތް މި ވަނީ އަހަރެންގެ ކޮންޓްރޯލުން ނެއްޓިފައެވެ. 

      އާދަނު އަހަންނަށް ބަލައިލިއެވެ. އެ ބަލައިލުން ކަނޑިއެއްގެ މިޔަހާ ތޫނެވެ. އަހަރެންގެ ހިތް ކަފައިގެންދިޔައެވެ. ހިތުން ފޭބި ލެއިން އަހަރެންގެ މޫނު ރަތްވިއެވެ. އޭނާ އަހަންނަށް ބަލައިލާ ކޮންމެ ފަހަރަކު ވެސް ވާގޮތަށެވެ. 

      “މިއަދު ހައްވަގެ މޫނު ހާދަ ރަތޭ. ހީވަނީ ދޮން ޖަންބެއްހެން.” ކައިރީގައި އިށީންނަމުން އާދަނު ބުންޏެވެ. އާދަނު އެހާ ކައިރީގައި އިށީނުމުން އަހަރެން ވަރަށް އުފާވިއެވެ. ހިތް ތެޅިލިއެވެ. 

      “މިހުރީ ރަތްފުށް ޖަހައި ރަތްކޮށްފައި.” އަހަރެން ސަމާސާކޮށްލީމެވެ.

      “އަހަންނަށް އެނގޭ.” އާދަނު އަހަރެންގެ ދިގު ފަން އިސްތަށިގަނޑާ ކުޅެލަމުން ބުންޏެވެ. “ތި މޫނުގައި އެއްވެސް އެއްޗެއް ހާކާކަށް ނުޖެހޭނެ.”

      “އެކަމަކު މިހިރީ ހާކާފައި.” އަހަރެން އަމިއްލައަށް ކޮލުގައި އަތް ކައްތާލަމުން ބުނީމެވެ. 

      “ހާދަ އޮމާނޭ. ހައްވަގެ އިސްތަށިގަނޑުހާ އޮމާން.” އާދަނު އަހަރެންގެ ކޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. އަހަންނަށް ލޯ މަރައިލެވުނެވެ. އެ އަތް އަހަރެންގެ މޫނުން ނުނެގުމަށް އަހަރެންގެ ހިތް ގޮވަމުން ދިޔައެވެ. އާދަނަށް އެ އަޑު އިވުނެވެ… ހިވީ އަވި ގަދަ ދުވަހެއްގައި ފިނި ފިނި ވައިރޯޅިއެއް ގައިގައި ބީހިލިހެންނެވެ. ހީވީ މޮޅު ނަތީޖާއެއް ލިބޭނެ އިމްތިހާނެއް ނިންމައިލެވުނު ހެންނެވެ. ހީވީ ނަލަނަލަ ހަވީރަކު މައު ބަގީޗާއެއްގެ ތެރެއަށް ވަދެވުނު ހެންނެވެ. ވީ އަރާމުން އާދަނުގެ އުނގުގައި އަހަންނަށް އޮށޯވެލެވުނެވެ.

މަންމާއޭ ކިޔާފައި ދަރިފުޅު ގޮވައިލި އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. 

      “ހައްވަ ނިދަނީތަ؟” ސްކޫލުން ދަރިފުޅު ގޮވައިގެން އައިސް ގެއަށް ވަން އަހަރެންގެ ފިރިމީހާ އެއްސެވެ.

      “ނޫން އޮވެވުނީ.” އަވަސް އަވަހަށް ގޮނޑިން ތެދުވަމުން އަހަރެން ބުނީމެވެ. “މަރީ ހިނގާ އަވަހަށް ޔުނިފޯމު ބަދަލުކުރަން. ހަމީދު ދޭ ކާން. އަހަރެމެން މި އަންނަނީ.”

އަހަންނާ ދިމާވެގެން އުޅޭ މައްސަލައަކީ މިއީއެވެ. އާދަނުގެ ޚިޔާލުގެ ތެރެއަށް އަހަރެން ގެނބެނީއެވެ. ގެއްލެނީއެވެ. ޣަރަގު ވަނީއެވެ. އާދަނާ އެއްކޮށް ޚިޔާލީ ދުނިޔެއެއްގައި އުޅެވެނީއެވެ. އެކުގައި ހިނގައިލާން ދެވެނީއެވެ. ގޮނޑުދޮށްތަކުގައި ރާޅުތަކުގެ މިޔުޒިކީ ރާގުތަކުގެ ތެރޭގައި ތިބެވެނީއެވެ. މަތިންދާ ބޯޓުގައި އެކި ތަންތަނަށް އުދުހެވެނީއެވެ. މިޔުޒިއަމްތަކުގައި ރީތި ތަސްވީރުތައް ބަލައި އުފާކުރެވެނީއެވެ. އެކުގައި އެކި އެއްޗެތި ކައްކައި ކައިހެދެނީއެވެ. ފިރިމީހާއާ އެއްކޮށް އުޅޭ ވަގުތު ތަކުގައި ވެސް އާދަނާ އެއްކޮށް އުޅެވެނީއެވެ. 

އާނއެކެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. މިކަމާހުރެ ހަމީދާ އަހަންނާ ދެމީހުންގެ ގުޅުމަށް ވެސް ބުރޫ އަރަން ފަށައިފިއެވެ. އަހަންނަށް ވަނީ ކީއްކަމެއް ހަމީދަކަށް ނޭނގެއެވެ. އެހެން އެކަކަށް ވެސް ނޭނގޭނެއެވެ. އެކަމަކު އަހަރެން އިހު ގޮތަށް ނޫންކަމާއި ކޮންމެ ވެސް ވިސްނުމެއްގައި އިންނަކަމަށް ހަމީދު ބުނެއެވެ. އެކަމާ ހަމީދު ސުވާލުކުރެއެވެ. ޒުވާބުކުރާ ހިސާބަށް ވެސް ދެއެވެ. ހަމީދު ހީކުރަނީ އަހަރެން އެހެން މީހަކާ ރައްޓެހިވެގެން އުޅެނީ ކަމަށެވެ. އެއް ގޮތަކުން އެއީ ރަނގަޅު ވާހަކައެކެވެ. އަހަރެން މި އުޅެނީ އެހެން މީހަކާ މެދު ޚިޔާލުކުރުމުގައެވެ. އަނެއް ގޮތަކުން އެއީ ރަނގަޅު ވާހަކައެއް ނޫނެވެ. އަހަރެން އެއް ވެސް މީހަކާ ޙަޤީޤަތުގައި ރައްޓެހިވެގެންނެއް ނޫޅެމެވެ.

މި ހާލަތުގައި ޙަޤީޤަތުގައި ރައްޓެހިވެގެން އުޅުމާ ރައްޓެހިވެގެން ނޫޅުމާ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ ރައްޓެހި ވެގެން އުޅޭ މީހަކާ އެއްކޮށް ހޭދަކުރާ ވަގުތަށް ވުރެން މާގިނަ ވަގުތު އާދަނާއެކު އަހަންނަށް ހޭދަކުރެވެއެވެ. ރައްޓެހިވުމުން އެ މީހެއްގެ ފަރާތުން ލިބޭ އުފަލާއި ހިތްހަމަޖެހުން އާދަނުގެ ފަރާތުން އަހަންނަށް ލިބެއެވެ. އަނބިމީހާ އެހެން މީހަކާ ރައްޓެހި ވެގެން އުޅޭކަމަށް ފިރިމީހާއަށް ހީކުރެވުމުން ލިބޭނެ ހުރިހާ ދެރަކަމާއި އުނިކަމެއް ހަމީދަށާއި އަހަރެމެންގެ ޙަޔާތަށް ދަނީ ލިބެމުންނެވެ. 

މިހެން މާގިނަ ދުވަސް ދާން ވެއްޖެނަމަ، އަހަރެމެންގެ ކައިވެނި ރޫޅުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރެން އެކަން ވާކަށް ބޭނުމެއް ނޫނެވެ. އަހަރެން ހަމީދު ދެކެ ނުހަނު ލޯބިވެއެވެ. ހަމީދަކީ ވެސް ރީތި ސިފަތަކެއް ލިބިގެންވާ އަޚުލާޤު ރަނގަޅު މަސައްކަތްތެރި ހީވާގި ފިރިހެނެކެވެ. އަހަރެމެންގެ މަސައްކަތުން މިވަނީ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދިފައެވެ. ނުހަނު ލޯބި ލޯބި އަންހެންކުއްޖެއް ވަނީ ލިބިފައެވެ. 

މި ޚިޔާލުތަކުން ނުކުމެވޭތޯ އަހަރެން ވަރަށް މަސައްކަތްކޮށްފީމެވެ. އެކަމަކު އަހަރެންގެ ހިތުގެ ކޮންޓްރޯލެއް މިކަމުގައި އަހަންނަކަށް ނުނެގުނެވެ. ހިތް މާ ވަރުގަދައެވެ. ހަމީދާ މެދު ކުރެވޭ ޚީޔާލުގެ ބާރު މާ ގަދައެވެ. އެންމެ ފަހުން، ވަރަށް ބޮޑަށް ވިސްނުމަށްފަހު އަހަރެން ނިންމީ މިކަމުގައި ކައުންސެލަރެއްގެ އެހީ ހޯދުމަށެވެ. އާދަނަށް ނޭނގި ކައުންސެލަރަކާ ބައްދަލުކުރެވޭނެ ގޮތް ރާވައި އޭނާގެ އެހީ ހޯދީމެވެ.

އަހަންނަށް ވާގޮތް ކިޔައިދީފައި ކައުންސެލަރ ގާތުން އަހަރެން އެހީމެވެ. “މިއީ އާދަޔާ ޚިލާފު ކަމެއްތޯ؟ މިއީ ވަރަށް ގޯސް ކަމެއްތޯ؟”

      “ތީ އާދަޔާ ޚިލާފު ކަމެއް ނޫން.” ކައުންސެލަރ ބުންޏެވެ. “ހިލޭ މީހުންނާ މެދު ވެސް ޚިޔާލުކުރެވިދާނެ. އެއީ އިޚްތިޔާރުން ބޭރުން ހިނގާ ކަމަކަށް ވާއިރު އެއީ ގޯސް ކަމެކޭ ވެސް ބުނެވޭކަށެއް ނެތް.”

      “އަޅުގަނޑު ބޭނުން މިކަމުން ސަލާމަތްވާން.” އަހަރެން ބުނީމެވެ. “އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުމެންގެ ކައިވެނި ރޫޅި، އަޅުގަނޑުމެންގެ ހަޔާތް ބަރުބާދުވެ، ދަރިފުޅަށް ނިކަމެތިކަން ލިބޭކަށް.”

      “ބޭނުން ދޯ ތިކަމުން ސަލާމަތްވާން؟” ކައުންސެލަރ ބުންޏެވެ. “ތި މައްސަލަ ފެށޭނީ ކޮންމެވެސް ކަމެއް ވެގެންނެއްނު؟ ކިހިނެއް ތިކަން ފެށުނީ؟” 

އެކަން ފެށުނު ގޮތް އަހަރެން ކައުންސިލަރަށް ތަފުސީލުކޮށް ކިޔައިދިނީމެވެ.

      “އާދަނަކީ އޮފީހުގެ އަޅުގަނޑުމެން ސެކްޝަނަށް އަލަށް ލެއްވި ވެރިއެއް. އޭނާ އަޅުގަނޑަށް ފެނުނީ އޭނާގެ ކޮޓަރިއަށް ސެކްޝަންގެ ކުދިންތައް ތައަރާފުވުމަށްޓަކައި ވަކިވަކިން ގެންދިއުމުން. އޭނާ ފެނުމާއެކު އަޅުގަނޑު އޭނާއަށް ހިތް ކިޔައިފި. އޭނާގެ ކޮލު ކަށިގަނޑާއި ދަތްދޮޅީގެ ފާޅުކަމާއެކު އޭނާގެ މޫނުގައި ގަދަފަދަ މީހެއްގެ ގޮތް ހުރި. އެ ފުރިހަމަ މޫނުގައި ހުރި ބޮޑު ނޭފަތުން މަތިވެރި އިންސާނެއްގެ ސިފަ ފާޅުވޭ. އޭނާގެ ވަރުގަދަ ބުމައިގެ ދަށުގައިވާ ދެލޮލުން ހީވީ އަޅުގަނޑުގެ ހިތް ތޮރުފައިލިހެން. މިއީ އަޅުގަނޑު ޒުވާން އިރުއްސުރެން ބޭނުންވެގެން އުޅުނު ކަހަލަ މީހެއް. މިއީ ހަމަ އެ މީހާ!” 

      “ގަޔާވާ ކަހަލަ މީހަކު ފެނުމުން ތިޔަ ފަދަ އިޙުސާސްތަކެއް ކުރެވިދާނެ.” ކައުންސެލަރ ބުންޏެވެ. “އެއީ އެހާ އާދަޔާ ޚިލާފު ކަމެއް ނޫން. އެކަމަކު ތިކަން އާދަޔާ ޚިލާފު ކަމަކަށް ވަނީ ތި ޚިޔާލު ހިތުން ނުފިލައި ހުންނާތީ. ތި ޚިޔާލު ހައްވަ ކޮންޓްރޯލު ކުރާތީ. އެހެން ދިމާވާނީ ތި ޚިޔާލު ހައްވަގެ ހިތުގައި އައުކުރެވޭނެ ގޮތްތަކެއް އޮވެގެން. އެ ދުވަހަށް ފަހު އާދަނާ ދިމާވޭތަ؟”

      “އޮފީސްތެރެއިން އާދަނާ ދިމާވޭ.” އަހަރެން ކިޔައިދީނީމެވެ. “އާދަނު ފެންނަ ކޮންމެ ފަހަރަކު އަޅުގަނޑުގެ ހިތަށް އެކި ފާޑުފާޑުގެ އެއްޗެހި ވަންނަމުންދިޔަ. އާދަނު ވެސް އަޅުގަނޑާމެދު ތަފާތު ގޮތެއް ބަހައްޓާކަން އެނގޭ. އަޅުގަނޑު އެކި އެކި ފަހަރު ކޮޓަރިއަށް ގެންދޭ. ވަރަށް ފުންކޮށް އަޅުގަނޑާ ދިމާލަށް ބަލަހައްޓައިގެން އިނދޭ. އެއް ދުވަހު ބުނި އަޅުގަނޑު ހާދަ ދޮނޭ ވެސް. އަޅުގަނޑުގެ ޚިޔާލު އާދަނަކާ ވަތްކެއް ނުވޭ.”

      “ކިހާ ދުވަހެއް ވެއްޖެ ހައްވަ ތި ކަމެއްގައި އުޅޭތާ މިހާރު؟” ކައުންސެލަރ އެއްސެވެ.

      “މިހާރު ތިން މަހެއްހާ ދުވަސް ވެއްޖެ.” އަހަރެން ބުނީމެވެ.

      “އާދަނާ ބެހޭގޮތުން ހައްވައަށް އެނގެނީ ކޯޗެއް؟” ކައުންސެލަރ އެއްސެވެ.

      “ޙަޤީޤަތުގައި އޭނާއާ ބެހޭގޮތުން އަޅުގަނޑަށް އެނގޭހާ ވެސް އެއްޗަކީ އެއީ އަޅުގަނޑު އެންމެ ގަޔާވާ ފިރިހެނާކަން.” އަހަރެން ބުނީމެވެ. “އެނޫން ކަމަކަށް އަޅުގަނޑަށް އެނގެނީ އޭނާގެ ހިތުގައި ވެސް އަޅުގަނޑާ މެދު ޝުޢޫރުތަކެއް ހިނގާކަން.”

      “ތިބުނީނު އެއީ ކާކުކަން ވެސްނޭގެއޭ. އަދި ބުނީމެއްނު ހައްވަގެ ފިރިމީހާ އަކީ ރަނގަޅު މީހެކޭ. ދަރިފުޅަކު ވެސް އެބަހުއްޓޭ. ހައްވަ ތިކަމުން ދުރުވާން ބޭނުމޭ؟” ކައުންސެލަރ އަހަރެން ދެއްކި ވާހަކަ ތަކުރާރު ކޮށްލިއެވެ.

      “އަޅުގަނޑު ބޭނުން މިކަމުން ސަލާމަތްވާން.” އަހަރެން ވެސް ތަކުރާރު ކޮށްލީމެވެ. “ބޭނުން މިކަމުން އަޅުގަނޑުމެންގެ އާއިލާ ސަލާމަތްކުރަން. އަޅުގަނޑު މަސައްކަތް ކޮށްފިން އެ ޚިޔާލު ނުކޮށް ވޭތޯ، އެކަމަކު އެކަމެއް އަޅުގަނޑަކަށް ނުވި. ކައުންސެލަރ ވިދާޅުވެދެއްވާ އަޅުގަނޑު ހަދަންވީ ގޮތެއް.” 

      “މިއަދު ގެއަށް ގޮސް ރަނގަޅު ވަގުތެއް ހޯދައިގެން ޚިޔާލުގައި އާދަނު ގާތަށް ދޭ.” ކައުންސެލަރ ބުންޏެވެ. “އާދަނު ގާތުގައި ބުނޭ. އަހަރެންމީ މީހެއްގެ އަތްބެކޭ. އަހަރެމެންގެ ކުއްޖެއް ވެސް އެބަ ހުއްޓޭ. އަހަންނަށް އާދަނުގެ ޚިޔާލު ކުރެވެނީ ގޯހުންނޭ. އަހަރެން މި ގޮތަށް އުޅޭކަށް ބޭނުމެއް ނޫނޭ. ދެން އަހަރެން ގާތަށް ނާންނާށޭ. އޭގެ ފަހުން އާދަނު އަޔަސް ހަމަ އެގޮތަށް ބުނަމުން ގެންދޭ. އަދި އާދަނަށް ނުބަލާތި. ތިން ދުވަސް ފަހުން އާދޭ.”

      އާދަނު އައުމުން، ކައުންސެލަރ ބުނި ގޮތަށް އަހަރެން ބުނީމެވެ. އެކަމަކު އޮފީހުން އާދަނު ފެނުމުން އާދަނަށް ނުބަލައެއް ނުހުރެވުނެވެ. ތިންދުވަސް ފާއިތުވީއިރު ވެސް އަހަރެމެންގެ ގުޅުމަކަށް އެއް ވެސް ބަދަލެއް ނައެވެ. 

       “ތިހެން ތި ދިމާވަނީ ކޮންމެ ދުވަހަކު އޮފީހުން އާދަނާ ބައްދަލުވާތީ. ތި ދެމީހުންގެ ނަޒަރު ދިމާވާތީ.” ކައުންސެލަރ އޮޅުން ފިލުވައިދިނެވެ. ތިހެން ބައްދަލުވާނަމަ، އަދި ތި ދެމީހުންގެ ސިދާ ނަޒަރު ގުޅެމުން ދާނަމަ ތިކަން ހުއްޓުން ވާނީ މިހާރު ދަތިކަމަކަށް. އެންމެ ފަހުން ރޫޅިދާނީ ތިޔަ މީހުންގެ ޒަވާޖީ ޙަޔާތް.”

      “ދެން އަހެން ވީއިރު އަޅުގަނޑު ކިހިނެއް ހަދާނީ؟” އަހަރެން އެހީމެވެ.

      “ވަޒީފާ އެހެންތަނަކަށް ބަދަލުކުރެވޭނެ ގޮތެއް ނުވާނެތަ؟” ކައުންސެލަރ އެއްސެވެ.

      “ބަލަން ޖެހޭނީ. ވެދާނެކަން ނޭނގޭ.” އަހަރެން ބުނީމެވެ. “އެކަމަކު ހަމީދާ ވާހަކަ ނުދައްކާ ތިކަމެއް ނުވާނެ.” 

      “ތި ހުރިހާ ވާހަކައެއް ހަމީދަށް ކިޔައިދޭންވީނު؟” ކައުންސެލަރ ހުށައެޅިއެވެ.

      “ނުކެރޭނެ.” އަވަސް އަވަހަށް އަހަރެން ބުނީމެވެ. “ކައުންސެލަރ އަރިހަށް މި އައީވެސް ހަމީދަށް ސިއްރުން.”

      “މާދަމާ ހަމީދާ އެއްކޮށް އާދޭ.” ކައުންސެލަރ ބުންޏެވެ. 

      “ނޭނގޭ އަންނާނެ ކަމެއް.” އަހަރެން ބުނީމެވެ. 

      “އައުމަށް ބާރު އަޅާ. ބުނޭ ކައުންސެލަރ ބުންޏޭ.”

ކައުންސެލަރާ ބައްދަލުކުރަން ދާން ބުނުމުން ހަމީދު ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ނަމަވެސް، އަހަންނަށް ފަހަކަށް އައިސް ދިމާވަމުންދާ މައްސަލައެއްގައި ކައުންސެލަރއަކާ ބައްދަލު ކުރުމުން ދެމީހުނާ އެކުގައި ބައްދަލު ކުރަން ބޭނުން ވާހަކަ ބުނީކަމަށް ބުނުމުން ދާން އެއްބަސް ވިއެވެ. 

އެތަނުގައި އެ ދުވަހު ކައުންސެލަރގެ ކުރިމަތީގައި ހައްވަ ހުރިހާ ވާހަކައެއް ހަމީދަށް ކިޔައިދޭން ޖެހުނެވެ. ހަމީދާއި ކައުންސެލަރ އަޑު އަހަން ތިއްބެވެ. ހަމީދުވެސް އޭނާއަށް މި ދެތިން މަސް ދުވަހު ކުރެވެމުން ދިޔަ އިހުސާސްތައް ހިއްސާކުރަން ޖެހުނެވެ. ހައްވައާއި ކައުންސެލަރ އަޑުއަހަން ތިއްބެވެ. އެ ދުވަހަށްފަހު ދެމީހުން ކަންތައް ކުރާނެ ގޮތް ރާވައި ކިޔައިދޭން ޖެހުނެވެ. ކައުންސެލަރ ރަނގަޅޭ ބުންޏެވެ.

ހަމީދާއި ހައްވައާ އަތުގުޅާލައިގެން ކައުންސެލަރގެ އޮފީހުން ނުކުމެގެން ދިޔައީ ހައްވަ އެހެން ތަނަކުން ވަޒީފާ ހޯދުމަށް ނިންމައިގެންނެވެ. ހައްވަގެ ޚިޔާލީ މާޒީ ފަސްއަޅައި ފޮރުވުމަށް އެއްބަސްވެގެންނެވެ.