ގުދަށް ކަހަލަ ގޮތަކަށް އޮވެގެން އަސާގަނޑެއްގެ އެހީގައި ހިނގާފައި އެ ދާ އަނަރޫފަ މުސްކުޅި އަންހެން މީހާއަށް ކުރިއަށް ފިޔަވަޅެއް އެޅެނީ ވަރަށް ލަހުންނެވެ. އޭނާއަށް ދެތިން ފިޔަވަޅެއް ކުރިއަށް އެޅޭއިރު އޭނާ ފަހަނައަޅާ އެތަކެއް މީހުން ބާރު ބާރަށް ދެކޮޅަށް ދެއެވެ. އެ މީހުން ހިނގާފައި ދާލެއް ބާރުކަމުންނާއި ދާ މީހުންގެ ގިނަކަމުން އެ މީހާ ބައެއް ފަހަރު ހުއްޓި ހުރެއެވެ. އެ ދާ މީހުންނަށް ބަލަހައްޓައިގެން ހުރެ ބުނެލައެވެ. “ހޫނ. ހޫނ. ދޭ. ދޭ. ވައި ސޫރިތަކެއްހެން ދޭ. ކަލޭމެން ހާދަ އަވަސް އަރައިގެން ތިއުޅެނީ. އޮޑި ފުރަނީތަ؟ އޮޑި ފުރިއްޔާ އަނެއް އޮޑި އޮންނާނެއެއްނު؟ ނޫނީ ދުނިޔެ ހުސްވަނީތަ؟ ދުނިޔެ ހުސްވެއްޖެއްޔާ އަނެއް ދުނިޔެ އޮންނާނެއެއްނު؟ ދުނިޔެ ވެސް އަދި އެހާ އަވަހަކަށް ނުނިމޭނެއެއްނު؟ ކަލޭމެންގެ ދުނިޔެ އަދި ކިރިޔާ ފެށުނީއެއްނު؟ ނިމެން ވެސް މިދަނީ އަހަރެމެންގެ ދުނިޔެއެއްނު؟ 

އެ ދައިތަގެ ގައިގައި އޮތީ ކަސަބު ބޯވަޅު އެޅި ލިބާހެކެވެ. އެއީ ކަސަބު ބޯވަޅެއްކަން އެނގެނީ އެކި ދިމަދިމާލުން ރޮދިތައް ނެއްޓި އެލިފައި ހުރުމުގެ ސަބަބުންނެވެ. އެ ކަސަބުގެ އެއްވެސް ކުލައެއް ނެތެވެ. ލިބާހުގެ ކުލައެއް، އަދި އަނދެގެން ހުރި ކަނޑިކީގެ ކުލައެއް ވެސް ކިޔާކަށް ނޭނގެއެވެ. އެ ދެގަނޑެތި ވެސް ވަނީ ބާވެ ކުލަވެއްޓި ހަސްފަސް ނެތިފައެވެ. އެ ދައިތަގެ ހެދުމާ އެއްފަދަ ހެދުމެއްގައި ހުރި އެކަކުވެސް ނުފެނެއެވެ. އެ ދާ މީހުން ތިބެނީ ނުހަނު އައު ފޭރާމުގައެވެ. އެކި ކުލަކުލައިގެ ޒަމާނީ ފެށަނުގައެވެ. ދައިތަ އެ މީހުންގެ ތެރެއިން ފެންނަ އިރު ހީވަނީ ހުދު ހަނޑޫ ދޮލަނގެއްގެ ތެރެއިން ފެންނަ ކަޅު ހަނޑޫފުކެއް ހެންނެވެ. އެކަމަކު، އެ ދައިތަ އެކަމަކާ ފަރުވާލެއް ހުރިހެނެއް ހިއެއް ނުވެއެވެ. އޭނާ ބިރުގަންނަނީ ބާރުބާރަށް ހިނގާފައި ދާ މީހުން އޭނާގެ ގައިގައި އަޅައިގެންފާނެތީއެވެ. އޭނާގެ ލޮލަށް ސާފުކޮށް ނުފެންނާތީ، އެންމެން ހިނގަން އޮންނަ މި ހަނި ތަންކޮޅުގައި އެއްކައިރިއަށް ޖެހިލަންވެސް ނޭނގޭނެތީއެވެ. އޭނާ ބިރުގަންނަނީ އޭނާ ވެއްޓިދާނެތީއެވެ. ގަލެއް ނަގާފައިވާ ތަނަކަށް ފައި ވަދެ ކުރީ ދުވަހަކު އޭނާ ވެއްޓުނު ފަހުން ހިނގަން އޭނާ ބިރުގަނެއެވެ. ފައި އަޅަނީ ބިންމައްޗަށް ވަރަށް ބަލާފައެވެވެ.

މަގުމަތީގައި ދުއްވާ އެއްޗެތި އިރުއިރުކޮޅާ ބަރުގޮނު އަޅާތީ ވެސް އޭނާއަށް އުނދަގޫ ވެއެވެ. ބައެއް ފަހަރު ހުއްޓިހުރެ ހުސްކޮށް އޮތް އަތުން އޭނާގެ ކަންފަތުގައި އަތްވެސް އަޅައެވެ. އޭނާ ބުނެއެވެ. “ހާދަ އަޑުގަދައޭ. ކަންފަތް ހީވަނީ ތޮރުފާހެން. ކީއްކުރަން ކަލޭމެން ގޮއްވާ އަޑެއް؟ އެހާ އަޑުގަދަ ނުކުރިނަމަވެސް ކަލޭމެން އަތުގައި ތި އެއްޗެހި ކުރިކަން އެހެން މީހުންނަށް ފެންނާނެއެއްނު؟ ކަލޭމެން ތިއެއްޗެތި ދުއްވާކަން އެހެން މީހުންނަށް އެނގޭނެއެއްނު؟ އަހަރެމެން ކުޑައިރު އެ ބޮޑު މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ދިޔައީ ވެސް ހަމަ ހިނގާފަ. ﷲ ފައި ދެއްވާފައި ވަނީވެސް ބޭނުމަކު ވިއްޔާ! އަހަރެމެން ކުޑައިރު ހާދަ އަޑު ވެސް މަޑޭ. އެންމެ ބާރު އަޑަކަށް ވެސް އިވޭނީ މުދިން މީހާގެ އަޑުން ބަންގި ގޮވާ އަޑު. ވެރިން ސަންގެއް ފުމެލާ އަޑު. ހާ ގޮވާއަޑު. އެ އަޑު އަޑު ހާދަ ރީއްޗޭ! ކީއްކުރާނީ…! މިއީ ކަލޭމެންގެ ދުނިޔެ ވިއްޔާ!”

ދައިތަ މަޑުމަޑުން ހިނގަމުން ދިޔައެވެ. އެނާ ދިޔައީ އޭނާގެ ހިތަށް އަންނަ އެއްޗެއް ކިޔަމުންނެވެ. މީހަކަށް އަޑު އިއްވާކަށް ނޫނެވެ. އޭނާގެ އަމިއްލަ ނަފުސަށް އިއްވުމަށެވެ. އޭނާއަށް އުފާ ލިބޭތީއެވެ. “އަލިފުޅާ، އަހަރެން މިދަނީ ކަލޭ ދެކިލަން. އަހަރެން ފެނުމުން ކަލެއަށް އެނގޭނެތަ؟ އޭރު އަހަރެން ނުހަނު ޒުވާން. އަހަންނާ ބެހޭ ގޮތުން ކަލޭ ވަރަށް ވާހަކަ ދައްކާނެ. ކަލޭ ބުނާނެ އަހަރެންގެ އިސްކޮޅު ވަރަށް ހެޔޮވަރޭ. އަހަރެންގެ ބުރުސޫރަ ވަރަށް ފުރިހަމައޭ. އަހަރެންހާ ރީތި މީހެއް މުޅި ދުނިޔޭގައި ވެސް ނުހުންނާނެއޭ. ކަލޭ އަހަރެންގެ ނޭފަތް ދިގު ވާހަކަ ބުނާނެ. ތުންފަތް ރީތިވާކަ ކިޔާނެ. ކަލޭ ބުނާނެ އަހަރެން ހީނލުމުން ހީވަނީ ފިނިފެން މަލެއް ފަރިވެ ފޮޅޭހެންނޭ. ކަލޭ އަހަރެންގެ ލޯ ރީތިވެގެން ވަރަށް ވާހަކަ ދަކާނެ. ބުނާނެ އަހަރެންގެ ލޮލުން ފެން ތެއްޔަކަށް ބަލަހައްޓައިގެން ހުރެފިނަމަ އެ ފެންތެލި ވެސް ކެކޭނެއޭ. އެ ލޮލުގައި އެހާ ބާރު ގަދައޭ. 

އެއީ އެ ދުވަސް އަލިފުޅާ. އެ ދުވަހުގެ ކަންކަން މިއަދު މިވަނީ ބަދަލުވެފައި. މުޅިން ބަދަލުވެފައި. މިއަދު އަހަރެންގެ އެ އިސްކޮޅެއް ވެސް ނެތް. މިވަނީ ކުޑަވެފައި ގުދުލާފައި. ނޭފަތްވެސް މިވަނީ ކުރުވެފައި. ވަޅުވަދެފައިވާ ދެ ކޯތާފަތުގެ މެދުގައި ތުންފަތް ހީވަނީ ހިކި ހިތި ފަތެއް ހެން. ލޯ މިވަނީ ވަޅުވަދެ ފުސްވެ އަނދިރިވެފައި. ކަލޭ ތަޢުރީފުކުރި ރީތިކަން މިވަނީ ޒަމާނާއެކު ނެތި ގޮސްފައި. މީހާ މިވަނީ މުސްކުޅިވެ ހަންޓޯޓޯ ވެފައި.” 

އެހެން ލާފައި ދިޔަ ފިރިހެން ކުއްޖަކަށް ގޮވާލާފައި ދައިތަ ބުންޏެވެ. “އޭ ކޮއްކޯ. ހުއްޓިލަބަލަ. ދައިތަ މިބުނާ އެއްޗަކަށް ޖަވާބު ދީފައި ދޭބަލަ.” އެ ޒުވާނާ ހުއްޓިއްޖެއެވެ. ދައިތަ އެއްސެވެ. “އަހަރެން ޒުވާން އިރު ހުނާނީ ކިހިނެއް؟” ދައިތަގެ މޫނަށް ބަލާލާފައި ޒުވާނާ ހީނލިއެވެ. ދައިތަގެ ރޫޖެހިފައިވާ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. “އަހަންނަށް ހީވަނީ ދައިތަ ޒުވާން އިރު ވަރަށް ރީތިވާނެހެން.” އެ ޒުވާނާ ބުނެލިއެވެ. އޭނާގެ ބުރަކަށީގައި ފިރުމާލާފައި ދައިތަ ބުންޏެވެ. “ކޮއްކޮ ތިބުނީ ހަމަ ތެދަށް. އެކަމަކު ބުނަން؟ އެ ރީތިކަމަކުން ވީ ކަމެއް ނެތް! ސިހުރުގެ ބާރު މާ ގަދަ! ދެން ކޮއްކޮ ތި ދާ ތަނަކަށްދޭ.” ޒުވާނާ އެއްސެވެ.”ދައިތަ ތި ދަނީ ކޮންތަނަކަށް މި ރަތްދަކަ އަވީގައި. އަދި ފައިވާނަކަށް ވެސް ނާރާ؟” “ދަރިފުޅާ. ދައިތަ މިދަނީ އަލިފުޅު ދެކިލަން ހޮސްޕިޓަލަށް.” ދައިތަ ބުންޏެވެ. “ހޮސްޕިޓަލު އަދި ހުރީ ހާދަ ދުރެއްގައޭ ދައިތާ. އެ ހިސާބަށް ދައިތައަށް ދެވޭނެތަ؟” އޭނާ އެއްސެވެ. “އަހަރެން ދާން ވާނެ. އަހަރެން އަތުގައި އެބައޮއް އަލިފުޅަށް ދައްކާލަން ޖެހޭ އެއްޗެއް ވެސް.” ދައިތަ ބުންޏެވެ. “ދައިތާ ހިޔަލުން ދާތި.” މިހެން ބުނެފައި އޭނާ ހިނގައިގެންފިއެވެ. ހާދަ ރަނގަޅު ކުއްޖެކޭ ދައިތަގެ ހިތަށް އެރިއެވެ.

“އަލިފުޅު އަހަންނާ އިންއިރު އަލިފުޅު ވެސް ވާނީ އުމުރުގެ ގޮތުން ހަމަ އެހާވަރު.” ދައިތަ ވާހަކަ ދައްކަމުން ހިނގައިގަތެވެ. “އެކަމަކު އެއަށް ވުރެން އިސްކޮޅުން ދިގުވާނެ. ހިމަތޮޅި ރީތި ހަށިގަނޑެއް. ބޯ ތަންކޮޅެއް ކުޑަ ނަމަވެސް އިސްތަށިގަނޑު ބޮޑުކަމުން އެކަމެއް ފާހަގައެއް ނުކުރެވޭ. ދުރު އަތޮޅަކުން އަހަރެމެންގެ ރަށަށް އަރުވައިލި މީހެއް އެއީ. އޭނާ ރަށަށް ގެނައި ދުވަސް އަހަރެން ވަރަށް ހަނދާން ހުރޭ. ކަތީބުގޭ ދަލޭކައާއި މަށާ އަދިވެސް ދެތިން އަންހެން ކުދިން ތިބީ އަތިރިމަތީގައި ހުރި ގަހެއްގެ ދަށުގައި އިލޮށި މަށަން. އަތޮޅުވެރިކަން ކުރާ ރަށުގެ ބަޔަކާއެކު އޭނާ ދޯނިން ފައިބައިގެން އަންނަތަން ފެނުމުން އަހަރެން ބުނިން ‘އޭ ދަލޭކާ ބަލާބަލަ އެއޮއް އަންނަ ރީތި މީހެއް! އަހަރެން އިންނާނީ އޭނާއާ.’ އަހަރެން އެހެން ބުނުމުން ދަލޭކަ ވެސް ބަލާލައިފައި ބުނި ‘އަހަރެން، އޭނާއާ އިންނާނީ.’ އެއީ ހަމަ ސަމާސާ. އޭރު އަހަންނާ އިންނަން ވެގެން ދެތިން ކުއްޖަކު އުޅޭ. އަދި ދަލޭކައާ ކައިވެނިކުރެވޭތޯ ރަށުގެ ވަރަށް ގިނަ ކުދިން މަސައްކަތްކުރަމުން ގެންދޭ. އެކަމަކު ކަން ވާނީ ކަން ވާން އޮތް ގޮތަކަށް ނު؟ އަހަރެންގެ ހިތަށް އަރާ އަލިފުޅު ހުންނާނީ މިހާރު ކިހިނެއްބާއޭ. އެނާ ފެނުމުން މިއަދު އަހަންނަށް އެނގޭނެ ބާއޭ.” 

އެ ވަގުތު ފަހަތުން އައިސް ދައިތައާ އަރައި ހަމަވި ދެ އަންހެން ކުއްޖަކު ދައިތަގެ ގާތުގައި މަޑުކޮށްލިއެވެ. އެ މީހުން އެއްސެވެ. “ދައިތާ ކޮން ވާހަކަތަކެއް ތިޔަ ކިޔަނީ. ދައިތަ ތި ދަނީ ކޮން ތަނަކަށް؟” “އަހަރެން މިކިޔަނީ އަލިފުޅާ ދިމާވި ގޮތުގެ ވާހަކަ. އަހަރެން މި ދަނީ އޭނާ ދެކިލަން.” ދައިތަ ބުންޏެވެ. “އޭނާ ކޮބާ؟” އެކުދިން އެއްސެވެ. “އޭނާ ވީ ހޮސްޕިޓަލުގައި. އަހަރެން މިދަނީ އެތަނަށް.” ދައިތަ ބުންޏެވެ. “ދައިތާ މި ހޫނުގަނޑުގައި ދައިތައަކަށް ނުދެވޭނެ ހިނގާފައި. ދައިތަ ކާރެއްގައި ދާންވީނު؟” “ނޫން. އަހަރެން ދާނީ ހިނގާފައި. އަހަރެން އަބަދު ވެސް އުޅެނީ ހިނގާފައި.” “ދައިތަ ތިހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެއެއްނު. ޖެހިގެން މިހުރީ އަހަރެމެންގެ ގެ. ހިނގާ އިރުކޮޅަކު ފިނިކޮށްލަން.” އެ ކުދިން ބުންޏެވެ. “އަހަރެން ވަރުބައްޔެއް ނުވޭ. އެކަމަކު ފިނިކޮށްލަން އިރުކޮޅަކު މަޑުކޮށްލެވިދާނެ.” ދައިތަ އެހެން ބުނުމުން އެކުދިން ދައިތަގެ އަތުގައި ހިފައިގެން އެ ގެއަށް ގެންދިޔައެވެ. 

ދައިތަ އެތާ ހިޔަލުގައި ހުރި ޖޯލިފައްޗެއްގައި ބައިންދައި ޖޫސްތައްޓެއް ހިފައިގެން އައިސް ދައިތައަށް ދީފައި އެއްސެވެ. “މި ޖޫސްތަށި ބޯލައިގެން އިރުކޮޅަކު މަޑުކޮށްލާފައި ދޯ ދެން ދާނީ؟ ދައިތައަށްތަ އަލިފުޅާ އިނދެވުނީ؟” “ދައިތަ ދައްކަމުން ދިޔަ ވާހަކަ ކޮއްކޮމެން އަޑު އެހީތަ؟” ދައިތަ އެއްސެވެ. “ކުޑަ ތަންކޮޅެއް އިވުނު.” “އާނ. އަލިފުޅާ އިނދެވުނީ އަހަންނަށް.” ދައިތަ ކިޔައިދިނެވެ. “އަލިފުޅު ބޭނުން ވެގެން ވަރަށް ގިނަ ކުދިން އުޅުނު. އެކަމަކު އެންމެ ފަހުން އަލިފުޅު އިނީ މަށާ. އަލިފުޅަކީ ވަރަށް ހީވާގި މުރާލި މީހެއް. އަހަރެން ވެސް ވަރަށް މަސައްކަތްކުރަން ވަރަށް އަވަހަށް ދިރިއުޅުމެއް ހޯދިއްޖެ. މިކަމާ ކަތީބުގޭ ދަލޭކަ ވަރަށް ހަސަދަވެރި ވޭ. މީހަކު ފޮނުވައި ބުނި ލާހިކެއް ނޫނޭ އިނދެގެން އުޅޭކަށް. އެކަމަކު އަލިފުޅު އަހަރެން ދެކެ ނުހަނު ލޯބިވޭ. އަހަރެންވެސް އަލިފުޅު ދެކެ އެހާ ލޯބިވޭ. އަހަރެމެން އުޅެމުން ގެންދިޔައީ ވަރަށް އުފަލުގައި.”

“ދެން ކިހިނެއްވީ؟” އެ ކުދިން އެއްސެވެ. ދައިތަ ކިޔައިދިނެވެ. “އަލިފުޅު ފޮނުވާލާފައި ހުރި މުއްދަތު ހަމަވުމުން ދިރިއުޅުން އިތުރަށް ތަނަވަސްކުރަން ވިޔަފާރިއެއް ފެއްޓުމަށްޓަކައި އާމްދަނީ ހޯދުމަށް އޭނާ ދިޔައީ ބޯޓު ދަތުރުކުރަން. ވަރަށް ރަނގަޅު. ދޭތެރެ ދޭތެރެއިން ސިޓީ ފޮނުވާނެ. ހަދިޔާ ފޮނުވާނެ. ތިން އަހަރު ކޮށްފައި އައި އިރު ވަރަށް ގިނަ ތަކެތި ގެނައި. އަހަންނަށް ގެނެސް ދިން ފުލަކަށް ފައުނެއް ލާފައި އިން ދިގުދިގު ރަން ފަށެއް ވެސް. އެ ފަށް އަހަރެންގެ ކަރުގައި އަޅުވައިދީފައި ބުނި މިއީ ތިމަންގެ ލޯބީގެ ރަމްޒެކޭ. ކަރުން މި ނުނަގައްޗޭ ދުވަހަކުވެސް. އަހަރެން ބުނިން އާނއެކޭ. އަހަރެން ދުވަހަކު ވެސް ދޫކޮށްނުލައްޗޭ.”

“ތީ ރީތި ވާހަކައެއްނު، ދެން ކިހިނެއްވީ؟” އެކުދިން އެއްސެވެ. ދައިތަ ކިޔައިދިނެވެ. “ވީގޮތަކީ ދަލޭކަގެ މުސީބާތް ލައިގަތީ. ދަލޭކަ ސިހުރު ހައްދަން ފެށީ. އަހަރެމެނަށް ކުއްޖަކު ވެސް ނުލިބުނު. އަހަރެން ވެސް ރައްކަލަށް ކަންތައްތައް ކުރުވިން. އެކަމަކު ދަލޭކައިގެ ސިހުރު މާ ވަރުގަދަ. އަލިފުޅު ދެވަނަ ފަހަރަށް ބޯޓު ދަތުރުކުރަން ދިއައިރު އޭނާ ހުރީ ބަދަލުވާން ފަށާފައިހެން ހީވަނީ. އެންމެ ފުރަތަމަ ސިޓީއެއް ފޮނުވައިލީވެސް ލައްކަ ދުވަހުން. ވަރަށް ކުރުކުރު އާދައިގެ ސިޓީއެއް. އޭގެ ފަހުން ސިޓީއެއް ވެސް ނުލިބި، ޚަބަރެއް ދަބަރެއް ނުވެ އެތައް ދުވަހެއް ގޮސްފައި އެއް ދުވަހު ސިޓީއެއް ލިބުނުއިރު އޭގައ ވަނީ ގޯސްކޮށް އުޅޭތީ އަހަރެން ވަރިކުރި ވާހަކަ. އެކަމަކު، ދައިތަ ހުވާކުރަން ދުވަހަކުވެސް ގޯސްކޮށް ނޫޅޭކަމަށް.” ދައިތަގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އެ ކުދިން އެއްޗެކޭ ނުކިޔައި މަޑުން ތިއްބެވެ. އަވަސް އަވަހަށް ޖޫސްތަށީގައި ހުރި އެތިފޮދު ބޯލާފައި ތެދުވަން އުޅެން ފެށުމުން އެކުދިން އިރުކޮޅަކު މަޑުކޮށްލަން އެދުނެވެ. 

“އަލިފުޅު އަހަރެން ވަރިކުރި ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ނުބުނަން. ހުރީ ކެއްކޮށްގެން. އަންނަންދެން.” ދައިތަ ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ދެ އަހަރު ފަހުން އެނބުރި އައިސް އޭނާ އިނީ ދަލޭކައާ. ދެން އަހަންނަށް ވާނެގޮތް ކަލޭމެން ވިސްނާ. އަހަރެން ހަމަ މޮޔަވީ.” “ދައިތަ ހޮސްޕިޓަލަށް ތި ދަނީ، ކޮބާ މިހާރު ދަލޭކަ؟ އެކުދިން އެއްސެވެ. “އަހަންނަށް ސިހުރު ހައްދާފައި އިނދެގެން އެ މީހުންނަކަށް ވެސް މާ ރަނގަޅު ގޮތެއް ނުވި. އަލިފުޅަށް ޖެހުނީ ހުރިހާ ފައިސާއަކަށް ކަތީބުގޭ ފިހާރައަށް މުދާ ގަންނަން. ކަތީބު ވަރަށް މުއްސަނދިވި. ދަލޭކަ ފުރަތަމަ ދަރިފުޅު ވިހެމުގެ ތެރޭގައި ދަރިފުޅާއެކު މަރުވީ. އަލިފުޅު އެ ގޭގައި ބާކީވީ. މުދަލެއްވެސް، އެކައްޗެއް ވެސް ނެތި ފަގީރަކަށްވީ.”

“އަލިފުޅު ފަހުން ދައިތަގެ ގާތަކަށް ނާދޭތަ؟” އެ ކުދިން އެއްސެވެ. ދައިތަ ބުންޏެވެ. “އައި. ކިތަންމެ ވަރަކަށް ވެސް އާދޭސްކުރި. އަކަމަކު ދައިތަ ބުނިން ނޫނެކޭ. އެހެން މީހުން ވެސް އިންނަން ވެގެން އައި. އެކަމަކު، ފިރިހެނުން ދެކެ ހިތުގައި ނަފުރަތު އުފެދިއްޖެ. ދިރިއުޅުން ދެކެ ފޫހިވެއްޖެ. އަހަރެންގެ ދުނިޔެ ގޮވާން ކެނޑި ދަނޑަކަށް ބަދަލު ވެއްޖެ. ރަށުގައި ވެސް ނުހުންނަން ވެގެން އެންމެ ފަހުން މާލޭގެ ގެއަކަށް އައީ. ދައިތަ މުސްކުޅިވެ މި ދިޔައީ އެގޭގައި ނޯކިރީ ކުރަން ހުރެ.” 

އެކުދިން އެއްސެވެ. “ދެން ކީއްކުރަން މިއަދު އަލިފުޅު ދެކިލަން ތިޔަ ދަނީ؟” ދައިތަ ބުންޏެވެ. “އަލިފުޅަކީ އަހަރެންގެ އަލަތު ފިރިމީހާ ކޮންމެ ގޮތެއް ވިޔަސް. އޭނާ ގާތު ބުނެލަން ބޭނުންވާ ވާހަކައެއް ވެސް އެބައޮތް. އަހަރެން މަރުވުމުގެ ކުރިން އެ ވާހަކަ ބުނެލަން ބޭނުން.” ދައިތަ ޖޯލިން ތެދުވަން މަސައްކަތްކުރުމުން އެކުދިން އެހީތެރިވެދިނެވެ. އަދި ބުންޏެވެ. “އަހަރެމެން ދާނަން ދައިތައާއެކު ހޮސްޕިޓަލާ ހަމައަށް.” 

“އަލިފުޅަށް ކިހިނެއްބާވީ؟ ތަންކޮޅެއް ކުރީ ދުވަހެއްގައި މީހަކު ބުނި ވަރަށް ބަލިވެ އުޅޭވާހަކަ ވެސް. މާލެ ގެނައީ އެ ބަލީގައި ރަނގަޅު ނުވެގެން ކަންނޭނގޭ. ރަނގަޅުވުމުން ޖެހޭނީ އަވަހަށް ގެންދަން. މި މާލެ މިއީ މުސްކުޅިން އުޅެން އޮތް ތަނެއްނޫން؟ މިތާގައި ކަންތައްތައް ކޮށްފައި ހުންނަނީ މުސްކުޅިން އުޅޭނެކަމަށް ބަލައިގެނެއްނޫން.” ހޮސްޕިޓަލާ ހަމައަށް ދެވެން ދެން ވެސް ދައިތަ އެކި އެއްޗެތި ކިޔަމުން ގެންދިޔައެވެ.

އައިޖީއެމްއެޗްގެ ދޮރުމައްޗަށް އަރާފައި އެކުދިން މި އާދެވުނީ ހޮސްޕިޓަލަށޭ ބުނުމުން ދައިތަ ބުންޏެވެ. “އަހަރެން އެއްގޮތަކަށް ވެސް އަންނަ ހިތްވާ ތަނެއް ނޫން. މީހުން ގިނަކަމުން. މުސްކުޅިއަކާ އަޅާލާމީހަކު ނުފެންނާތީ. ކޮއްކޮމެން ކަހަލަ ކުދިން އެތާގައިވެސް ތިބޭނަމަ ކިހާ ރަނގަޅު.” ދައިތަ މިހެން ބުނުމުން އެކުދިން އެއްސެވެ. “ދައިތަ ބޭނުންތަ އަހަރެމެން ދައިތައާ އެއްކޮށް ދާން؟” “ކޮއްކޮމެން މިއަދު ތި ދެއްކި އިހުސާންތެރިކަމެއް މީގެ ކުރިން ވަރަށް މަދު މީހެއްގެ ފަރާތުން ފެނިފައި ވަނީ. ކޮއްކޮމެން ދެން ދޭ. ދައިތަ އަލިފުޅު އޮތް ތަނެއް ހޯދައިގެން ހިނގައިދާނަން.” އެ ދެކުދިން ވާހަކަ ދައްކާލާފައި ދައިތަ ހޮސްޕިޓަލުގެ ތެރެއަށް ދޫކޮށްލާފައި ދާން އުނދަގޫ ވާހަކަ ބުންޏެވެ. “ކޮއްކޮމެން އަންނަންޏާ އާދޭ. ދައިތައަށް ރަނގަޅު އައިއްޔާ. އަލިފުޅު އޮތްތަނެއް ހޯދައިގެން އަހަރެން އެތަނަކަށް ގެންގޮސް ދިނިއްޔާ ވަރަށް ރަނގަޅު.” ދައިތަ ބުންޏެވެ. 

ނަސީބަކުން އަލިފުޅު ހޯދާކަށް އެހާ އުނދަގުލެއް ނުވިއެވެ. ހޮސްޕިޓަލުގައި އެވަގުތު އެޑްމިޓްކޮށްފައި ވަނީ އެންމެ އަލިފުޅެކެވެ. އެކަމަކު، މެހުމާނުންގެ ގަޑި ނޫން ވީމަ އަލިފުޅު ގާތަށް ދާން ދަތިވިއެވެ. އެހެން ނަމަވެސް، އެކުދިން އެ ދައިތަގެ މި ދަތުރުގެ ވާހަކަ ކިޔައިދީ ހެދުމުން އަލިފުޅާ ބައްދަލުކުރަން ދެވޭނެ ގޮތް ހަމަޖެހިއްޖެއެވެ. އެ ކުދިން ދައިތަ ގޮވައިގެން އަލިފުޅު އޮތް އެނދު ކައިރިޔަށް ދިޔައިރު އެ މީހުންނަށް ފެނުނީ އެތަކެއް ހޮޅި ގުޅާފައި އޮތް ހިކި ކަށިގަނޑެއް ފަދަ މީހެކެވެ. އޭރު ވެސް ނަރުހަކު އެނދު ކައިރީގައި ހުއްޓެވެ. 

އަލިފުޅާ އޭ ކިޔައި އެ ދައިތަ ގޮވައިލިއެވެ. ނަމަވެސް އެއްވެސް އިޝާރާތެއް ނެތެވެ. ދައިތަ އެނދު ކައިރިޔަށް ޖެހިލާފައި އަނެއްކާ ވެސް ގޮވައިލިއެވެ. އިޝާރާތެއް ނެތެވެ. ދައިތަ އެނާގެ އަތުގައި އޮތް އަސާގަނޑު އެނދުގައި ލައްކޮށްލިއެވެ. އެއް އަތުން އަލިފުޅުގެ އަތް ދައިތަގެ އަތުތެރެއަށް ލިއެވެ. ދައިތަގެ ކަރުވާޅު ތެރެއަށް އަނެއް އަތް ބާނައި ދިގު ރަން ފައްޓަރުފަށެއް ބޭރަށް ނެރުނެވެ. އެ ފަށުގެ ފުލުގައި އޮތް ފައުނަށް ބަލައިލިއެވެ. އެ ފައުނު އަލިފުޅުގެ އަތުގައި ކާއްތަމުން ބުންޏެވެ. “އަލިފުޅާ. އަލިފުޅާ. ލޯ ހުޅުވާލަބަލަ. ބަލާލަބަލަ. މިހިރީ ދޮން ހައްވަ. އަލިފުޅުގެ ފުރަތަމަ އަނބި ދޮން ހައްވަ. މިއޮތީ އަލިފުޅު އަހަރެން ކަރުގައި އެޅުވި ފައްޓަރުފަށް. އަލިފުޅު އެދުނު ގޮތަށް އަދިވެސް މިއޮތީ ނުބާލާ.” އެ ވަގުތު އަލިފުޅުގެ ލޯ ބަލިބަލިކޮށް ހުޅުވައިލިއެވެ. ކަރުނަ ފޭބިއެވެ. ހައްވާއޭ ބުނަން އުޅޭހެން ހީވިއެވެ. ފައްޓަރު ފަށުގެ ފުލާއެކު ހައްވަގެ އަތް އަލިފުޅުގެ މޫނާ ދިމާލަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ. އެ ވަގުތު އަލިފުޅުގެ ބޯ އެއްފަރާތަކަށް އަރިއަޅައިލިއެވެ. ހައްވަ ރޮއިގެންފައި ހައްވަގެ އަތު ތެރޭގައި އޮތް އަލިފުޅުގެ އަތް، ހައްވަގެ މޭގައި ޖައްސައި ފިއްތައިލިއެވެ.