ދޮރު ހުޅުވާފައި ކޮޓަރިއަށް ވަން ވަގުތު ނާޞިރުގެ ނޭފަތުގައި ޖެހުނީ ވަރަށް މީރު ވަހެކެވެ. ކޮޓަރިޔަށް ވަން ވަގުތު އެ ވަސް ދުވީތީ ވަރަށް ހައިރާން ވިއެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. ތަޅުދަނޑި އޮތީ އޭނާގެ އަތުގައެވެ. މީހަކަށް ނުވަދެވޭނެއެވެ. އެހެން ވީއިރު ކޮޓަރިން އެ ވަސް ދުވަންވީ ކީއްވެ ހެއްޔެވެ. ކޮންމެއަކަސް، ނާޞިރު ކޮޓަރިއަށް ވަދެ އިރުކޮޅެއް ވުމުން އެ ވަސް މަޑުމަޑުން ފިލައި ހިނގައްޖެއެވެ. 

       އޭގެ ފަހުގެ ދުވަހެއްގައި ވެސް ހަމަ އެހެން ދިމާވެއްޖެއެވެ. ތިންވަނަ ދުވަހެއްގައި ވެސް ހަމަ އެކަން ތަކުރާރު ވެއްޖެއެވެ. ނާޞިރަށް މި ވަހާ މެދު ވިސްނަން ފެއްޓުނީ އެ ދުވަހުއެވެ. އެ ދުވަހު އޭނާގެ ހިތަށް އެރިއެވެ. ‘މިއީ ހަމަ ގައިމު ވެސް އަހަންނަށް އެނގޭ ވަހެކެވެ. ކުރިން ދުވާފައިވާ ވަހެކެވެ. މިއީ އަހަރެން ގެ އަންހެނުން ބޭނުންކުރި އަތަރެއްގެ ވަހެވެ. އެކަމަކު މިހާރު އެވަސް ދުވާންވީ ކީއްވެގެން ހެއްޔެވެ؟ އަންހެނުން ނިޔާވިތާ މިހާރު މިއީ ތިންވަނަ އަހަރެވެ. މާކުރީގައި އިވިފައި ހުންނަ އަޑު އަޑު، އެ އަޑުތައް އިވިފައިވާ ތަންތަނުގެ ފާރުގައި ހަރުލާފައި ހުރުމަށް ފަހު މާ ފަހުން ވެސް އިވޭ ވާހަކަ މީހުން ކިޔައި އުޅެއެވެ. ވަސް ވެސް އެހެން ވަނީ ބާވައެވެ. އެކަމަކު ދުވަހަކު ވެސް ކުރިން އެތަނަކުން ދުވި ވަހެއް އެ ތަނެއްގައި ހަރުލާފައި ހުރުމަށް ފަހު އަލުން ދުވަންފަށާ ވާހަކައެއް އަޑެއް ނާހަމެވެ. އަނެއްކާ އަހަރެން ޝިޔާމާ ހަނދާންކުރާ ވަރުން އެ ވަސް ދުވާހެން އަހަންނަށް ހީވަނީ ބާވައެވެ.’ 

       ތިންވަނައަށް މި ވަސް ދުވި ދުވަހު ނާޞިރު ޙަޤީޤަތުގައި ވެސް ވަރަށް ކަންބޮޑުވެއްޖެއެވެ. އޭނާގެ ދަރިފުޅު މަރީއަށް ގޮވައި އެ ކޮޓަރިއަށް ގެނެސްފައި ބުންޏެވެ.

       “ދަރިފުޅަށް މިތަނުން ވަހެއް ދުވާތަ؟”

       “ލައްބަ. ބައްޕާ.” ދެތިން ފަހަރަކު ނޭފަތް ދަމަ ދަމާފައި މަރީ ބުންޏެވެ. “އެބަ ދުވާ ވަރަށް މީރު އަތަރެއްގެ ވަސް. ބައްޕަ ލައިގެން ހުރި އެއްޗެއް ނޫންތަ؟”

       “އާނ. އަހަރެން އަތަރެއް ނުލަން.” ނާޞިރުވެސް އެ ވަސް އަންނަ ދިމާލެއް ހޯދޭތޯ އެކި ދިމަދިމާލަށް މޫނު އަނބުރަމުން ބުންޏެވެ. “ބައްޕަ ކުރިން ހީކުރީ ވަސް ދުވާކަމަށް ބައްޕައަށް ހީވަނީއޭ. އެކަމަކު މިހާރު އެނގިއްޖެ ހަމަ އަސްލުގައި ވެސް ވަސް ދުވަނީކަން. އެކަމަކު ބައްޕަ ހައިރާން ވެއްޖެ މި ވަހެއް ދުވާތީ. މިހާރު ތިން ފަހަރަކު މިގޮތަށް ދިމާވެއްޖެ.”

       “ތި ވެދާނެއެއްނު ބައްޕަ މަސައްކަތް ކުރައްވާ ތަނުން ބައްޕަގެ ހެދުމުގައި ހޭކިގެން މިގެއަށް އަންނަ ވަހަކަށް.” މަރީ ބައްޕައާ ސަމާސާ ކޮށްލިއެވެ. “ތި ވެދާނެއެއްނު ބައްޕަގެ ހެދުމުގައި އެތަނުން ކުއްޖަކު ހާކާ އަތަރެއްގެ ވަހަކަށް ވެސް.” މަރީއަކީ ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ބައްޕައާ ވަރަށް ސަމާސާ ވާހަކަ ދައްކާ ވެސް ކުއްޖެކެވެ. ނާޞިރާއި ޝިޔާމާގެ ހުރީ މަރީ އެކަންޏެވެ. މަރީގެ އުމުރުން ތޭރަ އަހަރު ވެފައި ވީނަމަވެސް ބައްޕަމެނާ ވާހަކަ ދައްކާއިރު ހީވާނީ ހަތަރު ފަސް އަހަރުގެ ކުއްޖެއް ހެންނެވެ.

       “މިއީ އަތަރެއްގެ ވަސް. އެކަން ޔަޤީން.” ނާޞިރު ބުންޏެވެ. “އެކަމަކު މިއީ ބައްޕަގެ ގައިގައި އުނގުޅިގެން އަންނަ ވަހެއް ނޫން. އެހެންނަމަ ކޮޓަރިއަށް ވަނުމުގެ ކުރިން ވެސް ދުވަން އެންމެ ރަނގަޅެއްނު؟”

       “ތި ވަހުގެ ކޮންމެ ވެސް ސިއްރެއް ވާނެ.” މަރީ ބުނެލިއެވެ. “ތި ވެދާނެއެއްނު މަންމަގެ ހެދުންތަކާއި ހުރިހާ އެއްޗެތި ބައްޕަ ރައްކާކޮށްގެން ގެންގުޅޭ އިރު އެއިން އަންނަ ވަހަކަށް ވެސް.”

       “މިހާ ދުވަހުންތަ އެ އެއްޗެހިން ވަސް ދުވަންވީ؟” ނާޞިރު ކުޑަކޮށް މަޑުޖެހިލާފައި ބުނެލިއެވެ. “ތިކަން ވެސް ބައްޕަ ބަލައިލާނަން. އެކަމަކު ބައްޕައަށް ހިއެއް ނުވޭ މިއީ މަންމަގެ ހެދުންތަކުން އަންނަ ވަހެއް ހެނެއް. އެކަމަކު މަންމަ މި ވަސްދުވާ އަތަރެއް ބޭނުންކުރި.”

       “އެހެން ވީއިރު ތި އެނގުނީ.” މަރީ ކުޑައިކޮށް ހެވިލާފައި ބުންޏެވެ. “ތީ މަންމަ ފޮނުވާ ވަހެއްކަމަށް ވާނީ.”

       “ދަރިފުޅު އަބަދުވެސް އުޅޭނީ ކޮންމެ ކަމެއް ސަމާސާއަކަށް ހަދަން.” ނާޞިރު ކޮޑައިކޮށް ހިތްހަމަ ނުޖެހޭ ގޮތް ދައްކާފައި ބުންޏެވެ. “މަންމަ ދެކެ ބައްޕަ ވަރަށް ލޯބިވޭ. މަންމަ ވެސް ބައްޕަ ދެކެ ވަރަށް ލޯބިވޭ. ދަރިފުޅަށް އެނގޭނެ އެކަން. އެކަމަކު، މަރުވެފައިވާ މީހަކަށް ކިހިނެއް އަހަރެމެނަށް މިފަދަ ކަމެއް ކުރެވޭނީ؟”

       “މަންމަ ފޮނުވާ ވަހެކޭ އަޅުގަނޑު މި ބުނީ ސަމާސާއަކަށް، ބައްޕާ.” މަރީ ހެވިލާފައި ބުންޏެވެ. “އެކަމަކު، ބައްޕަ ވެސް ފަދައިން އަޅުގަނޑު ވެސް މަންމަ ދެކެ ވަރަށް ބޮޑަށް ލޯބިވޭ. މަންމަ ނިޔާވިތާ މިހާރު ތިން އަހަރު ވަނީ. އެކަމަކު މަންމަގެ ހަނދާންތަކެއް އަޅުގަނޑުގެ ހިތަކުން ވެސް ކުޑަކޮށް ވެސް ފިލައިގެނެއް ނުދޭ. މި ގެއަކުން ވެސް އެ ހަނދާން ތަކެއް ނުފިލާ. އެ ދުވަހު ކައްކަން ހުއްޓާ ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހި މަންމަ ނިޔާވި ނަމަވެސް ހީވަނީ ހަމަ މިގޭގައި މަންމަ އަދި ވެސް އުޅޭހެން. އެހެން ވަނީ ވެސް މަންމަ ބޭނުން ކުރި ހުރިހާ އެއްޗެއް ހަމަ އެގޮތުގައި ބައްޕަ ބަހައްޓަވާފައި ހުންނާތީ.”

       “ދަރިފުޅާ މި ވަސް ދޭތެރެ ދޭތެރެއިން މި ކޮޓަރިން ދުވާތީ އަދި އެ ވަހާ މަންމައާ ގުޅުން އޮތީތީ ބައްޕަ މިހުންނަނީ ވަރަށް ކަންބޮޑުވެފައި.” ނާޞިރު ބުންޏެވެ. “ބައްޕަ ޖެހޭނީ މިކަމާ ކޮންމެ ވެސް ކަމެއް ކުރަން.”

       “ކޮން ކަމެއް ބައްޕަ ކުރާނީ؟” މަރީ އެއްސެވެ.

       “ދަރިފުޅު ދެންމެ ބުނީމެއްނު މަންމަގެ ހެދުންތަކުން އަންނަ ވަހަކަށް ވެސް ވެދާނެއޭ. އެހެންވީމާ، އެންމެ ފުރަތަމަ ބައްޕަ ކުރާނެ ކަމަކީ މަންމަގެ ތަކެތި ހާވައި ޗެކްކުރާނީ. އެފަދަ ވަހެއް ހުރި އެއްޗެއް ފެނޭތޯ؟”

       “ނުފެނިއްޖަނަމަޔޯ؟” މަރީ ސުވާލުކުރިއެވެ.

       “ނުފެނިއްޖެނަމަ ދެން ޖެހޭނީ ކޮންމެ ވެސް އެހެން ގޮތެއް ހޯދަން. ބައްޕަ ޖެހޭނީ ވިސްނަން.” 

       “ބައްޕަ ވިސްނަމުން ދަނިކޮށް އެކަމުގެ އަޞްލު އެއް ރެއަކު ހުވަފެނުން ވެސް ފެނިދާނެއެއްނު؟” މަރީ ކޮޓަރިން ނުކުންނަމުން އަނެއްކާ ވެސް ސަމާސާ ރާގަކަށް ބުނެލިއެވެ. “އަޅުގަނޑު ވެސް ތިކަމާ ވިސްނާނަން.”

       ނާޞިރު، އޭނާ ރައްކާކޮށްފައި ބަހައްޓާފައި ހުރި ޝިޔާމާގެ އެންމެހާ ހެދުންތަކާއި، ފައިވާންތަކާއި، ރީތިވާ ސާމާނާއި އެހެންގޮސް ހުރިހާ އެއްޗެއް ހާވައި ބަލައި އެތަކެތީގެ ވަސް ބަލައި ހަދައިފިއެވެ. ނާޞިރަކަށް އެ ވަސް ދުވާ އެއްޗަކާ ދިމަލެއް ނުވިއެވެ. އެކަމަކު ނާޞިރު އެކަންތައް ކުރި ދުވަހުގެ ފަހު ދުވަހު ވެސް ބޭރުން އައިސް ކޮޓަރިއަށް ވަނުމުން އެ ވަސް ދުވިއެވެ.

       އެންމެ ފަހުން ނާޞިރު ނިންމީ ފާލު ބަލައި ފަންޑިތަ ހެދުމަށެވެ. ކޮންމެވެސް ކަހަލަ އެޒާތުގެ ކަމެއްކަމަށް ދެކިގެންނެވެ. ފަންޑިތަ ހަދާ މީހަކު ގެއަށް ގެނެސްފިއެވެ. އެ ވާހަކަ ތައް ކިޔައިދީ ކޮޓަރިއަށް ވެސް ގެންގޮސްފިއެވެ. އެ މީހާ ފަންޑިތަ ހަދަން ފެއްޓިއެވެ. ފެން މަތުރާފައި ކޮޓަރިއަށާއި ގޭގެ އެތަން މިތަނަށް ޖެއްސެވެ. އަނެއް ފަހަރަކު ފަތިވަރެއް ކިޔަމުން ކަޅަނގާރިއާއި ކުބުންޒާނިން ދުން އަޅަމުން ގޭތެރޭގައި ހިނގަން ފެށިއެވެ. 

       ފަންޑިތަ ހަދާ މީހާ އަންނާތީ މަރީ ވަރަށް ކަންބޮޑުވެއްޖެއެވެ. ބައްޕަ ސައިތައްޓެއް ބޯން މޭޒުދޮށުގައި އިންދާ ކުރިމަތީގައި ހުރި ގޮނޑިގައި އިށީނދެފައި ބުންޏެވެ. “ބައްޕާ ކީއްކުރަން ފަންޑިތަ ހައްދަނީ. އޭނާ ގާތު ބުނުއްވާ ދެން ނާންނާށޭ.”

       “ކީއްވެ ތިހެން ތިބުނީ ދަރިފުޅު؟” ނާޞިރު އަވަސް އަވަހަށް އެއްސެވެ. “ދަރިފުޅަށް އަނެއްކާ ވިސްނުނީތަ މިވާ ގޮތެއް؟”

       “ލައްބަ ބައްޕާ. އަޅުގަނޑަށް އެނގޭ ތިވާ ގޮތެއް.” މަރީ ދެރަވެލާފައި ބުންޏެވެ. “ބައްޕަ އަޅުގަނޑަށް މަޢާފު ކުރައްވާތި. އަޅުގަނޑު އެ ވާހަކަ ކިޔައިދޭނަން.”

       “ދަރިފުޅާ އަވަހަށް ކިޔައިދީ.” ސައި ބުއިން ހުއްޓައިލާފައި މަރީ ބުނާ އެއްޗަކަށް ސަމާލުކަން ދިނެވެ. 

       “ބައްޕަ ރަށުގައި ނެތް ދުވަހެއްގައި އަޅުގަނޑު ބައްޕަގެ ކޮޓަރިއަށް ވަދެ މަންމަގެ ސާމާނުތައް ހޭވިން. މަންމަ ބޭނުންކުރި ރީތިވާ ސާމާނުވެސް ބެލިން. އޭގެ ތެރެއިން ފެނުނު ވަރަށް ރީތި، ބޮޑު ރަތް ކުލައިގެ މަލެއް ޖަހާފައިވާ ފުޅިއެއް. އޭގައި ހުރީ ފުޅިމަދު އުނގުރިއެއް ޖަހާފައި. އަޅުގަނޑު އުނގުރި ނަގާފައި ވަސް ބެލިއިރު ވަރަށް މީރު ވަސް ދުވާ. މަންމަ ގައިން ދުވާ ވަސް ދުވީ. އަޅުގަނޑު އެ ފުޅި ނެގީ. އެއްރޭ އަޅުގަނޑު ނިދީ ގައިގައި އެ އަތަރު ލައިގެން. ބައްޕާ، މީ ވަރަށް ބޮޑު ތެދެއް. އެ ރޭ އަޅުގަނޑަށް ވަރަށް ރީތިކޮށް މަންމަ ހުވަފެނުން ފެނުނު. އޭގެ ފަހުން ވެސް އެ އަތަރު ލައިގެން އޮތް ރެއަކު މަންމަ ހުވަފެނުން ފެނުނު.” މަރީ ފުން ނޭވާއެއް ލާފައި މަޑުކޮށްލިއެވެ. 

       “ދެނޯ؟” ދަރިފުޅުގެ ވާހަކަ އަޑުއަހަން ކެތް މަދުވެފައިވާ ބައްޕަ އެއްސެވެ.  

       “އަޅުގަނޑަށް އެނގޭ ބައްޕަ މަންމަ ދެކެ ލޯބިވާ މިންވަރު. އެހެންވެ އަޅުގަނޑު އުޅުނީ ބައްޕައަށް ވެސް މަންމަ ހުވަފެނުން ފެންނާނެ ގޮތް ހަދަން. އަޅުގަނޑު އަތަރު ކަފަބުރެއް ހަދައިގެން ގޮސް ބައްޕަ މަސައްކަތް ނިންމާފައި ހަވީރު އަންނަންވާ އިރަށް ދޮރުގެ ޖާލީގެ ތެރެއިން އެތެރޭގައި އެ އަތަރު ހަކަނީ.”

       “ދަރިފުޅާ!” ނާޞިރު ހައިރާންކަމާއެކު ބުންނެވެ. “ދަރިފުޅު ތީ ކޮންކަހަލަ ކުއްޖެއް! ދަރިފުޅަށް އެނގޭތަ؟ މި ފަހަކުން އެތަކެއް ރޭ ބައްޕައަށް މަންމަ ހުވަފެނުން ފެނިއްޖެ!”

       “އެހެން ވީއިރު އަޅުގަނޑު ކުރި މަސައްކަތް ދެރައެއް ނޫނެއްނޫންތޯ ބައްޕާ.”

       “އެކަމަކު ދަރިފުޅާ! ދަރިފުޅަށް ހަމަ ސާބަސް. ބައްޕަ ކިރިޔާނު ހަލާކުނުވީ.” 

       “އެހެންވީމައެއްނު ބައްޕައަށް މި ކިޔައިދިނީ.”

       “ތި އަތަރު ފުޅި ގެނެސްދީ ބަލަ ބައްޕަ ބަލާލަން.” 

       ދަރިފުޅު އަތަރު ފުޅި ގެނައުމުން ނާޞިރު ވަރަށް ގިނައިރު އެ ފުޅިއަށް ބަލަހައްޓައިގެން އިނދެފައި ބުންޏެވެ. “މިއީ ބައްޕަ މެން ޙައްޖުން ގެނައި އަތަރު ފުޅިއެއް.” އެހެން ބުނަމުން ފުޅި ހުޅުވާފައި އަތަށް އަތަރު ފޮދެއް ޖައްސާފައި ވަސް ބަލަން ފެއްޓިއެވެ. އެ ވަހާއެކު އެ ދެމަފިރީންގެ އުފާވެރި މާޒީގެ ހަނދާންތަކުގެ ތެރެއަށް އޭނައަށް ވަދެވުނެވެ