
ފާތުން އެނދުގައި އޮށޯވެ އޮތް އިރު ފާތުންގެ ބޯ މަތީގައި ހުރި ފަންކާ ފުލް ސްޕީޑްގައި އަޑުގަދަކޮށް އެނބުރިއެނބުރި ހުއްޓެވެ. ޖެހިގެން ހުރި ކޮޓަރީގައި އަޅުވާފައިވާ ހިންދީ ފިލްމެއްގެ އަޑު ފިސާރި ގަދަކޮށް އެ ކޮޓަރިއަށް އިވެއެވެ. އަންނައުނުތައް ހުރި އަލަމާރިން ކުޑަދޮރުގެ ބައެއް ފޮރުވިފައިވާތީ މާ ބޮޑު އިރުއަލިކަމެއް ކޮޓަރިތެރެއަކަށް ނުވަދެއެވެ. ރަނގަޅަށް ވައި ދައުރު ނުވާތީ ކޮޓަރިތެރޭގައި ވަނީ ޒާތެއްގެ ވަހެއް ހިފާފައެވެ. ފާރުގެ އެއް ފަރާތެއްގައި ދަމާފައިވާ ނަނުފަށެއްގައި އެ މީހުންގެ ބައެއް ހެދުންތަކާއި ތުވާލި އަޅުވާފައި ހުއްޓެވެ. އެނދުގައި އޮންނައިރު ފެންނަ ގޮތަށް ފާރުގައި ފޮޓޯ ލޯގަނޑެއް ހުއްޓެވެ. ކޮޓަރީގެ އެއްކަނެއްގައި ހުރި ނިޒާރުގެ ކޮމްޕިއުޓަރު ފިޔަވައި އެ ކޮޓަރީގައި ފެންނަން ހުރި އެންމެ ޚާއްސަ އެއްޗަކީ އެ ފޮޓޯ ލޯގަނޑެވެ. އޭގައި ފާތުންއާ ދިމާލަށް ބަލަހައްޓައިގެން އެއިނީ ވަރަށް ރީތި ޒުވާން އަންހެނެކެވެ.
ފާތުން އެނދުގައި އޮށޯވެލައިގެން އޮތް އިރު އޭނާއަށް ހިތާހިތާ ސުވާލުކުރެވެނީ އެ ފޮޓޯ ލޯގަނޑުގައި އެއިން އަންހެން ކުއްޖާއާ މެދުގައެވެ. މިއީ އަލަށް މިއަދު ކުރެވޭ ކަމެއް ނޫނެވެ. ކޮންމެ ދުވަހެއް ވެސް އޭނާ ހޭދަކުރަނީ މި ޚިޔާލެއްގެ ތެރޭގައެވެ. އޭނާގެ ހިތަށް އަރައެވެ. އެއީ ކޮން ކުއްޖެއް ބާވައެވެ؟ އޭނާގެ ފޮޓޯ ނިޒާރުގެ ކޮޓަރީގެ އެންމެ ރަނގަޅު ތަނުގައި ބަހައްޓާފައި އެހުރީ ކީއްވެގެން ބާވައެވެ؟ އެއީ އޭނާގެ މަންމަގެ ޒުވާން އިރުގެ ފޮޓޯއެއް ބާވައެވެ؟ އެހެންކަމަށް ވާނަމަ ނިޒާރުގެ މަންމައަކީ ވަރަށް ރީތި މީހެކެވެ. ނިޒާރު ވެސް އެހާ ރީތިވީ އެހެންވެގެން ކަންނޭނގެއެވެ. އެހެން ނޫނީ އެއީ ނިޒާރުގެ އަންހެން ކޮއްކޮއެއް ބާވައެވެ؟ އެކަމަކު، ކޮއްކޮއެއް ހުރި ވާހަކައެއް ނިޒާރު ނުބުނެއެވެ. އަނެއްކާ އެއީ ނިޒާރުގެ ކުރީގެ އަތްނބެއް ބާވައެވެ؟ އެކަމަކު ނިޒާރު ވަނީ އަދި ދުވަހަކު ވެސް މީހަކާ ނީންނަ ކަމަށް ބުނެފައެވެ. އެހެން ވީއިރު އެއީ ކާކު ބާވައެވެ؟ ނިޒާރު އެ ފޮޓޯގެ ވާހަކަ ކިޔައިނުދޭން ވެގެން އެ އުޅެނީ ކީއްވެގެން ބާވައެވެ؟
ރަށުގައި އޭނާ އުޅުނުއިރުގެ އުފާވެރި ހަނދާންތައް ފާތުންގެ ޚިޔާލަށް އައެވެ. ރަށުގައި އޭނާގެ ގެއަކީ ބޮޑު ގެއެކެވެ. ބޮޑު ގޯއްޗެއް ވެސް އޮވެއެވެ. ގަސްތައް ބައިވަރެވެ. ބިލެތް ޅޮސް ތަކެއް ވެސް ހުރެއެވެ. ދުވާލު މެންދުރު ވެސް ގޯތިތެރެ އޮންނަނީ ފިނިކޮށެވެ. ގޯތި ތެރޭގައި ކުކުޅު ހާ ބައިވަރެވެ. ކައްކަކާއްކޯއޭ ގޮވާލާ އަޑު އިރުއިރުކޮޅާ އިވެއެވެ. ފަތްތަކުން ދިހުން އަރާ، ކެޔޮފަތި ބޮޑު، ރާވަޅި ދިގު ހާތައް ފިޔަގަނޑު ތިރިއަށް ނިއުޅުވާލައިގެން ކުކުޅުތަކަށް ފަރިދައްކަމުން ދުވެލަދުވެލާ ތިބެއެވެ. ގޭގައި މަންމައާއި ބައްޕައާއި ކާފައާއި ދައްތައާއި ބޭބެއާއި ކޮއްކޮމެން ވެސް އުޅެއެވެ. ކޮއްކޮމެންގެ ދުވުމާއި ކުޅުމާއި ހުނުމާއި ސަކަރާތުން ބޮޑެތި މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެއެވެ. ގެއާ އެއް އިންވެގެން ހުންނަނީ ބޮޑުދައިތަ ގެއެވެ. އެއާ ޖެހިގެން ބޭބެއެއްގެ ގެއެވެ. އެ ހިސާބުގަނޑުގައި މުޅިން ވެސް ގާތް ތިމާގެ މީހުންގެ ގެތަކެވެ. ދުވާލުގެ ކޮންމެ ވަގުތެއްގައި، އަދި ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެއްގެއިން އަނެއްގެއަށް ގޮސް އުޅެން ނުހަނު ފަސޭހައެވެ. ހައްތާވެސް ދަންނަ ތަންތަނެވެ. ދަންނަ މީހުންނެވެ. ވިހައި ބޮޑުވި ރަށް ވިއްޔާއެވެ. އެންމެ ކުޑައިރުއްސުރެން ފެނިދެނިވާ މީހުން ވިއްޔާއެވެ.
މާލޭގައި ކަންތައް ހުންނާނެ ގޮތުގެ ވާހަކަ ނިޒާރު ވަނީ ފާތުންއަށް ކިޔައިދީފައެވެ. ފާތުން އެ ވާހަކަތައް ހަނދާން އެބަހުއްޓެވެ. ކައިވެނި ކައިރިވަމުން ދިޔަ ދުވަސްވަރު އެއް ދުވަހަކު ނިޒާރު ބުންޏެވެ. “އަހަރެންގެ ގެއެއް ނުހުރޭ މާލެއަކު. އަހަރެން އުޅެނީ ކުލީ ކޮޓަރިއެއްގައި. ފާތުންއަށް އޯކޭތަ؟”
“މަށަށް އޯކޭ.” ފާތުން ފަރުވާލެއް ނެތި ބުނެލިއެވެ. “އަހަރެން ނިޒާރާ އިންނަނީ ނިޒާރު އުޅޭތަނެއްގައި ނިޒާރާ އެކުގައި އުޅޭކަށްނު؟”
“އަހަންނަކީ ހުވަދޫ މީހެއް.” ނިޒާރު ވަރަށް ލަސްލަހުން ބުންޏެވެ. “އަހަރެންގެ ބައްޕަ ވަނީ ނިޔާވެފައި. މަންމަ ވަރަށް މުސްކުޅި. މަންމަ އުޅެނީ ރަށުގައި. އެކަމަކު ބައެއް ފަހަރު ބޭހަށް މާލެ އަންނަން ޖެހޭ. އެ ދުވަސްކޮޅު މަންމަ ވެސް އިންނަންޖެހޭނީ އެ ކޮޓަރީގައި. އެގޮތް ވެސް ފާތުން އަށް އޯކޭތަ؟”
“ތިއުޅެނީ އަނެއްކާ އެކިއެކި އުޒުރު ދައްކައިގެން އަހަންނާ ދުރަށް ދާންތަ؟” ހައިރާން ވެފައި ފާތުން ސުވާލުކުރިއެވެ. “ނިޒާރުގެ މަންމައަކީ އަހަރެންގެ ވެސް މަންމަކަމަށް ނޫންތަ ވާނީ؟ އަހަރެންގެ މަންމަ ވެސް ވާނީ ނިޒާރުގެ ވެސް މަންމަ ކަމަކަށްނު؟ އަހަރެންގެ މަންމަ ވެސް މާލެ ދާން ޖެހިދާނެއެއްނު؟”
“ފާތުން އެންމެ ފަހުން މާލެ ދިޔައީ ކޮން އިރަކު؟” ނިޒަރު ސުވާލުކުރިއެވެ.
“ކީކޭ ކިޔަންވެގެން ނިޒާރު ތިއުޅެނީ؟” ފާތުން ހާސްވެފައި އެއްސެވެ. “އަހަރެން މާލެ ދިޔައިން ތަންކޮޅެއް ކުރިން. ނުދާތާ މިހާރު ލައްކަ ދުވަސް ވެއްޖެ.”
“ފާތުން އަށް އެނގޭތަ މިހާރު މާލެ ވަރަށް ބޮޑަށް ބަދަލުވެއްޖެ.” ނިޒާރު އޮޅުންފިލުވައިދިނެވެ. “މިހާރު އެއީ ކުރީގެ މާލެއެއް ނޫން. ބޮޑެތި އިމާރާތްތަކާއި ދުއްވާ އެއްޗެއްސާއި އެކި ޤައުމުތަކުގެ އެކި ކުލަކުލައިގެ މީހުންތަކުން މާލެ ވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި. އެކިއެކި ނަންނަން ކިޔާ ގުރޫޕްތައް މާލޭގައި ވަނީ ނުހަނު ގިނަވެފައި. މަގެއްގެ މަތިން ފަސޭހައެއްކޮށް ހިނގާލެވެން ވެސް ނޯވޭ. އަތޮޅުތެރޭގެ މި ހިތްގައިމު މާހައުލުގައި އުޅެފައި މާލޭގައި އުޅުން ވާނީ ވަރަށް ބޮޑުކަމަކަށް.”
“މަށަށް މިހާރު ހީވަނީ ނިޒާރުގެ ވަޒިފާގައި މިރަށުގައި ހުންނަންޖެހޭ މުއްދަތު ހަމަވާތީ އަހަރެން ދޫކޮށްލާފައި ދާން ވެގެން ބަހަނާ ދައްކަނީހެން.” ދެރަވެލާފައި ފާތުން ބުންޏެވެ.
“ނޫން. އެއްގޮތަކަށް ވެސް އެހެންނެއްނޫ.” ނިޒާރު ޔަޤީންކޮށްދިނެވެ. “އަހަރެން ފާތުން ދެކެ ވަރަށް ބޮޑަށް ލޯބިވޭ. މި އަންނަ ހަފުތާގައި ކައިވެނިކޮށްގެން އަހަރެން މާލެ ދާނީ ފާތުން ގޮވައިގެން. އެކަމަކު ކަން އޮތްގޮތް ރަނގަޅަށް އެނގިހުރެނު ފާތުން ދާން ވާނީ؟”
“ނިޒާރު ދެކެ އަހަރެން ވެސް ވަރަށް ލޯބިވޭ.” ފާތުން ނިޒާރުގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ބުންޏެވެ. “މާލޭގައި އެ އުޅޭހާ މީހުން އުޅޭ ގޮތަކަށް މަށަށް ވެސް އުޅެވޭނެއެއްނު؟ އެހެރަ އަސަރުމާގޭ ހައްވަ ވެސް މާލެ ގޮސްފި. ޖޭމުގޭ ސަކީނާވެސް ހިނގައްޖެ. އަހަރެން ވެސް މާލޭގައި އުޅޭހިތްވޭ. އަހަރެން ގާތު ނިޒާރު ހުރިއްޔާ އަހަންނަށް އެ ނިމުނީ. އަހަންނަށް އޯކޭ ވާނެ.”
ނިޒާރު ކިތަންމެ ވަރަކަށް ކިޔައިދިން ނަމަވެސް، ފާތުން ކިތަންމެ ވަރަކަށް އޯކޭ ވާނެ ކަމަށް ބުނި ނަމަވެސް، ކަން އޮތް ގޮތް ފާތުން އަށް އެނގުނީ މާލެ އައިސް އެކަންކަން ތަޖުރިބާކުރަން ޖެހުމުންނެވެ. ވަރަށް ވެސް އުނދަގުލެވެ. އަބަދުހެން އިންނަން ޖެހެނީ ކޮޓަރިތެރޭގައެވެ. ނިޒާރު އޮފީހަށް ދިއުމުން އެކަނި މާއެކަންޏެވެ. ބޭރަށް ނުކުތަސް މުޅިންވެސް ބީރައްޓެހިންނެވެ. ނިޒާރަށް ލިބޭ މުސާރައިން ކޮޓަރި ކުއްޔާއި ކަރަންޓް ބިލާއި ފެން ބިލާއި ފޯނު ބިލް ދައްކާފައި ބާކީ އޮންނަނީ ކުޑަ ފައިސާކޮޅެކެވެ. ބަނޑުގައި އޮތް ދަރިފުޅު ދުނިޔެއަށް އައުމުން އެ ލާރިކޮޅުން ފަރުޖައްސާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އެހީތެރިކަމެއް ހޯދަން ބުނާނެ މީހެއް ވެސް ނެތެވެ. މި ކައިވަންޏާ މެދު އާއިލާގެ މީހުން ވެސް ނުރުހިފައި ތިބުމުގެ ސަބަބުން އާއިލާގެ ގުޅުންވެސް ވަނީ ކޮންމެވެސް ވަރަކަށް ހީނަރުވެފައެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ފާތުން އަށް އެންމެ ހިތްދަތިކަން ގެނުވަނީ ފާރުގައި އެ ހުރި ފޮޓޯ ލޯގަނޑެވެ. ކޮޓަރީގައި އިންނަ އިރު އަބަދު ފާތުންއަށް ބެލެނީ އެ ފޮޓޯ ލޯގަނޑަށެވެ. ކުރެވެނީ އެ ޚިޔާލެވެ. ފާތުންއާ ނިޒާރާ ދެމެދުގައި އުފެދޭ ދެބަސްވުންތަކުގެ އަސްލަކީ ވެސް އެ ފޮޓޯ ލޯގަނޑެވެ. ފަހަކަށް އައިސް މިކަމާގުޅިގެން ހިނގާ ދެބަސްވުންތައް އިތުރުވެގެން ގޮސްފައި ވެއެވެ.
“ފާރުގައި އެހުރީ ކާކުގެ ފޮޓޯއެއްހޭ ކިތައް ދުވަހު އަހައިފިން؟” އެއްދުވަހަކު ހިނގި ޒުވާބެއްގައި ފާތުން ބުންޏެވެ. “އެކަމު އަޑު އިވޭކަމަކަށް ނަހަދާ ތި ހުންނަނީ. މިއަދު ޖެހޭނީ ހަމަ ބުނަން. އެހެން ނޫނީ ނީންނާނަން މިތާކު.”
“އެ ފޮޓޯ ފާތުން އަށް ކުރީ ކީއް؟” ނިޒާރު ބުންޏެވެ. “އެއީ ފޮޓޯއެއްނު؟ އެ ފޮޓޯ އެތާ އިދެދާނެއެއްނު؟”
“އެ ފޮޓޯ ނުކުރަނީ ކީއް؟ އެ ފޮޓޯ ދަނީ އަހަރެންގެ ހިތް ކުދިކުދި ކުރަމުން؟” ފާތުން ފެންކަޅިވެފައި ހުރެގެން ޖަވާބު ދިނެވެ. “އަހަރެން މި ކޮޓަރިއަށް އައީއްސުރެން އެ އަންހެން މީހާ އެ އިންނަނީ އަހަންނާ ދިމާލަށް ބަލަން. އަހަރެން ހިތަކަށް އެންމެ ފަހަރަކު ވެސް ނުވަދޭ އަހަރެމެން ދެ މީހުން އެކަނި ކަމަށް ތިބެނީ. އަހަންނަށް ވައްކަޅިން ބެލޭ ނިޒާރު އޭނައާ ދިމާލަށް ބަލާތޯވެސް. އަހަންނަށް އެއްވެސް ހަމަޖެހުމެއް ނުލިބޭ. އަހަންނަށް ވަރަށް އުނދަގޫވޭ. އެއީ ކާކުކަން ނިޒާރަށް ނުބުނެވިގެން އުޅޭތީ އަހަރެން ގާތަށް ރުޅި އާދޭ. އަހަރެމެން ދެމީހުންގެ ދެމެދުގައި ޖެހެމުންދާ ހުރިހާ މައްސަލައެއް މި ޖެހެނީ އެ ފޮޓޯގެ ސަބަބުން. އެ ފޮޓޯ ދަނީ އަހަރެމެންގެ ގުޅުމަށް ބުރޫ އަރުވަމުން.”
“ގުޅުމަށް ބުރޫ އަރަނީ ފޮޓޯގެ ސަބަބަކުންނެއް ނޫން.” ނިޒާރު އޭނާއަށް ވިސްނިފައި އޮތް ގޮތް ކިޔައި ދިނެވެ. “އަހަރެމެންގެ ގުޅުމަށް ބުރޫ އަރަނީ ފާތުންގެ ރުޅި ގަދަކަމުން. ފާތުން ރުޅި އަންނަނީ އުޅެން ޖެހިފައިވާ ދަތި އުދަނގުލުގެ ސަބަބުން. އެހެންވެ އަހަރެން އެހާ ވަރަށް ކުރިން އެ ވާހަކަތައް ކިޔައިދިނީ ވެސް.”
“ތެދެއް ތިބުނީ. ކިތަންމެ ވަރަކަށް ނިޒާރު ކިޔައިދިންނަމަވެސް އަހަރެންގެ ހިތަކަށް މި ދިރިއުޅުން ތަޞަވަރު ކުރެވިފައެއް ނުވޭ.” ފާތުން ފެންކަޅިވިއެވެ. “މި ދިރިއުޅުން ވަރަށް އުނދަގޫ. ވަރަށް އެކަނިވެރި. އެކަމަކު، އެކަމުގައި އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އަހަރެންގެ ހުރިހާ ވެސް މައްސަލައަކީ އެ ހުރި ފޮޓޯ ލޯގަނޑު. ނިޒާރު އޭގެ ވާހަކަ އަހަންނަށް ސިއްރުކުރަން އުޅޭތީ. އަހަރެންގެ ހިތުގައި ނިޒާރާ މެދު ޝައްކު އުފެދޭތީ.”
“ފާތުން. އަހަރެން ފާތުން ދެކެ އިންތިހާއަށް ލޯބިވަން. އަހަރެންގެ ނެތް އެހެން ލޯބި ވެރިއެއް.” ނިޒާރު ފާތުން ބުރަކަށީގައި ފިރުމައިލަމުން ބުންޏެވެ.
“އެހެންވީއިރު، ނިޒާރު އަހަރެންދެކެ ލޯބި ވާނަމަ އެ ފޮޓޯ ލޯގަނޑުގެ ވާހަކަ އަހަންނަށް ކިޔައިދޭން ވީނު؟” ފާތުން އާދޭހުގެ ރާގެއްގައި ބުންޏެވެ. “އެ ފޮޓޯ ލޯގަނޑު އެތަނުން ނަގަންވީއެއްނު؟”
“ފާތުން، ދެރަވެދާނެތީ އެވާހަކަ ނުދައްކާ ވަރަށް ކެތްކޮށްފިން. އެކަމަކު ފާތުން ދުލެއްނުކުރީމު. މިއުޅެނީ އެވާހަކަ ފާތުންއަށް ކިޔައިދޭން.” އެނދުގައި އިށީދެ ފާތުން ކައިރީގައި ބެއިންދިއެވެ. ފާތުންގެ އަތުގައި ހިފަހައްޓާލަން އުޅުމުން އަތް ފޮޅުވައިލިއެވެ. ނިޒާރު ބުންޏެވެ. “ފާތުން، ފޮޓޯ ލޯގަނޑުގައި އެވަނީ އަހަރެންގެ ފުރަތަމަ ލޯބިވެރިޔާ. ޝީޒާ.”
“އޭނ. ލޯބިވެރިޔާއޭ؟ ޝީޒާއޭ.” ފާތުން ކުއްލިއަކަށް އެނދުން ތެދުވިއެވެ. “އެހެންވެ ދޯ މިއޮތް ހުރިހާ ދުވަހު ނުބުނެވިގެން އުޅުނީ؟ އެހެން ވީއިރު ކީއްކުރަން މަ މިތަނަކަށް ގެނައީ؟”
“އަޑުއަހާބަލަ ފާތުން.” ނިޒާރުވެސް އެނދުން ތެދުވިއެވެ.
“ކޮން އަޑެއް އަހާކަށްތަ؟” ފާތުން ހުރީ ވަރަށް ރުޅި އައިސްފައެވެ. “އަހަރެން ވަރިކޮށްފައި ފުރަތަމަ ލޯބިވެރިޔާއާއެކު އުޅެން ވީނު؟”
“އޭނާއެއް ނެތޭ މީހާރު.” ނިޒާރު ވަރަށް ދެރަވެލާފައި ބުނެލިއެވެ. “ޝީޒާ މަރުވެއްޖެއޭ ފާތުން.”
“އެހެންވީއިރު އެ ފޮޓޯ ލޯގަނޑު އެތަނުން ނަގަންވީނު؟” ފާތުންގެ ރުޅި ކޮންމެވެސް ވަރަކަށް މަޑުވެއްޖެއެވެ.
“ޝީޒާއަށް މެދުވެރިވީ ވަރަށް ދެރަގޮތެއް. ޝީޒާ ކޮލެޖް ނިމެން ވެފައި އޮއްވައި ވަރަށް ބޮޑަށް ބަލިވީ.” ނިޒާރު ކިޔައިދިނެވެ. “ޑޮކްޓަރުން ބުނީ ލޭގެ ކެންސަރު ޖެހުނީކަމަށް. އެ ފޮޓޯއަކީ ޝީޒާ އަހަރެން ގާތު އެވާހަކަ ބުނި ދުވަހު އަހަރެން އަމިއްލަ އަށް ނެގި ފޮޓޯއެއް. ޝީޒާ ބުނި އެ ބަލިން އޭނާ ސަލާމަތް ނުވާނެކަމަށް. ޝީޒާ އަހަންނަށް އެ ދުވަހު އާދޭސްކުރި އޭނާގެ މަތިން ހަނދާން ނައްތާނުލުމަށް. އަހަރެން ވަޢުދުވިން އެކަމަށް. އަހަރެން ބުނިން އަހަރެން އެދުވަހު ނެގި ޝީޒާގެ ފޮޓޯ ފުރޭމްކޮށްފައި އަހަރެންގެ ކޮޓަރީގެ ފާރުގައި އަހަރެން އެނދުގައި އޮށޯވެ އޮންނަ އިރު ފެންނަ ގޮތަށް އަބަދުވެސް ބަހައްޓާނަމޭ. އަހަރެން އެ ފޮޓޯ ލޯގަނޑު އެތާ އެޅުވީ ޝީޒާ މި ފަނާވަނިވި ދުނިޔެ ދޫކޮށްފައި ދިޔަ ދުވަހު. އަހަންނަށް މަޢާފުކުރޭ ފާތުން. އަހަންނަކަށް އެ ފޮޓޯ ލޯގަނޑު އެތަނަކުން ނުނެގޭނެ.”
“ނިޒާރު.” ފާތުންއަށް ރަނގަޅަށް ރޮވިއްޖެއެވެ. “ހާދަ ދެރަގޮތެއް ޝީޒާއަށް ދިމާވީ.”ނިޒާރު އެ ފޮޓޯ ލޯގަނޑު އެއްގޮތަކަށް ވެސް ނަގާނެ ކަމެއްނެތް. އެ ފޮޓޯ ލޯގަނޑު ކައިރީގައި އަހަރެންގެ ފޮޓޯ ވެސް ބަހައްޓައިދީ. އަހަންނަށް އެފަދަ ގޮތެއް ދިމާވެއްޖެނަމަ އަހަރެންގެ ފޮޓޯ ވެސް އެތަނުން ނުނަގައި ބަހައްޓާތި
