
އަންވަރު އިބްރާހީމް
ނަވީން ދެކޭ ގޮތުގައި ތެލެސީމިއާ ދެކެރިއަރުންނަށް ކައިވެނިކޮށްގެން ލޯބިންނެތް ނޫޅެވޭނެއެވެ. ތިމާ އެދޭގޮތަށް ދަރިންނަށް ކަންތައްތައް ކޮށްދިނުމުގެ ފުރުސަތެއް ވެސް ނުލިބޭނެއެވެ. އެހެން ނޫންނަމަ ނަވީންގެ ބޭބެ އުޅުނީހީ އުފަލުގައެވެ. ތެލެސީމިއާ ކުއްޖެއް ލިބުމުން ބޭބެ އުޅެން ޖެހޭ ހާލު ނަވީނަށް އެނގެއެވެ. މީހުން ގާތު އާދޭސްކޮށް އުޅެމުންދާ ގޮތް ނަވީނަށް ފެނެއެވެ. ލޭފޮދެއް ހޯދުމަށް ބޭބެ ކުރާ މަސައްކަތް ނަވީންގެ ހިތަށް ވަދެއެވެ.
ނަވީނަށް ކިތައްމެ ވިސްނުނަސް، އޭނާ ދީނާއާ ރައްޓެހިވީ ތެލެސީމިއާ ޓެސްޓު ކުރުމަށް ފަހުއެއް ނޫނެވެ. ދީނާ ދިމާކުރީ އެކަމާއެވެ. ދެކެރިއަރުންނަށް ވެއްޖެނަމަ ކައިވެނި ނުކެރެވޭނެކަމަށް ނަވީން ބުނާތީއެވެ. ދީނާ ގަބޫލުކުރާގޮތުގައި ރައްޓެހިވުމަށްފަހު ކޮންމެ ސަބަބަކާ ހުރެނަމަވެސް ވަކިވާނީ ލޯބި ނުވާތީއެވެ. ލޯބިވާނަމަ ކޮންމެ ފަދަ ހާލަތެއްގައި ވެސް އުޅޭނެއެވެ. އެހެން ނޫނަމަ އެވަނީ ލޯތްބެއް ނޫނެވެ.
ދީނާގެ ވިސްނުމަށް ނަވީން އެއްބަހެއް ނުވެއެވެ. ނަވީން ގަބޫލުކުރާ ގޮތުގައި ލޯބިވިޔަސް ވަކިން އުޅެން ޖެހިދާނެއެވެ. ލޯތްބަކީ އިމްތިހާނެކެވެ. އެހެން ނޫންނަމަ ކަރުނައިގައި އުފަލާއި ހިތާމައެއް ނުލެއްވީހެވެ. ނަވީންގެ ވާހަކަތަކަށް ދީނާ ދެކޮޅުހަދަމުން ދިޔައީ އެވާހަކަތައް ގަބޫލު ނުކުރެވޭތީއެން ނޫނެވެ. ދީނާ ބޭނުން ވަނީ ނަވީންގެ ވިސްނުން ހުރިގޮތް ބަލާށެވެ. އެއީ ކޮންމެ ރެއެއްގެ އާދައެވެ. ދެމީހުން އެތައް އިރަކު ވާހަކަ ދައްކާނެއެވެ. އެންމެ ފަހުން ނިމެނީ ތެލެސީމިޔާ ޓެސްޓު ހަދާ ވާހަކަ ދައްކާފައެވެ. ނަމަވެސް އެޓެސްޓު ހެދޭ ދުވަހެއް ނައެވެ.
ދީނާ ބޭނުންވަނީ ޓެސްޓު ހަދަން ނަވީން އާއެކު ދާށެވެ. ނަމަވެސް ނަވީން އެކަމަކަށް އެއްބަހެއް ނުވެއެވެ. ނަވީނަށް ވިސްނެނީ ދެމީހުން އެކުގައި ހިނގައްޖެނަމަ ދީނާ ކުރުނުކޮށްގެން ދެމީހުން ވެސް އެޓެސްޓު ހަދަން ޖެހޭނެކަމަށެވެ. އެހެންވެ ނަވީން ދާން، ބޭނުންވަނީ ވަކިންނެވެ. އެކަމަކު ހިނގައްޖެނަމަ އެދުވަހުން ފެށިގެން ދެމީހުންގެ ގުޅުން ނިމުމަށް އަތުވެދާނެތީއެވެ.
އެންމެ ފަހުން ނަވީން ނިންމީ އޭނާ ޓެސްޓު ހަދާށެވެ. ދީނާއަށްވުރެ ފަހުން އެކަން ކުރުމަށް މަޑުނުކުރާށެވެ. އެހެންވެ، އޮފީހުގައި އިނުމަށްފަހު އެކަނިމާއެކަނި ނަވީން މިސްރާބުޖެހީ ތެލެސީމިއާ ސެންޓަރާ ދިމާއަށެވެ. ނަވީން ގަބޫލު ކުރަނީ އޭނާ ކެރިއަރަކަށް ވެދާނެކަމަށެވެ. ނަވީންގެ ބޭބެއަކީ ކެރިއަރެކެވެ. އެހެންވެ އެފުރުސަތު އެބައޮތެވެ. ކަންތައްވީ ނަވީން ހީކުރި ގޮތަށެވެ. ނަވީނަށް ތެޅިގަނެވުނެވެ. އަދި އެތައް އިރަކު ތެލެސީމިއާ ކާޑަށް ބަލަހައްޓައިގެން ހުރެވުނެވެ. ކުރާނެކަމެއް ނެތެވެ. އެއީ ތަގުދީރުގެ ނިޔާއެވެ. ނަވީނަށް މިންވަރު ކުރި ގޮތެވެ.
ގެއަށް ވަދެ ނަވީން ވިސްނަން ފެށިއެވެ. ދީނާ ކެރިއަރަކށް ވެއްޖެނަމަ ދެންވާނެ ގޮތަކާމެދުއެވެ. ނަވީން ކަންބޮޑުވިއެވެ. ދީނާ ދައަކާފައިވާ ވާހަކަތަކުންނެވެ. ދީނާގެ މަންމައަކީ ކެރިއަރެކެވެ. އެހެންކަމުން ދީނާ ވެސް ކެރިއަރަކަށް ވުމުގެ ފުރުސަތު އޮތުމުންނެވެ. ނަވީނަށް ނޯވެވުނެވެ. ފޯނު ނެގުމަށްފަހު ދީނާއަށް ގުޅިއެވެ.
ނަވީން ދެއްކީ ކައިވެނި ކުރުން އަވަސް ކުރާ ވާހަކައެވެ. ތެލެސީމިއާ ޓެސްޓުކުރާ ވާހަކައެވެ. ދީނާ ހައިރާންވިއެވެ. އެގަޑީގައި ކުއްލިގޮތަކަށް އެވާހަކަ ދެއްކުމުންނެވެ.
“ހުވަފެނެއް ފެނުނީތަ؟ އަނެއްކާ ކައިވެނި ކުރާ ވާހަކަ ތިދެއްކީ؟ ޓެސްޓު ހެދިހާ އަވަހަކަށް ކައިވެނި ކުރުމަށްތަ؟ ގައިމު ނަވީން ކުރިން ބުނީ ކައިވެނި ކުރާނީ އަންނަ އަހަރު ކަމަށް. ކީއްވެ ކުއްލިގޮތަކަށް ޚިޔާލު ބަދަލުވީ؟” ދީނާގެ ހިތަށް އެރި ސުވާލުތައް އޭނާ ކުރިއެވެ.
“އަހަރެން ހިތަށްއެރި މިހާރު މާލަސްވެއްޖެއޭ. ބޭބެވެސް މިއަދު އެވަހާކަ ދައްކާއަފި. އެހެންވެ ހިތަށްއެރި އެވާހަކަ ދައްކާނިއްޔޭ. ބޭބެވެސް އެހީ ތެލެސީމިއާ ޓެސްޓް ކޮށްފިން ހެއްޔޭ.” ނަވީން ބެނުންވީ ދިނާ ލައްވާ އަވަހަށް ޓެސްޓް ކުރުވާށެވެ.
“ބުނެބަލަ! އަހަރެން ކެރިއަރަކަށް ވެއްޖެނަމަ ކިހިނެއް ހަދާނީ؟” ދީނާ ކުރި ސުވާލުން ނަވީނަށް ހައިރާންކަން ލިބުނެވެ. އޭނާ ބަސްހުއްޓުނެވެ.
“ކީއްވެ ތިސުވާލު ތިކުރީ؟” ނަވީނަށް އަހާލެވުނެވެ.
“ނަވީން ބުނަމެއްނު އަހަރެން ކެރިއަރަކަށް ވެއްޖެނަމަ އުޅެން ވަރަށް އުނދަގޫވާނޭ. އެއި ނަވީން ކަބޫލުކުރާ ގޮތެއްނޫނޭ. ތެލެސިމިއާ ކުއްޖަކު ލިބިދާނެތީ ނަވީން ކަންބޮޑުވޭ.” ދިނާ ތިން ހަތަރު ޖުމްލަ އެއްކޮށްލިއެވެ. ނަވީންގެ ހިތަށްހީވީ ތީރުތަކެއް ހަރާލިހެންނެވެ. އެއީ ނަވީން ދައްކާފާ ހުރި ވާހަކަ ތަކެކެވެ. ނަވީން ހަދަން ވިސްނާފައި އޮތް ގޮތެވެ. ދީނާއަށް އެކަން ގަބޫލު ނުކުރެވުނަސް ދެ ކެރިއަރުންނަށް ލޯބިން އުޅެވިދާނެކަމަކަށް ނަވީން ގަބޫލެއް ނުކުރެއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެއީ އިންސާނަކަށް ދެވޭ ވަރަށް ބޮޑު ދެރައެވެ.
” ބަލަ ކިތައްމީހުން އެއުޅެނީ. ކެރިއަރަކަށް ވިޔަސް ލޯބިން އުޅެވިދާނެ. އެހެންވީމާ އެއީ ލޯތްބަށް އޮތް ހުރަހެއްކަމަށް ގަބޫލެއްނުކުރެވޭ.” ދީނާ ވާހަކަ ދެއްކީ ހެމުންނެވެ.
” ދީނާއަކަށް ނުވިސްނޭ ތެލެސީމިއާ ކުދިން ގޮވައިގެން އުޅޭ ހާލެއް؟ ހާދަ ހާލެއްގައޭ އުޅެންއެޖެހެނީ؟ އަހަންނަށްތާ އެނގޭނީ ބޭބެ އެއުޅޭ ހާލު؟ އެކަންތައްތައް ދީނާއަށް ފެންނަ ނަމަ ދިނާ ވެސް އޮނާނީ އަހަރެން އޮތް ކަހަލަ ހިތެއް.” ނަވީން އުޅުނީ ދީނާއަށް ވިސްނާދޭށެވެ.
“ތިކަން އެނގެޔޭ. އެކަމަކު ބަލައިގެން އުޅެވިދާނެތާ؟ ޓެސްޓު ކޮށްގެން އެއީ ތެލެސީމިޔާ ކުއްޖެއްތޯ ބެލިދާނެތާ؟ އެހެންވެއްޖެނަމަ މައްސަލައެއް ނެތެއްނު؟” ދީނާ ބޭނުންވި ނަވީން ދޭ ޖަވާބެއް ބަލާށެވެ.
“ދެން އެނގިދާނެތާ؟ އެދުވަހެއް އަތުވެއްޖެނަމަ ވާގޮތެއް.” ނަވީން ޖަވާބުން ދީނާ ދެނެގަތެވެ.
“ނޫން. އިރާދަކުރެއްވިއްޔާ އެދުވަހެއް ނާންނާނެ. ނަވީން ވެސް އަދި އަހަރެން ވެސް ކެރިއަރަކަށް ނުވާނެ.” ދީނާ ބޭނުންވީ ނަވީން ހިތްހަމަ ޖައްސައި ދޭށެވެ.
“ކިހިނެތް ތިއެއް އެނގެނީ؟ ގައިމު ދީނާއެއްނު ބުނީ މަންމައަކީ ކެރިއަރެކޭ؟” ނަވީން ސުވާލު ކުރިއެވެ.
“މަންމަ ކެރިއަރަކަށް ވިޔަސް، މަންމަގެ އެއްވެސް ކުއްޖެއް ކެރިއަރަކަށް ނުވޭ. ޓެސްޓު ނުހަދަނީ އަހަރެން އެކަނި. އެހެންވީމަ ވަކި އަހަރެން ކެރިއަރަކަށް ވާނެތަ؟” ދީނާ ހުޅުވައިލީ ސުވާލެކެވެ.
” ނޭނގޭތާ އެޔެއް؟ އެނގޭނީ ޓެސްޓު ކުރީމަ؟ އިރާދަކުރެއްވިއްޔާ ކެރިއަރަކަށް ނުވާނެ.” ފުން ނޭވާއެއްލަމުން ނަވީން ބުންޏެވެ. ދެމީހުންގެ ވާހަކަ ނިންމާލުމަށްފަހު ފޯނު ބޭއްވީ، ދީނާ ވެސް އަދި ނަވީން ވެސް ވީއެންމެ އަވަހަކަށް ޓެސްޓު ހަދާގޮތަށް އެއްބަސް ވަމުންނެވެ.
ޖެހިގެން އައިދުވަހު ދީނާ ބޭނުންވީ ޓެސްޓު ހެދުމަށް ތެލެސީމިޠަ ސެންތަރަށް ދާށެވެ. އެނިޔަތުގައި ދީނާ އިނީ އޭނާގެ ދޮންތަގެ އިންތިޒާރުގައެވެ. ދޮންތަ ގެއަށް ވަނުމާއެކު ދީނާއާއެކު ސެންޓަރަށް ދިއުމަށް އޭނާ އެދުނެވެ.
“ކީއްކުރަން ދަނީ؟ ކޮއްކޮތީ ކެރިއަރެއް ނޫނޭ. މިގޭ އެއްވެސް ކުއްޖަކު ކެރިއަރަކަށް ނުވާނެ.” ވަރަށް ޔަގީން ކަމާއި އެކު ދީނާގެ ދޮންތަ ބުންނޭވެ.
“ތިކަން އެނގެޔޭ. އެކަމަކު ނަވީން ގަބޫލުކުރާނި ނަތީޖާ ދެއްކީމަކާނު؟ އެހެންވެ ޓެސްޓު ހަދަން މިއުޅެނީ. ދެން ހިނގާދަމާ؟” ދީނާ އެދުނެވެ.
ދީނާއާއި އޭނާގެ ދޮންތަ ތެލެސީމިއާ ސެންޓަރަށް ދިޔައެވެ. މާގިނައިރުތަކެއް ނުވެ ނަތީޖާ ލިބުނެވެ. ދީނާއަށް ލިބުނީ ހައިރާން ކަމެކެވެ. އެޔަށްވުރެ ބޮޑަށް ހައިރާންވީ ދޮންތައެވެ.
“ކީއްވެ އެހެން ވާންވީ؟ ގައިމު ގޭ އެކަކު ވެސް ކެރިއަރަކަށް ނުވޭ. މަންމަ އެކަނި ކެރިއަރަކަށް ހުރީ.” ސުވާލު ކުރީ ދީނާގެ ދޮންތައެވެ.
“ތި ބުނީ މަންމައަކީ ކެރިއަރެކޭ. އެހެން ވެއްޖެ ނަމަ އެހެން ވެދާނެ. ކެރިއަރަކަށް ވުން އެއީ އެއްވެސް މައްސަލައެއް ނޫން.” ނަތީޖާ ދިއްކޮށްލި ކުއްޖޭ ހިނިތުންވުމެއް ދެމުން ބުންޏެވެ.
ދީނާގެ މޫނުމަތިން ކުރިން ފެނުނު ހިނިތުންވުން ކުއްލިއަކަށް ގެއްލުނެވެ. ދީނާގެ ދޮންތައަށް އެކަން ފާހަގަ ކުރެވުނެވެ.
“ކިހިނެއް ވީ؟ ކެރިއަރަކަށް ވުން އެއީ އެއްވެސް މައްސަލައެއް ނޫނޭ. އަދި ނޭނގެއެއްނު ނަވީނުގެ ގޮތެއް؟ އިރާދަކުރެއްވިއްޔާ ނަވީނު ވާނީ ނޯމަލްއަކަށް.” ދީނާގެ މޫނަށް ބަލަހައްޓައިގެން ހުރެ ދޮންތަ ބުންޏެވެ.
“ނަވީނު ކެރިއަރަކަށް ވެއްޖެ ނަމަ ދެނޯ؟” ދީނާ ސުވާލު ކުރިއެވެ.
“ދެން ތިކަން ނިންމާނީ ދެ ކުދިން. ދޮންތައަކަށް ނޭނގޭ. ބައެއް މީހުން ކައިވެނި ކޮށްގެން ވަރަށް އުފަލުން އުޅޭ. އަނެއް ބަޔަކު އުޅެނީ ވަރަށް ހިތާމައިގައި. ކީކޭތަ ނަވީން ބުނީ؟” ދޮންތަވެސް ކުރީ ސުވާލެކެވެ.
“ނަވީން ބުނީ ދެމީހުން ކެރިއަރުންނަށް ވެއްޖެ ނަމަ ރުޅިވާނިއްޔޯ. އެކަމަކު ކިހިނެއް އޭރުން އަހަރެން އުޅޭނީ؟ ގައިމު އޭރުން ނަވީން ވެސް ނެރަވާނެ. އަހަންނަށް އެނގޭ ނަވީން އަހަރެން ދެކެ ލޯބިވާ ވަރު. އަހަރެން ވެސް ނަވީން ދެކެ ލޯބިވޭ.” ދީނާ ހާސްވެފައި އިން ވަރުން ދޮންތައަށް ހުރިހާ ވާހަކައެއް ކިޔައިދޭ ފެށުނެވެ.
ގެއަށް ވަނުމާއެކު ދީނާ ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުގައި އޮވެ ވިސްނަން ފެށިއެވެ. ދީނާގެ ހިތް ތެޅެން ފެށިއެވެ. ނަވީން ދައްކާފައި ހުރި ވާހަކަތައް ހިތަށް ވަންނަން ފެށިއެވެ. ނަވީންގެ ބޭބެއަކީ ކެރިއަރެކެވެ. އެހެން ވެއްޖެ ނަމަ ނަވީން ވެސް ކެރިއަރަކަށް ވެދާނެއެވެ. ނަވީން ކެރިއަރަކަށް ވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. ވަތްކެއް ނުވާނަމެވެ. ކެރިއަރުންނަށް ވިޔަސް ލޯބިވުމުގެ ޙައްޤު ލިބިގެން ވެއެވެ. އިރާދަކުރެއްވިއްޔާ ނަވީން ކެރިއަރަކަށް ނުވާނެއެވެ.
ޚިޔާލުތަކުގައި އޮއްވާ ފޯނު ރިންގްވާ އަޑު ދީނާއަށް އިވުނެވެ. ލިބުނު ކުއްލި ސިހުމަކާ އެކު ދީނާއަށް ތެދުވެވުނެވެ. އޭނާއަށް ޔަޤީންވީ އެއީ ނަވީން ކަމަށެވެ. ވީވެސް އެހެންނެވެ. ފޯނު ކުރީ ނަވީންއެވެ. ދީނާ ވާހަކަދައްކަން ފެށިއެވެ.
“ކޮބާ ކިހިނެއްވީ؟ ނަތީޖާ ލިބުނީ ކޮން އަތަކުން؟” ނަވީން އެއްސެވެ.
“އެންމެ ފުރަތަމަ ތިކޮޅުގެ ނަތީޖާ. އޭރުން މިކޮޅުގެ ނަތީޖާ ބުނެވޭނީ.” ހާސްކަން ފޮރުވަމުން ދީނާ ކަނޑައެޅީ ޝަރުޠެކެވެ.
“އަހަރެން މިއަދަކު ޓެސްޓެއް ނުހަދަން. ދެން ކިހިނެއް ނަތީޖާއެއް ދޭނީ؟ ގައިމުވެސް ދީނާ ޓެސްޓް ހެދީމެއްނު؟ ބުނެބަލަ ކިހިނެއްތަވީ؟”
ދީނާއަށް ޖެހުނީ ޝަރުޠު ބާޠިލުކޮށް ނަވީންގެ ސުވާލަށް ޖަވާބު ދޭށެވެ. އެ ސުވާލުގެ ޖަވާބު ދީނާ ދޭން ފެށީ ލޮލުންނެވެ. ދީނާ ރޮއިގަތެވެ. ދެރަވެފައި ހުރިކަން ކިތަންމެ ވަރަކަށް ސިއްރު ކުރަން އުޅުނު ނަމަވެސް ދީނާއަކަށް އެކަން ފޮރުވޭ ގޮތެއް ނުވިއެވެ. ނަވީނަށް ލެވުނީ މާނޭވާއެކެވެ. ދީނާ ރޯން ފެށުމުން ކަންތައް ވީގޮތް އޭނާއަށް އިހުސާސް ކުރެވުނެވެ.
“ނަވީން ޓެސްޓް ކުރިންތަ؟” ރޮމުން ރޮމުން ދީނާ އެއްސެވެ.
“ނޫން މިއަދަކު ޓެސްޓެއް ނުކުރަން. ނަމަވެސް އަދި ކުރާނަން.” ފެންކަޅިވެ ހުރި ނަވީން ޖަވާބު ދިނެވެ.
އެ ޖަވާބާއެކު ނަވީންގެ ހިތް ގިސްލާ ރޮމުން ދިޔައެވެ. އޭނާގެ ލޮލޮން ކަރުނަ ނީރެން ފެށިއެވެ. މަތީ ދަތްޕިލައިން ތިރީ ތުންފަތުގައި ދަތް އަޅައި ދެލޯ މަރައިލެވުނެވެ. ވީ ދެރައިން ދެމީހުނަށް ވެސް ފޯނު ބޭއްވުނީއެވެ. ނަވީން ފޯން ބޭއްވީ އެ ފޯން ކޯލަކީ އެންމެ ފަހު ފޯންކޯލްކަމަށް ހަދާފައެވެ. ދީނާ ފޯން ބޭއްވީ ނަވީންގެ ޓެސްޓުން އުފާވެރި ނަތީޖާއެއް ލިބޭނެކަމުގެ އުންމީދުގައެވެ.
އެ އުންމިދުގައި ދީނާ ހުންނަތާ ދުވަހެއް ފާއިތުވެއްޖެއެވެ. ނަވީންގެ ހަބަރެއް ނުވިއެވެ. ފޯނުކުރުމުން ފޯނުވެސް ނުނަގަނީ އެވެ. މެސެޖް ކުރުމުން އެއަށް ޖަވާބުވެސް ނުދެނީއެވެ. އެންމެ ފަހުން ފޯނު ނިއްވާލީއެވެ. ދީނާ ހަސްވީ އެހިސާބުންނެވެ. ނަވީނުގެ ފޯނު ނުނެގުމުންނެވެ. އެއީވެސް ވެދާނެ ގޮތެކެވެ. ކޮންމެވެސް ކަމަކާ ބިޒީވީ ކަމަށް ވެދާނެއެވެ. މީހަކާ ބައްދަލު ކުރަނީ ކަމަށްވެސް ވެދާނެއެވެ. އެހެންނޫނީ ފޯނު ނަގާނެއެވެ. ނުނަގައެއް ނުހުންނާނެއެވެ. ދީނާގެ ޚިޔާލުތައް އެނބުރެމުން ސެބުރެމުންނެވެ.
ޖެހިގެން އައިދުވަހު ޕޯސްޓުން ގެޔަށް އައީ ބޮޑު ސިޓީ އުރައެވެ. އޭގެ ބެރުގައި ކަޅު މާކަރަކުން ދީނާގެ ނަން ލިޔެވިފައިވެއެވެ. އެލިޔުން ފެނިފައި ދީނާއަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ ނަވީންގެ ލިޔުމެވެ. އެނޫން ދެވަނަ މީހެއްގެ ލިޔުމެއް ނޫނެވެ. ދީނާގެ ހިތް ތެޅެން ފެށިއެވެ. ބާރުބާރަށެވެ. އަވަސް އަވަހަށް އެސިޓީ އުރަ ކަނޑާ އޭގައިވަނީ ކޯނޗެއްތޯ ދީނާ ބަލާ ހިތް ވިއެވެ. އެނިޔަތުގައި އެސިޓީ އުރަ ކަނޑައިލުމާއެކު އެންމެ ފުރަތަމަ ވެސް ފެނުނީ ފޮޓޯ ގަނޑެކެވެ. އެއީ ދީނާ ސްކޫލު ދައުރުގައި ނަގައިފައިހުރި ފޮޓޯ އެކެވެ. ދީނާ އިތުރަށް ހާސްވިއެވެ. ކޮންމެވެސް ގޯހެއް އުޅޭކަން އޭނާ ދެނެގަތެވެ. އެފޮޓޯ އޮންނަނީ ހަމަ އެކަނި ނަވީންގެ އަތުގައެވެ.
ހާސްވެފައިވާ ދީނާގެ ލޮލުގައި އަޅައިގަތީ ސިޓީއެކެވެ. އަވަސް އަހަށް ސިޓީ ހުޅުވާލުމަށްފަހު އޭނާ ކިޔަންފެށިއެވެ.
އެންމެ ލޯބިވާ ދީނާއަށް،
ސަލާމާއި ހެޔޮހާލުގައި އަބަދުމެ ލެއްވުން އެދޭ ހާލު، މައާފާއެކު ލިޔަމެވެ. ދީނާއަށް އެނގޭނެ ފަދައިން އަހަރެން ދީނާ ދެކެ އިންތިހާޔަށް ލޯބިވަމެވެ. ދީނާއާއެކު ދިރިއުޅުމެއް ފެށުމަށް ބޭނުންވެއެވެ. ނަމަވެސް ތަގުދީރުގައި އެފުރުސަތު އަހަރެންނަށް މިންވަރުވެފައި ނެތުމުން އަހަރެން ދީނާޔާ ދުރަށް ދަމެވެ. ގަބޫލުކުރާށެވެ. އަހަރެން ދުރަށްމިދަނީ އެނޫން ގޮތެއް ނެތިގެންނެވެ. އެހެންނޫނަމަ އަހަރެން ވާނީ ދީނާގެ ހަޔާތުގެ ބައިވެރިޔާއަށެވެ.
ދީނާއެވެ! އަހަރެން ދީނާއާ ދުރަށް މިދަނީ ރޮމުންނެވެ. ދީނާވެސް މިހިތާމާގައި ބައިވެރިވާނެކަން އަހަރެންނަށް އެނގެއެވެ. ދީނާއަހަރެން ދެކެ ލޯބިވާވަރާއި، އަހަރެންގެ ހަޔާތަށް އަންނަން ބޭނުންވާ ވަރު ވެސް އެނގެއެވެ. ނަމަވެސް ތަގުދީރު ހުރަސް އެޅުމުން އެ މަގަކުން އެއްވެސް މީހަކަށް ނުހިނގޭނެއެވެ. އަހަރެންވެސް މިއަދު ހިނގަން ޖެހުނީ ގުދުރަތުން ދެއްކި މަގުންނެވެ.
ލޯބިވާ ދީނާއެވެ! އަހަރެން ދީނާއާ ދުރަށް މިދަނީ ކުރިންވެސް އަހަރެން ބުނަމުންއައި ފަދައިން ތެލެސީމިއާ ދެ ކެރިޔަރުންނަށް ކައިވެނިކޮށްގެން އުފަލާއި ހިތްހަމަ ޖެހުމުގައި ނޫޅެވޭނެތީއެވެ. ތެލެސީމިއާ ކުއްޖަކު ލިބުމުން އެކުދިންގެ މައިންބަފައިން އުޅެންޖެހޭ ހާލު ވިސްނޭތީއެވެ. އެފަދަ އާއިލާތައް އުޅެމުންދާ ވޭނީ އަސަރުތައް ފެނި، އެކަމުން ހިތަށް ތަދުވާތީއެވެ.
ދީނާއެވެ. ލޭފޮދެއް ނުލިބިގެން ރޮމުން ދަނީ ކިތައްމައިންކަން އެނގޭހެއްޔެވެ؟ އެހެން ދަރިންގެ ހައްގުތައް ދޫކޮށްލުމަށްފަހު ތެލެސީމިއާ ދަރިފުޅަށް ހޭދަކުރަން ޖެހިފައިވަނީ ކިތައް ބަފައިންކަން އެނގޭ ހެއްޔެވެ؟ ދަރިފުޅުގެ ހައްގަށްޓަކައި މުޅި އަތްމަތި ހުސްކުރަން ޖެހިފައިފަނީ ކިތައް އާއިލާއަށްކަން އެނގޭހެއްޔެވެ؟ ދީނާ ބުނެބަލާށެވެ! ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ނުކުޅެދުންތެރި ދަރިންތަކެއް ހޯދުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ އެނޫން ފުރުސަތާއި، އެނޫން ގޮތް ކަނޑައެޅިގެން އެނގޭއިރު ދެކެރިއަރަކުން ކައިވެނި ކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އަހަރެން ދެކޭގޮތުގައި އެއީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ.
ދީނާއެވެ! ރައްޓެހިވެގެން އުޅުނު ދުވަސް ތަކުގައި ދީނާގެ ފަރާތުން ލިބުނު ލޯތްބާއި، އެހީތެރިކަމަށް ނިހާޔަތަށް ޝުކުރިއްޔާއެވެ. އަހަރެން ގަބޫލުކުރާގޮތުގައި ދީނާގެ ކުށެއް ނެތެވެ. ކުށް ކުރެވުނީ އަހަރެންނަށެވެ. އަހަރެންނަށް ކުރެވުނު ކުށަކީ ތެލެސީމިއާ ޓެސްޓު ކުރުމެއް ނެތި ދީނާއާ ރައްޓެހިވުމެވެ. އެހެން ނޫންނަމަ މިދުވަސް އަހަރެންގެ ހަޔާތް ބަދަލެއް ނުކުރީހެވެ. ދީނާގެ ހިތުގައި ޖެއްސުމަށްފަހު ދީނާއާ ދުރަށްދިޔުމަށް މަޖުބޫރުވެގެން ނުދިޔައީހެވެ.
ދީނާއެވެ! އަހަރެންނަށް މައާފު ކުރާށެވެ. އަހަރެން މިގޮތަށް މިނިންމީ ދީނާއަށް ވެސް ރަނގަޅަކަށެވެ. އަދި އަހަރެންނަށް ވެސް ރަނގަޅަކަށެވެ. އިރާދަ ކުރެއްވިއްޔާ ދެމީހުން ވަކިން އުޅެން މަޖުބޫރު ވިޔަސް ދެމީހުން ވެސް އުލޭނީ އުފަލުގައެވެ.
ކެތްތެރިވާށެވެ! އެކަލާނގެ ވަނީ ކެތްތެރިންނާއެކުއެވެ. އަހަރެން ކެތްކުރާނަމެވެ. ކެތްތެރިވާނަމެވެ. އަހަރެން ވީތަނެއް ހޯދަން ދީނާ މަސައްކަތް ނުކުރުމަކީ އަހަރެންގެ އެދުމެކެވެ. އަހަރެން ފެންނަ ހިސާބަށް ދީނާ ނައުމަކީ އަހަރެންގެ އެދުމެކެވެ. މި އެދުން ދީނާ ފުރިހަމަ ކޮށްދޭނެ ކަމަށް އުންމީދު ކުރަމެވެ. ދީނާއަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި!
ސިޓީގެ ފަހު ޖުމްލައާއެކު ދީނާ ދިޔައީ ބަޑިފަޅައިގެންނެވެ. އަޑުގެ ކޮޅަށް ރޮއިގަތީ އެނދުމައްޗަށް ވެއްޓިގަންނަމުންނެވެ. އެހިތާމާއިގެ ކަރުނަތައް ލޮލާ ވަކިވެގެން ދާއިރު ދީނާގެ ހިތުން އެތައް ޝަކުވާތަކެއް ކުރަމުން ގެންދިޔައެވެ.
މަޖުބޫތުވާންވީ މިއަދު ހެއްޔެވެ؟ ވަކިވާން އެނގުނީ އިންތިހާޔަށް އަހަރެން ލޯބި ވުމުން ހެއްޔެވެ؟ ކައިވެނިކޮށްގެން ނޫޅެވެންވީ ކީއްވެ ހެއްޔެވެ؟ ކެރިއަރުންވީމާ އެއްވެސް އުފަލެއް ނެތީހެއްޔެވެ؟ ލޯބިވާ މީހަކާ އިނދެގެންވެސް ނޫޅެވެންވީ ހެއްޔެވެ؟ ގަބޫލު ނުކުރާނަމެވެ. އަހަންނަށް ނަވީން ލިބެން ޖެހޭނެއެވެ. އެއީ އަހަރެންގެ ހައްގެކެވެ. ނަވީނަށް ނުވިސްނެނީއެވެ. އަދި ވިސްނޭނެއެވެ.
ޝަކުވާތަކާއި އެކު ދީނާ ގުޅީ ޓެކްސީއަކަށެވެ. ކާރަށް އެރުމަށްފަހު ނަވީން އުޅޭގެޔަށް ދީނާ މިސްރާބު ޖެއްސެވެ. ދީނާއަށް ލިބިގެންދިޔައީ އިތުރު ހިތްދަތިކަމެކެވެ. ނަވީން ރަށުގައި ނޫޅޭ ހަބަރު ލިބުމާއިއެކެ ދީނާއަށް ވީގޮތެއްވެސް ނޭނގުނެވެ. ހޭވެރިކަންވީ ގޭގައި އޮއްވައެވެ.
ނަވީން ބަދަލުވިއެވެ. ދީނާ ފެންނަ ހިސާބުގައި އުޅެން ކެތް ނުވާނެތީއެވެ. ދީނާއަށްވެސް ހިތްދަތިކަން ލިބިދާނެތީއެވެ. އެނިޔަތުގައި ނަވީންގެ މުޅި ހަޔާތް ރަށަށް ބަދަލުކުރިއެވެ. އުޅެމުން ދިޔަ ވަޒީފާ ދޫކޮށްލުމަށްފަހު އަމިއްލަ ރަށުގައި މަސައްކަތް ކުރަންފެށިއެވެ.
ނަވީން ރަށަށް ބަދަލުވިތާ ދެއަހަރު ވެއްޖެއެވެ. ނަމަވެސް ނަވީނަކަށް ދީނާ މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. ދީނާގެ ހިޔާލުތަކާއި ދުރެއް ނުވެވުނެވެ. ދީނާގެ ލޯބި މަރައެއްވެސް ނުލެވުނެވެ. އެންމެ ފަހުން ނަވީން ގަސްދުކުރީ މީހަކާ އިންނާށެވެ. ދީނާގެ މަތިން ހަނދާން ނައްތާލެވޭނީ މީހަކާ އިނުމުންކަމަށް ގަބޫލު ކުރެވިގެންނެވެ.
ނަވީނަށް ލޯބި ހުށަހަޅަމުން ދިޔަ އެތައް ކުދިންނެއް ތިއްބެވެ. ނަވީން އިޚްތިޔާރު ކުރީ ރިޝްމީއެވެ. އެހެންވެ ނަވީން ދިޔައީ ރިޝްމީއާ ގާތްގުޅުމެއް ބާއްވަމުންނެވެ. ނަމަވެސް އެގުޅުން ލޯތްބަށް ބަދަލުކުރެވޭނީ ތެލެސީމިއާ ޓެސްޓު ކުރުމުންކަމަށް ނަވީން ދިޔައީ ބުނަމުންނެވެ.
މައްސަލަ ދިމާވީ ތެލެސީމިއާ ޓެސްޓުކުރާ ވާހަކަ ނަވީން ދައްކާތީއެވެ.
” ކިހިނެތް އެކަން އަހަރެން ކުރާނީ؟ މިރަށުން އެކަން ކުރެވޭކަށް ނެތް. ކޮންމެ ގޮތެއްހަދާފަވެސް އަހަރެން ބޭނުމީ ނަވީން.” ރިޝްމީ ބުނަމުން ދިޔައެވެ.
” އަހަރެން މާލެ ދާކަށް ބެނުމެއް ނުވޭ. އަނެއްކާވެސް އެހަދާންތައް އާވެދާނެ. އެހަނދާންތައް އާކުރާކަށް އަހަރެން ބޭނުމެއް ނުވޭ. އެއީ ރިޝްމީވެސް ބޭނުންވާނެ ގޮތެއް ނޫނެއްނު؟” ނަވީން މާލެދާން ބޭނުން ނުވާ ސަބަބު ބުނެދިނެވެ.
“އެކަމަކު އަހަރެން ކެރިއަރަކަށް ވެސް ވެދާނެ އެއްނު. ދެނޯ؟” ނަވީން ދޭނެ ޖަވާބެއް ބަލަންވެގެން ރިޝްމީ އެއްސެވެ.
“އެގޮތް ބޭނުން ނުވާތީތާ މާލެ ދޫކޮށް މިއައީ. އަހަރެން ކިތައްމެ ލޯބި ވިޔަސް މުސްކުޅިވިޔަސް އެކަމެއް ނުކުރާނަން.” ނަވީންގެ ޖަވާބު ނުނިމެނީސް ރިޝްމީ ބުންޏެވެ.
” އެގޮތް ބޭނުން ނުވާތީއޭ މާލެ ދާންވީވެސް. އޭރުންނެއްނު ޓެސްޓު ކުރެވޭނީ.” ނަވީނަށް އެންމެ ފަހުން ޖެހުނީ އެއްބަސް ވާށެވެ. ރިޝްމީ ކުރުނުކޮށްގެންނެވެ.
މާލެދިޔުމަށް ނަވީން ދަތުރަށް އެރިއެވެ. ރިޝްމީވެސް އޭނާގެ މަންމައާއެކު ދޯންޏަށްއެރިއެވެ. ރިޝްމީ އިނީ އޭނަގެ މަންމަ ގާތުގައެވެ. ނަވީން އިނީ ތަންކޮޅެއް ދުރުގައެވެ. ނަވީނަށް އުނދަގޫވަމުން ދިޔައެވެ. ނަވީންގެ ފުރަތަމަ ލޯބިވެރިޔާ ދީނާ މަތިން ހަނދާންކުރަން ނަވީން ބޭނުން ނުވިޔަސް ނަވީންގެ ހިތް ދީނާމަތިން ހަނދާންކުރުމަށް މަޖުބޫރު ކުރުވާތީއެވެ. ކުރިމަތީގައި އިން ރިޝަމީއަށް ބެލުމަށްވުރެ، ހިޔާލީ ދުނިޔެއިން އޭނައަށް ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ. ކީއްވެ ހެއްޔެވެ؟ ދީނާމަތިން ހަނދާން ނައްތާނުލެވެންވީ ކޮންސަބަބަކާ ހުރެ ހެއްޔެވެ؟ ދެއަހަރުވީއިރު ދީނާ އަހަރެން ހޯދަން މަސައްކަތް ކުރިބާއެވެ؟ އޭނާ މިހާރު ހުންނާނީ ކިހިނެތްބާއެވެ؟ ދީނާ އަހަރެން މަތިން ހަނދާންނައްތާލިބާއެވެ؟ ނޫނެކެވެ. އެކަމެއް ނުވާނެއެވެ. އަހަރެންނަށް ދީނާމަތިން ހަނދާންނައްތާ ނުލެވުނުއިރު ދީނާއަށް އެކަންވާންވީ ކިހިނެތް ހެއްޔެވެ؟ އެހެން ނޫންނަމަ އަހަރެންދެކެ ދީނާވީ ލޯތްބެއް ނޫނެވެ. ނަވީންގެ ހިތް އެތައް ޝަކުވާއެއް ކުރަމުން ދިޔައެވެ. އެއިން އެއްވެސް އަޑެއް ނަވީން ނޫން އެހެން އެއްވެސް މީހަކަށް ނުއިވޭ ގޮތަށެވެ. ކުރިމަތީ ބަލަހައްޓައިގެން ހެވިފައިހުރި ރިޝްމީއަށްވެސް ސިއްރު ކުރަމުންނެވެ.
މާލެ ދިޔުމަށްފަހު ނަވީން ބޭނުންވީ ދީނާމެންގެއާ ވީހާވެސް ދުރުގައި އުޅޭށެވެ. ބޭބެމެން އުޅެމުންދާ ގެއަށް ނުގޮސް ކުއްޔަށް ކޮޓަރިއެއް ހިފާށެވެ. ނަވީން އުޅެމުންދިޔައީ މާވެޔޮ ގެސްޓް އިން ގައެވެ. ތިޝްމީއާ އޭނަގެ މަންމަމެން ތިބީ ރައްޓެހި ބައެއްގެ ގޭގައެވެ.
ނަވީންމެން މާލެއައިތާ ދެވަނައަށްވީ ދުވަހު ތެލަސީމިއާ ސެންޓަރަށް ދިޔައެވެ. ނަވީން ހިތް ތެޅެމުންދިޔަ ނަމަވެސް ރިޝްމީ ހާހެއް ނުވެއެވެ. ނަތީޖާ ލިބުމާއެކު ހިފަހައްޓައިގެން ހުރި ނަވީންގެ ނޭވާ ދޫކޮށްލިއެވެ. ރިޝްމީ ހިތް އުފަލުން ފޮޅިގަތެވެ. ނަވީން މިލްކުވީކަމަށް ގަބޫލުކުރެވުނެވެ.
ގެއަށް ދިޔުމަށްޓަކައި ނަވީންއާ ރިޝްމީ އެރީ ޓެކްސީއަކަށެވެ. ޓެކްސީ ދަތުރުކުރަމުން ގެންދިޔައީ ހަލަބޮލި މަޖީދީ މަގުގް ހުޅަގުން އިރަށެވެ. އިސާހިތަކު ލައިޓްގައި ޖެހުނެވެ. ނަވީންމެން އިން ޓެކްސީއާ އެއް ހަމައެއްގައި އެހެން ކާރެއްވެސް އައިސް މަދުކޮށްލިއެވެ. ރިޝްމީގެ ލޮލުގައި އަޅައިގަތީ އެކާރު ތެރޭން ފެންނަ ކުޑަކުއްޖާއެވެ. އެކުއްޖާއަތުން ހަނާއަޅަނީއެވެ. ރިޝްމީވެސް ހަނާއަޅަން ފެށިއެވެ.
” ބަލާބަލަ އެއިން ލޯބި ފުއްގަނޑެއް. ހާދަ ލޯބި ކުއްޖެކޭދޯ؟ ” ނަވީންވެސް އެކުއްޖާއަށް ބަލާލުމަށްފަހު ހަނާއަޅާލިއެވެ.
” އެކުއްޖާ މަންމަ ރުޅި އަތުވެދާނެ. ތިވަރަށް ހަނާއަޅަންޏާ.” ނަވީނަށް ބުނެވުނެވެ.
” ކޮބާ މައްސަލައަކީ؟ ފުރަތަމަ ހަނާއެޅީ އެކުއްޖާ. ދެން އަހަރެން. ދެން ނަވީން. ރުޅި އަންނަޏާ ރުޅި އަންނަންވީ އަހަރެންދެކެ އެކަންޏެއް ނޫންތާ. ނަވީންދެކެ ވެސް ރުޅި އަންނާނެތާ؟” ރިޝްމީ މަޖާވެލިއެވެ.
އެމަޖަލުގައި ތިއްބާ ކާރުތެރޭން ދެން ފެންނަނީ އެހެން އަންހެނެކެވެ. ރިޝްމީ އަވަސްއަވަހަށް މޫނު އަނބުރައިލިއެވެ. ނަވީނަށް ލިބުނީ ހައިރާން ކަމެކެވެ. ހިތް ދިޔައީ ތަރިބުރައިގެންނެވެ. ލިބިގެންދިޔައީ މާސިންގާ ހާސްކަމެކެވެ. ކާރުތެރޭން ފެންނަނީ ދީނާއެވެ. ނަވީނަށް ބޭއިޚްތިޔާރުގައި ދީނާއޭ ބުނެވުނެވެ. ދެން ބަލާލެވުނީ ރިޝްމީއަށެވެ. ރިޝްމީއަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. އެއަށްވުރެ ބޮޑު ހައިރާން ކަމެއް ލިބުނީ ދީނާއަށެވެ. އޭނާއަށް ނަވީން ފެނުމުން ވީގޮތް ވެސް ނޭނގުނެވެ. ލިބުނު އުފަލުގެ ބޮޑުކަމުން ނަވީނަށް ހަނާއަޅާލެވުނެވެ.
“ކާރު މިގޯޅިން އަޅާފައި މަޑުކޮށްލާ އިނގޭ.” ޖެހިގެން އޮތް ގޯޅިޔަށް އަތް ދިއްކޮށްލަމުން ނަވީން ބުންޏެވެ. ދީނާއިން ކާރުވެސް އެގޯޅިން އެޅުމާށްފަހު މަޑުކޮށްލިއެވެ. އޭނާ ކާރުންފޭބިތަނާ ދީނާވެސް އޭނާ އިން ކާރުން ފޭބިއެވެ. ދީނާ ފޭބީ ލޯބިލޯބި ކުއްޖަކާ އެކުއެވެ. އެކުއްޖާއަށް ބަލަމުން ރިޝްމީވެސް ކާރުން ފޭބިއެވެ.
“މީ ދަރިފުޅުތަ؟” ނަވީނަށް އަހާލެވުނެވެ. އެސުވާލުން ނަވީންގެ ހިތަށް ބޭނުންވާ ޖަވާބު ލިބޭނެތީއެވެ. އާއެކޭ ބުނެ، ދީނާ ދިން ޖަވާބުން ނަވީނަށް ހިތްހަމަ ޖެހުމެއް ލިބުނެވެ.
ދީނާވެސް ކުރީ ސުވާލެކެވެ. ރިޝްމީއަށް އިޝާރާތްކޮށް އަންހެނުންތޯ އެއްސެވެ.
“ނޫނޭ އަދި އަންހެނުނެއް ނޫން. އިރާދަކުރެއްވިއްޔާ އަންހެނުންނަށް ވާނެ. މިކޮޅަށް އައިސް މިއުޅެނީ ތެލެސީމިއާ ޓެސްޓު ކުރަން. އިރާދަ ކުރެއްވީތީ މިފަހަރު ނަސީބު ރަނގަޅު.” ނަވީން ދިން ޖަވާބުން ދީނާއަށް ވެސް ލިބުނީ ހިތްހަމަޖެހުމެވެ.
“ކޮން އިރަކު ފުރަނީ؟” ދީނާ ކުރި ސުވާލަށް ޖަވާބު ލިބުމާއިއެކު މާގިނަ ވާހަކައެއް ދައްކާކަށް ދީނާ ބޭނުން ނުވިއެވެ. ނަވީން ވެސް އެގޮތް ބޭނުން ނުވާތީ ދީނާއާ ސަލާމްކޮށްލުމަށްފަހު ހިތްހެޔޮ ކުރުމަށް އެދުނެވެ. އޭގެ ޖަވާބުގައި ދީނާ ބޯޖަހާލިއެވެ.
ރިޝްމީ ހުރީ ވަރަށް އުފަލުންނެވެ. ނަވީންގެ ލޯބިވެރިޔާ އެހެން މީހަކާ އިނދެ ދިރިއުޅުމެއް ފެށުމުންނެވެ. ނަވީން ބުނެފައިވާ ގޮތުން ނަވީން މީހަކާ އިންނަން ބޭނުންވަނީ ދީނާ މީހަކާ އިނުމަށް ފަހުއެވެ. އެއީ މަޖުބޫރުވެގެން ވަކިވާން ޖެހުމުން ދީނާއަށް ލިބުނު ހިތާމަ ނުފިލަނީސް ނަވީން އެހެން މީހަކާ އިނުމަކީ އިންސާފެއްކަމށް ގަބޫލުނުކުރެވޭތީއެވެ. މިހާރު އެކަން އެވަނީ ފުރިހަމަވެފައެވެ. ރިޝްމީ ތެލެސީމިއާ ޓެސްޓު ވެސް ކުރެވިއްޖެއެވެ.
ހަތަރެއް ނުޖަހަނީސް ނަވީން ހުރީ ބަނދަރުމައްޗަށް އައިހެވެ. އިންތިޒާރު ކުރަމުން ދިޔައީ ރިޝްމީއާ އޭނާގެ މަންމަ އަންނާނެ ވަގުތަކަށެވެ. ކާރު ނައްޓައިލިވާހަކަ ރިޝްމީ ބުނިނަމަވެސް މިހާރު އިރުކޮޅެއް ވެއްޖެއެވެ. ނަވީން ކުރިމައްޗަށް ކަހަލަގޮތަކަށް އައިސް މަޑުކޮށްލީ ރަތް ކުލައިގެ ކާރެކެވެ. އެއިން ފޭބީ ދީނާއެވެ. ނަވީނަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ދީނާ އައިސް ދިއްކޮށްލީ ބޮޑު ސިޓީ އުރައެކެވެ.
“މީގައި އޮންނާނެ ހުރިހާ ވާހަކައެއް. ނަވީން ފޮނުވި ސިޓީވެސް. އަހަރެން ބޭނުމެއްނޫން އެސިޓީ އަހަރެން އަތުގަ ބާއްވާކަށް. އަހަރެންނަށް މައާފް ކުރާތި. ވާން އުޅޭ އަންހެނުންނަށް ސަލާމް ބުނެދޭތި. ނަވީން ވެސް އުފަލުގައި އުޅޭތި.” ހަ ޖުމްލަ ބުނުމަށްފަހު ދީނާ ގޮސް އެނބުރި ކާރަށް އެރިއެވެ. ދީނާ އެރުމާއެކު ކާރު ނައްޓައިލިއެވެ. ލޯމަތިން ކާރު އޮބާލަންދެން ނަވީނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.
އިރުކޮޅެއްފަހުން ރިޝްމީއާ އޭނަގެ މަންމަ އައުމާއެކު ނަވީން ގޮސް ދޯންޏަށް އެރިއެވެ. މާގިނަ އިރުތަކެއް ނުވަނީސް ދޯނި ނައްޓައިލިއެވެ. ނަވީންގެ ހިތް ތެޅިގަތީ އެހިސާބުންނެވެ. ނަވީން ބޭނުންވީ ހިތް ހަމަޖައްސައިލާށެވެ. އެނިޔަތުގައި ނަވީން އިށީނީ ރިޝްމީއާ ޖެހިގެންނެވެ.
ދީނާ ދިން ސިޓީއުރައިގެ ވާހަކަ ރިޝްމީއަށް ސިއްރުކުރާކަށް ނަވީން ބޭނުމެއް ނުވިއެވެ. އެހެންވެ، އެސިޓީ އުރަ ނަވީން ދިއްކޮށްލީ ނަވީނަށެވެ.
“މިއީ ދީނާ ނަވީނަށް ދިން އެއްޗެއްނު. އަހަރެން ސިޓީ ކިޔާކަށް ބޭނުމެއް ނޫން. އަހަރެން އިތުބާރު ކުރަން ނަވީނަށް.” އަނބުރާ އެ އުރަ ނަވީން އަތަށް ދިއްކޮށްލަމުން ރިޝްމީ ބުންޏެވެ.
ނަވީން ހިތަށް ލިބުނު ފިނިކަމާއެކު އެއުރަ ކަނޑައިލިއެވެ. ރިޝްމީ އިނީ ބަލަހައްޓައިގެންނެވެ. ނަވީންގެ ލޮލުގައި ފުރަތަމަ އަޅައިގަތީ އުރަތެރޭގައި އޮތް ނަވީންގެ ފޮޓޯ ގަނޑެކެވެ. އެއާއެކު ނަވީން ދީނާއަށް ފޮނުވި ސިޓީ ވެސް ނަވީނަށް ފެނިގެން ދިޔައެވެ. ނަމަވެސް ނަވީނަށް މަޖުބޫރުވީ ރަތްކުލައިގެ ދެލިން ދީނާ ލިޔެފައި އޮތް ސިޓީ ކިޔާށެވެ.
މިދުނިޔެމަތީ އަހަރެން އެންމެ ލޯބިވި ނަވީނަށް.
ﷲ ހެޔޮ ރަހުމަތް އެދޭހާލު ސަލާމް ފޮނުވަމެވެ.
ނަވީން އެވެ. އަހަރެން މި ސިޓީ މިލިޔުނީ ފަހަރެއްގައި ވެސް އަހަރެންގެ ހިތުގައި ނަވީންގެ ލޯބި އޮތްވާހަކަ ބުނާކަށް ނޫނެވެ. އަދި އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ބޭވަފާތެރި ވާކަށް ވެސް ނޫނެވެ. މިސިޓި އަހަރެން މިލިޔަނީ ކަންތައްތައް ވީގޮތް ނަވީނަށް އޮޅުންފިލުވައިދޭށެވެ.
ނަވީނެވެ. އިރެއްގައިތީ އަހަރެންގެ ލޯބިވެރިޔާއެވެ. ނަވީން އަހަރެންނާ ވަކިވީ އަހަރެން ވެސް އަދި ނަވީން ވެސް ކެރިއަރަކަށް ވުމުންނެވެ. ދެކެރިއަރުންނަށް އުފަލުގައި ނޫޅެވޭނެކަމަށް ގަބޫލުކުރެވޭތީއެވެ. އެއީ ނަވީނަށް ވިސްނުނު ގޮތެވެ. އަހަރެން ވެސް ވިސްނި ގޮތެވެ. ނަވީން ހޯދުމަށް ކުރިމަސައްކަތް ހުއްޓައިލީ އެކަން ވިސްނިގެންނެވެ. ނަވީން ބޭނުން ނުވާ ހާލު ނަވީނާއެކު އުޅެން ފަސޭހަނުވާނެކަން ޔަގީންވެގެންނެވެ.
ނަވީނެވެ. އަހަރެންގެ ލޯމަތިން ނަވީން ފިލާދިޔުމުން ވަރަށް ބޮޑު ފުން ހިތާމައެއްގެ ތެރެއަށް އަހަރެން ގެނބިގެން ދިޔައެވެ. އޭގެ ނަތީޖާއަކަށްވީ ބަލި އެނދެއްގައި ދެމަސްދުވަސް އަހަރެން ހޭދަ ކުރަން ޖެހުމެވެ. ﷲ ގެ އިރާދަފުޅުން އެދުވަސް މިއަދު މިވަނީ ފާއިތުވެގެން ގޮސްފައެވެ.
އޭގެ ހަމަސްފަހުން އަހަރެން މީހަކާ ރައްޓެހި ވީމެވެ. ނަމަވެސް އިނުމުގެ ކުރިން ދެވަނަ ފަހަރަށް ވެސް ޓެސްޓު ހަދަން ޖެހުނެވެ. އަހަރެންގެ ފިރިމީހާގެ އެދުމުގެ މަތިންނެވެ. ނަމަވެސް ލިބުނު ނަތީޖާ އަހަރެންނަކަށް ގަބޫލު ނުކުރެވުނެވެ. އެންމެ ފުރަތަމަ ހެދި ޓެސްޓުން ކެރިއަރެއްކަމަށް ދައްކާފައިވާއިރު، ދެވަނަ ފަހަރު ކެރިއަރެއްކަން ދައްކާފައި ނުވާތީއެވެ. އެޝަކުވާ އަހަރެން ކުރީމެވެ. ތެލެސީމިއާ ސެންޓަރުގައި އެވާހަކަ ދެއްކީމެވެ. ނަވީން އަހަރެންނާ ދުރަށް ދިޔަ ސަބަބު ބުނެދިނީމެވެ. އެމީހުން ވެސް އެކަމާ ހިތާމަކޮށް މައާފު އެދުނެވެ. ނަމަވެސް އޭރު ވަގުތު ފާއިތު ވެއްޖެއެވެ. ނަވީން އަހަރެންނާ ދުރަށް ހިނގައްޖެއެވެ. އަހަރެންގެ ހަޔާތަށް އެހެން ބައިވެރިޔަކު އަތުވެއްޖެއެވެ.
ނަވީނެވެ. އަހަރެންނާ ދުރަށްދިޔައީ ކީއްކުރަން ހެއްޔެވެ؟ އަހަރެންގެ ގާތުގައި ހުރިނަމަ ގައިމުވެސް އެކުގައި އުޅެވުނީހެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ނަވީން ވީހެވެ. ނަމަވެސް އިރާދާ ގައި ނެތްކަމެއް ނުވާނެއެވެ. މައްސަލައަކީ ތެލަސީމިއާ ޓެސްޓުގެ ނަތީޖާއެވެ. އެނަތީޖާ ދެއްކި ގޮތެވެ. ދެފަހަރު ދެގޮތަށް ދެއްކުމެވެ. މިއަދު އަހަރެންނަކީ މީހެއްގެ އަންބެކެވެ. ކުއްޖެއްގެ މަންމަ އެކެވެ. އިރާދަ ކުރެއްވީތީ އަހަރެން މިއުޅެނީ ވަރަށް އުފަލުން ވަރަށް ލޯބިންނެވެ. ނަވީންވެސް އަހަރެން ފަދައިން އުފަލުގައި އުޅުމަކީ އަހަރެންގެ އެދުމެކެވެ. ނަވީންއާ މެދު އެއްވެސް ހިތް ބަރުކަމެއް ނެތެވެ.
ނަވީން އެވެ. މިސިޓީ ކިޔާނިންމާލުމަށްފަހު މި ސިޓީ ވީދައިލާށެވެ. މިސިޓީ ނަވީނާއި ނަވީންގެ ބައިވެރިޔާ ނޫން އެހެން އެއްވެސް މީހަކަށް ދައްކާކަށް އަހަރެން ބޭނުމެއް ނުވެއެވެ. މިއީ އެއްވެސް މީހަކަށް ނޭނގޭ ވާހަކައަކަށް ހަދާށެވެ.
ސިޓީ ކިޔައި ނިންމައިލިއިރު ނަވީންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ނަވީންގެ ހިތުގެ ވިންދު އަވަސްވެ، އެތަކެއް ޝަކުވާތައް ހިތަށް ހުށައަޅަމުން ދިޔައެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ ތެލަސީމިއާ ސެންޓަރުން އެގޮތަށް ކަންތައް ކުރަންވީ ކީއްވެ ހެއެޔެވެ؟ އަހަރެންނާ ދީނާ ދުރުކުރީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ އަހަރެމެން ދެމީހުން ދެކެރިއަރުންނަށް ހެދީ ކީއްވެ ހެއްޔެވެ؟ އެނަތީޖާ ދިނީ ކާކު ބުނެގެން ހެއްޔެވެ؟ މައާފެއް ނުކުރާނަމެވެ. ދުވަހަކުވެސް މައާފެއް ނުކުރާނަމެވެ. އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލީ ތެލެސީމިއާ ސެންޓަރެވެ. ޓެސްޓު ހެދުމަށް ބުނަނީ އެމީހުންނެވެ. އެމީހުންގެ ބޭނުމަކީ ލޯބިވެރިން ދުރުކުރުވުން ހެއްޔެވެ؟ މީހުންނަށް ހިތާމަތަކާއި، ހިތްދަތިކަން ގެނެސްދިނުން ހެއްޔެވެ؟ ނޫނެކެވެ. އެއީ އޮޅުމެކެވެ. އޮޅިދާނެއެވެ.
ނަވީން ޝަކުވާތައް ދުލުން ބޭރުކުރަމުން ގެންދިޔައިރު، ރިޝްމީއަކަށްވެސް ނުއިނދެވުނެވެ. ނަވީންގެ ލޮލުން ފާއިބާ ކަރުނަތައް ރިޝްމީ ފޮހެލާދިނީ ހިތާމާގައި ބައިވެރި ވަމުންނެވެ.
“އަހަރެންނަށް މައާފް ކުރޭ! އިރާދަ ކުރެއްވިއްޔާ ދެން މިވާހަކަތަކެއް ރިޝްމީއަކަށް ނުއިވޭނެ. ރިޝްމީއަށް ވެސް އެނގޭނެ އަހަރެން އެންމެ ލޯބިވީ ދީނާ ދެކެކަން. މިއަދު އޭނާ އެވަނީ މީހަކާ އިނދެފަ. ކުއްޖަކު ވެސް އެބަހުރި. އެހެންވެ މިޝަކުވާތައް ކުރެވުނީ. އަހަންނަށް މައާފުކުރޭ. ދެން ދުވަހަކު ވެސް ދީނާގެ ވާހަކައެއް ނުދައްކާނަން. “އަތުގައި އޮތް ސިޓީ ވީދަމުން ލޮލުން ކަރުނަ އޮހޮރަމުން ނަވީން ބުންޏެވެ.
ރިޝްމީވެސް ބޯޖަހާލަމުން ނަވީންގައި ބައްދައިގަތެވެ. ދިރިއުޅުމެއް ފެށުމަށް އަޒުމު ކަނޑައަޅަމުންނެވެ.
