
ވަސީމު ސެންޓްރިކަށް ވަނެވެ. އެއީ ސެންޓަށް ޚާއްޞަކޮށްގެން މާލޭގައި ހުޅުވި ފުރަތަމަ ފިހާރައެވެ. ކަސްޓަމަރުން ގިނަ ވަގުތެކެވެ. ތަނުގައި ވަނީ ސެންޓުގެ ވަސް ހިފައިލާފައެވެ. އެ މީރު ވަހާއެކުވެފައި ވަނީ މަޑުމަޑު މިޔުޒިކެކެވެ. ހިތްގައިމު އަލިކަމެކެވެ. ވަސީމު ވަށައިގެން ހޯދައިލިއެވެ. ބިއްލޫރި ހަރުތަކުގައި އަތުރާފައިވާ ކުލަކުލައިގެ ސެންޓުފުޅިތަކުގެ ވަށައިގެން މީހުން ތިއްބެވެ. ސެންޓު ވިއްކާ ކުދިން އެ މީހުންނަށް ސެންޓުތައް ތަޢާރަފުކުރަމުން ގެންދެއެވެ.
ހަރުގަނޑެއްގެ ކައިރިން އެ ކުއްޖާ ވަސީމަށް ފެނުނީ އޭނާ ވެސް ވަސީމާ ދިމާލަށް ބަލައިލިތަނާއެވެ. އެ ބަލައިލުމުން ވަސީމަށް ދޭހަ ކުރެވުނީ އޭނާ ޚިދުމަތް ދެމުންގެންދާ ކަސްޓަމަރު ނިމުމުން އެބަ އަންނަމޭ މަޑުކުރާށޭ ބުނިކަމަށެވެ. ވަސީމު މަޑުކުރިއެވެ. އެ މީހާގެ ވިޔަފާރި ނިމުމާއެކު އެ ކުއްޖާ ވަސީމު ގާތަށް އަތުވެއްޖެއެވެ.
ވަސީމު އެ ކުއްޖާއަށް ބަލައިލިއެވެ. އޭނާހުރީ ގުރާ ފެހިކުލައާއި ގަދަ ނޫކުލަ ގުޅުވައިގެން ފަހާފައިވާ އެތަނުގެ ޔުނިފޯރމު އަޅައިގެންނެވެ. މޭމަތީގައި އޭނާގެ ނަން ހަރުކޮށްފައި ހުއްޓެވެ. ވަސީމު މަޑުމަޑުން ކިޔައިލިއެވެ. “ބިޝާމާ…”
“ތީ ވަރަށް ފަހުން ނެރުނު ސެންޓުފުޅިތަކެއް. ތިޔަފަދަ ޒުވާނުންނަށް ވަރަށް ކަމުދާ ސެންޓެއް. ވަސް ބަލައިލަން ބޭނުންތަ؟” ކައިރީގައި ހުރި ސެންޓުތަކަށް އިޝާރާތްކޮށްފައި ބިޝާމާ ބުންޏެވެ.
“އަހަރެން މި އުޅެނީ އަންހެން ކުއްޖަކަށް ސެންޓުފުޅިއެއް ގަންނަން.” ވަސީމު ބުންޏެވެ.
“އެހެން ދޯ؟ އެހެރީ އަންހެނުންގެ ސެންޓު.” އެ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ވަސީމު ދިޔައެވެ. ސެންޓުތަކުގެ ކައިރިޔަށް ގޮސް ވަސީމު ބައެއް ސެންޓުފުޅީގެ ނަން ކިޔައިލިއެވެ. “ކޮކޯ ޗެނެލް، ޑެއިޒީ، ގެބާނާ، ބްލެކް އޯޕިއަމް …” ނަންތައް ކިޔައިލިޔަކަސް އެއިން އޭނާއަށް އެއްވެސް އެއްޗެއް އެނގެނީއެއް ނޫނެވެ. އޭނާއަކީ މީގެ ކުރިން އަންހެން ކުއްޖަކަށް ސެންޓު ގަތް މީހެއް ނޫނެވެ. އަންހެން ކުއްޖަކު ސެންޓު ގަތް ތަނެއްގައި ހުރި ވެސް މީހެއް ނޫނެވެ.
އެހެން ކަސްޓަމަރަކު އައިސް ސުވާލެއްކުރަން ބޭނުންވެގެން މަޑުކޮށްގެން ހުއްޓެވެ. ދެ އަންހެން ކުއްޖަކު ވެސް އެތަނަށް މަޑުކޮށްލާފައި ކުރިޔަށް ދިޔައެވެ. އެހެންނަމަވަސް، ބިޝާމާ ހުރީ ވަކި ކަސްޓަމަރެއްގެ ޚިދުމަތުގައި ކަމަށް ވާތީ އެހެން ކަސްޓަމަރުންނަކަށް ބަލައެއް ނުލައެވެ. ވަކި މީހަކަށް ޚިދުމަތްދޭއިރު ހުރިހާ ސަމާލުކަމެއް އޭނާއަށް ދިނުމަށް މެނޭޖަރު ބުނެފައި އޮންނަނީކަން ނޭނގެއެވެ. ރަނގަޅު ގޮތަކީ ވެސް އެއީ ނޫންހެއްޔެވެ؟
“މިތާ މިހިރީ ހައްތާވެސް މި އަހަރު މުޅިން އަލަށް މާކެޓަށް ނެރުނު ސެންޓު. ވަރަށް މަޝްހޫރު ސެންޓުތަކެއް މިއީ. ވަރަށް މީރުވަސް ދުވާނެ.”
ސެންޓުފުޅިއަކުން ހަނި ކަރުދާސްކޮޅަކަށް ސެންޓު ޖަހާފައި ދެފަހަރަކު ހޫރާލާފައި ވަސީމު އަތަށް ދިނެވެ. ބިޝާމާ ވަސީމުގެ މޫނަށް ބަލަން ހުއްޓެވެ. ކަސްޓަމަރުގެ މޫނަށް އަންނަ ބަދަލުން އެ ސެންޓު އޭނާއަށް ރަނގަޅުވިކަން ނުވަތަ ރަނގަޅު ނުވިކަން އޭނާ ދެނެގަނެއެވެ. ކަސްޓަމަރަށް ސެންޓު ރަނގަޅުވިކަމުގެ ނިޝާން އޭނާގެ މޫނުން ފެނިއްޖެނަމަ އެ ސެންޓާ ބެހޭ ގޮތުން އިތުރު ވާހަކަ ދައްކަން ފަށައެވެ. އޭނާގެ މޫނުން އެ ސެންޓަކާ ގަޔާ ނުވާކަމުގެ ނިޝާން ފެނިއްޖެނަމަ އެހެން ސެންޓެއްގެ ވަސް ދައްކައެވެ.
ވަސީމު އޭގެ ވަސް ބަލައިލިއެވެ. ދެ ފަހަރަކު ވަސް ބަލައިލައިފައި ބިޝާމާގެ މޫނަށް ބަލައިލިއެވެ. އެ ސެންޓު ކަމުދިޔަ ކަމުގެ އެއްވެސް ނިޝާނެއް ވަސީމުގެ މޫނުމައްޗަކުން އޭނާއަކަށް ނުފެނުނެވެ. އަދި ކަމުނުދާކަމުގެ ނިޝާނެއް ވެސް ނުފެނުނެވެ.
އެހެން ސެންޓެއްގެ ވަސް ދެއްކިއެއެވެ. ބިޝާމާ ކަޅި ޖަހައިނުލައި ކަސްޓަމަރުގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ދެތިން ފަހަރަކު ވަސް ބަލައިލިއެވެ. މި ފަހަރު ވެސް ވަސީމުގެ މޫނުމައްޗަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ކައިރީގައި ހުރި ކަސްޓަމަރަށް ލަސްވާތީ އެހެން ކުއްޖަކަށް އިޝާރާތް ކޮށްފައި އެ ކަސްޓަމަރު ދެއްކިއެވެ. އެ ކުއްޖާ އޭނާއަށް އެހީތެރިވެދޭން އައެވެ.
“ހަމަގައިމު ވެސް މި ސެންޓު ރަނގަޅުވާނެ. މިއީ މިހާރު ފްރާންސްގައި އެންމެ ހިނގާ އެއް ސެންޓު.” އޭގެ ވަސް ދެއްކިއެވެ. ކަސްޓަމަރު އެ ސެންޓާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ބުނާނެކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް އެކައްޗެކޭ ވެސް ނުބުނެއެވެ.
ފަހަރަކު ސެންޓެއް، ފަހަރަކު ސެންޓެއްގެ ވަސް ދައްކަމުން ގެންދިޔައެވެ. ވަސީމުގެ މޫނު މައްޗަކުން އެއްވެސް ތަފާތު ނިޝާނެއް ނުފެނެއެވެ. އަނގަޔަކުން އެއްޗެއް ނުބުނެއެވެ.
ބިޝާމާގެ ހިތަށް އެރިއެވެ. ‘މިއީ ކޮންކަހަލަ ކަސްޓަމަރެއްތަ؟ މީނާގެ މޫނުމައްޗަކުން އެއްޗެއް އެނގެނީއެއްނޫން. މީނާ އެއްޗެއް ބުނަނީކީއެއްނޫން. ކިނިނެއް މީނާ ބޭނުން އެއްޗެއް ހޯދައިދޭނީ ވެސް؟ އަނެއްކާ މީނާއަށް ވަސް ނުދުވަނީތަ؟ މީނާ މިތާ ހުރި ހުރިހާ ވައްތަރެއްގެ ސެންޓެއްގެ ވަސް ބަލަން ބޭނުންވަނީތަ؟ ނޫނީ މީނާ މިއުޅެނީ ސަމާސާކުރަންތަ؟ މިހާރު އެތަކެއް ސެންޓުގެ ވަސް އޭނާއަށް ދެއްކިއްޖެ. ދެން އޭނާއަކަށް ރަނގަޅަކަށް ވަކި ސެންޓެއްގެ ވަހެއް ނުވެސް ދުވާނެ. ހުންނާނީ އެއްގޯސް ވެފައި. މިކަހަލަ ކަސްޓަމަރަކާ އަދި ދިމަލެއް ނުވޭ.’
ބިޝާމާގެ ހިތަށް އެރިއެވެ. ‘އެ ކުދިން ވެސް އަހަންނަށް ބަލަބަލާފައި އެބަ ވާހަކަދައްކާ. އެ ކިޔަނީ އަހަންނަށް އޭނާއަށް ސެންޓުފުޅިއެއް ވިއްކައިނުލެވިގެން އުޅޭ ވާހަކަ. ނޫނީ އެ ކުދިން އެ ކިޔަނީ އަހަރެން އޭނާއާ ވާހަކަ ދައްކަން ވެގެން އޭނާއަށް ސެންޓު ވިއްކުން ދިގުދަންމަން އުޅޭ ވާހަކަ ކަމަށް ވެސް ވެދާނެ. ކަސްޓަމަރަކީ ޒުވާން ރީތި މީހެއް. ގިނަ އިރު ކައިރީގައި ހުންނަ ހިތް ވެސް ވާކަހަލަ މީހެއް. އެކަމަކު. އަހަރެން ދިގުދަންމާކަށް ނޫޅެން. އަހަރެން މިއުޅެނީ އޭނާއަށް ސެންޓުފުޅިއެއް ވިއްކައިނުލެވިގެން.’
“ސެންޓު ތި ގަންނަނީ ކިހާ އުމުރެއްގެ ކުއްޖަކަށްތަ؟” ބިޝާމާ އެންމެ ފަހުން އެއްސެވެ.
“އޭނާ ވާނީ ބިޝާމާ ވަރު.” ބިޝާމާގެ ބޮލުން ފެށިގެން ފަޔަށް ބަލައިލައިފައި ވަސީމު ބުންޏެވެ.
“އަޅުގަނޑުވަރު؟… އެހެންވީއިރު ކިހިނެއް މި ވައްތަރު؟” ބިޝާމާ ސެންޓު ފުޅިއެއް ނަގައި އޭގެ ވަސް ދައްކައިލިއެވެ.
“މި އުޅެނީ ގަންނާނެ ސެންޓެއް އަހަންނަށް ނޭނގިގެން. ބިޝާމާ ބުނެދީބަލަ ތި އުމުރުގެ އަންހެން ކުއްޖަކަށް ރަނގަޅުވާނެ ފަހުގެ މޮޅު ސެންޓެއް.”
“މި ރަނގަޅުވެދާނެ.” މަޑު ރަތްކުލައެއްގައި ހުރި ސެންޓަކުން ވަސްދެއްކިއެވެ. “މިއީ އެންމެ ފަހުން މިތަނަށް ގެނައި ސެންޓު.”
“އަގަކަށް ނުބަލައި މިތަނުން ސެންޓުފުޅިއެއް ނަގާނަމަ ބިޝާމާ ނަގާނީ ކޮން ސެންޓުފުޅިއެއް؟”
ބިޝާމާ ވިސްނައިލިއެވެ. ކިޔައިލިއެވެ. “އަގަކަށް ނުބަލާނަމަ… އަހަރެންވަރުގެ ކުއްޖަކަށް… އަހަރެން ނަގާނެ ސެންޓެއްދޯ..؟” އޭނާގެ ހިތަށް އެރިއެވެ. ‘ޒުވާން ފިރިހެންކުދިން އައިސް ގަންނާނެ ސެންޓު ނޭނގިގެން އުޅޭ. އަހަރެން ވަރަށް އަވަހަށް އެ ކުއްޖަކު ރުހޭ ސެންޓެއް ބުނެދެން. މީގެ ކުރިއަކުން ދުވަހަކު ވެސް އޭނާ ބޭނުންވާ ސެންޓުފުޅިއެއް ހޮވުމުގައި ޒުވާނަކު މިހާ ގިނައިރެއް ނުކުރޭ. މިހާ ހަމަޖެހިލައިގެން، މިކަމަށް ހިތްދީގެން ހުރި މީހަކާ މީގެ ކުރިއަކުން ދިމަލެއް ވެސް ނުވޭ. ފިރިހެން ކުދިން އުޅޭނީ އަވަހަށް ސެންޓުފުޅިއެއް ގަނެގެން ނުކުންނަން. ހީވާނީ ކެތްނުލަވައިގެން އުޅޭ ހެން. ކެތް ނުލަވަންވީ ކީއްވެ؟ މިއުޅެނީ އޭނާގެ ލޯބިވެރިޔާއަށް ނުވަތަ އޭނާގެ އަންހެނުންނަށް ހަދީޔާއަކަށް ސެންޓުފުޅިއެއް ގަންނަން ވިއްޔާ. މި ކަސްޓަމަރު ރަނގު. ލޯބިވެރިޔާއަށް، ނޫނީ ލޯބިވާ އަންހެނުންނަށް އެއްޗެއް ގަންނަންވާނީ ފަރުވާތެރިކަމާއެކު. ގަންނަންވާނީ ރަނގަޅު އެއްޗެއް.’
“އަގަކަށް ނުބަލައި އަހަރެން މިތަނުން ސެންޓުފުޅިއެއް ނަގާނަމަ ނަގާނީ މި ސެންޓުފުޅި.” ބިޝާމާ ސެންޓުފުޅިއެއް ނަގައި ދެއްކިއެވެ.
“އެހެންވީއިރު ތި ސެންޓުފުޅި ނަގާނީ.”
“އަންހެނުންނަށްތަ؟”
“ނޫން. އަންހެނުންނަކަށް ނޫން. ގާރލްފްރެންޑަށް.”
“ގާރލްފްރެންޑަށް މި ސެންޓުފުޅި ވަރަށް ރަނގަޅުވާނެ. މިއީ އަހަރެމެން އުމުރުގެ ކުދިންނަށް ވަރަށް ކަމުދާ ސެންޓެއް. ވަރަށް މީރުވަސްދުވާ ސެންޓެއް. އެކަމަކު އަގު މައްސަަލައަކީ. ފިސާރި އަގުބޮޑު ސެންޓެއް މިއީ.”
“އަގު ބޮޑު މީރުވަސްދުވާ ސެންޓުފުޅިއެއްނު ދޯ ގާރލްފްރެންޑަށް ދޭން ވާނީ؟”
“ތިޔައީ ވަރަށް ނަޞީބުވެރި ކުއްޖެއް.” އެހެން ބުނި އިރު ބިޝާމާގެ ހިތަށް އެރިއެވެ. ‘ހަމަ ރަނގަޅަށް ވެސް އެއީ ނަޞީބުވެރި ކުއްޖެއް. މިހާ ރީތި ފިރިހެނަކު ލިބުމީ ކިހާ ބޮޑު ނަޞީބެއް؟ އަދި އަންހެން ކުއްޖަކަށް ހަދިޔާއެއް ގަތުމަށް މިހާ ގިނަވަގުތު ހޭދަކުރާނީ ވެސް މިޒަމާނުގައި ކޮން ފިރިހެނެއް؟’
ބިޝާމާ ސެންޓުފުޅި ހިފައިގެން ވަސީމާއެކު ކައުންޓަރާ ދިމާލަށް ދަމުން އެއްސެވެ. “ފާރުސަލް ކޮށްލަން ބޭނުންތަ؟”
“އާނ. ފާރުސަލްކޮށްލަދޭން ވާނެ.”
ކައުންޓަރަށް ގޮސް ސެންޓުފުޅި ހަވާލުކޮށްފައި ޕާރުސަލް ކޮށްދޭށޭ ބުނެފައި ބިޝާމާ އެނބުރިލިތަނާ ވަސީމު އެއްޗެކޭ ބުނަން އުޅުނުހެން ހީވެގެން އެނބުރި ބަލައިލިއެވެ. ވަސީމު އޭނާއަށް ބަލައިލައިފައި ޝުކުރިއްޔާއޭ ބުނެލިއެވެ.
އޭގެ ފަހުން ކޮންމެ ހަފުތާއަކުހެން ވަސީމު އަގު ބޮޑު ސެންޓުފުޅިއެއް ގަނެއެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހުން ވަސީމާއި ބިޝާމާއަކީ ދެ ލޯބިވެރިންނެވެ.
ބިޝާމާ ވަސީމަށް ވިއްކި ހުރިހާ ސެންޓުފުޅިއެއް ލިބުނީ ބިޝާމާ އަށެވެ.
