ރީތި ނަލަ ހަވީރެއްގައި އަހަރެން ކޮއްކޮއާއެކު މޫދަށް ލޮނު ބަލާ ދިޔަ މަގުމަތިން އިރުވައިގެ މަޑު ރޯޅިއާއެކު ހިތްގައިމު މިޔުޒިކެއްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެ އަޑު އިވުމާއެކު އަހަރެންގެ ހިތް ތެޅިލިއެވެ. ޢާއިލާގެ ފަރާތުން އަހަންނަށް ވާރުތަވެފައިވާ މިޔުޒިކީ ޖީން ލޭގެ ތެރޭގައި ނަށައިލިއެވެ. އެ މިޔުޒިކު އަންނަ ދިމާލެއް ފާހަގަކުރުމަށްޓައި ހުއްޓިލީމެވެ. މިޔުޒިކު އަންނަނީ އެ މަގުގެ އެއްފަރާތެއްގައި، އަތިރިމަތީގައި ހުރި ހޮޅުއައްޓަކާ ދިމާލުންކަން އެނގުނެވެ. މަޑުމަޑުން އެ ދިމާލަށް ދިޔައީމެވެ. އެ ދިމާލުގެ މޫދުން ވެސް ލޮނު ގެންދެވިދާނެތީއެވެ. 

ހޮޅުއައްޓާ ތަންކޮޅެއް ކައިރި ވީއިރު އަހަންނަށް ފެނުނީ ފިރިހެން ކުދިންތަކެއް ވަށް ބުރެއްގެ ގޮތަށް ހޮޅުއަށީގައި ތިއްބައެވެ. އެ ހިސާބުގައި ހުއްޓުމަށް ފަހު، އެއީ ކޮން މިޔުޒިކެއްތޯ ބެލުމަށް އަރިއަރިމައްޗަށް ޖެހުނީމެވެ. ގިޓައެއް ގެންގުޅޭތަން ފެނުނެވެ. އެ ގިޓާ ކުޅެން އިން މީހަކު ފެނޭތޯ ބެލީމެވެ. އެހެންނަމަވެސް، އެ އެ މީހަކު ފެންނަ ވަރެއް ނުވިއެވެ. ތެލި ހިފައިގެން އެ ދިމާލު މޫދުކައިރިޔަށް ދިޔައީ މިޔުޒިކުގެ އަޑު އަހަމުން ވަރަށް މަޑުމަޑުންނެވެ. އަދި ލޮނު ހިފައިގެން ގެއަށް ދިޔައީ ވެސް މިޔުޒިކުގެ އަޑު އަހަމުންނެވެ. ގެއަށް ވަދެވުނު އިރު ވެސް އަހަރެންގެ ކަންފަތަށް އެ ރާގު އިވިއިވި ހުރި ކަހަލައެވެ. 

       “އަހަންނާ މިއަދު ދިމާވި ކަމެއްގެ ވާހަކަ ބުނަންތަ؟” އަހަރެންގެ ރައްޓެހި އައިމިނަތު ގާތުގައި ބުނީމެވެ. “އަހަރެން މިއަދު ލޮނު ބަލާ އަތިރިއަށް ދިޔައިރު ވަރަށް ރީތި މިޔުޒިކެއްގެ އަޑު އިވުނު.”

       “އަސްތާ! އިޙުސާނާ ވެސް އޭގައި އަޅައިގަތީ ދޯ؟” އޭނާ ބުންޏެވެ.

       “ކީއްވެ ތިހެން ތިބުނީ؟” އަހަރެން ހައިރާން ކަމާއެކު އެހީމެވެ. 

       “އެ މިޔުޒިކާއި އެ މިޔުޒިކު ކުޅޭ މީހާގެ ވާހަކަ ނުދައްކާ އަންހެން ކުއްޖަކު މިރަށުގައި ހުރިހެނެއް ހިއެއް ނުވޭ.”

       “އަހަރެން ތިކަމެއް ނުދެނެހުރިން.” އަހަރެން ބުނީމެވެ. “އެއީ ކާކުތަ؟”   

       “މަށަކަށް ވެސް ނޭނގޭ އެއީ ކާކު ކަމެއް.” އޭނާ ބުންޏެވެ. “އެއީ މާލެއިން އައިސްގެން އުޅޭ މީހެއް. މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެ. އެނާ ހުންނަނީ ދުނބުރިމާގޭގައި. އޭނާ ކުރާހާވެސް ކަމަކީ ގިޓާގަނޑެއް ހިފައިގެން އޭގައި ކޮއްޓަން އިނުން. މިރަށުގެ ފުރާވަރުގެ ބައެއް އަންހެން ކުދިން އޭނާއަށް ވަރަށް ވަރުހުރޭ.”

       “ތި ވާނީ ވަރަށް ރީތި މީހަކަށްތާ؟” އަހަރެން ބުނީމެވެ. 

       “މަށަކަށް ނޭނގޭ ރީތިކަމެއް.” މަލާމާތުގެ ރާގެއްގައި އައިމިނަތު ބުންޏެވެ. “ބޯ ދިގުކަމުން ހީވަނީ އަންހެނެއް ހެން. ދުވަހަކު ވެސް ތުނބުޅި މަތިމަސް ކޮށިހެނެއް ހިއެއް ނުވޭ. ލައިގެން ހުންނަ ޖީންސް ވަނީ އެކި ތަންތަނުން ވީދި ހަފުސް ވެފައި. މީހާ ހިކިކަމުން ހީވަނީ ކަށިގަނޑެއްހެން. އާނ، މި ޒަމާނުގެ އަންހެން ކުދިންނަށް ރީތި ވަނީ އެގޮތަށް ހުރީމާކަން ނޭނގޭ.”

       “ހާދަ ތަފުޞީލުކޮށް ތި ކިޔައިދިނީ. އޭނާ ދުށިންތަ؟” އަހަރެން އެހީމެވެ.

       “ދުނބުރިމާގެ ހުންނަނީ އަހަރެމެންގެ ހުންނަ މަގުގައެއްނު؟ ދެތިން ދުވަހަކު އަހަންނަށް އޭނާ ފެނިއްޖެ. ހުންނަނީ ހަމަ އެއްގޮތަކަށް. އެކައްޗެއް ލައިގެން. ހިއެއްނުވޭ ފެން ވަރާހެނެއް ވެސް.” އޭނާ ބުންޏެވެ.

       “ހާދަ ނުކިއްސަރުކޮށް ތި ވާހަކަދައްކަނީ؟ އޭނާ ކޮންމެ ގޮތަކަށް ހުރިނަމަވެސް އަހަންނަށް ހީވަނީ އޭނާގެ މިޔުޒިކު ހަމަ އެއްވަނަހެން. އަހަރެން ހިތުގައި އެ ރާގު ހަރުލައިފި.”

       “އަހަރެންގެ ކޮއްކޮ ވެސް ތި މިޔުޒިކެއްގެ ވާހަކަ ދައްކާ.” އޭނާ ބުންޏެވެ.

       “އަހަރެން ބޭނުން އެ މިޔުޒިކު އަދި ވެސް އަޑުއަހަން. ކިހިނެއް ހަދާނީ.”

       “ދޭ ކޮންމެ ދުވަހަކު ކަލޭފާނު ފަންނު ހޮޅުއައްޓަށް. ނޫނީ ރުއްދަނޑު އަތިރިއަށް. ކޮންމެވެސް ދިމާލަކުން އެ މިޔުޒިކުގެ އަޑު އިވޭނެ.”

       “އައިމިނަތު މަށާއެކު ހިނގައިދާނަން މާދަން.”

       “މަށަކަށް ނުކެރޭނެ. އަހަރެންގެ ބައްޕަ ނުހަނު ރުޅިއަންނަ އެއްޗެއް މިޔުޒިކަކީ. އެނގިއްޖިއްޔާ ގެއިން ބޭރަށް ވެސް ލައިފާނެ.”

ކޮއްކޮ ގޮވައިގެން މަންމަމެނަށް ސިއްރުން މިޔުޒިކު އަޑުއަހަން ދާން ފަށައިފީމެވެ. އައިމިނަތު ބުނި ފަދައިން ހަމަ ކޮންމެ ދުވަހަކު ވެސް އަތިރިމަތީގެ ކޮންމެ ވެސް ތަނެއްގައި އޭނާ އެ ގިޓާ ހިފައިގެން މިޔުޒިކު ކުޅެން އިދެއެވެ. ބައެއް ދުވަސް ދުވަހު ރަށުގެ ފިރިހެން ކުދިން ވެސް ކައިރީގައި ތިބެއެވެ. އަނެއް ބައި ދުވަސް ދުވަހު އޭނާ އެކަނި ވެސް އިނދެއެވެ. ފަހަކަށް އައިސް އޭނާ އެކަނި އިންނަ ތަން ފެންނަލެއް ގިނައެވެ. އެ ސަބަބު އެނގެއެވެ. ކުދިންގެ ބެލެނިވެރިން އޭނާއާ ކައިރި ނުވުމަށް ކުދިންނަށް ބާރު އަޅައިފައި ވަނީއެވެ.

އަހަރެން މި މިޔުޒިކު އަޑުއަހަންވެގެން ދާކަން މަންމަމެނަށް އެނގިއްޖެއްޔާ ވަރަށް ވަރު އަރުވައިލާނެއެވެ. މަންމައަކީ މިޔުޒިކު ދެކެ ރުޅިއަންނަ މީހެކެވެ. އެކަމަކު، މަންމަގެ ސްކޫލު ދުވަސްވަރު ބަނޑިޔާ ޖަހައިވެސް އުޅުނެވެ. ކާފައަކީ އޭރު ރަށުގައި ހުރި އެންމެ މޮޅު ބޮޑު ބެރު ޖެހުންތެރިޔާއެވެ. އެކަމަކު، މަންމަމެން ވަނީ މިޔުޒިކާ ދުރަށް ޖެހިފައެވެ. އެއީ ގޯސް އެއްޗެއް ކަމަށް ގަބޫލުކޮށްފައެވެ. މި ރަށުގެ ވަރަށް ގިނަ ހަރު މީހުން މިހާރު ގަބޫލުކުރަނީ އެ ގޮތަށެވެ. ނަމަވެސް، ޒުވާން ކުދިންނެއް އެކަމެއް އެގޮތަކަށް ނުދެކެއެވެ. ކަންފަތަށް އެއްޗެއް ޖަހައިގެން އުޅޭ ކުދިން މި ރަށުން ވަރަށް ގިނައިން ފެންނާނެއެވެ. އެ ކުދިން އެ އަޑު އަހަނީ މިޔުޒިކާއި ލަވައެވެ. އަހަރެން ވެސް ވަރަށް ގިނައިން މިޔުޒިކާއި ލަވަ އަޑުއަހަމެވެ.

އަހަރެން ކޮންމެ ދުވަހަކުހެން އެ ހިސާބުގަނޑަށް ދާތީ އެ މީހާއަށް އަހަރެން ފެންނާނެ ކަމަށް ހީކުރީމެވެ. ބައެއް ދުވަސްދުވަހު އެހެން އެއްވެސް މީހަކު އެ ތާނގައި ނެތް އިރުވެސް ތެލި ކިހިލިޖަހައިގެން އަހަރެން ހުއްޓި ހުންނަމެވެ. އެހެން ހުއްޓާ މީހަކު އަންނަތަން ފެނިއްޖެނަމަ މޫދާ ދިމާލަށް ހިނގައިގަންނަނީއެވެ.

އެ ދުވަހު އަހަންނަށް އަތިރިމައްޗަށް ދެވުނު އިރު މިޔުޒިކުގެ އަޑު އަންނަނީ ރުއްގަނޑުގެ ތެރެއިންނެވެ. އެތަނަށް ދިޔައިރު ރުކަކަށް ލެނގިލައިގެން އެ މީހާ ގިޓާ ކުޅެލަ ކުޅެލާ ހުއްޓެވެ. އޭނާގެ ފަހަތުން ފެންނަނީ އޮއްސެން ދާ އިރުގެ ރަން ދޯދިތަކެވެ. ގޮނޑުދޮށަށް މަޑުމަޑުން ޖަހަމުންދާ ރާޅުތަކުން އޭނާގެ މިޔުޒިކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އަހަރެން ތެލި ކިހިލި ޖަހައިގެން އޭނާއަށް ފެންނަ ހިސާބުގައި ހުއްޓުނީމެވެ. އޭނާ އަޅައެއް ނުލައެވެ. އިރުކޮޅަކުން އޭނާ ކުޅުން ހުއްޓާލާފައި ގިޓާ ކޮނޑަށް ލައިގެން ދާން ހިނގައިގަތެވެ. 

       “އޭއް…” އަހަންނަށް ބޭ އިޚްތިޔާރުގައި ގޮވައިލެވުނެވެ.

އޭނާ މަޑުކޮށްފައި އަހަންނަށް ބަލައިލިއެވެ. އަހަންނާ ދިމާލަށް އަންނަން ފެށިއެވެ. ބިރުން ދުއްވައި ނުގަނެވުނީ ކިރިޔާއެވެ. 

       “ކީއްވެ އަހަންނަށް ގޮވީ؟” ކައިރިއަށް އައިސްފައި އޭނާ އެއްސެވެ.

އަހަންނަކަށް އަނގަޔަކުން ނުބުނެވުނެވެ.

       “އަހަންނަކީ މީހަކު ގޮވާ ވަރު މީހެއް ނޫން.” 

އެހެން ބުނީމާ ވެސް އަހަންނަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެ ފަރާތަށް ބަލައިލެވުނެވެ. މީހަކު ބަލަން ހުރިތޯއެވެ.

       “އަމުދުން ތިޔަހާ ރީތި އަންހެން ކުއްޖަކު އަހަންނަކަށް ނުގޮވާނެ.” އޭނާ ހިނގައިގަންނަމުން ބުންޏެވެ. 

އޭނާ ގޯޅިއަކުން ލަނބައިލަންދެން އަހަންނަށް ބަލަން ހުރެވުނެވެ. އޭނާ އެނބުރި ބަލައި ވެސް ނުލައެވެ. 

އެ ރޭ އަހަންނަށް ފިކުރު ކުރެވުނީ އޭނާ އެންމެ ފަހުން ބުނި ޖުމްލައާ މެދުގައެވެ. އެހެން އޭނާ ބުނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަކީ ހަމަ ގައިމު އަންހެން ކުއްޖަކު ގޮވައިނުލާނެ ވަރުގެ މީހެއް ނޫނެވެ. ހަމަ ގައިމު އޭނާ ފެނުމުން އަހަންނަށް އެ ކުރެވުނު އިހުސާސްތަކެއް މީގެ ކުރިން ދުވަހަކުވެސް ކުރެވިފައެއް ނުވެއެވެ. އޭނާއަކީ އިސްކޮޅުން ދިގު ހިމަތޮޅި މީހެކެވެ. ގުނަވަންތައް ފުރިހަމަ، އަތްތިލަ ބޮޑު އިނގިލިތައް ދިގު މީހެކެވެ. ދިގުކޮށްފައިވާ ބޮލާއި ތުނބުޅީގެ އިސްތަށިގަނޑު ނުހަނު ބޯވެފައި ވަރުގަދައެވެ. އެ އިސްތަށިގަނޑުގައި ކުޅެލާހިތް ވިއެވެ. އޭނާގެ ފުން ލޮލުން އަހަންނަށް ފެނުނީ ވިދުވަރެވެ. އެ ލޮލަށް ބަލަން ބޭނުން ވިއެވެ. އޭނާގެ ތުންފަތުން އަހަންނަށް ފާހަގަވީ ހިތްހެޔޮކަމެވެ. އެ ތުންފަތުން ހިނިތުން ވެލާތަން ދެކޭހިތް ވިއެވެ. އޭނާގެ މޫނުން އަހަންނަށް ދޭހަވީ ވިސްނުންތެރިކަމެވެ. އެ ވިސްނުންތެރިކަން ހިއްސާކުރާހިތް ވިއެވެ. އޭނާގެ އަޑުގައި ހުރީ މިޔުޒިކެވެ. އެ އަޑު އަހާހިތް ވިއެވެ. އެކަމަކު، އޭނާ އަހަންނާ ވާހަކަ ދެއްކިއިރު ވެސް އެކައްޗެއް ވެސް ބުނެއެއް ނުލެވުނެވެ. އެކަމާ އަހަރެން  ވަރަށް ދެރަވިއެވެ. 

އެކަމަކު އޭގެ އަނެއް ދުވަހު ވެސް ވީ ހަމަ އެހެންނެވެ. އެ ދުވަހު ވެސް އޭނާ ދާން ހިނގައިގަތުމުން އަހަރެން އޭއްޔޭ ކިޔައި ގޮވައިލީމެވެ. އެނާ ކައިރިޔަށް އައިސް ހަމަ ތަކުރާރުކުރީ ކުރީ ދުވަހު ވެސް ބުނި ޖުމްލަތަކެވެ. އަހަންނަށް ވެސް ހަމަ މަޑުން ހުރެވުނީއެވެ. މި މީހާ މިއީ ހަމަ މޮޔަޔަކީ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން މިއީ މޮޔައެއް ބާއޭ އޭނާގެ ހިތަށް ވެސް އަރައިފާނެއެވެ. 

އެއީ މޮޔައެއް ނަމަވެސް، މިއަދު އެ މީހާ އަކީ އަހަރެން އެންމެ ދެކެން ބޭނުންވާ މީހާއެވެ. އެންމެ ވާހަކަ ދައްކަން ބޭނުންވާ މީހާއެވެ. އޭނާގެ ވާހަކަ އެންމެ އަޑުއަހަން ބޭނުންވާ މީހާއެވެ. އެ މީހަކާ އެކުގައި ވުމަށް އެންމެ އެދޭ މީހާއެވެ. އަހަރެން ދެން ދުވަހަކުން އޭނާއާ ވާހަކަ ދައްކާނަމެވެ. އޭނާގެ ނަމާއި ރަށާއި އޮޅުން ފިލުވާނަމެވެ. އޭނާއަށް އަންހެން ކުއްޖަކު ނުގޮވާނެއޭ އެބުނަނީ ކީއްވެގެންތޯ ވެސް އަހާނަމެވެ. 

އެކަމަކު، އަހަންނަކަށް އެދުވަހެއް ނައެވެ. އަހަރެން އެ މީހާގެ މިޔުޒިކު އަޑުއަހަން ދާކަން ގޭ މީހުންނަށް އެނގިގެން އަހަރެން އަތިރިމައްޗަށް ނުދިއުމަށް އަމުރުކޮށްފިއެވެ. ކިޔަވަން ފިޔަވައި ގެއިން ބޭރަށް ނުދިއުމަށް ވެސް އަންގައިފިއެވެ. އަހަރެން އެ މީހާ ގާތަށް ދާން ބޭނުންވާ މިންވަރު އެނގުނީ އަހަންނަށް އޭނައާ ދިމާ ނުކުރެވޭ ގޮތް ވީމައެވެ. އޭނާގެ މިޔުޒިކް އަޑުއަހަން އަހަރެން ހިތް އެދޭ މިންވަރު އަހަންނަށް ސާފުވީ އެ އަޑު ނީވި ދުވަސްކޮޅެއް ވީމައެވެ. އޭނާ ގާތަށް ދިއުމާއި، އޭނާއާ ވާހަކަ ދެއްކުމާއި، އޭނާގެ މިޔުޒިކް އަޑު އެހުން ފިޔަވައި މިހާރު އަހަރެން ކުރަން ބޭނުންވާ އެހެން އެއްވެސް ކަމެއް ނެތެވެ.

އަހަރެންގެ ކިޔެވުން ހުއްޓިއްޖެއެވެ. މި އަހަރަކީ އަހަރެންގެ ކޯސް ވެސް ނިމޭ އަހަރެވެ. ނުހަނު ގަދައަށް ކިޔަވަން ވެސް ޖެހޭ ދުވަސްކޮޅެކެވެ. އެކަމަކު، ކިޔަވަން ދާހިތެއް ނުވެއެވެ. ކިޔަވާ ހިތެއް ނުވެއެވެ. ގޭގެ މަސައްކަތެއް ކުރާހިތެއް ވެސް ނުވެއެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ކާހިތެއް ވެސް ނުވެއެވެ. ނިދާހިތެއް ވެސް ނުވެއެވެ. ދުވަސްކޮޅެއް ވީތަނާ އަހަރެން ބަލިވެއްޖެއެވެ. ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތަކެއް ހަދާފައި އެއްވެސް ބައްޔެއް ނެތްކަމަށް ބުންޏެވެ. އަހަރެންގައި އެއްވެސް ބައްޔެއް ނެތްކަން އަހަންނަށް އެނގެއެވެ. އަހަރެންގެ ބައްޕައަށް ވެސް އެކަން އެނގެއެވެ. 

      “އަހަންނަށް އެނގޭ ދަރިފުޅަށް ތި ވާގޮތް.” އަހަރެން އޮތް އެނދުގެ މަގަތުގައި އިށީނދެފައި ޑޮކްޓަރު ބައްޔެއް ނެތޭ ބުނި ވާހަކަ ދައްކަމުން ގޮސް ބައްޕަ ބުންޏެވެ.

      “ބައްޕައަށް އެނގެންޏާ އަހަރެން ފޮނުވަންވީނު؟” އަހަރެން ބުނީމެވެ.

      “މަންމަ ގަބޫލެއް ނުވާނެ.” ބައްޕަ ބުންޏެވެ. “މަންމަ ގަބޫލު ނުވާއިރު ބައްޕައަކަށް ނުކެރޭނެ.”  

      “ހެޔޮދޯ ބައްޕަމެނަށް އަހަރެން މިހެން އޮވެ މަރުވިޔަސް؟” އަހަރެން އެހީމެވެ.

      “ދަރިފުޅާ. ހެވެއްނޫން.” ބައްޕަ ޖަވާބު ދިނެވެ. “ދަރިފުޅަކީ ވެސް ކަންކަމާ ކެތްކުރެވޭ ވަރުގެ މީހެއްނު މިހާރު. ތިކަމާ ވެސް ދަރިފުޅަށް ކެތް ކުރެވެން ވާނެއެއްނު.”

      “ބައްޕާ. ކެތެއް ނުކުރެވޭނެ. އަހަރެން ވަނީ އޭނާ ގާތަށް ދާހިތް. އޭނާ ދެކޭ ހިތް. އޭނާއާ ވާކަކަ ދައްކާހިތް. އޭނާގެ މިޔުޒިކު އަޑު އަހާހިތް. އެ ނޫން އެއްވެސް ކަމެއް އަހަރެން ބޭނުމެއްނޫން.”

ބައްޕަ އިސްދަށަށް ޖަހައިގެން އިނދެފައި އެއްޗެއް ނުބުނެ ދިޔައީއެވެ. 

އަހަރެންގެ ވާހަކަ ރަށުތެރެއަށް ފެތުރިއްޖެއެވެ. ގިޓާ ކުޅޭ މީހާދެކެ އަހަރެން މޮޔަވެއްޖެއޭ ކިޔައިގެންނެވެ. ރައްޓެހި ކުދިން ފޯނުކޮށްފައި އެ ވާހަކަ ދައްކަން ފަށައިފިއެވެ. އަހަންނާ އަޅައިގަނެގެން އުޅޭ ހުވަނދުމާގޭ ހަސަނު ވަރަށް އެއްޗެތި ގޮވިއެވެ. ބައެއް ކުދިން އަހަންނަށް ގޮވައިލަން އައިސްފައި ވެސް ގިޓާކުޅޭ މީހާއާ އަހަރެން ހިތާވީހޭ އަހައި ވާހަކަ ދެއްކިއެވެ. އެކި ކުދިން ގިޓާ ކުޅޭ މީހާއާ ބެހޭ ގޮތުން އެކި ގޮތަށް ވާހަކަ ދެއްކިއެވެ. އޭނާއަކީ ބުއްދި ގޯސްވެފައި ހުރި މީހެކޭ ބުންޏެވެ. އޭނާއަކީ ހަކުރު ބޯ މީހެކޭ ބުންޏެވެ. މިއީ ހަމަ މި ރަށުގެ ބޮޑެތި މީހުން އޭނާއާ ބެހޭގޮތުން ފަތުރާފައިވާ ވާކަތަކެވެ. އޭނާއަކީ އެބުނާ ޒާތުގެ މީހެއް ނޫންކަން އަހަންނަށް އެނގެއެވެ.

އެއް ރެއަކު އަހަރެން ސިއްސައިގެން ދިޔައީ އެ މިޔުޒިކުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުންނެވެ. ގެއާ ވަރަށް ކައިރިންނެވެ. އަހަރެން އެ އަޑާ ކައިރިއަށް ދާން އުޅުމުން ގޭ މީހުން އަހަރެން ދިޔަކަ ނުދިނެވެ. އަހަރެން އެރޭ ރުޅިއައިސްގެން އަތުގައި ޖެހުނުހާ އެއްޗެއް ތަޅައި ތިރިކޮށްލީމެވެ. އަހަރެން އެނދުމައްޗަށް ވެއްޓުނީ ރުޅި އައިސްފައި ހުރިވަރުން ވަރުބަލިވެގެންނެވެ. އަހަރެންގެ ރުޅި މައިތިރިވީ އެ މިޔުޒިކު ނުހުއްޓި ކުރިޔަށް ދިއުމުންނެވެ. އެ އަޑުއަހަން އަހަންނަށް އޮވެވުނެވެ. މުޅިއެކު ރީތި ފަސް ރާގު އޭނާ ކުޅުނެވެ. އަހަރެންގެ ހިތަށް އެރިއެވެ. ‘އޭނާ އެ މިޔުޒިކު ކުޅެދެނީ އަހަންނަށް ހެއްޔެވެ؟ އަހަންނަށް މިވާ ގޮތް އޭނާއަށް އެނގެނީ ހެއްޔެވެ؟ އެ ވާނީ ކައިރީގައި ހުރި ގެސްޓް ހައުސްއަށް އޭނާ ބަދަލުވީކަމަށެވެ. އެހެން ވެއްޖިއްޔާ ވަރަށް ރަނގަޅެވެ. އޭރުން އަބަދު އެ މިޔުޒިކުގެ އަޑު އިވޭނެއެވެ.’

އަނެއް ދުވަހު ހެނދުނު ކުއްޖަކު އައިސް އަހަރެން އަތަށް ފަށް ޖަހާފައިވާ ކަރުދާސްކޮޅެއް ދިނެވެ. އަހަރެން އެ ބަލައިލިއިރު އޭގައި އޮތީ “މާލެދާން ފުރުމުގެ ކުރިން، އަހަރެންގެ މިޔުޒިކުގެ އަޑުއަހަން ބޭނުންވާ އަނގައިން ނުބުނާ ކުއްޖާއަށް ރޭ ފަސް ރާގު ކުޅެދިނީމެވެ. ފަލާޙު” މިހެންނެވެ.

އަހަރެން އެ ޖުމްލަ ތަކުރާރުކޮށް ކީމެވެ. އެއީ އޭނާ އަހަންނަށް ކުޅެދިން ރާގުތަކެއް ކަން އެނގުމުން އަހަރެން ހާދަ އުފަލެއް ވިއެވެ. އޭނާއަށް އަހަރެންގެ ހާލު އެނގުނީތީ ވެސް އަހަރެން ވަރަށް އުފާވިއެވެ. އެކަމަކު އޭނާ އެ ފުރަނީއެވެ. ދެން އޭނާގެ މިޔުޒިކެއް އަހަންނަކަށް އަޑެއް ނީވޭނެއެވެ. އޭނާއެއް އަހަންނަކަށް ނުފެންނާނެއެވެ. އެ ކަރުދާސްކޮޅުގައި އޭނާގެ އެޑްރެހެއް، ފޯނު ނަމްބަރެއް ވެސް ނެތެވެ. އަހަރެން އޭނާއާ ގުޅަން އޭނާ ބޭނުންނުވަނީއެވެ. އެހެން ނޫންނަމަ އެންމެ ކުޑަމިނުން ފޯނު ނަމްބަރު ވެސް އޭގައި ޖެހީސް ނޫންހެއްޔެވެ؟ ދެން އެހެން ވީއިރު އަހަންނަށް ލަވަ ކުޅެދޭންވީ ކީއްވެގެން ހެއްޔެވެ؟ އެއީ އެ ބުނާ ގޮތަށް ބޯ ސަކަރާތް ވެފައި ހުރި މީހަކީ ބާވައެވެ. އެހެން ނުވާނެއެވެ. އެފަދަ މީހަކު، އަހަރެންގެ ހާލު އެނގި ލަވަ ކުޅެދޭންވީ ކީއްވެ ހެއްޔެވެ؟

ފަލާޙު މާލެ ހިނގައްޖެއެވެ. އޭނާއާއެކު އަހަރެންގެ ހިތްވެސް ހިގައްޖެއެވެ. އަހަރެންގެ ނަފުސު ރަށުގައި ވިއެއްކަމަކު އަހަރެންގެ ހިތް ވަނީ ފަލާޙާ އެކުގައެވެ. އަހަރެންގެ ހިތް ގޮވަނީ އަހަރެންގެ ނަފުސުވެސް ފަލާޙު ގާތަށް ދިއުމަށެވެ. އެކަމަކު ފަލާޙު ވީތަނެއް އަހަރެންގެ ހިތަށް ދެއްކިދާނެ ހެއްޔެވެ؟ މާލެއަކީ މީހުން ގިނަރަށެކެވެ. ބޮޑު ތަނެކެވެ. އަދި ފަލާޙު އަހަންނަށް ފެނުނަސް ފަލާޙަށް އަހަރެން ފެންނާނެ ކަމެއް ވެސް ނޭނގެއެވެ. އަހަރެން އެނގޭނެ ކަމެއްވެސް ނޭނގެއެވެ. އެނގުނަސް އަނގައިން ބުނާނެ ކަމެއް ވެސް ނޭނގެއެވެ. 

އަހަންނަކަށް މާލެ ނުގޮހެއް ކެތެއް ނުކުރެވުނެވެ. ފަލާހު ފެނުނަސް ފެންނާނީ މާލެ ގޮސްގެން ކަން އަހަންނަށް އެނގެއެވެ. އަހަންނަ އޭނާ ފެނުނު ނަމަވެސް އޭނާ އަށް އަހަރެން ނުފެންނާނެ ކަމެއް ވެސް އެނގޭނީ އޭނާއާ ދިމާވުމުންނެވެ. ފަލާޙޭ ކިޔައި ގޮވައިލީމާ އަނގައިން ނުބުނާނެ ކަންވެސް އެނގޭނީ އޭނާއަށް ގޮވައިލެވުމުންނެވެ. އަހަރެން ނިންމީ ގޭ މީހުންނަށް ސިއްރުން މާލެ ދިއުމަށެވެ. މާލޭގައި ކިޔަވަން ހުރި އަހަރެންގެ ރައްޓެއްސަކާ ގުޅިގެންނެވެ. 

އަހަރެން މާލެ ގޮސް މަސައްކަތް ކުރީ އެ މިޔުޒިކްގެ އަޑު އިވޭތޯއެވެ. ހެނދުނާއި ހަވީރު ޖުމްހޫރީ މައިދާނަށް ދިޔައީމެވެ. ސަލްޓަން ޕާކަށް ދިޔައީމެވެ. މޫދު ފެންނަ ހުރިހާ ހިސާބަކަށް ދިޔައީމެވެ. އަހަރެން ވިސްނީ އޭނާ ގިޓާ ކުޅެން އިންނާނީ މީހުންނާ ދުރުގައި ގަސްތަކެއް ހުރިތަނެއްގައި ކަމަށެވެ. ނުވަތަ މޫދު ފެންނަ ހިސާބެއްގައި ކަމަށެވެ. 

އަހަރެން މާލެ ދިޔަތާ ހަތަރު ވަނައަށްވީ ދުވަހު ސަލްޓަން ޕާކުތެރެއިން އަހަންނަށް އެ މިޔުޒިކްގެ އަޑު އިވިއްޖެއެވެ. އަހަންނަށް އެ ދިމާލަށް ދުއްވައިގަނެވުނެވެ. އަހަންނަށް ފެނުނީ ކޮންމެވެސް ކުޅިވަރެއް ކުޅެން ތިބި ކުދި ބައެކެވެ. މިޔުޒިކު އިވެނީ އެމީހުން ބޭނުންކުރި ސްޕީކަރަކުންނެވެ. ކަރު އެލުވައި ލެވުނެވެ. އެކަމަކު އެއީ ހަމަ އެ މިޔުޒިކެވެ. ފަލާޙުގެ ސީޑީއެއް ކަމަށް ވެސް ވެދާނެއެވެ. ކުޑައިރުކޮޅަކު އަޑުއަހަން މަޑުކޮށްލީމެވެ. ހިތަށް ދިޔައީ ފިނިކަން ލިބިގެންނެވެ. ފަލާޙު ހޯދުމުގެ ޢަޒުމު ދިޔައީ އިތުރު ވެގެންނެވެ. 

އޭގެ ދެ ދުވަސް ފަހެވެ. މާލޭގެ ވަށައި ހިނގަމުން ހިނގަމުން ގޮސް ހެދި ގޮނޑުދޮށާ ކައިރި ވީއިރު އަހަންނަށް ފަލާޙުގެ މިޔުޒިކުގެ އަޑު އިވެން ފެށިއެވެ. އަހަރެންގެ ހިތް ތެޅެން ފެށިއެވެ. ހިނގުން އަވަސްވިއެވެ. މޫދަށް ކުރިމަތިލައިގެން ގިޓާ ކުޅެން އިން މީހަކު ފެނުމުން އެތާނގައި ކުޅެން ތިބި ކުދިންގެ ތެރެއިން ލާފައި ދުއްވައިގަނެވުނެވެ. ވަރަށް ކައިރިއަށް ގޮސް އަހަންނަށް ހުއްޓިލެވުނެވެ. މީހަކު ފަހަތުގައި ހުރިކަމަށް ހީވެގެންކަން ނޭނގެއެވެ. އޭނާ މިފަރާތަށް އެނބުރި ބަލައިލިއެވެ. އެއީ ހަމަ އަހަރެން ހޯދަން އުޅޭ ގިޓާ ކުޅޭ މީހާއެވެ. ފަލާޙެވެ. ފަލާޙަށް އަހަރެން ފެނުމާއެކު މިޔުޒިކު ހުއްޓާލާފައި ތެދުވެއްޖެއެވެ. 

       “ކީއްވެ އޭއްޔޭ ކިޔައި ގޮވައި ނުލީ؟” އަހަރެން ކައިރިޔަށް ޖެހިލާފައި ފަލާޙު އެއްސެވެ.

       “ކީއްވެ ފޯނު ނަމްބަރެއް ވެސް ނުދިނީ؟” އަހަރެން އެހީމެވެ.

       “ކާކާ ގުޅަން އަހަރެން ފޯނު ގެންގުޅެންވީ؟” އޭނާ އެއްސެވެ. “ކާކު އަހަންނާ ގުޅާނީ؟”

       “އަހަރެން ގުޅާނީ.” އަހަރެން ބުނީމެވެ. 

       “ކީއްވެ އެ ދުވަހު އަނގައިން ނުބުނީ؟” އޭނާ އެއްސެވެ. “ކީއްވެ ނަންވެސް ނުބުނީ؟”

       “ކީއްވެ ނަން ނޭހީ؟ އަހަރެންގެ ނަމަކީ އިހުސާނާ.” އަހަރެން ބުނީމެވެ.

އިހުސާނާ އަހަންނަކަށް ނުގުޅާނެ. އެކަކުވެސް ނުގުޅާނެ. އަހަރެން މީ މޮޔައެއްނު؟ މޮޔައަކާ ގުޅާނީ ކާކު؟” އޭނާ ހިފަހައްޓައިގެން ހުރި ގިޓާ ކޮނޑުމައްޗަށް ލިއެވެ.

       “ނުގުޅާނެ ނަމަ ކީއްކުރަން އަހަރެން ފަލާޙު ފަހަތުން އަންނަންވީ. ފަލާޙު ހޯދަން އެތައް މަސައްކަތެއް ކުރަންވީ؟” އަހަރެން ބުނީމެވެ.

       “ތި އައީ އަހަރެންގެ ފަހަތުންތަ؟ އަހަރެން ހޯދަންތަ؟ ހާދަ ގަބޫލު ނުކުރެވެއޭ.” އޭނާ ބޯ ހޫރައިލިއެވެ.

       “ކީއްވެ ފަލާޙް ތިގޮތަށް ތި ވާހަކަ ދައްކަނީ؟ އަހަރެން އަހާލަން ބޭނުން ކީއްވެގެންހޭ އެ ދުވަހު ބުނީ އަމުދުން އަންހެން ކުއްޖަކު އަހަންނަށް ނުގޮވާނެއޭ.”

       “ހަމަ ނުގޮވާނެތީ އެހެން ބުނީ. ގޮވަން ވެސް އަހަރެން ބޭނުން ނުވާތީ.” އެހެން ބުނެފައި ތަންކޮޅަކަށް ހިނގައިލިއެވެ. އެނބުރި އައިސް ބުންޏެވެ. “ބުނަން އިހުސާނާ، އަހަރެން މީ ހިތް ހަލާކުވެފައިވާ މޮޔައެއް. އަހަރެން ކުއްޖަކާ ލޯބިވެގެން ނުހަނު ގިނަ ދުވަހު އުޅުނިން. އެ ކުއްޖާއާ ކައިވެނިވެސް ކުރިން. އެކަމަކު ތިން ހަތަރު މަހެއް ވީތަނާ އޭނާއަށް މާ ރަނގަޅު އެހެން މީހަކު ފެނިގެން އަހަންނާ ވަކިވެއްޖެ. އޭނާ ވަކިވީ އަހަރެންގެ ހިތް ކުދިކުދިކޮށް ކޮށާލާފައި. އަހަރެން މޮޔައެއްކަމަށް ކޯޓުގައި ސާބިތުކޮށްދީފައި. އޭނާ ބުނީ މޮޔައަކަށް ބަލައިލާނެ އަންހެންކުއްޖަކު މި އުޑު ދަށަކު ނުހުންނާނެއޭ.”

       “އަހަރެން ގޮވީމެއްނު؟ މިހިރީވެސް ގޮވަން އައިހެއްނު.” އަހަރެން ދެރަވެލާފައި ހަމްދަރުދީއާއެކު އާދޭހުގެ ރާގެއްގައި ބުނީމެވެ. “ފަލާޙު، ފަލާޙު، ބުނޭ އަހަރެން ފަލާޙަށް ގޮވަން ބޭނުމޭ.”

އެކައްޗެކޭ ވެސް ނުބުނެ ގިޓާ ހިފައިގެން ގޮސް ދޮންވެލިގަނޑު މަތީގައި އިށީނދެ ރާގެއް ކުޅެން ފެއްޓިއެވެ. އެއީ އޭނާއަށް އަހަރެން ގޮވައިލި ދުވަހު ކުޅެން ހުރި ރާގެވެ. އަހަރެން ގޮސް އޭނާގެ ކުރިމަތީގައި އިށީނީމެވެ. އޭނާގެ ވާތުގެ ދިގު އިނގިލިތައް ގިޓާގެ ނަރުތަކުގެ މަތީގައި ނަށަމުން ދިޔައިރު، އޭނާގެ ކަނާތުގެ އިނގިލިތަކުން ނަރުތަކުގައި ކޮށްޓަމުން ދިޔައިރު، އޭނާގެ މުޅި ހަށިގަނޑު މިޔުޒިކަށް ހަރަކާތްކުރަމުން ދިޔައިރު، އަހަރެންގެ ލޭނާރުތަކުގައި ރާޅުބާނިތަކެއް އުފެދެމުން ދިޔައިރު، އޭނާ އިނީ ކަޅި ޖަހައިނުލައި އަހަރެންގެ ލޮލަށް ބަލަހައްޓައިގެންނެވެ. އަހަންނަށް ވެސް އިނދެވުނީ ކަޅިޖަހައިނުލައި ފަލާހުގެ ލޮލަށް ބަލަހައްޓައިގެންނެވެ. އެ ރާގު ނިމުނުއިރު އަހަރެމެން ދެ މީހުން ތިބީ ދުވަހަކު ވެސް ވަކި ނުވެވޭނޭހެން އެއްކޮށް ތަޅުލެވިފައެވެ.