
އަހަރެން އުޅެނީ ޢާންމުކޮށް ހިނގާފައެވެ. އޮފީހަށް ދަނީ ވެސް ހިނގާފައެވެ. އެކަމަކު އެދުވަހު ގަޑިޖެހެން ކައިރިވެފައި ވާތީ ޓެކްސީއެއް ހޯދަން ވެގެން މަޑުކޮށްލިތަނާ ސައިކަލެއްގައި ދުއްވާފައި އައި އަންހެން ކުއްޖެއް އަހަރެންގެ ކުރިމައްޗަށް މަޑުކޮށްލިއެވެ.
“ޓެކްސީއަކަށްތަ މަޑުކޮށްގެން ތި ހުރީ؟” ސައިކަލްގައި އިން ކުއްޖާ އެއްސެވެ.
“އާނ. އެކަމަކު…” އަންހެން ކުއްޖެއް ވީމަ އަހަންނަށް ބުނެވުނެވެ.
“ފަނަރަ ރުފިޔާއަށް. އަރުއްވާ. އަވަހަށް އަރުއްވާ.” އޭނާ ބުންޏެވެ.
ޖެހިލުން ވެފައި ހުރެގެން ވެސް ސައިކަލަށް އަރައިފީމެވެ. ފަނަރަ ރުފިޔާއަށޭ ބުނީމައެއް ނޫނެވެ. އަންހެން ކުއްޖާ ތަކުރާރުކޮށް އަރާށޭ ބުނީމައެވެ. އޭރު ގަޑިޖެހެން ވެސް ކައިރިވެފައި ވާތީއެވެ.
“ކޮން ތަނަކަށް؟” ސައިކަލް ދުއްވައިލަމުން އޭނާ އެއްސެވެ.
“އޭޑީކޭ ހޮސްޕިޓަލަށް.” އަހަރެން ބުނެލީމެވެ.
“ތީ ޑޮކްޓަރެއްތަ؟” އޭނާ އެއްސެވެ.
“ޑޮކްޓެރެއް ނޫން.” އަހަރެން ޖަވާބު ދިނީމެވެ.
“އެހެންވީ އިރު ނަރުހެއްތަ؟” އަންހެން ކުއްޖާ އެއްސެވެ.
“ނަރުހުންނަށް ތިބެނީ އަންހެން ކުދިންނެއް ނޫންތަ؟” އަހަރެން ބުނީމެވެ. “އަހަންނަކީ ރިސެޕްޝަނިސްޓެއް.”
“ރިސެޕްޝަނިސްޓުންނަށް ތިބެނީ އަންހެން ކުދީންނެއް ނޫންތަ؟” އޭނާ ސަމާސާ ކޮށްލިއެވެ.
“ތިބޭ ފިރިހެން ކުދިންވެސް.” އަހަންނަކީ ރިސެޕްޝަނިސްޓެކޭ ބުނީމާ އަހަރެންގެ ފެންވަރު އޭނާއަށް އެނގުނީއެވެ. އަހަންނަށް ބުނެވުނީސް އާއެކޭ އަހަންނަކީ ޑޮކްޓަރަކީމޭ. އެކަމަކު ކީއްކުރަން ނުދަންނަ މީހަކަށް ވީނަމަވެސް އޭނާގާތުގައި ވެސް ދޮގެއް ހަދަންވީ؟
އަހަންނަށް ރަނގަޅީ އެނާ އިތުރު ސުވާލުތަކެއް ނުކުރިއްޔާއެވެ. އަހަރެން އިނީ ސައިކަލް ޓްރެފިކް ލައިޓަކަށް މަޑުކުރަން ޖެހިދާނެތީ ވެސް ލަދުންނެވެ. ދަންނަ މީހަކަށް ފެނިއްޖެނަމަ ޖޯކު ޖަހާފާނެތީއެވެ. އެހެން އިންދާ އޭނާގެ ފޯނު ރަނގަބީލު ވާން ފަށައިފިއެވެ. މަގުގެ އެއްފަރާތަށް މަޑުކޮށްލާފައި ވާހަކަ ދެއްކިއެވެ. ހައެއްކަ މިނިޓު އިރު ތެރޭގައި ކޮންމެވެސް ތަނަކަށް ދާނަމޭ ބުނެފައި ފޯނު ޖީބަށްލާފައި ދުއްވައިލިއެވެ. އޭގެ ފަހުން ވެސް އެއް ކޯލަށް އޭނާ ޖަވާބު ދިނެވެ.
“ކިހާއިރަކު ނިމެނީ؟” ހޮސްޕިޓަލުގެ ޕޯޓިކޯއަށް ސައިކަލް މަޑުކޮށްލާފައި އޭނާ އެއްސެވެ. “ނިމޭ ގަޑިއަށް އަންނަންވީތަ؟”
“ނޫން. މިތަނުން ވަރަށް ފަސޭހަވާނެ ޓެކްސީ ހޯދަން.” އެހެން ބުނަމުން އޭނާއަށް ފައިސާ ދީފައި އެނބުރިލީ ތަނާ އެ ކުއްޖާ އަހަރެން އަތަށް ކަރުދާސްކޮޅެއް ދިއްކޮށްލާފައި ބުންޏެވެ. ރައިޑެއް ބޭނުން ވެއްޖެ ކޮންމެ ވަގުތަކު ގުޅައިލާތި.”
އެ ކަރުދާސްކޮޅަށް ބަލައިލިއިރު ވަރަށް ފަސޭހައިން އޭނާގެ ނަން ފާހަގަވިއެވެ. މޫނިސާ ޢީސާއެވެ. ދެން އޮތީ ފޯނު ނަންބަރެކެވެ. ކަރުދާސްކޮޅު ޖީބަށް ލާފައި ބަލައިލިއިރު އެ ކުއްޖާ ހިނގައްޖެއެވެ.
އެދުވަހު ގެއަށްދާ ގަޑި ޖެހުމުން ހޮސްޕިޓަލުން ނުކުމެ ޓެކްސީއެއް ނަގަން ހިތަށް އަރާފައި ވެސް ޖީބުން ކަރުދާސްކޮޅު ނަގައިފައި ގުޅުނީ ސައިކަލްގައި ހޮސްޕިޓަލަށް ގެނެސްދިން މޫނިސާއަށެވެ. ފޯނު ނެގީ އެތައް އިރަކު ރަނގަބީލު ވީފަހުންނެވެ.
“ހަލޯ.” އަހަރެން ގޮވައިލީމެވެ.
“ކާކު؟” މޫނީސާ އެއްސެވެ.
“މިއަދު އޭޑީކޭ ހޮސްޕިޓަލަށް ގެނައިމެއްނު މީހެއް. އޭނާ މީ.” އަހަރެން ބުނީމެވެ.
“އަހަރެން އެތައް ބައެއް މިއަދު އޭޑީކޭއަށް ގެންދިޔައިން.” މޫނިސާ ބުންޏެވެ. “އަންނަންވީތަ؟”
“އާނ. ކިހާއިރަކުން އާދެވޭނެ؟” އަހަރެން އެހީމެވެ.
“މީހަކު ގޮވައިގެން ތި ދިމާލަށް ހަމަ މި ނައްޓައިލީ. އިރުކޮޅެއް ވާނީ.” ޖަވާބު ލިބުނެވެ.
“ޕޯޓިކޯގައި މަޑުކުރާނަން.” އަހަންނަށް އެހެން ބުނެވުނު އިރު އޭނާ ފޯނު ކަނޑާލައިފިއެވެ.
މޫނިސާއަކަށް އަހަރެންގެ އަޑެއް ފާހަގައެއް ނުކުރެވުނެވެ. އެހެންނު ވާނީ ކޮންމެ ދުވަހަކު އޭނާ އަހަރެން ކަހަލަ އެތައް ބަޔަކާ އެ ގޮތަށް ވާހަކަ ދައްކާނެ ވިއްޔާއެވެ.
އިރުކޮޅެއްފަހުން މޫނިސާގެ ސައިކަލް އައިސް މަޑުކޮށްލިއެވެ.
“އަނހާ! ރިސެޕްޝަނިސްޓް ދޯ؟” އަހަރެން ފެނުމުން އޭނާ ބުނެލިއެވެ. އޭނާގެ މޫނު ތަންކޮޅެއް ރަނގަޅަށް އަހަންނަށް ފެނުނެވެ. މަޑުމައިތިރި ހަރުދަނާ އަންހެނެއްކަމަށް އަހަންނަށް ސިފަވިއެވެ.
“އަހަރެންގެ ނަމަކީ ޝަހުރު.” އަހަރެން ބުނެލީމެވެ.
“ޝަހުރު އަވަހަށް އަރާ.” ވަރަށް އަވަހަށް ސައިކަލު ދުއްވާލައިފިއެވެ. ދުއްވައިލަމުން ބުންޏެވެ. “ވަރަށް ރަގަޅު ގުޅާލިކަން.”
“ވަރަށް ރަނގަޅު އައިކަން އެހާ އަވަހަށް.” އަހަރެން ބުނީމެވެ.
“ދުއްވަމުން އަހަރެން ވާހަކަދެއްކިޔަސް ހެޔޮތަ؟” މޫނިސާ ސުވާލު ކުރިއެވެ.
“އޯކޭ.” އަހަރެން ބުނީމެވެ. އޭނާ ވާހަކަ ދައްކަފާނެތީ، މިހާރު އަހަރެންގެ މައްސަލައެއް ނެތެވެ. “އެކަމަކު ދުއްވަމުން ވާހަކަ ދައްކަން ޖެހޭނީ ވަރަށް ބާރަކަށްނު؟”
“އޭގެ މައްސަލައެއް ނެތް.” އޭނާ ބުންޏެވެ. “މަގުތައް ބިޒީކަމުން ގިނަ ވަގުތު ތިބެން މި ޖެހެނީ ނުދުއްވިފައެއްނު؟”
“ކޮން ވާހަކައެއް ދައްކަން ތި އުޅެނީ؟” އަހާލީމެވެ.
“ހަމަ އާދައިގެ ވާކަ.” އެހެން ބުނެފައި އޭނާ ސުވާލުކޮށްލިއެވެ. “ކީއްވެ ޝަހުރު ސައިކަލް ނުދުއްވަނީ؟ ތިވަރުގެ ޒުވާނުން އުޅެނީ ސައިކަލުގައެއްނު؟” ޒުވާން އަންހެން ކުއްޖަކު ކުއްލިއަކަށް މިހެން އެހުމުން އަހަރެން ވަރަށް ލަދު ގަތެވެ. މާލޭގައި ސައިކަލެއް ނުދުއްވާ ފިރިހެން ކުއްޖެއް މަދުވާނެއެވެ. ސައިކަލެއް ނުދުއްވަންޏާ ފިރިހެން ކުއްޖަކަށް ވެސް ނުވަނީއެވެ. އަހަންނާ ދިމާލަށް އަންހެން ކުއްޖަކު ބަލައިނުލަނީ ސައިކަލެއްވެސް ނުދުއްވާތީކަމަށް ވެދާނެއެވެ.
“ސައިކަލެއް ގަންނަން އަހަރެން އަތުގައި ފައިސާއެއް ނެތް.” މޫނިސާގެ ކަންފަތް ކައިރިއަށް ބޯ ގުދުކޮށްފައި އަހަރެން ބުނީމެވެ. “އަހަންނަށް ވަޒީފާއެއް ވެސް ލިބުނީ ވަރަށް ފަހުން.” ކީއްކުރަން އަމިއްލައަށް ދަށް ވަނީ؟ ބުނެވުނީހެއްނު ސައިކަލްގެ ކޮންމެވެސް ކަމެއް ވެގެން އޭތި ވީ ގަރާޖުގައޭ. އެކަމަކު ހަޤީޤަތަކީ އަހަންނަކީ އިހަށް ދުވަހު ވަޒީފާއެއް ލިބުނު މީހެކެވެ. ރިސެޕްޝަނިސްޓެކެވެ. ދުއްވާނެ ސައިކަލްގަނޑެއް ވެސް ނެތްމީހެކެވެ. އެއީ އަހަރެންނެވެ. އެހެން މީހަކަށް ހެދެންވީ ކީއްކުރަން ހެއްޔެވެ؟
“އަދި ރަނގަޅުވާނެ.” މޫނިސާ ހިތްވަރު ދިނެވެ.
“މޫނިސާ ކީއްވެ މީހުން ތި އުފުލަނީ؟ އެކަކުވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ވުމަށް ފަހު އަހަރެންވެސް ދެރަ ނުވާންވެގެން އެހީމެވެ. “ތީ ފިރިހެނުންކުރާ ޒާތުގެ ކަމެއްނު؟”
“އަހަރެން މި މަސައްކަތްކުރަނީ އާމްދަނީ ހޯދަން.” މޫނިސާ ވެސް ޝަހުރަށް އަޑު އިއްވަން އެއް ފަރާތަކަށް ބޯ އަނބުރާލާފައި ބުންޏެވެ. “އަދި މިއީ ވަރަށް ހިތްހަމަޖެހޭ ވެސް ކަމެއް. އެންމެ ހިތްހަމަ ޖެހެނީ ޝަހުރު ފަދަ ތަފާތު މީސްމީހުންނާ ދިމާވާތީ. ޢާންމުކޮށް އަހަރެން ތަންތަނަށް ގެންގޮސްދެނީ ރައްޓެހިން.”
“އެ މީހަކު ކުރަން ވާނީ އެ މީހަކު ހިތްހަމަޖެހޭ ކަމެއް.” އަހަރެން ބުނީމެވެ. “އަހަރެން މިއުޅެނީ އަހަރެން ހިތްހަމަޖެހޭ ކަމެއް އަދި ނުފެނިގެން.”
“ޝަހުރު، ސައިކަލް ޓެކްސީ ދުއްވާ ހިތްވޭތަ؟” ވާހަކަ ނުދައްކާ އަނެއްކާ ވެސް އިރުކޮޅެއް ދިއުމަށް ފަހު މޫނިސާ އެއްސެވެ. އޭނާ އެކަން ކުރާހިތްވާތީ އެހެން މީހުން ވެސް އެކަން ކުރާ ހިތްވެދާނެ ކަމަށް ހީކުރަނީ ކަންނޭނގެއެވެ.
“އަހަންނަކަށް ނޭނގޭ ސައިކަލް ދުއްވާކަށް ވެސް.” އަހަރެން ބުނީމެވެ. އަނެއްކާ އޭނާ ހީކުރާނީ ކީކޭ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެ އެއްޗެކޭ ހީކުރިއަސް ކީއްތަ ވާނީ؟
“އަހަރެން ދަސްކޮށްދީފާނަން.” މޫނިސާ ބުންޏެވެ. “އަހަރެން ކިތަންމެ ކުދިންނަކަށް މިހާރު ސައިކަލް ދުއްވަން ދަސްކޮށްދީފިން.”
“ބޭނުން ދަސްކުރަން.” ބޭ އިޚްތިޔާރުގައި ކަހަލަ ގޮތަކަށް އަހަންނަށް ބުނެވުނެވެ. އެކަމަކު ޙަޤީޤަތުގައި އެހާ ބޭނުމެއް ވެސް ނޫނެވެ. ދުއްވާނެ ސައިކަލެއް ވެސް ނެތް އިރު ކީއްކުރަން ކުރާ ކަމެއްހެއްޔެވެ؟
އޭގެ ފަހުން އެކަކުވެސް އެކައްޗެއް ނުބުނެއެވެ. ގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމުން އަހަރެން ފައިބާފައިފީމެވެ. ފައިސާ ދިނުމުން ފައިސާ އޭނާގެ ކަރުގައި އަޅުވާފައިވާ ދަބަހަކަށް ލައިފިއެވެ.
“ހިނގާ މިރޭ ސައިކަލް ދުއްވަން ފަށަމާ.” މޫނިސާ ބުންޏެވެ. ހާދަ އަވަސް އަންހެން ކުއްޖެކޭ އަހަރެންގެ ހިތަށް އެރިއެވެ.
“ފަށާނީ އަންނަ މަހު މުސާރަ ލިބުނީމަ.” އަހަރެން ބުނީމެވެ. “އަނެއްކާ ފީއަކީ ކިހާވަރެއްތަ؟”
“ފީއަކީ ވަރަށް ކުޑައެއްޗެއް.” އޭނާ ބުންޏެވެ. “ފަހުން ވެސް ފީ ދެއްކިދާނެ. ހިނގާ މިރޭ ފަށަން.”
އެރޭ މޫނިސާއާ އެއްކޮށް އަހަރެން ސައިކަލް ދުއްވަން ފެށީމެވެ. އޭގެ ފަހުން ކޮންމެ ރެއަކުހެން ސައިކަލް ދުއްވަން ދަސްކުރުން ކުރިޔަށް ދިޔައެވެ. އަދި ކޮންމެ ދުވަހަކު އަހަރެން ހޮސްޕިޓަލަށް ގެންގޮސް ހޮސްޕިޓަލުން ގެއަށް ގެނެސް ހަދަނީ މޫނިސާއެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ދެމީހުންގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. އެކަކު އަނެކަކަށް ދެނެގަނެވުނެވެ. މޫނިސާއަކީ މީހަކާ އިނދެ ވަރިކޮށްފައި ހުރި މީހެކެވެ. ކުއްޖެއް ނެތެވެ. ފިރިމީހާ އޭނާއަށް ބޭވަފާތެރި ވެ ޚިޔާނާތްތެރި ވުމުގެ ސަބަބުން އޭނާ ވަނީ ފިރިހެނުންގެ މަތިން ފޫހިވެފައެވެ. އޭނާ ވަނީ ކޮންމެވެސް ކަމެއްގެ ތެރޭގައި އުޅޭ ހިތެވެ. ކުރީގެ ހަނދާންތަކާ ދުރުވުމަށެވެ. މޫނިސާއަކީ އަހަރެން ގަޔަވާ ސިފަތަކެއް ހުރި މީހެކެވެ. ރުޅި މަޑު ކެތްތެރި ސާދާ މިޒާޖެއްގެ އަންހެނެކެވެ. ރަނގަޅު އިންސްޓްރަކްޓަރެކެވެ. އަހަރެންގެ އުމުރުން ވިހި އަހަރު ކަމާއި އަދި ދުވަހަކު ވެސް އަންހެން ކުއްޖަކާ ރައްޓެހި ނުވާ މީހެކޭ މޫނިސާގާތު ވަނީ ބުނެފައެވެ.
އަހަންނަށް ސައިކަލް ދުއްވަން ދަސްކުރެވުނު އިރު އަހަންނަށް ވަނީ މޫނިސާއާ ވަރަށް ބޮޑަށް ގަޔާވެވިފައެވެ. ނަމަވެސް، އެކަން ހާމަކުރާކަށް އަހަންނަކަށް ނުކެރުނެވެ. އެކަން ކުރާނެ ގޮތެއް ވެސް ނޭނގުނެވެ. އަހަރެންގެ ހިތަށް ވަނީ އަހަރެންގެ ރައްޓެއްސަކު ދައްކާފައިވާ ވާހަކައެކެވެ.
އެއްދުވަހަކު ރައްޓެހި ފިރިހެން ކުއްޖަކު އަހަރެން ކުރެން އެއްސެވެ. “ޝަހުރު އަންހެން ކުއްޖަކާ ރައްޓެހި ނުވެ ތި ހުންނަނީ ކީއްވެތަ؟”
“އަހަރެން މިހުންނަނީ ވަޒީފާއެއް ލިބުނީމާ ނޫނީ ކުއްޖަކާ ރައްޓެހި ނުވާން.” އަހަރެން ޖަވާބު ދިނީމެވެ.
“ކުއްޖަކާ ރައްޓެހިވާކަށް ވަޒީފާއެއް ބޭނުމެއް ނުވެއެއްނު؟” އޭނާ ބުންޏެވެ. “ރައްޓެހި ވެގެން ވެސް ވަޒީފާއެއް ހޯދިދާނެއެއްނު؟”
“ރައްޓެހިވީމަ އޭނާ ގޮވައިގެން ތަންތަނަށް ދާން ޖެހޭނެ. ކޮފީއަށް ދާން ޖެހޭނެ.” އަހަރެން ބުނީމެވެ. “އަހަރެން ލޯބިވާކަން ދެއްކުމަށްޓަކައި އޭނާ ބޭނުންވާ ކަހަލަ ހަދިޔާ ދޭތެރެ ދޭތެރެއިން ދޭން ޖެހޭނެ. އުފަން ދުވަސް ފަދަ ދުވަސްދުވަހު ރަނގަޅު ހަދިޔާ ގަނެދޭންވާނެ. ވަޒީފާއެއް ނެތި، ލާރި ނުލިބި، ކިހިނެއް އެކަންތައް ކުރާނީ؟ އަދި ކައިވެނި ކުރަން އެދެފިނަމަ ކިހިނެއް ހަދާނީ؟”
“އަހަރެން ހަމަ ހައިރާންވޭ ޝަހުރަށް ތިހެން ހުރެވޭތީ.” އޭނާ ސަމާސާ ރާގަކަށް ބުނެލިއެވެ. “މަށަށް ހީވަނީ ޝަހުރު ތީ އަންހެން ކުދިން ބޭނުން ނުވާ ވައްތަރުހެން. އެހެން ނޫންނަމަ ކިހިނެއް ތި އުމުރުގައި ތިހެން ހުންނާނީ؟”
“އަހަންނަކަށް ހިއެއް ނުވޭ އަހަންނާ އެއްވެސް ކުއްޖަކު ރައްޓެހި ވެދާނެހެނެއް.” އަހަރެން ބުނެލީމެވެ.
“ކީއްވެ ތިހެން ތިބުނީ؟” އޭނާ ސުވާލުކުރިއެވެ.
“އެއްވެސް އަންހެން ކުއްޖަކު އަހަންނަށް ސަމާލުކަން ނުދޭތީ އަހަރެން މިހެން މި ބުނީ.” އަހަރެން ބުނީމެވެ.
“ޝަހުރު އަންހެން ކުއްޖަކަށް ސަމާލުކަން ނުދޭ އިރު، އަންހެން ކުދިންގެ ސަމާލުކަން ހޯދަން ނޫޅޭއިރު، އަންހެން ކުއްޖަކު ޝަހުރަށް ސަމާލުކަމެއް ނުދޭނެއެއްނު؟” އޭނާ ބުންޏެވެ.
“ތީދެން އެއްވެސް ވާހަކައެއް ނޫން.” އަހަރެން ދެކޮޅު ހެދީމެވެ. “އަހަރެން އަންހެން ކުދިންނާ އެކުގައިވާ ކިތަންމެ ފަހަރެއް އާދޭ. އަންހެން ކުއްޖަކު އަހަރެން ދެކެ ލައިކް ވާނަމަ އޭނާ ކޮންމެ ވެސް ގޮތަކުން އެކަން ހާމަކުރާނެއެއްނު؟”
“ދިވެހިރާއްޖޭގައި ފިރިހެން ކުދިން ފުރަތަމަ ދަޢުވަތު ދެނީ.” އޭނާ ބުންޏެވެ.
“ތީ ރަނގަޅު ވާހަކައެއްކަމަށް ނުވެދާނެ. އެކަމަކު ތީ ކަމަށް ވެސް ވެދާނެ ދިވެހިރާއްޖޭގައި ވަރި ގިނަވާ ސަބަބަކީ.” އަހަރެން ސަމާސާކޮށްލީމެވެ. “އަންހެން ކުދިން މީހަކު ހޮވާނަމަ އޭނާ އެކަން ކުރާނީ ވަރަށް ރަނގަޅަށް ވިސްނާފައި. ފިރިހެން ކުދިން އެހާ ނުވިސްނާ ކުއްޖަކު ފެންނަ އިރަށް އޭނާ ދަލުގައި ޖައްސަނީ. އަހަންނަށް އެނގޭ. ދަލުގައި ޖައްސަން ތިމާއަކީ މާ މަޖާ މީހަކަށް ހެދިގެން އުޅެފާނެ. މާ ސްޕޯޓީ މީހެއްކަމަށް ދައްކަން އުޅެފާނެ. އަންހެން ކުދިންނަށް ކަމޭ ހިތާ މާ އިންސާފުވެރިއެއްކަމަށް ވެގެން އުޅެފާނެ. އަންހެން ކުއްޖަކު ސަމާލުކަން ދޭއިރަށް މާމުއި ކުޅެދުރު މަލެއްގެ ވަށައިގެން ބުރުޖަހާހެން އެކުއްޖާ ވަށައިގެން ބުރުޖަހަން ފަށާފާނެ. އެންމެ ފަހުން އެގޮތަކުން މިގޮތަކުން އެކުއްޖާގެ ހިތް އަތުލާނެ. އިރުކޮޅަކު ގުޅިގެން އުޅެފައި ދެން އިންނަނީ. ދުވަސްކޮޅެއް ކޮށްލާފައި ވަރިކޮށްލަނީ.”
“ދެން އެހެން ވީއިރު ޝަހުރު ހުރޭ އަންހެން ކުއްޖަކު ޝަހުރު ގާތަށް އަންނަންދެން.” އޭނާ އެންމެ ފަހުން މަލާމާތުގެ ރާގެއްގައި ބުންޏެވެ. “އެ ކުއްޖަކު އައިސް ޝަހުރުގެ ކުރިމައްޗަށް ހުއްޓި، ކަކޫ މައްޗަށް ތިރިވެ ‘ވިލްޔޫ މެރީ މީ؟’ އޭ ބުނާނެ ކަމަށް. އުމުރު ހުސްވާނީ. އެދުވަހެއް ނާންނާނެ.”
އަހަންނަށް ލައިސަންސް ލިބުނު ދުވަހުގެރޭ މޫނިސާ ކޮފީއަކަށް އަހަންނަށް ދައުވަތު ދިނެވެ. އަހަރެން ހިތަށް އެރިއެވެ. އަސްލު މޫނިސާއަށް ދައުވަތު ދޭން ޖެހޭނީ އަހަންނެވެ. އެކަމަކު އެކަން މި ވީ އަނެއް ކޮޅަށެވެ. އަހަންނަށް ކޮފީއެއް ދޭން ވެސް މި ޖެހުނީ އަހަންނަށް ލައިސަންސް ހޯދައިދިން މީހާއެވެ. އަހަންނަށް މި ކަންކަން ހަމަ ނޭނގެނީއެވެ.
ތަނުގައި ހުރި ފަނޑު އަލިކަމުގެ ތެރެއިން މޫނިސާ ފެނުމުން އަހަރެންގެ ހިތަށް ވަނެވެ. ރީތި އަންހެނެކެވެ. ބޮލުގެ ދެ ފަރާތަށް ފަތުރާ ލާފައިވާ އޭނާގެ ކުރު ފަން އިސްތަށިގަނޑުން އޭނާގެ ކަންފަތް ވަނީ ނިވާވެފައެވެ. ނަމަވެސް، ވާހަކަ ދެއްކުމުގެ ތެރޭގައި މޫނިސާ އޭނާގެ އިސްތަށިގަނޑު ރަނގަޅުކޮށްލާއިރު ކަންފަތް ހާމަ ވެއެވެ. އެ ކަންފަތުގައި ލާފައިވާ ރަން ކެވެލިފަށް ހެލިލާތަން ފެނުމުން ބަލާހިތްވެއެވެ. މޫނިސާގެ ފުރިހަމަ ތުންފަތުން ފެނުނު ހިނިތުންވުމުން އަހަރެން އުފާވިއެވެ. މޫނިސާގެ ހިމަހިމަ ބުމައިގެ ދަށުގައި ވާ ދިގު އެސްފިޔައިން އަހަރެންގެ ސަމާލުކަން މޫނިސާގެ ކަޅުކަން ގަދަ ލޮލަށް ދަމައިގަތެވެ. ހަތަރު ކަޅި ހަމަކުރެވުނު ވަގުތު މޫނިސާގެ ކަޅީގައި އަހަރެން ތަތްވި ކަހަލައެވެ. ކަޅި ނައްޓާލަން ދަތިވިއެވެ. ލަދުގަތެވެ.
“ވަރަށް ރީތި.” ބޭ އިޚްތިޔާރުގައި އަހަންނަށް ބުނެވުނެވެ. ހަމަ އެވަގުތު އޭނާ އަތް ދިއްކުރިއެވެ. އެ އަތުގައި އަހަންނަށް ހިފުނެވެ. އެކަމަކު ލަދުން އިސްދަށަށް ޖަހައިލެވުނެވެ. އަހަރެންގެ މޭގަނޑު އޭރު ވަރަށް ބާރަށް ތެޅެމުން ދިޔައެވެ. އަހަރެންގެ ހިތަށް އެރިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އިތުރަށް ބުނާނީ ކީކޭ ހެއްޔެވެ. އެކައްޗެއް ވެސް ނުބުނެވުނެވެ. މޫނިސާއަށް ބަލައިވެސް ނުލެވުނެވެ. އަހަރެންގެ ރަހުމަތްތެރިޔާ ބުނެފައިވާ ގޮތަށް އަހަންނަކީ ފިރިހެނަކަށް ވެސް ނުވަނީތާއެވެ.
“ޝަހުރަކީ އަވަހަށް ސައިކަލް ދުއްވަން ދަސްކުރި މީހެއް.” އަހަރެންގެ އަތުން އަތް ދޫކޮށްލަމުން މޫނިސާ ބުނެލިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މޫނިސާގެ ހިތުގައި އަހަންނަކީ ދަރިވަރެކެވެ. އަތްދިއްކުރީ އިންސްޓްރަކްޓަރާމެދު ހެޔޮ ބަހެއް ބުނުމުން ސަލާމްކޮށްލުމަށެވެ. އެކަމަކު އަހަރެންގެ ހިތުގައި މޫނިސާއަކީ މިހާރު އިންސްޓްރަކްޓަރެއް ނޫނެވެ. ލޯބިވާ މީހާއެވެ. އެކަމަކު އެހެން ނުބުނެވުނުކަން ކިހާ ރަނގަޅުހެއްޔެވެ. އެހެންނޫނީ ބެދޭނީ ބޮޑު ލަދެއްގައެވެ.
އެކިއެކި ވާހަކަ ދައްކަމުން ގޮސް މޫނިސާ އެއްސެވެ. “އަހަރެން ބުނާ ކަމެއް ކޮށްފާނަންތަ؟”
“ކޮން ކަމެއް؟” އަހަރެން އެހީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. ހަމަގައިމު ފައިސާއެއް ހޯދާކަށް، އަދި އެއްޗެއް ހޯދާކަން ނާހާނެއެވެ. އަހަންނަށް އެކަމެއް ކޮށްނުދެވޭނެކަން އޭނާއަށް އެނގޭނެއެވެ. އެ އުޅެނީ އޭނާއާ ރައްޓެހި ވެދާނެތޯ އަހާށެވެ. އެކަމަކު، އަހަރެންގެ ރައްޓެހި މީހާ ބުނެފައިވާ ގޮތުން އަންހެން ކުދީންނެއް އިސްވެ އެހެނެއް ނާހާނެއެވެ.
“ވަރަށް ބޮޑުކަމެއް؟ ކުރާނަންތަ؟” އަހަންނަށް ހަމަ ޔަޤީންކުރެވުނެވެ. އެ އުޅެނީ އެހެން އަހާށެވެ.
“އާނ. ކުރާނަން. އަވަހަށް ބުނޭ.” އަހަރެން އެދުނީމެވެ.
“ޕްރޮމިސް؟” އޭނާ ޔަޤީންކުރުމުގެ ގޮތުން ބުންޏެވެ.
“އާނ. ހަމަ ޕްރޮމިސް.” އަހަރެން ބުނީމެވެ. އޭރު ހިތުގެ ވިންދު އަވަސް ވިއެވެ. އަތް ފައި ފިނިވިއެވެ.
“އަހަންނާއެކު މީހުން އުފުލުމުގެ މަސައްކަތް ފަށާފާނަންތަ؟” މި އަޑު ކަންފަތުގައި ޖެހުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެ ކުރީ ކޮން ކަހަލަ ސުވާލެއް؟ އެއީ ދުވަހަކު ވެސް އަހަރެން ކުރަން ހިތަށް އެރިވެސް ކަމެއް ނޫނެވެ. އަނެއްކޮޅުން އަހަރެން ވަޒީފާއަކަށް ވަންތާ އަދި މާ ގިނަ ދުވަހެއްވެސް ނުވެއެވެ.
“ކީއްކުރަން ރިސެޕްޝަނިސްޓަކަށް ކައުންޓަރުގައި އިންނަނީ؟” އަހަރެން މަޑުޖެހިލުމުން މޫނިސާ ބުންޏެވެ.
“އަހަރެން އަތުގައި ސައިކަލެއް ނުހުންނަކަން މޫނިސާއަށް އެނގެއެއްނު؟” އަހަރެން ބުނެލީމެވެ.
“ކުރިން ސައިކަލް ދުއްވާކަށް ވެސް ނޭނގެއެއްނު؟” ހިނިތުންވެލާފައި އޭނާ ބުންޏެވެ. “މިހާރު ސައިކަލް ދުއްވަން ވެސް އެނގެއެއްނު؟ ލައިސަންސް ވެސް ލިބިއްޖެއެއްނު؟”
“ލައިސަންސް ލިބުނަސް ކިހިނެއް ސައިކަލެއް ލިބޭނީ؟”
“ސައިކަލެއް އަހަރެން ގަނެދީފިއްޔާޔޯ؟” އޭނާ ސުވާލުކުރިއެވެ.
“މޫނިސާ އަހަންނަށް ސައިކަލެއް ގަނެދޭނިއްޔޭ!” ހައިރާންކަމާއެކު އަހާލެވުނެވެ.
“އާނ. އަހަރެން ޝަހުރަށް ސައިކަލެއް ގަނެދޭނީ. ފަހުން ފައިސާ ދޭގޮތަށް.” މޫނިސާ ޔަޤީންކަމާއެކު ޖަވާބުދިނެވެ. “އެހެންވީއިރު އަތުވެދާނަންތަ؟” މި ދިމާވީ ވަރަށް ބޮޑު މައްސަލައެކެވެ. އެއީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫނެވެ. އެކަމަކު، މޫނިސާއާއެކުގައި ވާހިތްވެއެވެ. މިކަމަށް ނޫނެކޭ ބުނެފިނަމަ މޫނިސާ ރުޅި އަތުވެދާނެއެވެ. އޭނާ ދެން އަހަންނަށް ނުވެސް ފެނިދާނެއެވެ.
“އާން. އަހަރެން މޫނިސާއާއެކު ތިކަމުގައި ބައިވެރި ވެދާނަން:” އަހަރެން ބުނީމެވެ.
“ހާދަ ރަނގަޅޭ ޝަހުރު.” މޫނިސާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. އެހާ އުފާވެރިކަމެއް އޭނާގެ މޫނުމައްޗަކުން މީގެ ކުރިއަކުން ޝަހުރަށް ފާހަގަކުރެވިފައެއް ނުވެއެވެ.
“މާދަމާ ސައިކަލް ލިބޭނެ. ރަޖިސްޓްރީކޮށް ވެސް ނިމޭނެ. މާދަމާ ވާނެ ދުއްވަން ފަށަން.” މިއީ ހާދަހާ އަވަސްކޮށް ކަންތައް ކުރާ މީހެކޭ އަހަރެންގެ ހިތަށް އެރިއެވެ.
އަހަރެން މޫނިސާގެ އިރުޝާދުގެ ދަށުން މީހުން އުފުލުމުގެ މަސައްކަތް ކުރަން ފެށިފަހުން އެއް މަސް ވީތަނާ އެއް ރެއަކު ކޮފީއެއްގައި މޫނިސާ ބުންޏެވެ. “ވަރަށް މުހިންމު ވާހަކައެއް ދައްކަން އަހަރެން މިއުޅެނީ.”
“ކޮން ވާހަކައެއް؟ އަހަރެން އެހީމެވެ.” އަހަރެންގެ ހިތަށް އެރިއެވެ. ޔަޤީނެވެ. މި ފަހަރު އެ އުޅެނީ ލޯބިވާ ވާހަކަ ބުނާށެވެ. ރައްޓެހިވާ ވާހަކަ ދައްކާށެވެ. މޫނިސާ ދައްކާނެ ދެވަނަ ވާހަކައެއް ނޯންނާނެއެވެ. ކީއްވެ އޭނާ އެހެން ބުނޭތޯ އަހަންނަށް މި ހުރެވެނީ؟ އަހަރެން ބުނީމާ ވީއެއްނު؟
“ހިނގާ ދެމީހުން ކުންފުންޏެއް ރަޖިސްޓްރީކުރަމާ؟” މޫނިސާ ބުންޏެވެ. މީނާ މީ ކިހިނެއްވެގެން އުޅޭ އަންހެނެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ.
“ކޮންކަހަލަ ކުންފުންޏެއް؟” އަހަރެން ބޭނުން ސުވާލު ނުކުރުމުން ނާއުންމީދު ވެފައި އަހަރެން އެހީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. މޫނިސާ ދެކެ އަހަރެން ލޯބިވާ ވާހަކަ އަހަންނަށް ވެސް ބުނެވެންވާނެއެއްނު؟ ކީއްވެ ނުބުނެވިގެން އުޅެނީ؟ ޤަބޫލުނުކޮށްފާނެތީ ބިރު ގަންނަނީއެވެ.
“އާދައިގެ ކުންފުންޏެއް.” އޭނާ ކިޔައިދިނެވެ. “ދެމީހުން ހިއްސާދާރުންނަށް ވާނީ. ފަހުން ބަދަލުކުރާނީ ޓެކްސީ ދުއްވާ ކުންފުންޏަކަށް.”
މޫނިސާއަކީ ހާދަ އެހެން ކަހަލަ އަންހެނެކޭ، އެ ދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟
“މޫނިސާއަށް އެނގޭނެއެއްނު އަހަރެން އަތުގައި އެއްވެސް ފައިސާއެއް ނެތްކަން.” އަހަރެން ބުނީމެވެ. “އެހެންވީއިރު ކިހިނެއް އަހަންނަށް ތި ކުންފުނީގައި ބައިވެރިވެވޭނީ؟ ހިއްސާދާރަކަށް ވެވޭނީ.”
“ފައިސާއެއް ނެތް އިރު ސައިކަލެއް ވެސް ތިޔަ ދުއްވަނީނު؟” މޫނިސާ ބުންޏެވެ. “އަހަރެންގެ އެބައޮތް ވާރުތައިން ލިބުނު ކުޑަކުޑަ ބިންކޮޅެއް. އެ ބިންކޮޅު ދިގުމުއްދަތަކަށް ބަޔަކަށް ދީފައި ލާރިހޯދާނީ. ޝަހުރަށް އަހަރެން ޝެއަރ ގެނެދޭނީ. ޝަހުރު ފަހުން އެ ފައިސާ އަހަންނަށް ދޭނީ.”
“އަހަރެން ވަރަށް ޖެހިލުންވޭ. އުނދަގޫ ވެސްވޭ މޫނިސާ ތިޔަ ކަންތައް ކުރާ ގޮތުން.” އަހަރެން ކަންބޮޑުވުން ފާޅުކުރީމެވެ. “އަހަންނަކީ އިހަށްދުވަހު މޫނިސާއާ ދިމާވި މީހެއް. ކިހިނެއް މޫނިސާއަށް އަހަންނަށް އިތުބާރުކުރެވޭނީ؟ އަހަންނަށް ވެސް އަދި މޫނިސާ ރަނގަޅަކަށް ނޭނގޭ.”
“ޝަހުރަށް އަހަންނަށް ހަމައެކަނި އިތުބާރުކުރެވެނީއެއްނޫން. އަހަރެން ޝަހުރު ދެކެ ލޯބިވެސް ވޭ.” މޫނިސާބުންޏެވެ. އަހަރެން ޙަޤީޤަތުގައި ބޭނުމީ ޝަހުރު ބޭނުންނަމަ ޝަހުރާ ކައިވެނި ވެސް ކުރަން.”
އަދި ކިރިޔާ އަހަރެން ބޭނުންވާ އެއްޗެއްގެ އަޑު މި އިވުނީ އެކަމަކު، ކުއްލިއަކަށް އަހަރެން ފިނި ވެއްޖެއެވެ. ހިތަށް އެރިއެވެ. މިއީ ޙަޤީޤަތެއް ބާވައެވެ؟ މިހުރިހާ ކަމަކީ ހަމަ ޙަޤީޤަތެއް ބާވައެވެ؟ އަހަންނަށް މި ދިމާވަނީ އާދަޔާ ޚިލާފު ކަންކަމެވެ. އަނެއްކާ މޫނިސާ މީ ކާކުބާވައެވެ؟ މި އުޅެނީ ކިހިނެއް ހަދަން ބާވައެވެ؟ ކީކޭ ބުނާނީ؟ މި އައީ މިއޮތްހާ ދުވަހު އަހަރެން އިންތިޒާރުކުރަމުން އައި ހިނދުކޮޅެވެ. މި ހިނދުކޮޅު ނަގާލައިފިނަމަ ފަހަރުގައި މުޅި އުމުރަށް ހިތާމަކުރަން ވެސް ޖެހިދާނެވެ. މިކަމުގައި ބައިވެރިވެއްޖެނަމަ، މިޒަމާނުގައި ގޮތް ނޭނގޭ ކަންތައްގަނޑެއްގެ ތެރެއަށް ވަދެވުމަކީ ވެސް ދުރުގައި އޮންނާނެ ކަމެއް ނޫނެވެ. އަހަންނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަނެއްކާ ވެސް ވާހަކަ ދެއްކީ މޫނިސާއެވެ.
“އަހަންނަށް ވަނީ ހަޔާތުން ތެދުވެރިކަމާއި ވަފާތެރިކަން ގެއްލިފައި.” މޫނިސާ ބުންޏެވެ. “އަހަންނަށް މިހާރު ޔަޤީންކުރެވޭ އެ ތެދުވެރިކަމާއި ވަފާތެރިކަން ޝަހުރުގެ ފަރާތުން އަހަންނަށް ލިބޭނެކަން. އަހަރެން ދެކެ ޝަހުރު ލޯބިވާކަން އަހަންނަށް އެނގޭ. ޝަހުރަށް ބުނަން ނުކެރިގެން އުޅޭކަން ވެސް އަހަންނަށް އެނގޭ. އަހަންނަށް ޔަޤީންކުރެވޭ އަހަރެމެން ދެމީހުންނަށް ކާމިޔާބު ޙަޔާތެއް ހޯދޭނެކަން. ޝަހުރު ކީކޭ ބުނަނީ؟”
“ހަމަ ތެދެއް ތި ބުނީ.” އަހަރެންގެ ޖެހިލުން ވުން ކުއްލިއަކަށް ނެތި ދިޔަ ކަހަލައެވެ. “އަހަރެން ވަރަށް ބޮޑަށް ލޯބިވޭ މޫނިސާ ދެކެ. އަހަންނަށް ވެސް ގަބޫލުކުރެވޭ އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކަށް ތެދުވެރިވެ އިތުބާރުކޮށްގެން އުފާވެރި ޒަވާޖީ ހަޔާތެއް އާރާސްތު ކުރެވޭނެކަމަށް. އަދި އަހަރެން ގަބޫލުކުރަން އަހަރެމެން ދެ މީހުންނަށް ސައިކަލް ޓެކްސީ ދުއްވާ ކުންފުންޏެއް ހިންގޭނެ ކަމަށް ވެސް.”
“އަހަރެމެން ޓެކްސީ ކުންފުންޏަށް ކިޔާނީ ‘ފްލައިވޭ ސައިކަލް ޓެކްސީ’ އޭ.” މޫނިސާ އޭނާގެ ދެ އަތް އަހަންނާ ދިމާލަށް ދިއްކުރިއެވެ. “ކުރުކޮށް ކިޔާނީ ‘ފްލައިވޭ’.” މޫނިސާގެ އަތުގައި ހިފަހައްޓަމުން އަހަރެން ބުނީމެވެ.
