
ކުޑަކުޑަ ޔާ އިރުއިރުކޮޅާ ކާފަ އޮންނަ ކޮޓަރީގެ ދޮރު ހުޅުވައި ބަލައިލައެވެ. އޭނާގެ ބައްޕަ ކާފަ ފެންވަރުވައި ރީތިކޮށް ހަދާފައި ނިކުންނަން ކައިރިވޭތޯއެވެ. ޔާސިރުގެ، ނުވަތަ ޔާގެ ކާފަ ވަނީ އެނދުމަތީގައި އޮންނަން ޖެހިފައެވެ. މީގެ އަހަރުތަކެއް ކުރިން ޖެހުނު ސްޓްރޯކެއްގެ ސަބަބުންނެވެ. ކާފަ ޔާ މެން ގެއަށް ގެނައީ މީގެ ދެތިން މަހެއް ކުރިންނެވެ. އޭގެ ކުރިއަކުން ޔާ އެއް ދުވަހަކު ވެސް ކާފަ ދެކެފައެއް ނުވެއެވެ.
“ބައްޕާ. ކޮބާ ބައްޕަގެ ބައްޕަ؟ ކާފަ ކޮބާ؟” ތަންކޮޅެއް ކުރިން، ކާންތިބެފައި ޢާއިލާގެ ވާހަކަ ދެކެވުނު ދުވަހެއްގައި ޔާ އެއްސެވެ. ޔާއަކީ ވަރަށް ސުވާލު ގިނަ ކުއްޖެކެވެ. އެއް ސުވާލަށް ޖަވާބު ދޭއިރަށް އެއާ ގުޅުވައިގެން އަނެއް ސުވާލެއް ކުރާނެއެވެ. ޔާގެ ބައްޕަ އާޢި މަންމަ އަބަދުވެސް ޔާގެ ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދެވޭތޯ ބަލައެވެ. އެހެނަސް، ސުވާލުތައް ގިނަކަމުން އޮންނަނީ އެއީ އުނދަގޫ ކަމަކަށް ވެސް ވެފައެވެ.
“ޔާގެ ކާފަ ނެތެއްނު؟” ޙިލްމީ ރިހަ ބޯތަށިން މަސްކޮޅެއް ނަގައި ޔާގެ ތައްޓަށް ލައިދެމުން ބުންޏެވެ. “މަސް މިއަދު ވަރަށް މީރު. މަންމައަށް އެނގޭ ވަރަށް މީރުކޮށް ރިހަކައްކަން.”
“ތިހެން ބުނީމަ ހީވަނީ އެހެން ދުވަސްދުވަހު މީރެއް ނޫހެން.” ސަމާސާ ރާގަކަށް އައިޝާ ބުނެލިއެވެ. “ރިހަ މީރުވަނީ އެއަށް އަޅާ އެއްޗެހިން. އެބަހުރި ދުނިޔޭގައި ލެއްވިހާ ރިހައެއް ކެއްކޭނެ ބާވަތްތައް މިގޭގައި. އެހެން ވީއިރު ކީއްވެ މީރު ނުވާންވީ؟”
“ނޫން. ހުރިހާ ދުވަހަކުވެސް މީރު.” ހިލްމީ ބުންޏެވެ. “ތަކެތި ހުއްޓަސް މީރު ވަނީ އެ ތަކެތި ބޭނުންކުރާނެ ރަނގަޅު މޭސްތިރީއެއް ހުރީތީ. ދޯ ޔާ؟”
“ކޮބާ މޭސްތިރީގެ މާނައަކީ؟’ ޔާ އެއްސެވެ.
“އެއީ މޮޅަށް ކަންތައް ކުރަން ދަންނަ މީހާ.”
“އާނ. މަންމައަށް އެނގޭ ވަރަށް މީރު އެއްޗެހި ކައްކަން.” އެހެން ބުނެފައި އަނެއްކާ ވެސް އެއްސެވެ. “ބައްޕާ. ކޮބާ ކާފަ؟ ކާފަ ނެތީ ކީއްވެ؟ ކާފަވެސް ވަނީ ނިޔާވެފައިތަ؟”
“ޔާ އަވަހަށް ކައި ނިންމަން އުޅެބަލަ. ހަވީރު ސްކޫލަށް ދާން ވެސް އެބަ އޮތެއްނު؟ އަދި ބައްޕަ ރިޒޯޓަށް ވެސް ދާން ޖެހޭ މިއަދު.” އައިޝާ އެދުނެވެ.
“އެކަމަކު މަންމާ ބުނޭ ކާފަ ވީތަނެއް.” ޔާ ބުންޏެވެ. “ޔާގެ ކްލާހުގެ ވަރަށް ގިނަ ކުދިން ގޮވައިގެން ސްކޫލަށް ވެސް ދޭ އެ ކުދިންގެ ކާފައިން. އަހަރެން ވެސް ބޭނުން ކާފައެއް.”
“ބައްޕަ ވެސް ކާފަ ނުދެކޭތާ އެތައް އަހަރެއް ވެއްޖެ.” އޭނާގެ ބާރު ކެޑިފައިވާ އަތަށް ހިތްދަތި ގޮތަކަށް ބަލައިލާފައި ޙިލްމީ ބުންޏެވެ. “ކާފަ އުޅެނީ ގދ. ގައްދޫގައި. އުޅެނީ ވަރަށް އެކަނި ކޮށްނޭ، މިހާރު ވަރަށްބޮޑަށް ބަލިވެއޭ އުޅެނީ ވެސް މީހުން ބެނޭ.”
“ކާފަ އަންނަންވީނު މިގެއަށް؟” ޔާ އެދުނެވެ. “އޭރު ބައްޕައާއި މަންމައާއި ޔާ އާ އެންމެން ތިބޭނެއެއްނު؟”
“ތިވާހަކަ ބައްޕައާއި މަންމަ ވަނީ ދައްކާފައި.” އައިޝާ ޖަވާބު ދިނެވެ.
“މި އުޅެނީ ކާފަ ގެންނަން. ކާފަ ވަރަށް ބަލި. ދަރިފުޅު ވާނެ ކާފައަށް ހެޔޮކޮށް ހިތަން” ހިލްމީ އެދުނެވެ.
“އާނ ބައްޕާ. ޔާ ކާފައާ ވަރަށް ރައްޓެހި ވާނަން.” އަނގަ ފުރާލައިގެން އިނދެ ޔާ ބުންޏެވެ. “ކާފަ ވާހަކަ ކިޔައިދޭނެތަ؟”
“ބައްޕައަކަށް ނޭގޭ. ބައްޕައެއް އަޑެއް ނާހަން ކާފަ ވާހަކަ ކިޔާއަޑެއް.” ކެއުން މަޑު ޖައްސާލަމުން ހިލްމީ ބުންޏެވެ. “ބައްޕަ ވަރަށް ކުޑައިރު، ބައްޕަމެން ދޫކޮށް ކާފަ ހިނގައްޖެ.”
“ދަރިފުޅު ދެން ނިމުނީނު ކައި.” އެހެން ބުނަމުން އައިޝަ އެވާހަކަ ނުދައްކަން ޚިލްމީއަށް ލޮލުން އިޝާރާތް ކޮށްލިއެވެ. “ހިނގާ އަވަހަށް ފެން ބޮއެގެން ސްކޫލަށް މިއަދު ގެންދަން ޖެހޭ ތަކެތި ހޯދަން.”
“ކާފަ ދިޔައީ ކީއްވެ؟” ޔާ ޝައުޤުވެރިކަމާއެކު އެއްސެވެ.
“ޔާ ކާފަ ވަރަށް އަވަހަށް މި ގެއަށް ގެންނަން މިއުޅެނީ. ކާފަ ދަރިފުޅަށް ވާހަކަ ކިޔައިދޭނެހެން ހީވަނީ.” އޭނާގެ ވާތުން ޔާގެ އަތުގައި ހިފަހައްޓާލާފައި ބުންޏެވެ. “ކާފަ ބައްޕަމެން ދޫކޮށް ދިޔައީ ކީއްވެގެންހޭ ނަމަނަމަ ކާފަ ގާތުން ނާހާތި. ބައްޕަ ފަހުން އެވާހަކަ ޔާ އަށް ކިޔައިދޭނަން.”
ޔާއަށް ތޭރަ ސާދަ އަހަރު ވީއިރު ވެސް އޭނާގެ ސުވާލުކުރުމުގެ އާދަ ހަމަ އެގޮތުގައި ކުރިޔަށް ގެންދެއެވެ. ކުއްޖެއްގެ ޠަބީޢީ ގޮތް ކެނޑިގެންނެއް ނުދެއެވެ. ކުދިންގެ ސުވާލުކުރުން ގިނަވެގެން ބެލެނިވެރިންގެ ފަރާތުންނާއި ޓީޗަރުންގެ ފަރާތުން ނުރުހުން ލިބި ބައެއް ކުދިން ސުވާލުކުރުން މަދު ވެސް ކުރެއެވެ. އެހެންނަމަވެސް، މި މަންޒަރެއް ޔާގެ ކިބަޔަކުން ނުފެނެއެވެ. ޔާގެ ކިބައިން އެކަން ނުފެންނަނީ އޭނާގެ ހުރިހާ ސުވާލަކަށް ބައްޕައާއި މަންމަ ޖަވާބު ދޭތީކަން ނޭނގެއެވެ. ބައްޕައާއި މަންމައާ ޔާ އެހާ ގާތީ ވެސް ޔާގެ ސުވާލުތަކަށް ޖަވާބު ދޭތީކަމަށް ވެދާނެއެވެ. ވަކިން ބޮޑަށް ބައްޕައާ ޔާ ގާތެވެ. ބައްޕަ ގޭގައި އުޅޭ ވަގުތެއް ވިއްޔާ ޔާ އުޅޭނީ ބައްޕައާއެކުގައެވެ. އެހެން އުޅޭއިރު އެތަކެއް އެތަކެއް ސުވާލުކޮށް ޖަވާބު ހޯދަމުން ދާނެއެވެ.
އެއްދުވަހު ހިލްމީ އޮފީހުން އައިސް އާއިލާގެ މެންބަރުން އެކުގައި ކައިގެން ސޯފާގައި ޖައްސައިލިތަނުން ޔާ އަތުވެއްޖެއެވެ. އައިސް ކައިރީގައި އިށީނދެ ބައްޕައާ ވާހަކަދައްކަން ފެއްޓިއެވެ. އެ ވާހަކައިގެ ތެރޭގައި ބައްޕަގެ ވާވެފައިވާ ކަނާތުގައި ހިފަހައްޓާލާފައި އެއްސެވެ. “ބައްޕަގެ އަތަށް މިހެން ވީ ކިހިނެއް؟” މިއީ މީގެ ކުރިން ވެސް ޔާ އަހައި އަދި ޖަވާބު ނުލިބިވާ ސުވާލެކެވެ. ފަހުން ބުނާނެކަމަށް ކޮންމެ ފަހަރަކުވެސް ބައްޕަ އޮންނަނީ ބުނެފައެވެ.
“ދަރިފުޅު ކާފައަށް ހެޔޮކޮށް ހިތީތީ ބައްޕަ ވަރަށް އުފާކުރަން.” ޔާގެ ސުވާލަށް ޖަވާބު ނުދީ ޙިލްމީ ދައްކަންފެށީ އެހެން ވާހަކައެކެވެ. “ކާފަ ވަރަށް އުފާވާނެ ޔާ ކާފައާ އެހާ ރައްޓެހިކޮށް އުޅުނީމަ. ބައްޕަ ހީކުރަން ކާފަ ނިޔާވެ ދިޔައީ އުފަލުންކަމަށް.”
“ކާފަ އުފާވޭ. ވަރަށް ގިނަ ވާހަކަ ޔާ އަށް ކިޔައިދޭ.” އެހެންނަމަވެސް ބައްޕަމެންނާ އެކުގައި އުޅުނު ވާހަކައެއް ކިޔައެއް ނުދޭ.” ޔާ ހިފަހައްޓައިގެން ހުރި ބައްޕަގެ އަތް ތަޅުވައިލަމުން ބުންޏެވެ. “ދެން ބައްޕަގެ މި އަތަށް ވީގޮތް ކިޔައިދީބަލަ.”
ޔާ މިހެން ބުނުމުން ޙިލްމީއަށް ލޯ މަރައިލެވުނެވެ. ލެއްޕިފައިވާ އެސްފިޔަ ދަށުން ކަރުނަތައް ނިރާލައިގެން އޭނާގެ ކޯތާފަތް މައްޗަށް އޮހޮރުނެވެ. މި މަންޒަރު ފެނިފައި ޔާ ވަރަށް ދެރަވެއްޖެއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ މަޑުކޮށްލާފައި މަޑުމަޑުން އަތުން ދޫކޮށްލިއެވެ. އެއްވެސް އަޑެއް ނީއްވާ އެތަނުން ވަރަށް ބާރަށް ހިނގާފައި ގޮސް މަންމަ ގާތު ބުންޏެވެ. “މަންމާ ބައްޕަ ރޮނީ.”
“ދަރިފުޅު ތިއައީ ބައްޕަ ރޮއްވާލާފައި ތަ؟” މަންމަ ސަމާސާކޮށްލިއެވެ.
“ނޫން.” ޔާ އަވަސް އަވަހަށް ޖަވާބު ދިނެވެ. “އަހަރެން އެހީ ބައްޕަގެ އަތަށް ވީ ކިހިނެއްހޭ؟ މާ ގިނައިން އެހުނީކަންނޭގޭ.”
“ބައްޕައަށް އުނދަގޫ ނުކޮށް އިރުކޮޅަކު ބާއްވާ. ބައްޕައަށް މާ ބޮޑަށް އަސަރުކުރީކަން ނޭނގޭ. އިރުކޮޅަކުން ހަމަޖެހިދާނެ” މަންމަ ޔާގެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ.
ލޯ މަރައިލުމާއެކު ޙިލްމީގެ ޚިޔާލަށް ފެންނަމުން ދިޔައީ އޭނާގެ މާޒީގެ ހާދިސާތަކެކެވެ.
އޭނާ ކުޑައިރު އޭނާގެ ބައްޕަ އެ މީހުން ދޫކޮށް ހިނގައްޖެއެވެ. އޭނާ ގޮވައިގެން ދެން އުޅުނީ މަންމަ އެކަންޏެވެ. ޙިލްމީގެ އުމުރުން 6 ވަރަކަށް އަހަރަށް ދިޔަތަނާ ހަމަ ކުއްލި ގޮތަކަށް އޭނާގެ މަންމަ މަރުވެއްޖެއެވެ. ޙިލްމީ ހީކުރަނީ އޭނާ އަށް ކާން ބޯންދީ އެހެނިހެން ބޭނުންތައް ފުއްދައި ދިނުމަށްޓަކައި މަންމަ ކުރި ބުރަ މަސައްކަތުގެ ސަބަބުން މަންމަ މަރުވީ ކަމަށެވެ.
ޙިލްމީގެ ދެން ހުރީ މަންމަ ފަރާތުގެ ބޮޑު ދައިތައެކެވެ. ބޮޑު ދައިތަގެ ފިރިކަލުން ބޭބެ އެވެ. އޭނާ ދެން ދިރިއުޅެމުން ގެންދިޔައީ އެމީހުން ގާތުގައެވެ. ހިލްމީގެ އުމުރުގެ ފިރިހެން ކުއްޖެއް އެ ދެމަފިރިންގެ ހުރެއެވެ. ހިލްމީއާއި އަހުމަދާ ދެމީހުންނާ މެދު ދައްތަމެން ކަންތައްކުރަނީ ވަރަށް ތަފާތުކޮށްނެވެ. މިކަމާ ޙީލްމީ ރުޅިއާދެއެވެ. އެހެންނަމަވެސް، ޙިލްމީއާއި އަހުމަދު އުޅެނީ ވަރަށް ގާތްކޮށްނެވެ.
އެއްދުވަހަކު ދެމީހުން ޖަހަމުން ގެންދިޔަ ސަކަރާތެއްގައި އަޙުމަދު ވެއްޓި ތުންފަތް ފަޅައިގެން ދިޔައެވެ. އަގައިން ލޭ ފައިބަން ފެށުމުން ޙިލްމީ ވަރަށް ދެރަވިއެވެ. ވަރަށް ކަންބޮޑުވިއެވެ. އޭނައާއަށް ބޭބެ ދީފާނެ ހަރުކަށި އަދަބެއްގެ ސަބަބުންނެވެ. ބޭބެއަކީ ކުދިކުދި ކަންތަކާ ވެސް އޭނާއަށް އަދަބު ދޭ މީހެކެވެ.
އަޙުމަދު ރޮމުން ރޮމުން ދިޔައީ މަންމަ ގާތަށެވެ. އަޙުމަދުގެ ބައްޕައާއި ގޭ އެންމެން އެތަނަށް ޖަމާވެއްޖެއެވެ. ވަރަށް ބޮޑު ކަމަކަށް އެކަން ވެއްޖެއެވެ. ޙިލްމީ ވަރަށް ބޮޑަށް ކުށްވެރި ވެއްޖެއެވެ.
“ކޮބާ ތިޔަ ނުލަފާ ޙިލްމީއޭ ކިޔާ ކުއްޖާގަނޑު.” އަޙުމަދުގެ ބައްޕަ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އަދި މީހަކަށް އިޝާރާތްކޮށްފައި ބުންޏެވެ. “ހަސަނާ އެ ޙިލްމީ ގެނޭ މިތަނަށް.”
“ކަލޭ ކީއްވޭ އަހުމަދު ކޮއްޕާލީ؟” ޙިލްމީ އައުމުން އަހުމަދުގެ ބައްޕަ އެއްސެވެ.
“ބޭބޭ. އަޅުގަނޑު އަޙުމަދު ކޮއްޕާނުލަން.” ތުރުތުރު އަޅަމުން ޙިލްމީ ބުންޏެވެ.
“ކޮން ދޮގެއް ހަދާކަށް. ކަލޭ ހަމަ ކޮއްޕާލީ. މިއަދު ކަލެއަށް ޙައްޤު އަދަބު ދޭނަން.” ރުޅިއައިސްފައިވާ ސިންގާއެއްހެން ޙިލްމީގެ ލޮލަށް ބަލަހައްޓައިގެން ހުރެ އެއްޗެހި ގޮވިއެވެ. އަދި ހަސަން ގާތުގައި ކަޅު ފޮތިގަނޑަކާއި ކަތިވަޅިއެއް ހިފައިގެން އަންނާށޭ ބުންޏެވެ،
އިސާހިތަކު ކަޅު ފޮތިގަނޑަކާއި ކަތިވަޅިއެއް ހިފައިގެން ހަސަނު އެތަނަށް އަތުވެއްޖެއެވެ.
ކަތިވަޅީ ފެނިފައި ޙިލްމީ ގަތީ އަމަށަކު ބިރެއް ނޫނެވެ. ކަތިވަޅީގެ ތޫނު މިޔައަށް ކަޅި ހުއްޓާލައިގެން ހުރެ އޭނާ އަޑުން އަޑުނަގާ ރޯން ފެއްޓިއެވެ. ރޮމުން ރޮމުން ނުކޮއްޕަމޭ، ނުކޮއްޕަމޭ ބާރަށް ގޮވަމުން ގެންދިޔައެވެ.
“ފޮތިގަނޑުން އޭނާ ކަނު ބަނދޭ” އަޙުމަދުގެ ބައްޕަ ހަސަނަށް އަމުރުކުރިއެވެ. “މިއަދު ދެން އޭނާއަށް އަހަރެމެންގެ ދަރިއަކަށް އަނިޔާ ނުކުރެވޭގޮތް ހަދާލާނަން.”
ޙިލްމީ ކަނު ބަނދެގެން އޭނާގެ އަތުގައި ހިފާ ދަމަމުން އަޙުމަދުގެ ބައްޕަ އޭނާ ދުރަށް ގެންދިޔައިރު “ބޭބޭ. އަޅުގަނޑެއް އަޙުމަދު ނުކޮއްޕަން. ނުކޮއްޕަން” އަޑުގެ ކޮޅަށް ރޮމުން ހިލްމީ ގޮވަމުން ގެންދިޔައެވެ. “އަހަރެން މަރާނުލާ ބެބޭ. ބޭބެ އަހަރެން މަރާނުލާ.”
“މިއޮތް ލަކުޑިގަޑުމަތީގައި އަތް ބާއްވާ.” ކޮނޑުގައި އަތް އަޅައި ބިންމައްޗަށް ތިރިކުރަމުން އެ ބޭބެ ޙިލްމީއަށް އަމުރުކުރިއެވެ.
ޙިލްމީ އަޑުގެ ކޮޅަށް ރޮމުން ގެންދިޔައެވެ. އެކުއްޖާފުޅު ވަނީ ފިނިވެ ގަނޑުވާން ތައްޔާރުވެފައިވެ.
ޙިލްމީގެ ބޭބެ އޭނާގެ އަތުގައި ހިފައި އަތް ހުޅުވައި ލަކުޑިގަނޑުމަތީގައި ފަތުރައިލިއެވެ. އަދި ގޮވައިލިއެވެ. “ދީ މަގޭ އަތަށް ކަތިވަޅި.”
އެވަގުތު، ކަނު ބަދެފައިވާ ކުޑަ ކުއްޖާ “މަގޭ އަތް. މަގޭ އަތް ބުރިކޮށްނުލާ. ބޭބޭ މަގޭ އަތް ބުރިކޮށްނުލާ” މިހެން އަޑުގެ ނެތްތަނަށް ގޮވަމުން ގެންދެއެވެ. ތެޅި ފޮޅެއެވެ.
“ޙަސަނު ހިފަހައްޓާ މީނާގެ ގައިގައި.” އެ ބޭބެ ގޮވައިލިއެވެ.
ޙަސަން ޙިލްމީގެ ގައިގަޔާ އެއްކޮށް އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ. ނަމަވެސް ޚިލްމީގެ ތެޅިފޮޅުން ނުހުއްޓުވުނެވެ. އަދި އޭނާ އާދޭސްކުރަމުންގެންދިޔައެވެ. “ބޭބޭ ހެޔޮނުވާނެ އަހަރެންގެ އަތް ބުރިކޮށްނުލާ. ހެޔޮނުވާނެ. ދުވަހަކުވެސް އަހަރެން އަހުމަދަށް ކަމެއް ނުކުރާނަން.”
“ކަލޭ ކިތައް ފަހަރު ތިހެންބުނި؟ މި ފަހަރު ބުރިކޮށްލަނީ.” މިހެން ބުނެފައި ވަރަށް ބާރަށް ކަތިވަޅިން ލަކުޑިގަނޑުގައި ޖެއްސެވެ. އެ އަޑާއެކު ޙިލްމީގެ ކަނާއަތް އޭނާގެ ސިކުންޑިން ވަކިވެއްޖެއެވެ. ޙިލްމީ ތެޅިގަތެވެ. އަގައިން ފާޑެއްގެ އަޑެއް ނެރެ ހަޅޭއްލެވިއެވެ. ކުއްލިއަކަށް އަޑު ކެނޑިއްޖެއެވެ. ތެޅުން ވެސް ހުއްޓިއްޖެއެވެ. ހިފަހައްޓައިގެން ހުރި ހަސަނުގެ އަތްމައްޗަށް ހިލްމީ ވެއްޓިއްޖެއެވެ.
ޙިލްމީއަށް ހޭލެވުނު އިރު އޭނާ އޮތީ އައްޓެއްގެ މަތީގައި އުޑުތިލަމަތިން ބާއްވާފައެވެ. ކައިރީގައި އެތައް ބައެއް ތިއްބެވެ. އޭނާ ހައިރާންވެގެން ފަރާތްފަރާތް ހޯދައިލިއެވެ. ދެންމެ ހިނގައިދިޔަ ކަމެއް އޭނާ ހަނދާނެއް ނެތްކަހަލައެވެ. އެ ހަނދާން އޭނާއަށް އައީ އިރުކޮޅެއްގެ ފަހުންނެވެ. އެވަގުތު މަގޭ އަތޭ ކިޔައި ރޮއިގެންފައި އަތަށް ބަލައިލިއެވެ. އަތް ސަލާމަތުން އޮތެވެ. އޭނާ އަތް ހިއްލައިލާން އުޅުނެވެ. އެހެނަސް، އޭނަގެ އަތުގައި އެއްވެސް ވަރެއް ނެތެވެ. އޭނާގެ ވާއަތުން އެ އަތުގައި ހިފައި ތަޅުވައިގަތެވެ. ރޮމުން މަށަކަށް އަތް ހަލުވައެއް ނުލެވެއޭ. މަގޭ އަތެއްނެތޭ، މަގޭ އަތެއް ނެތޭ ގޮވިއެވެ.
އެގޭ މީހުން ބުނީ ޙިލްމީ ދޮގު ހަދަނީ ކަމަށެވެ. އޮޅުވައިލަނީ ކަމަށެވެ. އޭނާގެ އަތަށް އެއްވެސް ގެއްލުމެއް ނުވާކަމަށެވެ. އޭނާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުދޭ ކަމަށެވެ. ތެދެކެވެ. އޭނާގެ ހަށިގަނޑަކަށް ގެއްލުމެއް ނުދެއެވެ. އެހެން ނަމަވެސް އޭނާ ކަނުބަދެފައި، ގައިގައި ބާރަށް ހިފަހައްޓާފައި، އަތްތިލަ ލަކުޑިގަނޑުމަތީ ބާއްވާފައި މި ބުރިކޮށްލަނީއޭ ކިޔާފައި އެނާގެ ބޭބެ ލަކުޑިގަނޑުގައި ކަތިވަޅިން ޖެހި އަޑާއެކު އޭނާގެ ސިކުޑިން އެ އަތް ވަކިވެއްޖެއެވެ. ޙިލްމީ އެ ކިޔަނީ ރަނގަޅު އެއްޗެއްތޯ ބެލުމަކަށް އެ މީހުން އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަޅާލާކަށް އޭނާގެ މަންމައެއް ދުނިޔެއަކު ނެތެވެ. ބައްޕަ ދުނިޔޭގައި ހުރިނަމަވެސް އޭނާ ވީ ތަނެއް ވެސް ޙިލްމީއަކަށް ނޭނގެއެވެ. އޭނާ އަމިއްލައަށް ކުރާނީ ކީއްހެއްޔެވެ؟
ޙިލްމީއަށް އަމިއްލައަށް ކަމެއް ކުރެވޭ ވަރަށް ބޮޑުވުމާއެކު އޭނާ ވަނީ އެ އަނިޔާވެރިކަމުން ސަލާމަތް ވެގެންނެވެ. ނަމަވެސް، އެމީހުން ދީފައިވާ އަނިޔާ އަކުން ޙިލްމީއަކަށް ސަލާމަތެއް ނުވެވުނެވެ. އެތަކެއް ޑޮކްޓަރުންނަށް އޭނާގެ އަތް ދެއްކިއެވެ. އެ އެންމެން ވެސް ބުނީ އަތުގެ އެތަކެއް ނާރެއް މަރުވެފައި ހުރިކަމަށެވެ. އެ އަތަކަށް އަލުން ވާގި ނުލިބޭނެ ކަމަށެވެ. ނަމަވެސް، ކަސްރަތުކޮށް ފިޒިއޯތެރެޕީ ދެމުން ދާނަމަ މުޅި އަތް މުޅީން މަރުނުވެ ބެހެއްޓިދާނެ ކަމަށެވެ.
ޙިލްމީ ލޯ ހުޅުވައިލާފައި އަތުން ލޯ ފޮހެލިއެވެ. އަދި ޔާސިރަށް ގޮވިއެވެ. ޔާސިރު ބައްޕަ ގާތަށް ދާން ފެށުމުން އައިޝާ ވެސް އޭނާއާއެކު ދިޔައެވެ.
“ބައްޕަ އޮތީ ބުނެފައެއްނު ދޯ ބައްޕަގެ އަތަށް ވީ ގޮތުގެ ވާހަކަ ދަރިފުޅަށް ކިޔައިދޭނަމޭ” އޭނާގެ ކަނާއައް ވާތުން ހިއްލާލަމުން ބުންޏެވެ. ބައްޕަ މި އުޅެނީ ދަރިފުޅަށާއި މަންމައަށް މި އަތަށް ވީގޮތް ކިޔައިދޭން. މަންމައަކަށް ވެސް އަދި މުޅިއަކުން ކިޔައެއް ނުދެން.”
ޙިލްމީގެ އެ ހިތި ހަނދާންތަކުގެ ވާހަކަ ވަރަށް އަސަރާއެކު އޭނާގެ ލޯބިވާ ދަރިފުޅަށާއި އަންހެނުންނަށް ކިޔައިދިނެވެ. އެ ދެމީހުން ހިރިވެސް ނުލާ ފެންކަޅިވެފައި ތިބެގެން އެ ވާހަކަތައް އަޑުއެހިއެވެ.
އެންމެ ފަހުން ދަރިފުޅު ގައިގައި ބައްދައިގެން ފައި ޙިލްމީ ބުންޏެވެ. ދަރިފުޅު ވަރު ބައްޕަ ވީ އިރު ބައްޕަ އުޅުނީ ވަރަށް ދަތި ހާލުގައި. ބައްޕަ ވަރަށް ހިތްވަރުކުރިން. ފަހުން ބައްޕައާއި މަންމައާ ދެމީހުން ގުޅިގެން ކުރި ބޮޑު މަސައްކަތުން މިއަދު މިހާ މުއްސަނދިކޮށް އުފާވެރިކޮށް އަހަރެމެނަށް މި އުޅެވެނީ.
“ބައްޕާ، މަންމަ އާއި ޔާ ދޫކޮށްފައި ބައްޕަ ނުދާތި.” ޔާ ބުންޏެވެ.
“ޔާއަށް ދެރަ ގޮތެއް ވާކަށް ބައްޕަ ބޭނުމެއް ނޫން.” ޔާގެ ބައްޕަ ބުންޏެވެ. “އަހަރެމެން އަބަދުވެސް އުޅޭނީ އެކުގައި”
