ތަނުގައި ހުރި އަޑުގެ އޮއިވަރަށް އައި ކުއްލި ބަދަލާ ގުޅިގެން އަނޫޝާއަށް ދޮރާ ދިމާލަށް ބަލައިލެވުނެވެ. ކެފޭއަށް ވަދެގެން އެ އަންނަނީ ކަޅު ފަޓުލޫނަކާއި އަތްބުރި ހުދު ގަމީހެއްގައި ހުރި މީހެކެވެ. ވަށައިގެން ހާމައަށް ހުރި ކެފޭތެރެއަށް ފެތުރިފައިވާ އޮއްސެންދާ އިރުގެ ރަން އަލީގެ ތެރެއިން އޭނާ ހިނގާފައި އައީ އެ ދިމާލަށެވެ. އެއީ އިސްކޮޅުން ދިގު ހަށިގަނޑު ވަރުގަދަ ފިރިހެނެކެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްފައިވާ އޭނާގެ ކަޅު އިސްތަށިގަނޑު ވަނީ ކަންހުޅިން އޭނާގެ ތުނި ކޮށް ކޮށާފައިވާ ތުނބުޅިއާ ގުޅިފައެވެ. އެ ތުނބުޅިއާއެކު އޭނާގެ ކުލަ އަލި މޫނުން އޭނާގެ ޒުވާންކަން ހާމަވެއެވެ. އޭނާ ސިފަވަނީ ފަހުގެ ފިލްމުސްޓާރަކާއެވެ.  

އެ މީހާ ފެނުނު ވަގުތު އަނޫޝާގެ ލޯ ބޮޑުވިއެވެ. ބަލާހިތް ވިއެވެ. ލޭގެ ހިނގުން އަވަސްވިއެވެ. ފުންކޮށް ނޭވާ ލެވެން ފެށުނެވެ. ހިތުގެ ނާރުތަކުގައި މީހަކު ކުޅެލާކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާގެ މުޅި ހަށިގަނޑުގައި އުފާވެރި ހޫނުކަމެއް އުފެދުނެވެ. ހަށިގަނޑުގެ މާ އެތެރެއިން އެ މީހަކު އޭނާގައިގައި ފިރުމާލަން އެދެއެވެ. އޭނާގެ ލޯބީގެ ރަން އުދޯލީގައި އޭނާއާކު ހެއްލަން ބޭނުންވެއެވެ. އޭނާ ވާނީ ރަނގަޅު މީހަކަށޭ، އިތުބާރުކުރެވޭނެ މީހަކަށޭ އޭނާގެ ހިތް ކިޔަމުން ދިޔައެވެ. 

އަނޫޝާ ހައިރާންވިއެވެ. ކޮންފަދަ ކަމެއް ހެއްޔެވެ؟ ސިހުރެއް ހެއްޔެވެ؟ ބިރު ވެސް ގަތެވެ. ކުޅިވަރާއި ކިޔެވުމުގެ ތެރެއިން އަނޫޝާ ސްކޫލް އެ ނިންމާލީ މި ފަދަ ޖަޒުބާތެއްގައި ނުޖެހިއެވެ. މިފަދަ ކަމެއް ނުވެސް އެނގިއެވެ. މިއީ ހަމަ އަލަށް ވީގޮތެކެވެ. ވީގޮތް ވެސް ނޭނގި ވީގޮތެކެވެ. ކޮންމެ އަންހެން ކުއްޖަކަށް ވެސް ކޮންމެ ވެސް ދުވަހަކުން މި ގޮތް ވާނެ ބާވައެވެ؟ މިގޮތް ވާނެ ދަނޑިވަޅެއް އަންނާނެ ބާބައެވެ؟ އޭނާގެ ހިތަށް އެރިއެވެ. މިހާތަނަށް އޭނާއާ ރަށްޓެހިވުމަށް ކުދިން އެދެމުން ދިޔަކަމުގައި ވިޔަސް އޭނާގެ އަލިފާން ކަހަލަ ލޮލުން އޭނާ ދިޔައީ އެ ކުދިން ދުރަށް ޖައްސަމުންނެވެ. އެ ރަށުގެ ފިރިހެން ކުދިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ އަނޫޝާއަކީ އަލިފާނުގެ ދެލޯ ލައްވާފައިވާ މީހެއްކަމަށެވެ. އެ ލޮލުގެ ކުރިމައްޗަށް އެރި މީހަކު ދާނީ އަނދައިގެންކަމަށެވެ. އެހެންނަމަވެސް މިއަދު އެމީހާ ފެނުމުން އެއްވެސް ގަސްދަކާ ނުލާ އަނޫޝާގެ ލޮލުން ދޫވެގެން ދިޔައީ ލޯބީގެ ތީރުތަކެކެވެ.

އެ ތީރުތައް އެއްވެސް ހުރަހެއް ނެތި އެމީހާގެ ހިތަށް ހެރުނުހެން އަނޫޝާއަށް ހީވިއެވެ. އަނޫޝާ އިސްޖަހައިލިއެވެ. އިސް އުފުލައި ބަލައިލިއިރު އެތާނގައި ތިބި އެތައް އަންހެންކުދިންނެއްގެ ނަޒަރު އެ މީހާއަށް ހުއްޓިފައިހުރިތަން އޭނާއަށް ފެނުނެވެ. އަނޫޝާއަށް މި ވީގޮތް އެމީހުންނަށް ވެސް ވާނެ ބާއޭ އޭނާގެ ހިތަށް އެރިއެވެ. މިއީ ނުދެކޭ މީހެކެވެ. މިއީ ކާކުހެއްޔެވެ؟ ކޮން ޕްލެނެޓަކުން ފޭބި ޖާދޫގަރެއް ހެއްޔެވެ؟  

އަނޫޝާގެ ޒުވާން ހިތާ މި ކުޅެލި މީހާއަކީ ޖާދޫގަރެއް ވިއްޔާ ޖާދޫގަރެކެވެ. އޭނާއަކީ އެރަށު ބެރެބެދިމާގޭ އިލްހާމެވެ. މާލެއިން ކިޔަވައިގެން އަދި ރާއްޖެއިން ބޭރުން ވެސް ކޮންމެ ވެސް އެއްޗެއް ކިޔަވައިގެން ހުރި މީހެކެވެ. ރަށަށް އައިތާ އަދި ވީ ތިން ހަތަރު ދުވަހެކެވެ. 

އިލްހާމު އިށީނީ އަނޫޝާއާއި އޭނާގެ ދެ ރަޙުމަތްތެރިން ތިބި މޭޒާ ޖެހިގެން ދެ މޭޒު ދޫކޮށްފައެވެ. ހުރަހެއްނެތި އެނާއަށް އަނޫޝާ ފެނެއެވެ. އޭނާ ފެނުމުން އަނޫޝާއަށް ގޮތް ވީކަން އޭނާއަށް އެނގުނެވެ. އޭނާ ފެނުމުން އަންހެން ކުދިންނަށް ވާ ގޮތް އޭނާއަށް އެނގެއެވެ. އެކަމާ އޭނާ އުފާކުރެއެވެ. އޭގެ ބޭނުން އޭނާ ފުރިހަމައަށް ހިފަމުން ވެސް ގެންދެއެވެ. 

އަނޫޝާއަށް އިލްހާމަކީ ކާކުކަން ނޭނގުނު ނަމަވެސް އިލްހާމަށް އަނޫޝާ ރަނގަޅަށް އެނގެއެވެ. އަނޫޝާއަކީ އާއިލާގައި ކުރަން ޖެހޭ މަސައްކަތްތަކާއި، ކިޔެވުމާއި ކުޅިވަރު ފިޔަވައި އެހެން އެއްވެސް ކަމަކަށް ސަމާލުކަން ދޭ މީހެއް ނޫނެވެ. އަނޫޝާ އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް މަންމައާއެކު ދަނޑަށް ދިޔައެވެ. ދަނޑުން ފެންނަ ގަސްތަކާއި ފަތްތަކާއި މާތަކަށް އަނޫޝާ ވަރަށް ބޮޑަށް ޝައުޤުވެރި ވިއެވެ. އެކިއެކި ގަސްތައް ކައިރިޔަށް ގޮސް ފަތްތަކުގައި އަތް ކާއްތައި މާމަލުގައި ވަސްގަނެ ހެދިއެވެ. މަންމައާއެކު ގަސްތައް މުޑުވައްކޮށް ގަސް އިންދައި ފެންދީ ބެލެހެއްޓިއެވެ. މިހާރު ވެސް އެކަން ކުރެއެވެ. 

ބައްޕަ މަހުން ލަފާއިރު އަނޫޝާ އަތިރިމަތީގައި ހުރެއެވެ. ކުޑައިރު މާމައާއެކުގައެވެ. ނަމަވެސް ފަހުން ރައްޓެހި ކުދިންނާ އެކުގައެވެ. ބައްޕަ މަސްހިފައިގެން ގެއަށް އަންނަ އިރު ބައްޕައާއެކު ގެއަށް އައިސް މަސްކަނޑައި ލޮނުއެޅުމުގެ މަސައްކަތުގައި ބައްޕަ އުޅޭ އިރު އެކަމުގައި އެހީތެރިވެއެވެ. މި ކަންކަމުގައި އަނޫޝާ ހޭދަކުރީ ކިޔެވުމާއި ކުޅިވަރުގެ ކަންކަން ނިންމާފައި ލިބޭ ވަގުތެވެ. 

ގްރޭޑް އެކަކުން ފަށައިގެން ސެކެންޑްރީ ނިމެންދެން ވެސް ހުރިހާ މާއްދާއަކުން އަނޫޝާ ދިޔައީ އޭ ގްރޭޑް ހޯދަމުންނެވެ. އަނޫޝާ އެންމެ މޮޅީ ސައިންސްގެ މާއްދާތަކަށެވެ. ކިޔެވުމުގެ އިތުރުން ސްކޫލުގައި ކުޅޭ ގިނަ ކުޅިވަރުތަކެއްގައި ވެސް އަނޫޝާ ދިޔައީ ބައިވެރިވަމުންނެވެ. އަނޫޝާއަކީ ސްކޫލްގެ ނެޓްބޯޅަ ޓީމްގެ ކެޕްޓަނެވެ. ނެޓްބޯޅައިގެ އިތުރުން ޓީޓީ އަކީ އަނޫޝާ ވަރަށް ޝައުޤުވެރިވާ ކުޅިވަރެކެވެ. އަނޫޝާ ކިޔެވުމަށް ރަނގަޅުކަމުންނާއި ކުޅިވަރުގައި ކުރި ހޯދަމުން ދާތީއާއި ކަންކަމަށް ނުހަނު ފަރުވާ ބަހައްޓާތީ އަނޫޝާގެ ހުރިހާ ޓީޗަރުން ވެސް އަނޫޝާ ދެކެ ވަރަށް ލޯބިވެއެވެ. 

އަނޫޝާ ބޭނުންވީ އޭލެވެލް ނިމުމުން ސައިންސްގެ ރޮނގުން ޑިގްރީއަކަށް ކިޔަވަން މާލެ ދާށެވެ. ޑޮކްޓަރަކަށް ވުމަށެވެ. އޭ ލެވެލް އިހަށް ދުވަހު އެ ނިމުނީއެވެ. 

އިލްހާމު އަނޫޝާއަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިމަތޮޅި ހަށިގަނޑަކީ އިލްހާމު އެންމެ ގަޔާވާ ޒާތުގެ ހަށިގަނޑެކެވެ. އަނޫޝާގެ ފަން އިސްތަށިގަނޑު ފުރަގަހަށް އައްސާފައި އޮތުމުގެ ސަބަބުން އޭނާގެ ނިތްކުރީގެ ތަނަވަސްކަން ހާމަވެއެވެ. އޭނާގެ ދެ ކަންފަތުގައި ލަފައިވާ ރަންކުލައިގެ ދެ ބޮޅު އޭނާގެ ކަންފަތުން އޭނާގެ ދިގު ކަނދުރާއަށް ބަލާ މީހާގެ ނަޒަރު ގެންދުވައެވެ. އެއްވެސް މޭކަޕެއްގެ ބޭނުން ކޮށްފައި ނެތްއިރުވެސް އޭނާގެ ބުމަ ހީވަނީ އާޓިސްޓަކު އޭނާގެ ފިހިން ދެންމެ ކުރަހާފައިވާ ހެންނެވެ. އޭނާގެ ކަޅުކަންގަދަ އެސްފިޔަ ޖަހައިލާވަގުތު ހީވަނީ ހަނާއަޅާހެންނެވެ. އަނޫޝާގެ ހިމަ އަތުގެ ހޯލި އިނގިލިތަނުން ކޮފީތަށި ނަގައި އޭނާގެ ފުރިހަމަ ތުންފަތުގައި ޖައްސައިލާވަގުތު އިލްހާމަށް ހިންދިރުވައިލެވެއެވެ. އަނޫޝާގެ ބޮލުން ފެށިގެން ހަށިގަނޑަށް ބަލައިލެވެއެވެ. ކައިރީގައި ތިބި ކުދިންނާ އަނޫޝާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ ގަދަ މުށިކުލައިގެ ކަޅި އެ ބޮޑު ލޮލުގެ ހުދުކަމުގެ ތެރޭގައި ހަރަކާތްކުރާ ގޮތާއި އޭނާގެ ހަށިގަނޑަށް ގެންނަ ވަންނިތަކަށް އިލްހާމު ބަލަން އިނެވެ.  

އޭނާ ކޮފީ ބޮމުން އަނޫޝާއާ މެދު ޚިޔާލުކުރަމުން ގެންދިޔައެވެ. އިލްހާމަށް މި އަންހެން ކުއްޖާ ފެނުނީ އެހެން ހުރިހާ ކުދިންނާ ތަފާތުކޮށެވެ. އިލްހާމު އެކި ގޮތްގޮތަށް އަނޫޝާ އޭނާގެ ހިތުގައި ކުރަހަމުން ގެންދިޔައެވެ. އޭނާ ސިފަކުރި ގޮތުގައި އަނޫޝާއަކީ އޭގެ ވަށައިގެންވާ ތޫނު ކަށިތަކަކުން ޙިމާޔަތްވެ އިނދެ އޭގެ މީރުވަހުން ޖައްވުގައި ސެންޓުލަމުން ގެންދާ ފިނިފެން މަލެކެވެ. އެއީ ގަހެއްގެ އެންމެ ކުރީގައި އެކަކަށް ވެސް އަތްނުފޯރާ ފަށުގައި އިށީނދެ އިން މައުސޫމު ޕަރީއެކެވެ. ހެޔޮލަފާ ޢާއިލާއެއްގެ ތޫނުފިލި ކުއްޖެކެވެ. ހީވާގި އަޚްލާޤު ރަނގަޅު މާތް އަންހެނެކެވެ. އޭނާއާ މެދު ނުސިޔާނުކޮށް ކަންތައް ކޮށްފި މީހަކު ފާފަވެރި ވާނެއެވެ. ދިރިއުޅުމަކަށް މިއަށްވުރެން ރަނގަޅު ކުއްޖެއް ނުލިބޭނެއެވެ.

ދިރިއުޅުމޭ! ކޮން ދިރިއުޅުމެއް؟ ދިރިއުޅުން މިފަހަރު އޭނާއަށް މާނަކުރެވުނީ ކުރިއާ މުޅިން ތަފާތުކޮށެވެ. މި ފަހަރު އޭނާއަށް ދިރިއުޅުން މާނަކުރެވުނީ ދިވެހިން ޢާންމުކޮށް މާނަކުރާ ގޮތަށެވެ. މި ދިރިއުޅުން އޭނާގެ ހިތަށް ވަނުމުން އޭނާ ހާސްވިއެވެ. ކަންބޮޑުވިއެވެ. އެ ދިރިއުޅުން އޭނާއަށް ނޭނގޭތީއެވެ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ދިރިއުޅުމަކާ މެދު ވިސްނާފައި ވެސް ނެތީމައެވެ. 

އިލްހާމަކީ ފަސޭހައިން އަންހެން ކުދިންނާ ރައްޓެހިވާ އަދި އެހާ ފަސޭހައިން އެ ކުދިންނާ ވަކިވާ މީހެކެވެ. އޭނާއަށް އެދިއެދި ތިބޭ އަންހެން ކުދިން ގިނަވީމާކަން ނޭނގެއެވެ. އޭނާއަކީ ގުޅުމާމެދު އެއްގޮތަކަށް ވެސް އެއްވެސް ސީރިއަސްކަމެއް ބަހައްޓާ މީހެއް ނޫނެވެ. އޭނާއަށް އަންހެން ކުދިން ވަރަށް ވަގުތީއެވެ. އެއީ އޭނާ ދަންނަ ގޮތެވެ. އޭނާގެ މިޒާޖެވެ. އޭނާއަށް ދިރިއުޅުމަކީ މަޖާ ވަގުތު ކޮޅެކެވެ. ޙަރަކާތްތެރި އެއްދުވަހެވެ. ހިތުން ނުފިލާފަދަ ހަފުތާއެކެވެ. ނުވަތަ، އުފާވެރި ދެތިން މަހެކެވެ. 

އިލްހާމު އަނޫޝާ ބޭނުމެވެ. އޭނާ ކަނޑައެޅިއެވެ. އޭނާއަށް އަނޫޝާ ލިބިއްޖެނަމަ އޭނާ އަނޫޝާއަށް ޓަކައި އަލުން ދުނިޔެއަށް އައުމަށެވެ. އެ އުޖާލާ މޫނަށް ބަނަކަމެއް ނުގެނައުމަށެވެ. އެ ހިނިތުންވުން މޯޅިވިޔަ ނުދިނުމަށެވެ. އެ ސާފު ހިތް ޚަރާބުވިޔަ ނުދިނުމަށެވެ. އެ ބޭނުންތަކަށް ދަތި ނުކުރުމަށެވެ. އެ އުންމީދުތަކަށް ހުރަސް ނޭޅުމަށެވެ. ތާ އަބަދަށް އޭނާގެ ލޯބީގެ އުނގުގައި އަނޫޝާ ބޭންދުމަށެވެ. އަނޫޝާ އޭނާއަށް ލިބިއްޖެނަމަ އަނޫޝާއާ މެދު ބޭ އިންސާފުވެރި ނުވުމަށެވެ. 

އަނޫޝާއަށް އެ ދިމާލަށް ބަލައިލެވުނު ވަގުތު އިލްހާމުގެ ކަޅީގައި އަޅައިގަތެވެ. އަނޫޝާއަށް ހިނިތުން ވެލެވުނެވެ. އިލްހާމު ހީނލިއެވެ. 

އިލްހާމު ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގާފައި އަނޫޝާމެން ތިބި މޭޒުކައިރިޔަށް އައިސް އަނޫޝާއޭ ކިޔާފައި ގޮވައިލަމުން ސަލާމްކުރަން އަތް ދިއްކުރިއެވެ. އަނޫޝާ ތެދުވެ އޭނާއާ ސަލާމްކުރިއެވެ. އޭނާގެ އަތުގައި އަނޫޝާގެ އަތްޖެހުނު ވަގުތު އޭނާގެ ހަށިގަނޑަށް ކަރަންޓުގެ ޝޮކެއް ލިބުނު ކަހަލައެވެ. “އަހަރެންގެ ނަމަކީ އިލްހާމް.” އޭނާ ބުންޏެވެ. މިހެން ބުނެފައި އަނެއް ދެކުދިންނާ ވެސް ސަލާމް ކޮށްލިއެވެ. އަނޫޝާއަށް ބަލާލާފައި އަދި ދިމާވާނެދޯއޭ ބުނެފައި އެނބުރިލިއެވެ. އެ ވަގުތު އަނޫޝާ ލަދުރަކި ރާގެއްގައި ބުންޏެވެ. “އާނ، އަދި ދިމާވާނެ.”