މުޞްޠަފާ

އެ ދުވަހު، އެ ވަގުތު، ވާރޭކޮޅެއް ވެހިލިކަން ހާދަ ރަނގަޅެވެ. އެއީ ހަމަ އަހަރެންގެ ނަސީބެވެ. އެ ވާރޭކޮޅަކީ އަހަރެން ލޯބިވާން ވީ ކުއްޖާ ބުނެލަދިން އެހީތެރިޔާއެވެ. އެ ވާރޭކޮޅަކީ އަހަރެން ލޯބިވާން ވީ ކުއްޖާ ދައްކައިދިން ދުރުމީއެވެ. އެ ވާރޭކޮޅަކީ އަހަރެންގެ މުސްތަގްބަލްގައި ކުލަޖައްސައިލަދޭން އައި ވާރޭކޮޅެކެވެ. އެއީ ހިމަފޮދު ވާރޭކޮޅެކެވެ. އެއީ މީގެ ސާޅީހަކަށް އަހަރުގެ ކުރިއެވެ. އެހެންނަމަވެސް، މި ހިތުގެ ލޮލަށް މިހާރު ވެސް އެ މަންޒަރު ފެނިފެނި ހުރެއެވެ. އެ ހަނދާން ކުރެވެއެވެ. އެ ހިމަފޮދު ވާރޭކޮޅުގެ ތެރެއިން ފެނުނު މަންޒަރު އަހަރެންގެ ހިތުގައި ކުރަހައިލެވިފައި ވަނީ ދުވަހަކު ވެސް ފިލައި ނުދާނޭ ކުލަތަކަކުންނެވެ. 

ވެހެންފެށި ހިމަފޮދު ވާރެއިން ސަލާމަތްވުމަށްޓަކައި އަހަރެން ވަނީ އެ މަގުގެ އެއްފަރާތެއްގައި ކާއްޓާއި ދަރާއި އެފަދަ ސާމާނު ވިއްކާ ކަޑައެއްގެ ބޭރުގައި ހަދާފައިވާ ފެންޑާގަނޑެއް ކަހަލަ ތަނަކަށެވެ. ތަންކޮޅު ވަރަށް ހަންޏެވެ. ފުރާޅު ތިރިއެވެ. އެތަނުގެ މަގުމައްޗަށް ހުރީ ކުޑަކުޑަ ފާރުބުރިއެއް ރާނާފައެވެ. ވަންނަ ދޮރުގެ ދެފަރާތުގައި ހުރީ ދެ ދަނގަޅު ހޮޅި ޖަހާފައެވެ. ކަޑައިގެ ތެރޭގައި ހުރި ކޮޅުފިލާ ގޮނޑިއެއްގައި އުމުރުން ދުވަސްވީ މީހަކު އިނެވެ. އެ ތަނަކީ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި މި ވަގުތު ބޮޑު އިމާރާތެއް ކުރުމަށް ތައްޔާރުވަމުންދާ ތަނެވެ. މީގެ ސާޅީހަކަށް އަހަހަރު ކުރީގައި އުޅުނު ޒުވާނުންނަށް މިތަން ހުންނާނީ ފެނިފައެވެ. އެހެންނަމަވެސް، ހަނދާން ނުހުރެދާނެއެވެ. އަހަރެން ހަނދާން ހުންނަނީ އެތަނާ އަހަރެންގެ ޙަޔާތާ އޮތް ގުޅުމުގެ ސަބަބުންނެވެ. 

އަހަރެން އެތަނަށް ވަދެ މަޑުކޮށްލިތަނާ، ބޯމައްޗަށް ފޮތްތަކެއް ނަގައިގެން ދުވެފައި ކަހަލަ ގޮތަކަށް ސައްޔިދު ކިލެގެފާނު މަގުން ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމަށް ނުކުތް އަންހެން ކުއްޖަކު އޭނާގެ ކުރިމަތީގައި މަގުގެ އަނެއް ފަރާތުގައި ހުރި ދޮރާއްޓެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. އެ ދޮރާއްޓަކީ އަތަމާގޭގެ ދޮރާއްޓެވެ. ދޮރާށިމަތީގައި ކުޑަކުޑަ ފުރާޅުކޮޅެއް އޮތެވެ. އެއިން ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރެއިން ސަލާމަތް ވެވޭނެއެވެ. އޭނާ އެތަނަށް ހުއްޓި ދެއަތުން މެއާ އެއްކޮށް ފޮތްތައް ހިފެހެއްޓިއެވެ. ވަށައިގެން ހޯދައިލިއެވެ. މަގުގެ އަނެއް ފަރާތުން އަހަރެން ފެނުމުން އަނބުރާ ހިނގައިގަންނަން ވެސް އޭނާގެ ހިތަށް އެރިހެން އަހަންނަށް ހީވިއެވެ. ނަމަވެސް، ހަމަ އެވަގުތު ހިމަފޮދު ވާރޭކޮޅު ތަންކޮޅެއް ބޯކޮށްލުމުން މަޑުކުރީ ކަމަށް އަހަރެން ހީކުރީމެވެ. 

ބުރުސޫރަ ރީތި ހަށިގަނޑުގެ ކުލަ ދޮން އިސްކޮޅުން ދިގު އުމުރުން ފަނަރަ ވަރަކަށް އަހަރުގެ ކުއްޖެކެވެ. އިސްތަށިގަނޑު ހުރީ ކަންފަތްމައްޗާ ހަމައިން ނަގައި ދަތި ޖަހައި ހައްޔަރު ކޮށްފައެވެ. ކަނދުރާއަށް ވުރެން ތަންކޮޅެއް ތިރިއަށް ހުރި ވަރުގަދަ އިސްތަށިގަނޑެކެވެ. ލައިގެން ހުރީ ވިލު ނޫކޮޅައިގެ ހެދުމެކެވެ. ކަކުލަށްވުރެން ކުޑަތަންކޮޅެއް މައްޗަށް ހުރި ތިރިއަށް ރޫޖައްސާފައިވާ ހެދުމެކެވެ. ހެދުމުގެ އަތް ވަނީ ކޮނޑާހަމައިން ކަނޑާފައެވެ. އަރައިގެން ހުރީ ފެން ފައިވާނަކަށެވެ. މި އަދު އެފަދަ ހެދުމެއް އަޅައިގެން ހުރި ދިވެހި އަންހެން ކުއްޖަކު ނުފެނުނު ނަމަވެސް އެ ދުވަސްވަރު އަންހެން ކުދިން އެ ފަދަ ހެދުން އެޅުމަކީ އާންމު ކަމެކެވެ.  

މި އަންހެން ކުއްޖާ ހިމަފޮދު ވާރޭގެ ތެރެއިން އަހަންނަށް ފެންނަމުން ދިޔައީ ހުއްޓި ހުރި ހުވަފެނެއް ހެންނެވެ. އެ އުމުރުގެ އަންހެން ކުދިންގެ މެދުގައި އޭރު މަޤުބޫލު ވައްތަރުގެ ހެދުމެއް ލައިގެން ހުރި ޒުވާން އަންހެންކުއްޖަކު، ތިރީހަކަށް ފޫޓު ދުރުން ހިމަފޮދު ވާރޭގެ ތެރެއިން އަހަރެން ފަދަ ޒުވާނަކަށް ފެންނާނެ ހުވަފެނީ ގޮތް ހިތަށް ގެންނާށެވެ. އެއީ ރީތި މަންޒަރެކެވެ. ވަރަށް ރީތި މަންޒަރެކެވެ. އަހަރެންގެ ޙަޔާތުގައި އެހާތަނަށް، ފެނުނު އެންމެ ރީތި މަންޒަރެވެ. ލަކުޑި ގަނޑަކަށް ޖަހައިލި މުހޮރެއްހެން އަހަރެންގެ ނަޒަރު އެ ކުއްޖާއަށް ހުއްޓުނެވެ. 

އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރިކަން އެނގުމުން އެ ކުއްޖާ ލަދުގަނެ ކަންބޮޑުވިކަން އަހަންނަށް އެނގުނެވެ. އަހަންނަށް ކުރިމަތި ނުވާ ގޮތަށް އެއް އަރިއަކަށް އެނބުރުނެވެ. އަހަރެން ހުރީ އަދިވެސް ބަލަންތޯ ކޮނޑުމަތިން ބަލައިލައެވެ. އެ ގޮތަށް އޭނާ އެނބުރުމުން އޭނާގެ ރީތި ސޫރަ އަދި މާ ސާފުކޮށް އަހަންނަށް ފެނުނެވެ. އެ ދުވަސްވަރު މަގު މަތީގައި މީހުން މަދުކަން ރަނގަޅެވެ. އަމުދުން އެއްޗެއް ނުދުއްވާކަން ވެސް ރަނގަޅެވެ. އަހަރެމެން ދެ މީހުންގެ ދެމެދަށް ހުރަސް އެޅާނެ އެއްޗެއް ނެތެވެ. ހިމަފޮދު ވާރޭ ފިޔަވައެވެ. 

މީގެ ކުރިން ދުވަހަކުވެސް ނުވާ ގޮތްތަކެއް އެ ވަގުތު އަހަންނަށް ވިއެވެ. ދުވަހަކު ވެސް ހިތަށް ނާރާ އެއްޗެތި ހިތަށް އަރަން ފެއްޓިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން އެ ކުއްޖާ ބޭނުމެވެ. ވަރަށް ބޮޑަށް ބޭނުމެވެ. ގޮވައިލާނަމޭ ވެސް ހިތަށް އެރިއެވެ. އޭނާގެ ކައިރިއަށް ހިނގައިދާނަމޭ ވެސް ހިތަށް އެރިއެވެ. ދުވަހަކުވެސް މި ހިމަފޮދު ވާރޭ ނުހުއްޓާނެ ނަމައޭ ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް، އިރުކޮޅަކުން ވާރޭ ހުއްޓާލައިފިއެވެ. އެ ކުއްޖާ ބާރަށް ކުރިޔަށް ހިނގައިގަތެވެ. ހިނގައިގަންނަމުން އަހަރެން ހުރި ދިމާއަށް ބަލައިލިއެވެ. އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އޭނާ ހިނގައްޖެއެވެ.

      “އޭ ކޮއްކޯ ބަލަން ނުހުރެ އޭނާގެ ފަހަތުން ދޭ.” އަހަރެން ސިއްސައިގެން ދިޔައީ ކަޑައިގައި އިން މީހާ މިހެން ބުނުމުންނެވެ. 

      “ކީކޭ؟” ސިއްސައިގެން ގޮސްފައި އަހަންނަށް އަހައިލެވުނެވެ.

     “އަހަރެން މި ބުނީ އެ ކުއްޖާގެ ފަހަތުން ދާށޭ.”

     “ފަހަތުން ދާށޭ؟” އަހަރެން އެހީމެވެ. “އެހެން ދާން ވާނެތަ؟”

     “ކީއްވެ ނުދާންވީ؟” އޭނާ ބުންޏެވެ. “އަހަރެން އިނީ ބަލަން. އެ ކުއްޖާ އެތަނަށް ހުއްޓުނު ފަހުން ޖެހި ބުދެއްހެން ކަލޭ ހުރީ އެ ކުއްޖާއަށް ބަލަހައްޓައިގެން. އަހަންނަށް އެނގޭ އޭރު ކަލޭގެ ހިތަށް އަރައި ފައިބަމުން ދާނެ ޚިޔާލުތައް. ކަލޭގެ ހިތަށް ފެންނަމުންދާނެ މަންޒަރުތައް.”

     “ބޭބެއަށް ތިހާ އެނގެންޏާ އަޅެ ބުނެބަލަ އަހަރެންގެ ހިތަށް އެރި އެއްޗެއް.” އަހަރެން ސަމާސާ ކޮށްލީމެވެ.

     “ކަލޭ ހިތަކަށް ނާރާތަ އެ ކުއްޖާ ލިބޭނެ ނަމައޭ؟” އޭނާ އެއްސެވެ.

     “ހިތަށް އެރި. އެ ނޫން ކިތަންމެ އެއްޗެއް ވެސް ހިތަށް އެރި.” އަހަރެން ބުނީމެވެ. “ހިތަށް އެރިޔަސް ކީއްކުރާނީ؟”

     “ހިތަށް ނާރާ ކަމެއް ނުވާނެއެއްނު؟ އޭނާ އޮޅުންފިލުވައި ދިނެވެ. “ފުރަތަމަ އަރާނީ ހިތަކަށްނު؟ ހިތަށް އަރައިގެންނެއް ނޫންތަ ކަމެއް ކުރެވޭނީ ވެސް؟”

     “ކޮން ކަމެއް ކުރެވެނީ؟” 

     “ކަލެއަކީ ހާދަ ފިނޑި ކުއްޖެކޭ ދޯ؟ އަހަރެމެންގެ ދުވަސް ނަމަ އަހަރެން އޭނާގެ ފަހަތުން ގޮސް އަޑު އިވޭ ފަށުގައި ހުރެގެން ރައިވަރެއް ކިޔާނަން.”

     “ރައިވަރަކުން ވާނީ ކޮން ކަމެއް؟”

     “ކޮއްކޮމެންނަކަށް ނޭނގޭނެ. ރައިވަރުން އަޑު އިއްވުނީނު؟ ދެން އޮންނާނީ އެހެން ކަމެއް. ދެން އެހެން ކަމެއް. ހޯދައިގެން ނޫނީ ދުލެއް ނުކުރާނަން.”

     “ބޭބެ ހާދަ ހިތްވަރުގަދައޭ!”

     “ހިތްވަރު ހުރެގެން ނޫނީ އެފަދަ ރީތި މާމަލުން ފޮނި ބޮވޭނީ ކިހިނެއް؟ ކިހާ ބައިވަރު ބަނޅިދާއި ކޮކާތަކަކާއި މާބުރުތަކެއް އެ މާމަލަށް ތިރިކުރަން މަސައްކަތް ކުރަމުން ދާނެތަ؟”

     “ބޭބެ ތި ބުނީ ރަނގަޅަށް. އެ ފަދަ މަލަކުން ފޮނި ބޮވޭނީ ފިސާރި ހުށިޔާރު ވެގެން.”

     އެ ވަގުތު ކާއްޓެއް ގަންނަން މީހަކު އެތަނަށް ވަނުމުން އަހަރެން ދާން ވެގެން ހިނގައިގަތްތަނާ އެ ބޭބެ ބުންޏެވެ. “އޭ، ކޮއްކޯ! އެ އަންހެން މަންޖެ ކޮންމެ ދުވަހަކު ހަމަ މި ގަޑީގައި މިހެންލާފައި ދާނެ.”

     އޭގެ އަނެއް ދުވަހު އެ ގަޑި ކައިރި ވީއިރު އަހަންނަށް ހުރެވުނީ އެތާނގައެވެ. ސައްޔިދު ކިލެގެ ފާނު މަގުން އެ ކުއްޖާ ނުކުންނަ ދިމާއަށް ބަލަހައްޓައިގެންނެވެ. 

     “މިހާރު އަންނާނެ.” އެ ބޭބެ ބުންޏެވެ.

     އަހަރެން އެހާ ވާހަކަ ދައްކާކަށް ބޭނުންމެއް ނުވިއެވެ. އަހަރެންގެ ހިތް ތެޅެއެވެ. 

     އެ ކުއްޖާ ފޮތްތައް ހިފައިގެން އެ މަގަށް ނުކުތެވެ. މަގު ހުރަސްކޮށް އަތަމާގޭ ގޯޅިއަށް ވަންނަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު އަހަރެންގެ ވިންދު އަވަސް ވިއެވެ. އަހަންނަށް ގޮވައިލިހެން ހީވިއެވެ. ދާކަށް ނުކެރުނެވެ. ގޮސް އޮބާލަންދެން ބަލަން ހުރެވުނީއެވެ. އޭގެ އަނެއް ދުވަހު ވެސް، އޭގެ ފަހު ދުވަހު ވެސް، އަދި އޭގެ ފަހު ދުވަހު ވެސް ކަންތައް ވީ ހަމަ އެހެންނެވެ. 

     “ކޮއްކޯ ކަލޭތީ ކޮން ޒާތެއްގެ ފިރިހެންކުއްޖެއްތަ؟ ކަލެއަކީ ހެދި ހުރި ޒުވާނެއް. ކަލޭގެ އުޅުމުން ކަލެއަކީ ރަނގަޅު ޢާއިލާއަކުން އައިސްހުރި ކުއްޖެއްކަން އެނގޭ. ކަލެއާ އެކުއްޖާއާ ނުހަނު އެކަށީގެންވޭ.” އެ ބޭބެ ބުންޏެވެ. “ކަލޭ އެ ކުއްޖާ ބޭނުން. އެކަމަކު ކޮންމެ ދުވަހަކު ތިތާ ހުރުން ފިޔަވައި ކަލެއަކަށް ވާ ހަމަ އެއްކަމެއް ވެސް ނެތް. ތި ގޮތަށް އުޅެގެންނެއް ތިކަމެއް ނުވާނެ.”

     “ނޫން. މިކަން ވާނެ. އިރާދަކުރެއްވިއްޔާ މިކަން ކުރާނަން.” ކުއްލިއަކަށް އަހަންނަށް ހިތްވަރެއް ލިބުނެވެ. “ބޭބެއަށް އެނގޭތަ އެއީ ކޮން ގެއަކު ކުއްޖެއްކަން.”

     “އެއީ މައްޗަންގޯޅި ބެރެބެދިމާގޭ ހުސަންފުޅުގެ ދަރިއެއް. އޭނާގެ ނަމަކީ ޝަހީދާ.”

     “ބޭބެއަށް އެ ކުއްޖާ އެނގުނީ ކިހިނެއް؟” 

     “ތަންކޮޅެއް ކުރިން، އެ މަންޖެ ކުޑައިރު، ކޮންމެ ހުކުރު ހޯމަ ވިލޭރެއެއްގައި އެ ގޭގައި ޞަލަވާތް ކިޔަވައިދޭން އަހަރެން އެ ގެއަށް ގޮސް އުޅުނިން.” އޭނާ ކިޔައިދިނެވެ. “މިހާރަކު އެ މީހުނަކާ ގުޅުމެއް ނޯވޭ. މި ކަޑަގަނޑުގައި އުޅޭތީ އެއިން ތަނަކަށް ވަދެ ވެސް ނުލެވޭތާ މިހާރު ދުވަސްތަކެއް ވެއްޖެ.” 

     އެންމެ ފަހުން، އެ ބޭބެ ބުނި ގޮތަށް ކޮންމެ ދުވަހަކު އެ ކުއްޖާގެ ފަހަތުން ގޮސް ވާހަކަ ދައްކޭތޯ އުޅެން ފެށީމެވެ. އޭނާ ފުރަތަމަ ފަހަރަށް އަނގައިން ބުނީ ވެސް ތިންވަނައަށް ވީ ދުވަހުއެވެ. 

     “ކަލޭ ތީ ހާދަ ލަދު ހަޔާތް ކުޑަ މީހެކޭ.” އެ ކުއްޖާ ބުންޏެވެ. “ކޮންމެ ދުވަހަކު އަހަރެންގެ ފަހަތުން އަޅައިގަނެގެން އަހަންނާ ތިޔަ ފޮށެނީ.”

     “މަޢާފުކުރޭ.” އަހަރެން ވަރަށް ލަދުން ހުރެ ބުނީމެވެ. “އެއްގޮތަކަށް ވެސް ފޮށެން ވެގެންނެއް ނޫން. ހިމަފޮދު ވާރޭގެ ތެރެއިން ޝަހީދާ ފެނުނު ދުވަހުން ފެށިގެން އަހަރެން ހަމަ ދެކޭ ހިތް ވަނީ. ވާހަކަ ދައްކާ ހިތް ވަނީ.”

     “ކޮންމެ ދުވަހަކު އެ ކަޑައިގެ ގާގަނޑު މަތީގައި އިންނަނީ އަހަރެން ދެކެން ވެގެންތަ؟” އޭނާ މަޑުމަޑުން އެއްސެވެ. “ކަލެއަށް އަހަރެންގެ ނަން އެނގުނީ ކިހިނެއް؟ 

     “ހަމަ އެހެންވެގެން އަހަރެން އެތާނ އިންނަނީ. ހަމަ ޝަހީދާ ދެކޭހިތުން.” އަހަރެން ލަސްލަހުން ބުނީމެވެ. އަހަރެން ބޭނުންވާ މީހެއްގެ ނަން އަހަރެން ހޯދާނަމެއްނު؟ 

     “ކަލެއަށް ކިޔަނީ ކޮން ނަމެއް؟” ކުރިން އޭނާ ވާހަކަ ދެއްކި ރާގު ބަދަލުވެއްޖެއެވެ. އަހަންނަށް ހިތްވަރު ލިބުނެވެ.

     “އަހަރެންގެ ނަމަކީ އީސަ.” 

     “އަހަރެން ހީކުރީ އެ ކަޑައިގައި އިންނަނީ ކަލޭ ކަމަށް.” އޭނާގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. “ކަލޭ އެތާ އިނދެގެން ކާއްޓާއި މިރުހާއި ލުބޮއާއި ދަރާއި ފަންގި ފަދަ ތަކެތި ވިއްކަނީ ކަމަށް.”

     “އެ ކަޑައިގައި އިނދޭ މީހެއް.” އަހަރެން ވެސް ހިނިތުންވެފައި ބުނީމެވެ. “އެކަމަކު ކަލޭ އެއްޗެތި ގަންނަން އެ ކަޑައަށް އަންނާނެ ނަމަ އަހަރެން އޭނާގެ އެހީތެރިއަކަށް އެތާގައި އިނދެފާނަން.”

     “އަހަރެން އަތުވެދާނަން. އީސަ އެތާ އިނދޭ. އެކަމަކު އަހަރެން އެތަނުން ގަންނާނި ކޯޗެއް؟”

     “ކީއްތަ ވާނީ ލުބޯ ގަތިއްޔާ.”

     “ލުބޯ ދޯ ކަލޭ މަށައް ވިއްކާހިތް ވަނީ؟ ހާދަ ހުތް ވާނެއޭ!”

     “އެހެން ވީއިރު ތިގެއަށް ބޭނުންވާ މިރުސް ގަނެވިދާނެއެއްނު؟ އެތާނގައި ގިތެޔޮ މިރުސް ވެސް ހުންނާނެ.”

    “އައްދޭ! ހާދަ ކުޅިވާނެއޭ. ގިތެޔޮ މިރުސް.!” 

    “ޝަހީދާ، ކަލޭ ހާދަ ލާނެތޭ. އެތާނގައި ދޮންކެޔޮ ވެސް ހުރޭ. ދޮންކެޔޮ ފޮނިވާނެއެއްނު؟”

އޭގެ ފަހުން އަހަރެމެން މަގުމަތީގައި ވާހަކަ ދައްކަމުން ދިޔައީމެވެ. ރޭގަނޑު ބައެއް އަނދިރި ގޯޅިގޯޅި ކަންމަތީގައި ވެސް ތިބީމެވެ. އެ ކަޑައަށް ވެސް އޭނާ ދޭތެރެ ދޭތެރެއިން އަންނަން ފެއްޓިއެވެ. އެއްދުވަހަކު ދޮން ކެޔޮގަނޑުން ދޮން ކެޔޮވަކެއް އުފުރައިގެން އެއްބުރި ނޮޅާފައި އޭނާއާ ދިމާއަށް އަހަރެން ދިއްކުރީމެވެ. ކާލާށޭ ބުނީމެވެ. ޖެހިލުމެއް ނެތި އޭނާ އަނގަހުޅުވައި އަހަރެންގެ އަތުގައި އޮތް ދޮންކެޔޮވަކުގައި ދަތް އެޅިއެވެ. އަހަރެންގެ އަތުން ދޮން ކެޔޮވަކުގެ އަނެއް ބުރި އަތުލައިގެން ނޮޅާފައި އަހަރެންގެ އަނގަޔަށް ލެއްވިއެވެ. މި މަންޒަރު ބަލަން އިން ސޭޓް ރައިވަރެއް ކިޔައިލިއެވެ. އަހަރެން އެ ރައިވަރު މިހާރަކު ހަނދާނެއް ނެތެވެ. އެހެން ނަމަވެސް، އޭގެ މައިގަނޑު މާނައަކީ ‘ކާއިނާތު ގުގުމައިފިއޭ. ދެ ހިތެއް ގުޅުވައިފިއޭ. ދެ ޒުވާނަކު ލޯބި ކުރުވައިފިއޭ’ އެވެ. ތެދެކެވެ. އަހަރެމެން ދެމީހުންނަށް ލޯބި ވެވިއްޖެއެވެ. އަދިއަދަށް ދާނދެން ވެސް މި އުޅެނީ އެ ލޯބީގައެވެ.