އެ ބިމަށް ވުރެ ބޮޑަށް އޭނާގެ ސަމާލުކަން އެ ދުވަހު ހުއްޓުނީ އެ ދިމާލުން ގޮނޑުދޮށުން ހިނގާފައި އައި އަންހެން ކުއްޖަކަށެވެ. ހިމަތޮޅި އިސްކޮޅުން ދިގު ކުއްޖެކެވެ. ހިނގާފައި އައީ ދޮންވެލިގަނޑުގައި އޭނާގެ ފިޔަވަޅު ވެސް ނުހުންނަހާ ލުއިކޮށްނެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިތައް ދޭތެރެ ދޭތެރެއިން އޭނާގެ ފަން އިސްތަށިގަނޑާ ކުޅެލައެވެ. ހުޅަނގު ފަރާތުގައި ހުރި ސާފު އިރުގެ ރަންދޯދިތަކުން އޭނާގެ މޫނުވަނީ ގިރިޓީކުރެވިފައެވެ. ހީވަނީ ކަނޑުން އަރައިގެން އަންނަ މާމެއިޑެއް ހެންނެވެ. އެ ކުއްޖާ އެ ދިމާލުގައި ހުރި ގެއެއްގެ ދޮރާށިން ވަންނަންދެން ވަޙީދު ކަޅިވެސް ޖަހައިނުލައި އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. 

ވަޙީދު ހުރައަށް ދިޔައީ އެ ރަށުގައި ޓޫރިސްޓް ހޮޓަލެއް ހެދުމަށްޓަކައި އެ ކުންފުނިން ނަގާފައި އޮތް ބިމެއް ބަލައިލުމަށެވެ. އެއީ ހުޅަނގު ފަރާތުން ގޮނޑުދޮށާ ދުރުނޫން ހިސާބެއްގައި އޮތް ދެ ގޯއްޗެކެވެ. އޮއްސޭ އިރުގެ ރަން ދޯދިތައް ހުރަހެއްނެތި އެތަނަށް ލިބޭނެއެވެ. ހުޅަނގު ފަރާތު މޫދު ރަން ފަތެއްހެން ވިދަވިދާ އޮންނަ ތަން އެތަނަށް ފެންނާނެއެވެ. ޓޫރިސްޓުން ވަރަށް ހިތްހަމަޖެހޭނެއެވެ. ފަސްތަރީގެ 60 ކޮޓަރީގެ ހޮޓަލެއް ހެދުމަށް މި ތަން ރަނގަޅެވެ. އެކަމަކު، ދެންމެ މި ފެނުނު އަންހެން ކުއްޖާ ވަޙީދުއަށް މާބޮޑަށް ވެސް ރަނގަޅެވެ. އޭނާގެ ހިތުގައި މިހާރު އޮތީ އެ އަންހެންކުއްޖާއެވެ.

      “ހާދަ ރީތިކުއްޖެއް!” ވަޙީދު އޭނާގެ އެ ރަށުގެ ރައްޓެހި އިބްރާހީމު ގާތުން އެއްސެވެ. “އެއީ ކޮން ކުއްޖެއްތަ؟”  

      “އޭނާއަށް ކިޔަނީ ބަޝީރާ.” އިބްރާހީމް ޖަވާބު ދިނެވެ. “އެއީ ފުވައްމުލަކު ކުއްޖެއް. ފަރަންސޭސި ވިލާތުން ޓޫރިޒަމް ކިޔަވައިގެން އައިސް އޯޝަން ވިއު ގެސްޓްހައުސްގައި ވަޒީފާ އަދާކުރާ ކުއްޖެއް އެއީ.”

      “ފުވައްމުލަކުގައި ތިބޭ ވަރަށް ރީތި ކުދިން.” ވަޙީދު ބުންޏެވެ. “މީހަކާ އިނދެގެންތަ އުޅެނީ؟”

      “ނޫން.” އިބްރާހީމް ޖަވާބުދިނެވެ. “އެކަމަކު އޭނާ އުޅެނީ އެ ގެސްޓް ހައުސްގެ ވެރިމީހާއާ ރައްޓެހިވެގެންނޭ ކިޔާ އަޑު އިވޭ.”

      “އެހެންތަ؟” މަލާމާތުގެ ގޮތަކަށް ހިނިތުން ވެލާފައި ވަޙީދު ބުންޏެވެ. “އެ ކުއްޖާ އުޅެނީ އެ މުހަންމަދާ ރައްޓެހިވެގެންނޭ!؟”

      “ލައްބަ.” މިހާރު ކުދިން ދަނީ ލާރިއާ ދިމާއަކަށްނު؟” އިބްރާހީމް ބުންޏެވެ.

      “ލާރިއާ ދިމާއަށް ދަންޏާ އެކުއްޖާ އަންނަން ޖެހޭނީ މަށާ ދިމާއަކަށްނު؟” ގޮތަކަށް ހިނިއައިސްފައި ވަޙީދު ބުނެލިއެވެ.

      “އެ ކުއްޖާއަށް އެނގުނިއްޔާ ނޫންތޯ؟” އިބްރާހީމް ސަމާސާ ގޮތަކަށް އެއްސެވެ. “ތި ދިމާއަށް އޭނާ ދާން ބޭނުންތޯ؟”

      “ތިކަން ޖެހޭނީ ބަލައިލަން. އޭނާއާ ބައްދަލުކޮށްލަން ބޭނުން. ވާހަކަ ދައްކާލަން. ކޮންކަހަލަ ކުއްޖެއްތޯ ބަލައިލަން. ކަލެއަށް އެކަން ވާނެތަ؟” ވަޙީދު އެކުއްޖާއާ ބައްދަލުކޮށްލަން ބޭނުންވާކަން ފާޅުކުރިއެވެ.

      “ތިކަން ވެދާނެ.” އިބްރާހީމް ޔަޤީންކަމާއެކު ޖަވާބު ދިނެވެ. “ވަޙީދާ ބައްދަލުކުރުމުގެ ފުރުޞަތު ބޭނުން ނުކުރާނީ ކާކުތޯ؟” 

ވަޙީދު ބަޝީރާއާ ބައްދަލުކުރީ މާލޭގައި ހުންނަ އޭނާގެ ހޮޓަލެއްކަމަށްވާ ހޮޓެލް ހޮރައިޒަން ގައެވެ. ބަޝީރާ ހޮޓަލުގެ ދޮރު މައްޗަށް ހުއްޓުނުތަނާ ދޮރުވާނު ދޮރު ހުޅުވައިލިއެވެ. އެ ވަގުތު ހުދު ޔުނިފޯމުގައި ހުރި މީހަކު ތިއީ ބަޝީރާ ހެއްޔޭ އެއްސެވެ. އާނއެކޭ ބުނުމުން އޭނާ ގޮވައިގެން ދިޔައީ 7 ވަނަ ފަންގިފިލާގައި ހުންނަ އެ ހޮޓަލުގެ އެންމެ ޚާއްޞަ ރެސްޓޯރަންޓަށެވެ. ރެސްޓޯރަންޓަށް ވަންތަނުން ޔުނިފޯމުގައި ހުރި ޚާއްސަ ވެއިޓަރަކު އޭނާ އާ ހަވާލުވިއެވެ. ވަގުތަކީ ރޭގަނޑުގެ ކެއުމުގެ ވަގުތުކަމުން ތަން އޮތީ އެކަށް ފުރިފައެވެ. ތަނުގައި ވަނީ އެއް ވާމަކަށް މީހުންގެ އަޑު ހިފާލާފައެވެ. މީރު ކާތަކެތީގެ މަސްހުނި ވަހެއް ދުވައެވެ.  ބަޝީރާ ތަނަށް ކަޅި ހިންގައިލިއިރު އެތަނުގައި މުޅިން ވެސް ތިބީ ބޭރު މީހުންކަން ފާހަގަ ކުރެވުނެވެ. 

ބަޝީރާ ގެންދިޔައީ ތަންކޮޅެއް ފަހަތުގައި މޫދު ފެންނަ ގޮތަށް ހުރި މޭޒުތަކުގެ ތެރެއިން މޭޒަކަށެވެ. އެއީ ދެ މީހަކަށް ތައްޔާރުކޮށްފައި ހުރި މޭޒެކެވެ. އެ މޭޒުގެ މެދުގައި ހުރި ވާސްގައި ޖަހާފައި ހުރި ތާޒާ ފިނިފެންމަލަކާއި ލިލީ މަލެއް ބަޝީރާއަށް ފާހަގަކުރެވުނެވެ. ވެއިޓަރު ގޮޑި ދުރުކޮށްދިނުމުން ބަޝީރާ އިށީނެވެ. ވެއިޓަރ ޖޫސްތައްޓެއް ގެނެސް ވަރަށް އަދަބުވެރިކަމާއެކު ބެހެއްޓިއެވެ. 

ވަޙީދަކީ ބަޝީރާ ދަންނަ މީހެއް ނޫނެވެ. އެކަމަކު، ޓޫރިޒަމް ދާއިރާގައި އޭނާ ވެސް މަސައްކަތް ކުރާތީ، ވަޙީދާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް އެނގެއެވެ. ބަޝީރާ ބޭރަށް ބަލަހައްޓައިގެން އިން އިރު އެނާގެ ހިތަށް އަރައެވެ. ‘ވަޙީދު އަހަންނާ ބައްދަލުކުރަން ބޭނުންވީ ކީއްވެގެން ބާއެވެ؟ ވަޒީފާއެއް ދޭންވެގެން ކަމަށް ވެދާނެއެވެ؟ އެ ރަށުގައި ފަސްތަރީގެ ހޮޓަލެއް ހަދަން އުޅޭތީ އެކަމުގެ ކޮންމެވެސް ކަމަކާ ކަމަށް ވެދާނެއެވެ. ނުވަތަ އޭނާ ވަޒީފާ އަދާކުރާ އޯޝަން ވިއު ގެސްޓްހައުސްއާ ބެހޭ ކަމެއް ސާފުކުރަން ކަމަށް ވެސް ވެދާނެއެވެ. ވިޔަފާރިވެރިންގެ ކަންތަކެއް ނޭނގޭނެއެވެ.”

ބަޝީރާއޭ ކިޔާފައި މީހަކު ގޮވައިލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭރު ވަޙީދު އޭނާއާ ވަރަށް ކައިރީގައި ހުއްޓެވެ. ބަޝީރާ ކުއްލިއަކަށް ތެދުވިއެވެ. މިއީ ބަޝީރާއަށް އެހާ ކައިރިން ވަޙީދު ފެނުނު ފުރަތަމަ ފަހަރެވެ. ދިގު އިސްކޮޅެއް ހުރި ރޫފަ ރަނގަޅު ރީތި މީހެކެވެ. ތުނބުޅިއާއި މަތިވަސް ހުރީ ބާލައި އޮމާންކޮށްފައެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ކްރީމެއްލައިގެން ފަހަތަށް ފުނާއަޅާފައެވެ. ތުންފަތުގައި ސަމާސާ ހިނިތުންވުމެއް ހުއްޓެވެ. 

      “ވަރަށް ރީތި މަންޒަރެއް ދޯ؟” ވަޙީދު ބަޝީރާއާ ސަލާމް ކުރަމުން ބުންޏެވެ.

      “ލައްބަ. ވަރަށް ރީތި މަންޒަރެއް.” ބަޝީރާ ވަޙީދުގެ ލޮލަށް ބަލާލާފައި ބުންޏެވެ.

      “މިތަން ރަނގަޅުތަ؟” ބަޝީރާގެ ކުރިމަތީގައި ހުރި ގޮނޑި ވެއިޓަރު ދުރުކޮށްދިނުމުން އޭގައި އިށީންނަމުން ވަޙީދު ބުންޏެވެ. “މިތަނަށް އަންނަން ބުނި ސަބަބަކީ މިތަނަށް ނުވަންނާނެ ދިވެހިންނެއް.” 

ވެއިޓަރު ވަރަށް އަދަބުވެރިކަމާއެކު ވަޙީދުގެ ކުރިމަތީގައި ޖޫސްތައްޓެއް ބަހައްޓާފައި އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ.

      “އެހެންތޯ؟” ބަޝީރާ އެއްސެވެ. 

      “ގެސްޓުން ފިޔަވައި މިތަނަށް ވަދެވޭނީ އަހަރެންގެ ވަރަށް ޚާއްސަ މެހުމާނުންނަށް.” ފަޚުރުވެރި ރާގަކަށް ވަޙީދު ބުންޏެވެ. 

      “އަޅުގަނޑު އެފަދަ ޚާއްޞަ މެހުމާނަކަށް ވީތޯ؟” ހިނިތުން ވެލަމުން ބަޝީރާ އެއްސެވެ. އެ ހިނިތުންވުމުން އޭނާގެ މޫނު މައްޗަށް އިރުގެ ދޯދިތަކެއް އޮހުނުކަހަލައެވެ. އޭނާގެ ރީތި ދަތްޕިލައިން މުޅިތަން އުޖާލާކޮށްލި ކަހަލައެވެ. އެހެން ބުނެފައި އެތިފޮދެއް ބޯލާފައި ޖޫސްތަށި ބެހެއްޓިގޮތުން ވަޙީދު ވަރަށް ގަޔާ ވިއެވެ. ބަޝީރާ ބިއްލޫރިތަށިން އަތް ދޫކޮށްލީ އޭނާގެ ހިމަ ދިގު އިނގިލިތަކަށް ބަލަން އިން މަހުޖަނަށް އެ ފުރުޞަތު ދީފައެވެ. 

      “ޚާއްޞަ މެހުމާނަކަށް ވީމާތާ ތިއިނީ މިތާ.” ވަޙީދު ހެވިލާފައި ބުންޏެވެ.

      “އެކަމަކު އަދި ކިރިޔާ އެނގިލައްވާނީ އަޅުގަނޑުގެ ނަމެއް ނޫންތޯ؟” އެއްފަރާތުން ކުރިމައްޗަށް ވައްޓާލާފައިވާ އިސްތަށިގަނޑާ ކުޅެލަމުން ބަޝީރާ ބުންޏެވެ.

      “ބަޝީރާކަން އެނގޭ. އަދި ތީ ފުވައްމުލަކު ކުއްޖެއްކަމާއި ވަޒީފާ އަދާކުރަނީ ހުރާ އޯޝަން ވިއު ގެސްޓް ހައުސްގައި ކަން ވެސް އެނގޭ.” ޖޫސްފޮދެއް ބޯލާފައި ހިނިތުންވެލުމަކާއެކު ބުންޏެވެ. “އޭގެ އިތުރަށް ވެސް އެނގޭ.”

      “އެހެންތޯ؟” ބަޝީރާ ވެސް އުފާވެރި ގޮތަކަށް ބުންޏެވެ. “އެގިލައްވާ އެއްޗެއް ކިއުއްވާ.” ލަދުރަކިކަމެއް ނެތި ބަޝީރާ ވާހަކަ ދައްކާތީ ވަޙީދު ވަރަށް ހިތްހަމަޖެހެއެވެ. އޭނާ ހިތަށް އެރީ ބަޝީރާއަށް އޭނާއަކީ ކާކުކަން ނޭނގެނީ ކަމަށެވެ. ކާކުކަން އެނގުނަސް ވެސް ކިހާވަރެއްގެ މީހެއްކަން ނޭނގެނީއެވެ. 

      “މަށާ ބެހޭގޮތުން ބަޝީރާއަށް އެނގޭ މިންވަރެއް ކިޔައިދިނީމަ އޭގެ ފަހުން އަހަރެން އެ ވާހަކަ ކިޔައިދޭނީ.” ވަޙީދު ބުންޏެވެ.

      “ތީ މުއްސަނދި މަހުޖަނެއް. މި ރާއްޖޭގެ މަދު މަހުޖަނުންގެ ތެރެއިން އެކެއް.” ބަޝީރާ މިޔުޒީކީ ގޮތަކަށް ވާހަކަދެއްކިއެވެ. “ތި ބޭފުޅާގެ ހުރޭ ބައިވަރު ރިޒޯރޓްތަކާއި ހޮޓާތައް. ސަފާރީ އުޅަނދުތަކާއި އާގުބޯޓު ފަހަރު. ތިޔަ އުޅުއްވަނީ ހުރާގައި ފަސްތަރީގެ ހޮޓަލެއް ވެސް ހައްދަވަން.” 

ވަޙީދުގެ ހިތަށް އެރިއެވެ. ‘އޭނާއަށް ހަމަ ރަނގަޅަށް އެބަ އެނގޭ އަހަރެން މީ ކާކުކަންވެސް. އެކަމަކު އޭނާ އަހަންނާ ވާހަކަ ދައްކާއިރު ހިއެއްނުވޭ އެކަމުގެ ސަބަބުން އޭނާ ޖެހިލުމެއްވާހެންނެއް. މިއީ ވަރަށް ހުޅުވިފައިވާ ކުއްޖެއް. އަހަރެން ކަހަލަ ވިޔަފާރި ވެރިއަކަށް ވަރަށް ރަނގަޅު ކުއްޖެއް.’ 

      “އަހަންނާ ބެހޭ ގޮތުން ބަޝީރާއަށް ވަރަށް ގިނަ މަޢުލޫމާތު އެބަ އެނގޭ.” ވަޙީދު ބުންޏެވެ. “ބަޝީރާއާ ބެހޭ ގޮތުން އަހަންނަށް އިތުރަށް އެނގެނީ ވަރަށް ކުޑަކުޑަ އެއްޗެއް.” 

އެ ވަގުތު ވެއިޓަރު މެނޫ ގެނެސް ދެ މީހުންގެ ކުރިމަތީގައި ބާއްވައިލިއެވެ.  

      “އެއީ ކޯޗެއްތޯ؟” މެނޫއާ ކުޅެލަމުން ބަޝީރާ އެއްސެވެ.

      “އެ ވާހަކަ ބުނާނީ ކާއެއްޗެއްސަށް އޯޑަރުކޮށްފައި.” ވަޙީދު މެނޫ ހުޅުވައިލިއެވެ.

ދެ މީހުން ވެސް އޯޑަރުކުރީ ޖަޕާނުގެ ކިޗޯ އަކަށެވެ. ވެއިޓަރު މެނޫ ގެންދިޔައެވެ.

      “ދެން ބުނުއްވާ.” ބަޝީރާ އެދުނެވެ. 

      “އަހަންނަށް އިތުރަށް އެނގޭ ކަމަކީ ބަޝީރާ އުޅެނީ މުޙަންމަދާ ރައްޓެހިވެގެންކަން.” ވަޙީދު ލަސްލަހުން ބުނެލިއެވެ. “އެއީ ތެދެއްތަ؟”

      “އެއީ ތެދެއް.” ބަޝީރާ ބުންޏެވެ. “އަދި އެއީ ދޮގެއް.”

      “ކިހިނެއް އެއްކަމެއް ތެދަކަށް ވެފައި ދޮގަކަށް ވަނީ؟” 

      “ތެދަކަށް ވާގޮތަކީ މުޙަންމަދު އެކަމަށް އެދޭ.” ބަޝީރާ ސީރިޔަސްވެލާފައި ބުންޏެވެ. “އަޅުގަނޑު ނޫނެކޭ ނުބުނަން. އާނއެކޭ ވެސް އަދި ނުބުނަން.”

      “އާނއެކޭ ނުބުނައްޗޭ.” ކުއްލިއަކަށް ވަޙީދު ބުންޏެވެ. 

      “އެންމެ ފަހުން އާނއެކޭ ބުނަންކަންނޭގޭ ޖެހޭނީ.” ބަޝީރާ މޮޅިވެރި ރާގަކަށް ބުންޏެވެ. “މުޙަންމަދުގެ ޚަރަދުގައި އަޅުގަނޑު ކިޔެވީ ވެސް.”

      “އެކަމަކު ބަޝީރާއަށް ވުރެ މާ ބޮޑުތަން ދޮށީ މީހެއް އެއީ.” ވަޙީދު ބުންޏެވެ. އޭނާ ބަޝީރާއަކާ އެކަށީގެންނެއް ނުވޭ. އަދި އާނއެކޭ ނުބުނާތި.”

      “ކިހާ ދުވަހަކުތޯ އާނއެކޭ ނުބުނެ ހުންނަންވީ؟” ބަޝީރާގެ އަތުގައި ނަޞީބު ހިފަން އުޅޭ ކަހަލަ އިޙުސާސެއް އޭނާއަށް ކުރެވުނެވެ. ބަޝީރާއަކީ އޭނާގެ ޙަޔާތުގެ ކުރީކޮޅު ލިބުނު ހިތި ތަޖުރިބާތަކެއްގެ ސަބަބުން ވަރަށް މަތީ ހުވަފެނެއް ހިތުގައި އުފައްދައިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަން ފެއްޓި މީހެކެވެ. އޭނާގެ ހުވަފެނަކީ ޓޫރިސްޓް ރިޒޯރޓެއްގެ މިލްކުވެރިއަކަށް ވުމެވެ. އޭނާ ޓޫރިޒަމްގެ ދާއިރާއިން ކިޔެވީވެސް އެ ހުވަފެން ކާމިޔާބުކުރުމަށް ފަސޭހަކުރުމަށެވެ. ހުރާގައި މުޙަންމަދާއެކުގައި މަސައްކަތްކުރަނީ ވެސް އެކަމަށް މަގު ފަހިކުރުމަށެވެ. މި ފަހަރު ދިމާވާން މި އުޅެނީ މިކަމަށް އޮތް އެންމެ ރަނގަޅު ފުރުޞަތުކަމަށް އޭނާއަށް ވިސްނުނެވެ. އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އޭނާ ނިންމިއެވެ. 

      “ދީ މަހެއްހާ ދުވަސް.” ވަހީދު އެދުނެވެ. “އަހަރެން ބޭނުން އިތުރަށް އަދި ބައްދަލުކޮށް ވާހަކަދައްކައި ހަދަން.”

      “އަޅުގަނޑު ވެސް ބޭނުން.”

އެ ރޭ އެ ދެމީހުން ވަކިވީ ކުރިޔަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު ބައްދަލުވުންތައް ބޭއްވުމަށް އެއްބަސް ވެފައެވެ. އެ ގޮތުގެ މަތިން ދެ މީހުން ސިއްރިޔާތުގައި ބައްދަލުވަމުން ގުޅުން ބަދަހިކުރަމުން ގެންދިޔައެވެ.

ސެކްރެޓަރީގެ ފޯނު އައުމާއެކު ވަޙީދަށް އޭގެ ސަބަބު އެނގިއްޖެއެވެ. އެހެންނަމަވެސް ނޭނގެނީ ހުރާ އޯޝަން ވިއު ގެސްޓްހައުސް ހިންގާ މުޙަންމަދު، ވަޙީދާ ބައްދަލުކުރަން ބޭނުންވީ ކީއްވެގެންކަމެވެ. އޭނާގެ ހިތަށް އެރިއެވެ. ‘ބަޝީރާއާއި އޭނާގެ ގުޅުން މުޙަންމަދަށް އެނގުނީ ބާވައެވެ؟ އެކަމަކު އެކަމެއް ނޭނގޭނެއެވެ. އެ ކަން އެއްވެސް މީހަކަށް އަދި ނޭންގުމަށް ބަޝީރާ ގާތުގައި ވެސް ވާނީ ބުނެފައެވެ. ބަޝީރާއެއް ނުބުނާނެއެވެ.’  

      “ހުރާ އޯޝަން ވިއު ގެސްޓްހައުސް ހިނގާ މުޙަންމަދު އައީދޯ؟” ވަޙީދު ސެކްރެޓަރީ ކުރެން އެއްސެވެ.

      “ލައްބަ.” ސެކްރެޓަރީ ޖަވާބު ދިނެވެ.

      “އެކަނިތަ؟” 

      “ނޫން. އަންހެން ކުއްޖެއްވެސް އެބަހުރި.”

‘އަނެއްކާ ބަޝީރާ ބާވައެވެ. ބަޝީރާ ގޮވައިންގެން މުޙަންމަދު އަންނަންވީ ކީއްވެގެން ބާވައެވެ.’ އޭނާގެ ހިތަށް އެރިއެވެ. 

      “ކޮން ސިފައަކަށް ހުރި ކުއްޖެއް؟” ވަޙީދު އެއްސެވެ.   

      “އެއީ…..” 

      “މި ބުނީ ހިކި ކުއްޖެއްހޭ؟ ފަލަ ކުއްޖެއްހޭ؟ ކުރު ކުއްޖެއްހޭ؟ ދިގު ކުއްޖެއްހޭ؟ ދޮން ކުއްޖެއްހޭ؟ ކަޅުކުއްޖެއްހޭ؟ ކުރުކޮށް ކޮށާފައި ހުރި އިސްތަށިގަނޑެއްހޭ؟ ނޫނީ ފަން އިސްތަށިގަނޑެއްހޭ؟” ވަޙީދު އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ.

      “ފަން އިސްތަށިގަނޑެއް. އާދައިގެ ވަރަކަށް ދޮން ހިމަތޮޅި ދިގު ކުއްޖެއް.” ސެކްރެޓަރީ އެ ކުއްޖާގެ ސިފަތައް ކިޔައިދިނުމުން އެއީ ބަޝީރާކަމަށް އޭނާއަށް ޔަޤީން ކުރެވުނެވެ. ނަމަވެސް ބަޝީރާ އަންނަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ހިތާހިތާ ސުވާލު ކޮށްލިއެވެ.   

      “ގެނދޭ ޚާއްޞަ މެހުމާނުންގެ ކޮޓަރިއަށް. އަހަރެން މި ދަނީ އިރުކޮޅަކުން.” ވަޙީދު ބުންޏެވެ. 

ސެކްރެޓަރީ އެ ދެ މީހުން ގޮވައިގެން ގޮސް ވަނީ ވަރަށް ރީތިކޮށް ހަދާފައި ހުރި ބޮޑު ކޮޓަރިއަކަށެވެ. އެ ކޮޓަރީގެ އެއްފަރާތުގައި ހުރި ބިއްލޫރީގެ ފާރެކެވެ. އެތާ ކައިރީގައި ހުރި ސޯފާގައި އިށީނުމަށް އިޝާރާތް ކުރިއެވެ. އެ ދިމާލުން ވަރަށް ރީއްޗަށް ބަނދަރުމައްޗާއި ކަނޑު ފެންނަން އޮތެވެ. “ކޮފީތޯ؟ ސައިތޯ؟” ސެކްރެޓަރީ އެއްސެވެ. ކަޅު ސައިކަމަށް ދެ މީހުން ވެސް ބުނުމުން އިރުކޮޅަކުން ސައިތަބަށް ހިފައިގެން ވެއިޓަރަކު ވަނެވެ. ހަމަ އެވަގުތު އެހެން ދޮރެއް ހުޅުވާފައި ވަޙީދު ކޮޓަރިއަށް ވަނެވެ. އެ މީހުންނާ ދިމާއަށް އަންނަމުން ވަޙީދުވެސް ސައިތައްޓަކަށް އިޝާރާތް ކުރިއެވެ. 

ވަޙީދު ވަނުމުން މުހަންމަދުމެން ކޮޅަށް ތެދުވެ ސަލާން ކުރިއެވެ. 

ބަޝީރާ ފެނުމުން ވަހީދު އުފާވިއެވެ. ލޮލުން އިޝާރާތެއް ކޮށްފައި ހީނލިއެވެ. ބަޝީރާ މިއަދު ހުރީ ފާސްކުރި ހެދުމެއްގެ ސިފައަށް މާޖެހި ފޮތިން ފަހާފައިވާ ހެދުމެއް ލައިގެންނެވެ. އެ އޮމާން ހެދުން އޭނާގެ ގަޔަށް އޮހިފައިވާއިރު ހަށިގަނޑުގެ ރީތި ވަނާތައް ވަރަށް ފުރިހަމައަށް ފާޅުވެއެވެ. 

ބަޝީރާއާ ބައްދަލުވެފައިވާ ކަމަކަށް ވަޙީދު ނަހަދައެވެ. މުޙަންމަދު، ވަޙީދުއަށް ބަޝީރާ ތަޢާރަފުކޮށްދިނެވެ. ބަޝީރާއާއި ވަޙީދުގެ ގުޅުމުގެ ކަންތައް މުޙަންމަދަށް ނޭނގޭ ކަމަށް ވަޙީދާއި ބަޝީރާ ހީކުރި ނަމަވެސް އެކަން ވަރަށް ރަނގަޅަށް މުޙަންމަދަށް އެނގެއެވެ. ބަޝީރާ ދެން އޭނާއަށް ނުލިބޭނެ ކަން ވެސް މުޙަންމަދަށް ޔަޤީންކުރެވެއެވެ. އެހެންކަމުން، މުހަންމަދު ބޭނުންވީ މުޙަންމަދަށް ބަޝީރާ ގެއްލުމުގެ ކުރިން ނެގެން އޮތް ފައިދާއެއް ނެގުމަށެވެ. މި ބައްދަލުކުރުމުގެ ބޭނުމަކީ ވެސް އެއީއެވެ. 

އޯޝަން ވިއު ގެސްޓްހައުސްއާ ބެހޭގޮތުން ވާހަކަ ދެއްކުމަށްފަހު މުޙަންމަދުމެން ބައްދަލުކުރީ ކޮން ބޭނުމަކުތޯ ވަޙީދު އެއްސެވެ.

      “މިއީ ވަޙީދު އަރިހު ދައްކަން އުނދަގޫ ވާހަކައެއް.” 

      “އަހަރެން ގާތު ދައްކަން އުނދަގޫ ވާހަކައެއް ނޯންނާނެ. ބުނޭ.”

      “ވަޙީދު ތި އުޅުއްވަނީ ހުރާގައި 60 ކޮޓަރީގެ ހޮޓަލެއް ހައްދަވަންނޫންތޯ؟”

      “އާނ. އެހެންވީމަ..؟”

      “އެހެން ވީމަ ވާނެ ގޮތަކީ މަދު ކޮޓަރިއެއްގެ ގެސްޓްހައުސް ހިންގާ މީހުންނަށް ވިޔަފާރި ނުލިބޭނީ.”

      “އަހަރެން ތިކަމަކާ މެދު ނުވިސްނަން. ވިޔަފާރިކުރާއިރު އެހެން މީހުންނަށް ވާގޮތަކާމެދު އަހަރެމެންނެއް ނުބަލަން.”

      “އެކަމަކު ރަށުގައި ގެސްޓްހައުސް ހިންގާ އެންމެން ތިބީ އެކަމާ ވަރަށް ނުރުހިފައި.”

      “އެހެންވީމާ އަހަރެން އެކަން ނުކުރާށޭތަ ތި ބުނަނީ؟”

      “ލައްބަ، އަޅުގަނޑު މި ނަންގަންނަނީ ވަޙީދުމެން ބޮޑެތި ރިޒޯޓް ހިންގަވާ މީހުން ގެސްޓްހައުސް ވިޔަފާރީގެ ތެރެއަށް ނުވަދެ އެ ވިޔަފާރި އަޅުގަނޑުމެނަށް ދޫކޮށްލައްވާށޭ.”

      “ބަޝީރާ އެކަމާމެދު ބުނަނީ ކީކޭ؟” ބަޝީރާ ވާހަކައިގެ ތެރެއަށް ގެނައުމަށް ވަޙީދު ބޭނުންވިއެވެ. 

      “އަޅުގަނޑު މި ތަނަށް އައި އިރަކު ނޭނގޭ މުޙަންމަދު ދުރުވީ ވަޙީދު ހުރާގައި ހޮޓަލެއް ހައްދަވަން އުޅުއްވާތީ އެ ވާހަކަ ދައްކަވަން ކަމެއް. އަޅުގަނޑު ހީކުރީ ލޯނެއް ހޯއްދެވުމުގެ ކަންތަކާ ކަމަށް.” ބަޝީރާ އޭނާގެ އިސްތަށިގަނޑު ރަނގަޅު ކޮށްލަމުން ބުންޏެވެ. “އެކަމަކު، އަޅުގަނޑު ވެސް މުޙަންމަދުގެ ވާހަކައަށް ތާއީދުކުރަން. ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ލޯކަލް އެއްޗެއް. ރަށު އެއްޗެއް. އެ އޮންނަން ވާނީ ރަށު މީހުންގެ އަތްމަތީގައި.”

      “އަދި އެބައޮތް އަޅުގަނޑު ވަހީދަށް ނަންގަންނަން ބޭނުން އެހެން ވާހަކައެއް ވެސް.” މުޙަންމަދު ބުންޏެވެ. 

      “އެއީ ކޮން ވާހަކައެއް؟”

އެއީ ވަޙީދުމެން ހޮޓާ ހައްދަވަން ތިއުޅުއްވާ ބިމަކީ އެ މީހުން އަޅުގަނޑަށް ދޫކުރަން ނިންމާފައިވާ ބިމެއް. އެހެންނަމަވެސް ވަހީދު ހުށައެޅުއްވި އަދަދު އަޅުގަނޑަށްވުރެން ރަނގަޅުވީމަ އެމީހުން ވަޙީދަށް ދިނީ.”

      “ތި ބުނަނީ އެ ބިން އަހަރެން ބޭނުން ނުކުރާށޭތަ؟” 

      “އާދެ، އަޅުގަނޑު އެދެނީ އެ ބިން އަޅުގަނޑަށް ދެއްވުން.” ބަޝީރާއަށް ބަލާލާފައި އިތުރުކޮށްލިއެވެ. “ބަޝީރާ ވެސް އެގޮތް އެދޭނެކަން އަޅުގަނޑަށް ކަށަވަރު.” 

      “ހާދަ ބޮޑެތި ކަންތައްތަކެއްގެ ވާހަކައޭ މުޙަންމަދު ތި ދައްކަނީ؟” ވަހީދު ހައިރާންކަމާއެކު ބުނެލިއެވެ.

      “ވަޙީދަށް އެއީ އެއްވެސް ބޮޑުކަމަކަށް ނުވާނެ. އަޅުގަނޑަށް އެކަން ޔަޤީން.” ބަޝީރާ މުޙަންމަދުގެ ވާހަކައަށް ތާއީދު ކުރިއެވެ. “އެފަދަ ކިތައް ކަންތައްތޯ ވަޙީދު އެކިއެކި މީހުންނަށް ކޮށްދެއްވާފައި ހުރީ؟

ވަޙީދު ބަޝީރާއަށް އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި އިސްދަށަށް ޖެއްސެވެ. ކުޑައިރުކޮޅަކު ވިސްނާލާފައި ބުންންޏެވެ.

      “އަހަރެން އެ ބިން މުޙަންމަދަށް ލިބޭނެ ގޮތް ހަމަޖައްސާނަން. އަހަރެމެންގެ ކުންފުނި ގެސްޓްހައުސްގެ ވިޔަފާރީގެ ތެރެއަކަށް ދެނެއް ނުވަންނާނެ.”

މުޙަންމަދާއި ބަޝީރާވެސް ވަޙީދުގެ ހިތްހެޔޮކަމަށް ޝުކުރު އަދާކުރިއެވެ.   

މުޙަންމަދު، ވަޙީދުގެ ކޮޓަރިން ނުކުތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެގެންނެވެ. މުޙަންމަދަށް ރަނގަޅު ގޮތެއް މެދުވެރިވީތީ ބަޝީރާ ވެސް ހުރީ ވަރަށް އުފާވެފައެވެ. ވަޙީދު އެހާ ފަސޭހައިން މުޙަންމަދަށް އެކަން ކޮށްދިނީ، ބަޝީރާގެ ކިޔެވުމަށް މުޙަންމަދު ކުރި ޚަރަދުގެ ބަދަލެއްގެ ގޮތުގައި ބަޝީރާގެ ފަރާތުން ކޮށްދިން ކަމެއްގެ ގޮތުގައި ކަން ބަޝީރާއަށް އެނގެއެވެ. އަދި އެއީ ބަޝީރާ މުޙަންމަދުގެ ގާތުން ގެންދާތީ މުޙަންމަދުގެ ހިތް ރަނގަޅު ކޮށްލުމަށްޓަކައި ކުރި ކަމެއްކަން ވެސް  ބަޝީރާއަށް އެނގެއެވެ. ވަޙީދު ވެސް ހުރީ ބަޝީރާއަށް އެކަން ކޮށްދެވުނީތީ ވަރަށް އުފާވެފައެވެ. އެ ދެމީހުން އަންނަ މަހު ކައިވެނި ކުރާއިރު މުޙަންމަދު ކިޔާނެ އެއްޗެއް ނޯންނާނެއޭ ބަޝީރާގެ ހިތަށް އެރިއެވެ. ވަޙީދުގެ ހިތަށް ވެސް އެހެން އެރިއެވެ. 

ކޮޓަރިން ނުކުންނަމުން ބަޝީރާ ފަހަތް ބަލައިލިއެވެ. ވަޙީދު ބަލަހައްޓައިގެން ހުއްޓެވެ. އަތުގެ އިޝާރާތަކުން ވަޙީދު ސަލާމް ކޮށްލިއެވެ. ބަޝީރާވެސް އަސަރުގަދަ ހިނިތުން ވެލުމަކާއެކު އަތް ހޫރައިލިއެވެ.