ދިރި ހުރިހާ ހިނދަކު

ތިޔަ ލޯބި ނުވިނަމަ އަހަރެންގެ ހިތުގައި ދިރުމެއް ނުވީހެވެ. ވިއްދެއް ނުޖެހީހެވެ. އަހަރެންގެ ހިތަށް ފުރާނައައީ ތިޔަ ލޯތްބާ އެކުގައެވެ. އަހަރެންގެ ހިތަށް ތަސައްވަރުވާން ފެށީ ‘ސަމާ’ ފެނުމުންނެވެ. ހިތުގައި އަދި ވެސް ވަނީ ސަމާއެވެ. އޭރު ކުރެހުނު ސަމާގެ ޖާދުވީ ސޫރައެވެ. އަހަރެން ދިރި މިހުރީ އެއިން ލިބޭ އުފަލުންނެވެ. އަދިވެސް މިހުރީ ‘ސަމާ’ގެ އިންތިޒާރުގައެވެ.

ބުރުސޫރަ

ސަމާ ފެނުނު ވަގުތު އަހަރެންގެ ހިތް ތެޅުނެވެ. ދުވަހަކުވެސް ނުލިބޭ ހަކަތައެއް ލިބިގެންނެވެ. ހިތުގައި ރާޅުބަންޏެއް އުފެދުނެވެ. އެ ރާޅުބާނީގެ އޮއިވަރުގައި އަހަރެން ޖެހިއްޖެއެވެ. ތިޔަހަރަ ރީތި ބުރުސޫރައެއްގެ ސަބަބުންނެވެ. ސަމާ ތީ މަތިން ތިރިކުރި ފަރީއެއް ހެއްޔެވެ؟ ނޫނީ އުޑުން ފޭބި ހޫރަލް ޢީނެއްހެއްޔެވެ؟

ނަޞީބު

މި ދުނިޔެއިން ނަޞީބެއް މީހަކަށް ލިބޭނަމަ ނަޞީބު ލިބިފައި ވަނީ އަހަންނަށެވެ. ސަމާ ތީ އެ ނަޞީބެވެ. ސަމާ ލިބުމުން އަހަރެންގެ ހިތް އުފަލުން އުދުހެނީއެވެ. އަހަރެންގެ ދުނިޔެއަށް ބަހާރު މޫސުން އައީއެވެ. ގަސްގަހުގައި މާތަށް ފަރިވެ ފޮޅެނީއެވެ. ދުނިޔެ މި ދަނީ ދިރެމުން އުޖާލާ ވަމުންނެވެ. 

ހަނދުވަރު

ހަނދު މިރޭ ލަދުން ނާރާނެއެވެ. ހަނދުވަރެއް ނުދޭނެއެވެ. މިރޭ އެ ހަނދު ނޭރިއަސް ހެވެވެ. ސަމާ ތީ ހަނދެވެ. ބިމުގައި ވާ ހަނދެވެ. ތިޔަ ހަނދުގެ ހަނދުވަރު މާ ރީއްޗެވެ. ތިޔަ ހަނދުވަރުގައި ހާދަހާ އަރާމު ހޫނެއް އެބަހުއްޓެވެ. ތިޔަ ހަނދުވަރުގައި ވަނީ ހާދަ އޮމާން އަލިކަމެކެވެ. އަހަރެންގެ ހިތް އަލިކޮށްފިއެވެ. އަހަރެން މަސްތުކުރުވައިފިއެވެ. އަހަރެން ބޭނުން ވަނީ ތިޔަ ހަނދުވަރުން ގިރިޓީވެލާށެވެ. 

ހިތް ދެވުނު ދުވަސް

ގަސްދަށުގައިވާ ފަތްތައް އަދިވެސް ހަމަ އެހާ ބޮލެވެ. މަޑުމަޑުން މަޑުމަޑުން ފައި އަޅަމުން އައިސް މި ހޮޅު މަތީގައި ސަމާ އިށީނެވެ. ގަހުގައި ވާ ފަތްތައް ވަޔާ ހެލިލިއެވެ. ސަމާގެ ފައި ކައިރީގައިވާ ފަތްތައް ވަޔާ ނަށައިލިއެވެ. ސަމާ އަހަންނަށް ބަލައިލިއެވެ. އަހަރެން ފެނުމުން ސަމާ ސިއްސައިގެން ދިޔައެވެ. އެއީ ސަމާއަށް އަހަރެންގެ ހިތް ދެވުނު ދުވަހެވެ. ހަނދާންވޭ ހެއްޔެވެ؟

ފިލާނުދާ ހަނދާންތައް

ރުކުން ފަންވަތެއް ހެލިލިޔަސް ހީވަނީ ސަމާގެ ހިލަމެއް ވަނީ ހެންނެވެ. ގަސްދޮށުން ދޮން ފަތެއް ވަޔާ ފުރޮޅިލިޔަސް ހީވަނީ ސަމާ އަންނަހެންނެވެ. ދުރުން ރާޅުގެ އަޑު އިވުމުން ވެސް ހީވަނީ ސަމާގެ ހުނުމުގެ އަޑު އިވޭހެންނެވެ. އަތްވާއި ވާރޭގައި އަހަރެން ހަނާވެ ދިޔަކަމުގައި ވިޔަސް މި ހިތަކުން ސަމާގެ ހަނދާންތަކެއް ފިލާ ނުދާނެއެވެ