ސަމާ މުޅި ދުވަސް ހޭދަކުރީ ޚިޔާލީ ދުނިޔެއެއްގައެވެ. އެނާގެ ހިތަށް އެރިއެވެ. ‘ދުނިޔެ މީ ކިހިނެއް ކަންކަން ހިނގާ ތަނެއް ހެއްޔެވެ؟ މީގެ ދުވަސްކޮޅެއް ކުރިން މަންމަ އަހަރެމެނާއެކު އުޅުނެވެ. ކުދިން ތިބީ އުފަލުންނެވެ. މިއަދު އެ މަންމަ އެވަނީ ފަސްގަނޑު ދަށު ގައެވެ. ކުދިންތައް އެތިބީ އަދި ވެސް އެ ހިތާމައިގެ ތެރޭގައެވެ. ބައްޕަ އެ އުޅެނީ ޖާނުގައި ވަރު ހުރި ޒުވާނަކާ އިންނާށެވެ. އައު ދިރިއުޅުމެއް ފަށާށެވެ. އެ ދިރިއުޅުމުގައި އަހަރެމެން ތިބޭނީ ކޮންތާކު ކަމެއް ނޭނގެއެވެ. ހަމަ ގައިމު ވެސް ގޭގެ ވެރިއަކަށް މަންމަ ހުރި އިރު ކަންތައް އޮތް ގޮތަކަށް އެހެން މީހަކު ގޭގެ ވެރިއަކަށް ވުމުން ކަންތަކެއް ނޯންނާނެއެވެ. އަސްމާ އައުމާއެކު މިގޭގެ ހަމަތަކާއި ތަރުތީބުތައް އެފުށް މިފުށަށް ޖެހިގެން ދާނެއެވެ.’ 

ސަމާގެ ޚިޔާލު ކުރިޔަށް ދިޔައެވެ. ‘ބައްޕަ މީހަކާ އިނދެގެން މިތަނަށް ގެނައުމާމެދު ކޮއްކޮމެން ދެކޭނީ ކިހިނެއް ހެއްޔެވެ؟ ހަމަ ގައިމު އެ ކުދިން އުފަލެއް ނުވާނެއެވެ. މުންތާޒު ވަރަށް ހިތްހަމަ ނުޖެހޭނެއެވެ. އެކަކު ވެސް ހިތްހަމައެއް ނުޖެހޭނެއެވެ. އަސްމާ އަހަރެމެނާ މެދު ދެކޭނީ ކިހިނެއްބާވައެވެ. އަދި ވަކިން އަހަންނާ މެދު ދެކޭނީ ކިހިނެއްބާވައެވެ. ގުޅޭނެ ބާވައެވެ. ގާތް ވާނެ ބާވައެވެ.’ 

ސަމާގެ ހިތަށް އެރިއެވެ. ‘ބައްޕަ އަސްމާއަށް ރަނގަޅު ވާނެ ހެއްޔެވެ؟ ފުރަތަމަކޮޅު ރަނގަޅުވާނެއެވެ. މަންމަ ބުންޏެވެ. ބައްޕަ ކުރިން ރަނގަޅެވެ. އެހެންނަމަވެސް ކުދިން ލިބި މަސައްކަތް ބުރަވެ ދިރިއުޅުން ދަތިވެ މަންމަގެ ހަށިގަނޑަށް ނިކަމެތިކަން ލިބެން ފެށުމުން ބައްޕަ ބަދަލުވާން ފެށިއެވެ. އަމުދުން މާލެ އައި ފަހުން ބައްޕަ ވަނީ ވަރަށް ބޮޑަށް ބަދަލުވެ މުޅިން އެހެން މީހަކަށް ވެފައެވެ. މާލޭގެ ވައިފެނަށް މާ ބޮޑަށް ދިރުނީއޭ މަންމަ ބުންޏެވެ. މަންމަ އެ ބުނި އެއްޗެއްގެ މާނަ މި އެނގުނީ އަދި ކިރިޔާއެވެ. މަންމައަކީ ވަރަށް ކެތްތެރި މީހެކެވެ. އަހަރެމެންނަކަށް އެވަރަކަށް ކެތްތެރިއެއް ނުވެވޭނެއެވެ. އެ ގޮތަކަށް އަޅުވެއްޗެއް ނުވެވޭނެއެވެ.’

ސަމާ ހިތާހިތާ ބުނެލިއެވެ. ‘ކޮންމެ ގޮތެއް ވިޔަސް ކޮއްކޮމެން ނިކަމެތި ވިޔަކަ ނުދޭނަމެވެ. ކޮއްކޮމެންގެ ކަންތައް ބަލަހައްޓާނަމެވެ.’ 

އެރޭ އަށެއް ޖެހިއިރު ސަމާމެން އެންމެން ތިބީ ކައި ނިންމައިގެން ޒިކުރާއަށް ބުއްފުޅި ވެސް ދީ ނިންދަވައިގެން އެ މީހުންގެ ދޮންމަންމަ އައުމުގެ އިންތިޒާރުގައެވެ. 

      “ބައްޕަ ބުނީ މަންމައެއް އަންނަނީއޭ” ބިލާލު ބުނެލިއެވެ.

      “ދޮންމަންމައެއް.” ޝިޔާމާ އިތުރު ކޮށްލިއެވެ.

      “ދޮން މަންމައެއްތަ؟” ބިލާލު ޔަގީން ކޮށްލަން ބޭނުންވިއެވެ.

      “އެއީ މަންމައެއް ނޫން.” މުންތާޒު ބުންޏެވެ. “އަހަރެން ނުކިޔާނަން މަންމައެކޭ. އަދި ދޮންމަންމައެކޭ ވެސް ނުކިޔާނަން.”

      “ދޮންތައަކަށް ވެސް އެހެންނެއް ނުކިޔޭނެ.” ސަމާ މުންތާޒާ ބައިވެރިވިއެވެ. “އަހަރެން ކިޔާނީ ދައްތައޭ.”

      “އެހެން ވީއިރު މަވެސް ކިޔާނީ ދައްތައޭ.” ޝިޔާމާ ވެސް ބައިވެރިވިއެވެ.

      “އެންމެން ވެސް ދައްތައޭ ކީމާ ނިމުނީނު؟” މުންތާޒު ކަނޑައެޅިއެވެ.  

      “ހުރިހާ ކުދިން ވެސް ދައްތައަށް ރަނގަޅު ވާތި.” ސަމާ އެދުނެވެ.

      “ބައްޕަވެސް އެހެން ބުނި.” މުންތާޒު ބުންޏެވެ. “އެކަމަކު ދައްތަ ރަނގަޅު ވިއްޔާ އަހަންނަށް ރަނގަޅު ވެވޭނީ.”

      “ދައްތަ ރަނގަޅުވާނެ.” ސަމާ ޔަޤީންކަން ދިނެވެ.

އިރުކޮޅެއް ނުވެ ދޮރު ހުޅުވައިލި އަޑު އިވިއްޖެއެވެ. ހުރިހާ ކުދިން އެ ދިމާއަށް ބަލައިލިއެވެ. ދޮރުން އެ ވަނީ ކުދިންގެ ބައްޕަ ދޮންމަންމަ ގޮވައިގެންނެވެ. ތިރީހަކަށް އަހަރުގެ ރީތި އަންހެނެކެވެ. ލައިގެން ހުރީ އެންމެ މިހާރުގެ ހެދުމެކެވެ. ކަނދުރާއާ ހަމައަށް ކޮށާލާފައިވާ ފަން އިސްތަށިގަނޑެކެވެ. ކަންފަތުގައި ރިހިކުލައިގެ ދިގު ކެވެލި ފަށެއް ލާފައި ހުއްޓެވެ. ކަރުގައި ވެސް ރިހި ކުލައިގެ ފަލަ ފަށެއް އޮތެވެ. ކޮންމެ އިނގިއްޔެއްގައި ހެން އަނގޮޓިއެއް އޮތެވެ.    

      “އެހާ ދޮން މަންމައެއް ނޫން.” ބިލާލު ބުނެލިއެވެ. ސަމާ ބިލާލަށް އެއްޗެއް ނުބުނަން އިޝާރާތް ކުރިއެވެ. ނަސީބަކުން ބިލާލުގެ އަޑެއް އެ މީހުންނަކަށް ނީވެއެވެ.

އިދުރީސް އޭނާ ގޮވައިގެން އެތެރެއަށް ވަދެފައި މިހިރީ އަސްމާއޭ އެ ކުދިންގެ ދޮންމަންމައޭ ބުންޏެވެ. ދޮންމަންމަ ވަށައިގެން ހޯދައިލިއެވެ. ކޯޗެއް ފެންނާނީ؟ ފެންނާނީ ބައުކަމެވެ. ފެންނާނީ ފަޤީރުކަމެވެ. ފެންނާނީ އެކި އުމުރުގެ ކުދިން ތަކެކެވެ. 

އިދުރީސް ފަހަރަކު ކުއްޖަކު ތަޢާރަފުކޮށްދިނެވެ. އެންމެ ފުރަތަމަ ސަމާއެވެ. ސަމާއާ ސަލާން ކުރި ވަގުތު އަސްމާ ސަމާއަށް ފުންކޮށް ބަލައިލިއެވެ. އެ ބަލައިލުން ސަމާއަކަށް މާނައެއް ނުކުރެވުނެވެ. އަސްމާ ހުރީ އުފާވެފައި ކަމެއް، ދެރަވެފައި ކަމެއް، ނުވަތަ ކަންބޮޑުވެފައި ކަމެއް އެއިން ސަމާއަކަށް ނޭނގުނެވެ. އެންމެ ފަހުން ކުޑަ ކޮއްކޮ ދައްކާފައި އެއީ ޒިކުރާއޭ ބުންޏެވެ. ބައްޕަ ޒިކުރާއޭ ކިއުމުން މުންތާޒު އުފާ ވިއެވެ. ބައްޕަ އެ ނަން ގަބޫލުކުރީތީއެވެ. ސަމާ ހީކޮށްގެން ހުރީ ޒިކުރާ ގައިގައި ދައްތަ ފިރުމައިލާނެ ކަމަށެވެ. އެކަމަކު އަޅައެއް ނުލިއެވެ. މުންތާޒު ދޮންތަގެ މޫނަށް ބަލައިލިއެވެ. އަސްމާ އެ ހިސާބަށް ގޮސްފައި އެންމެން ތިބެނީ މި ތަންކޮޅުގައި ހެއްޔޭ އެއްސެވެ. ކުދިން ނިދަނީ މިތަނުގައޭ އަހަރެމެން ނިދަނީ މީގެ އަނެއް ފަރާތުގައޭ ބުނެފައި އަސްމާ ގޮވައިގެން އިދުރީސް އެ ބަޔަށް ވަދެއްޖެއެވެ. 

ހުރިހާ ކުދިން އެމީހެއްގެ ޖާގައިގައި އޮށޯވެއްޖެއެވެ. އެކަކު ވެސް އެކައްޗެއް ވެސް ނުބުނެއެވެ. 

ވެފައި ހުންނަ ވަރުބަލި ކަމާއެކު ބާލީހުގައި ބޯޖެހޭ އިރަށް އެހެން ރޭރޭ ސަމާ އަށް އޮންނާނީ ނިދިފައެވެ. މިރޭ ސަމާ ގެނބިގެން ދިޔައީ މަންމަގެ ޚިޔާލުގެ ތެރެއަށެވެ. ނިދުނީ އެތައް އިރެއް ފަހުންނެވެ. 

ކުއްލިއަކަށް ސަމާއަށް ހޭލެވުނީ ބައްޕަގެ ބައިން އަޑެއް އިވިގެންނެވެ. ކަންފަތް ދީގެން އަޑު އަހަން އޮތެވެ. އެއީ ކޮން އަޑެއްކަން ސަމާއަށް އެނގިއްޖެއެވެ. ދައްތަގެ އަޑެވެ. އެ އަޑުގައި އެކުލެވިގެން ވަނީ އުފަލެވެ. ލައްޒަތެވެ. ސަމާގެ ހިތަށް އެރިއެވެ. ބައްޕަ ހާދަ ގޯހެވެ. ކޮޓަރިން އަދި މަންމަގެ ވަސްވެސް ފިލައިގެންނެއް ނުދެއެވެ. އެ އެނދުން މަންމަގެ ހޫނުކަން ވެސް ނުކެނޑެއެވެ. އެކަމަކު އެ އޮތީ އެހެން މީހަކު ކައިރީގައި ބާއްވައިގެން އުފާކުރާށެވެ. ސަމާ ގާތަށް ވަރަށް ރުޅިއައެވެ. ކަންފަތް މަތީގައި ބާލީސް އަޅައި ބާރުކޮށްލިއެވެ.