
ސަމާ އިނީ ބައްދަލުވުމަށް ތައްޔާރު ވެގެންނެވެ. އޭނާ ދައްކާނީ ކައިވެނީގެ ވާހަކައެވެ. ސަމާ ބުނާނީ ނޫނެކޭއެވެ. އޭނާ ދައްކާނީ އޭނާއާ ކައިވެނި ކުރުމުން ލިބޭނެ ފައިދާގެ ވާހަކައެވެ. ސަމާ ބުނާނީ ބޭނުން ނުވެއޭއެވެ. އޭނާ ބުނާނީ ސަމާ ދެކެ ލޯބިވެއޭ އެވެ. ސަމާ ބުނާނީ ތިޔަ ލޯބި ބޭނުމެއް ނޫނޭއެވެ. ކިތަންމެ ފަހަރަކު ކިތަންމެ ގޮތަކަށް އެއްސަސް ބުނާނީ ނޫނެކޭއެވެ.
ގަޑިން ބަރާބަރު އެގާރަ ޖެހި އިރު އަޙުމަދު މޫސާއާއެކު ސެކެއްޓެރީ ސަމާގެ ކޮޓަރިއަށް ވަނެވެ. އޭނާ ލައިގެން ހުރީ އަތްބުރި ހުދުގަމީހަކާއި ކާކީ ކުލައިގެ ފަޓުލޫނެކެވެ. ސަމާ ހުރީ ތަންކޮޅެއް ދުރުގައެވެ. އޭނާއާ ސަލާން ނުކުރަން ވެގެންނެވެ. ސޯފާގައި އިށީނުމަށް އިޝާރާތްކުރިއެވެ. އަޙުމަދު މޫސާ ފާޑަކަށް ސެކެއްޓެރީއާ ދިމާއަށް ބަލައިލާފައި ސޯފާގެ ދިގުކޮށް ހުރި ގޮނޑީގެ މެދުގައި އިށީދެއްޖެއެވެ. ސެކެރެޓަރީ ވެސް ކަންބޮޑުވެފައި ހުރި ކަހަލަގޮތަކަށް މަޑުކޮށްލާފައި ސަމާ އިޝާރާތެއް ކޮށްލުމުން ހިނގައްޖެއެވެ. އެހެން މެހުމާނަކު ނަމަ ސަމާ އެ ގޮތަކަށް އަމަލު ނުކުރާނެއެވެ. ސަމާއަކީ މެހުމާނުދާރީ އަދާ ކުރުމުގައި ލާމަސީލު މީހެއްކަން އެ އޮފީހުގެ އެންމެން ދަންނާނެއެވެ. އަޙުމަދު މޫސާއާ މެދު ސަމާ އެގޮތަށް ކަންތައް ކުރީ ކީއްވެގެންކަން ސެކެއްޓެރީއަށް ނޭނގުނު ނަމަވެސް އެއީ ކީއްވެގެންކަން އަޙުމަދު މޫސާއަށް އެނގޭނެއެވެ.
ސަމާ މަޑުމަޑުން އައިސް ކޮޅު ގޮނޑީގައި އިށީދެ މަޑުވެސް ކޮށްނުލައި ވާހަކަދައްކަން ފެއްޓިއެވެ. “އަޙުމަދު މޫސާއަށް އެނގެއެއްނު އަހަރެން އަޙުމަދު މޫސާއާ ވާހަކަދައްކަން ބޭނުން ނުވާކަން؟ ދެން ކީއްކުރަން އެހާ ވަރަކުން ބައްޕަ މެދުވެރިކޮށްގެން އަހަންނާ ބައްދަލުކުރަންވެގެން ތި އުޅެނީ؟”
“އަހަންނަށް އެނގޭ ސަމާ އަހަރެން ދެކެ ރުޅި އަންނާނެކަން. ސަމާއަށް އަހަރެން ދެކެ ރުޅި އައުމުގެ ޙައްޤު އެބައޮތް. އެކަން އަހަރެން ގަބޫލުކުރަން. އަހަންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއް. އަހަރެން އެކަމަށް އަނެއްކާ ވެސް މަޢާފަށް އެދެން.”
“އެކަންތައް އެ އޮތީ ވެފައި.” ސަމާ ބުންޏެވެ. “އެކަމަކަށް އަހަރެން މާފެއް ނުކުރާނަން. އޭގެ ބަދަލު ކޮންމެވެސް ދުވަހަކުން އަހަރެން ހިފާނަން. އެ ވާހަކަ ދައްކާކަށް މިހާރަކު ބޭނުމެއްނޫން.”
މާފު ނުކުރާނަމޭ ބުނުމުން އޭނާގެ މޫނުމަތީގެ ސިފަ ބަދަލުވެގެން ދިޔައެވެ. އެހެން ނަމަވެސް ހިނދުކޮޅަކަށެވެ. ޙަޤީޤަތުގައި ސަމާ އެކަމުގެ ބަދަލު ހިފާނަމޭ ބުނާތީ އެކަމަކާ އަޙުމަދު މޫސާއެއް ކަން ބޮޑެއް ނުވެއެވެ. ސަމާ އެހެން ބުނާތީ އަޙުމަދު މޫސާއަށް ހިތާހިތާ ހެވެއެވެ. އަޙުމަދު މޫސާއަކީ ހުޝިޔާރު ވިޔަފާރިވެރިއެއްކަމަށް ވާތީ އޭނާއަށް ލަނޑުދިނުމަށް ކިތަންމެ ބަޔަކު މަސައްކަތްކުރެއެވެ. މިހާތަނަށް ވެސް އެއިން މީހަކަށް ވެސް އަޙުމަދު މޫސާއަކަށް ކުރެވުނު ކަމެއް ނެތެވެ. އެއަށް ވުރެން އޭނާ މާ ހުށިޔާރެވެ. އަމުދުން ޒުވާން އަންހެންކުއްޖަކަށް އޭނާއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އަޙުމަދު މޫސާ ދެކޭ ގޮތުގައި ޒުވާން އަންހެން ކުދިން މާބޮޑަށް ރުޅިއައީމާ އެ މީހުންނަށް ނުކުރެވޭނެ ކިތަންމެ ކަމެއް ކުރާނަމޭ ހިތަށް އަރާނެއެވެ. އެ ހީކުރާ ކަންތައް ކުރެވޭނެކަމުގެ ހުވަފެން ދެކޭނެއެވެ.
“އަހަރެން މި އައީ އެވާހަކަ ދައްކާކަށެއް ނޫން.” އަޙުމަދު މޫސާ ބުންޏެވެ. “އަހަރެން މިއައީ އަހަންނަކީ ކާކުކަން ސަމާއަށް ކިޔައިދޭން.”
“އަހަންނަށް އެނގޭ ތީ ކާކުކަން. ތީ ކިހާ ވަރެއްގެ ކާކުކަން ކިތަންމެހާ ވެސް ރަނގަޅަކަށް ވެސް އަހަންނަށް އެނގޭ.” ސަމާ ފޫހި ރާގެއްގައި ބުންޏެވެ.
“ސަމާއަށް ތި އެނގެނީ ހަމައެކަނި އަހަރެންގެ އުޅުމުގެ ގުރުޑު ވެފައިވާ ތަންކޮޅެއް” އަޙުމަދު މޫސާ ބުންޏެވެ. “އަހަރެންގެ އުޅުން ގުރުޑު ވާން ދިމާވި ސަބަބު ސަމާއަށް ކިޔައިދޭން މިއަދު މިއައީ. ސަމާ ވާނެ ވަރަށް ރަނގަޅަށް އަޑު އަހަން. ހީކުރަން ރެކޯރޑް ކުރެވޭގޮތަށް ހަދާފައި ނެތްކަމަށް.”
“އަހަންނަކީ މީހުން ދައްކާ ވާހަކަ ރެކޯރޑްކުރާ މީހެއްނޫން.” ސަމާ ބުންޏެވެ. “ތި ކިޔައިދޭން ވެގެން އުޅޭ ވާހަކައެއް ކިޔަން ވީއެއްނު؟”
އިށީނދެ އިންތަނުގައި ހަމަޖެހިލިއެވެ. ކަރުކެހިލިއެވެ. ސަމާއަށް ބަލައިލިއެވެ. ފުން ނޭވާއެއް ލާފައި ވާހަކަދައްކަން ފެއްޓިއެވެ.
“އަހަންނަކީ ވެސް ބ. އަތޮޅު މީހެއް. އަހަންނަކީ އޭދަފުށީ މީހެއް. އަހަންނާ ސަމާގެ މަންމައަކީ ކުޑައިރުގެ ދެ ލޯބިވެރިން. އެއީ މަރިޔަން ކިޔަވަންވެގެން އަހަރެމެން ރަށަށް ގޮސް ހުރިއިރު.”
ސަމާގެ މަންމަ އޭދަފުށީގައި ކިޔަވަން ހުރި ވާހަކަ އޭނާގެ މަންމަ އޮތީ ކިޔައިދީފައެވެ. އެހެން ނަމަވެސް ލޯބިވެރިއެއްގެ ވާހަކައެއް ކިޔައެއް ނުދެއެވެ. އަދި މީހަކު ކިޔާތީވެސް އަޑެއް ނީވެއެވެ. މަންމަ ބުނާ ގޮތުގައި އޭރު މަންމަގެ އުމުރުން ވާނީ ފަނަރަ ވަރަކަށް އަހަރެވެ. ސަމާ އެވާހަކަ އަޑު އަހާހިތްވިއެވެ.
“އޭރު އަހަރެންގެ އުމުރުން ވާނީ ސަތާރަ ވަރަކަށް އަހަރު.” އަޙުމަދު މޫސާ ބުންޏެވެ. “އަހަރެމެން ކިޔަވަމުން ގެންދިޔައީ އެއް ކުލާހެއްގައި. އޭރު އުމުރުން ދޮށިނަމަވެސް ސްކޫލުގައި ކިޔަވަމުން ގެންދެވޭ.”
އަޙުމަދު މޫސާގެ ވާހަކަ މަޑުޖައްސައިލިއެވެ. ތުންފަތް ފިއްތާލައި ހިން ދިރުވައިލިއެވެ. “އެ އުމުރުގައި ލޯބި ވެވުމަކީ ވަރަށް އަސަރު ހުރި ކަމެއް. ވާހަކަ ކުރުކޮށްލުމަށްޓަކައި ބުނާނަމަ ބުނެވޭނީ އަހަރެމެން ދެމީހުންގެ ހިތަކީ ދެ ހަށިގަނޑެއްގައި ވާ އެއް ހިތެއްކަމަށް. އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބި ވީ މިންވަރަކީ އެކަކު އަނެކަކަށް ހިބަކުރި ކަމަށް ބުނެ، އަހަރެމެން ދެމީހުންގެ އަތުގައި އަންދައިގެން ދެމީހުންގެ ނަމުގެ ފެށޭ އަކުރު އެޅިން.”
އޭނާގެ ވާއަތް ދަމާލަފައި އޮޅަނބޮއްޓާ ދިމާލުން އަތުގެ އެތެރެފަރާތް ސަމާއަށް ދައްކާލާފައި ބުންޏެވެ. “ސަމާ ބަލާލަބަލަ. މި އޮތީ މަރިޔަންގެ އެމް އަކުރު. މި އެޅީ އަހަންނެއް ނޫން. މި އަކުރު އަޅައި ދިނީ މަރިޔަން. މަރިޔަން އަތުގައި އޮންނާނެ އަހަރެން އެޗް އަކުރު އަޅައިދީފައި. އަހަރެމެން އެކަންތައް ކުރީ އަލިފާން ދަނޑި ބޭނުންކޮށްގެން. ވަކި ހިސާބަކަށް އަލިފާން ދަނޑީގެ ހުޅުކޮޅު ދިއުމުން ފުމެ ނިއްވާލަނީ. އޭރު ގެންގުޅުނު އަލިފާން ދަނޑީގައި އިރުކޮޅެއް ވަންދެން އަލިފާންކޮޅެއް ހުރޭ. އެ އަލިފާންކޮޅު ހަރުވާނެ. ދެން އޭތިކޮޅު ހަމުގައި ޖައްސައި އަތް ފިއްސާލަނީ. އަކުރު ފުރިހަމަ ވަންދެން މި ގޮތަށް ކުރިޔަށް ގެންދަނީ. ފާރު ހިކޭއިރު ލަކުނު ހުންނާނީ މިގޮތަށް ހުދުކޮށް. މިހާރު ގިނަ ދުވަސް ވުމުގެ ސަބަބުން ފަނޑުކޮށް ހުރި ނަމަވެސް އޭރު ވަރަށް ސާފުކޮށް ފެންނަން ހުރޭ.
ސަމާ އިނީ ހައިރާން ވެފައެވެ. ސަމާ އަޙުމަދު މޫސާގެ އަތަށް ބަލައިލިއެވެ. ފަނޑު ފަނޑުކޮށް އެމް އަކުރު ފެންނަން ހުއްޓެވެ. ސަމާ ހައިރާންވީ މި އަކުރު އެޅި ގޮތަކުންނެއް ނޫނެވެ. އެ ދެ މީހުންގެ ލޯބީގެ ވަރުގަދަކަން ހިތަށް އަރާފައެވެ. ލޯބީގެ ވަރުގަދަކަން އެނގޭނީ ލޯބީގައި ޖެހުމުންނެވެ. ލޯބި އެއީ ކިހާ ލޯބި އެއްޗެއްކަން އެނގޭނީ ލޯބި ތަޖުރިބާ ކުރެވުމުންނެވެ. ސަމާގެ މަންމަ އެވަނީ ލޯބީގައި ޖެހިފައެވެ. ސަމާގެ މަންމަ އެ ވަނީ ލޯބި ތަޖުރިބާ ކޮށްފައެވެ.
“ކުދިންގެ ކަންކަން ސްކޫލުން ވަރަށް ބޮޑަށް ބަލަމުން ގެންދާތީ އަހަރެމެން އުޅުނީ ވަރަށް ސިއްރުން.” އަޙުމަދު މޫސާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. “އެކަމަކު އަހަރެމެން އޭރު ވަނީ ލޯބީގައި ދީވާނާވެފައިކަމުން މިކަން ފަޅާއަރައިފި. މި ޚަބަރު މަރިޔަންގެ ބައްޕަމެނަށް ލިބިގެން މަރިޔަން ރަށަށް ގެންދިޔައީ. އެ ގެންދިޔަ ދުވަހުގެ ކުރީ ރޭ އަހަރެމެން ކޮންމެ ގޮތެއް ވީނަމަވެސް އެކަކު އަނެކަކާ ވަކި ނުވާން ވައުދުވިން. އެތަކެއް ފަހަރު ވަޢުދުވިން.”
އަޙުމަދު މޫސާގެ ލޮލުން ކަރުނަ ފޫދިއްޖެއެވެ. އޭނާގެ ޖީބުން ނެގި ތުނި ހުދު ރުމާލަކުން ކަރުނަ ފޮހެލިއެވެ. އެވަގުތު ސަމާ ވެސް ފެންކަޅިވިއެވެ.
“އަހަރެން ހުރިން. އަހަރެން އިންތިޒާރުކުރިން. މަރިޔަން ރަށަށް ދިޔަތާ ކުރީ ކޮޅު ދޭތެރެ ދޭތެރެއިން ޚަބަރުދަބަރު ވޭ. އޭރު ސިޓީއެއް ފޮނުވޭނީ ވެސް ވަރަށް އުނދަގުލުން. އެހެން ނަމަވެސް ސިއްރުން އަހަރެމެން ދެމީހުން ވެސް ދޭތެރެ ދޭތެރެއިން ސިޓީ ފޮނުވަން. ފަހުން ފަހުން އައިސް އަހަރެންގެ ސިޓީއަކަށް ޖަވާބެއް ނުލިބޭ. ޚަބަރެއް ނުވޭ. ދޮޅު އަހަރެއްހާ ދުވަސް ފަހުން ސިޓީއެއް ލިބުނީ. ސިޓީއެއް ނޫން. ނޯޓެއް.
އަޙުމަދު މޫސާ މާނޭވާއެއް ލިއެވެ. ވަރުބަލިވެގެން މީހަކު ލޯ މަރައިލާ ގޮތަށް ލޯމަރައިލިއެވެ.
“އަހަންނަށް ލިބުނު މަރިޔަންގެ ނޯޓުގައި އޮތީ ބައްޕަމެން މަޖުބޫރުކުރުމުގެ ސަބަބުން އެ ރަށު އިދުރީހަކާ އިންނަން ޖެހުނީއޭ. މާފުކުރާށޭ. ދެން ތިމަންނަ މަތިން ހަނދާން ނައްތާލާށޭ. ހަނދާން ނައްތާލުމަކީ މަރިޔަމަށް ފަސޭހަ ކަމަކަށް ވީނަމަވެސް އަހަންނަކަށް އެކަން ފަސޭހައެއް ނުވި. ސަމާ ވިސްނާ އަހަންނަށް ވާނެ ގޮތް. އަހަރެން ހަމަ މޮޔަވީ. ހަމަ ރީއްޗަށް މޮޔަވީ. އަހަރެން ހިތަކުން އެންމެ އިރުކޮޅަކު ވެސް މަރިޔަން ފުރައިގެން ދިޔަ މަންޒަރު ފިލައިގެނެއް ނުދޭ. އެ ދުވަހު، ދޯނި ފުރައިގެން ދިޔައިރު ކަކޫތާފެނަށް އެރިހުރެ މަރިޔަމޭ ނުދާށޭ ކިޔައި އަހަރެން ހަޅޭއްލަވައިގަތް އަޑު އަހަރެންގެ ކަންފަތަކުން ނުފިލާ. ކާއެތިކޮޅެއް އަރަކުން ނުދިރޭ. ލޮލުފިޔައެއް ނުޖެހޭ. ފެންވަރާ ހިތެއް ނުވޭ. ހެދުން ބަދަލުކުރާ ހިތެއް ވެސް ނުވޭ. ކޮންމެ ދުވަހަކު ހަވީރު އުދަރެހަށް ބަލަހައްޓައިގެން ގޮނޑުދޮށުގައި އެކަނި މާއެކަނި އިނިން. ހަނދުވަރު ދޭ ރޭރޭ ގޮނޑުދޮށުގައި އެކަނި އިނދެގެން ހަނދާ ވާހަކަ ދައްކަމުން ދިޔައިން. ދޮންވެލިގަނޑު މަތީގައި މަރިޔަން ނުދާށޭ ކިޔައި ލިޔަމުން ދިޔައިން. ރަށްރަށުން ދޯނިފަހަރު އަންނައިރު އެއިން ފައިބާ މީހުންނަށް ބަލަހައްޓައިގެން އިންނަން. ދޯނިން ފައިބާ އަންހެން ކުދިންތަކުގެ ތެރެއިން މަރިޔަން ފެނިގެން ކިތަންމެ ދުވަހަކު ކައިރިއަށް ދިޔައިން. ކިތަންމެ ދުވަހަކު އެހެން ކުދިންނަށް މަރިޔަމޭ ކިޔައި ގޮވައިލެވުނު. މީހުން ދުށީ އަހަންނަކީ މޮޔައެއް ކަމަށް.” ވާހަކަ މެދުކަނޑައިލިއެވެ. އިސްދަށަށް ޖެއްސެވެ.
ސަމާއަށް މި އެނގެނީ ސަމާގެ މަންމަގެ ޙަޔާތުން ސަމާއަށް ނޭނގޭ ބައެކެވެ. ސަމާގެ މަންމަގެ ޙަޔާތާ ގުޅިފައިވާ ވާހަކަ ތަކެކެވެ. އެ ދައްކަނީ ސަމާއަށް މުޅިން އައު ކަމެއްގެ ވާހަކައެވެ. ޢިޝްޤީ ލޯބީގެ މަސްތުގައި ޖެހިފައިވާ ވާހަކައެވެ. ސަމާ އެ ވާހަކަ އަޑު އެހަން އިނީ ޝައުޤުވެރިކަމާ އެކުގައެވެ. އެކަމަކު، ސަމާ އެއްވެސް އެއްޗެއް ނުބުނެއެވެ. ސަމާ އެއްޗެއް ބުނާނެ ތަނެއް ވެސް ނެތެވެ.
އޭނާ އިސް އުފުލައިލިއިރު އޭނާގެ ލޮލުން ކަރުނަ ފައިބައެވެ.
“އަހަރެން ކަނޑައެޅިން ދެން އަންހެންކުއްޖަކު ދެކެ ލޯބި ނުވާން.” އޭނާ ކިޔައިދިނެވެ. “އަހަރެންގެ ހިތުގައި އަންހެނުންނަށް އޮތް ގަދަރު މުޅިން ފިލައި ދިޔަ. އެ މީހުން ދެކެ އަހަރެން ފޫހިވި. ރުޅި އައި. އަހަރެން ބޭނުންވީ އަންހެނުންނަށް ޖެއްސުންކޮށް ދެރަދީ އެ މީހުނަށް ކެހިވެރިވާން. އެ އުޅުމުގައި ދުވަސްކޮޅަކު ރަށުގައި އުޅުމަށްފަހު ރަށުގައި ވެސް ނުހުރެ އެހެން ތަނަކަށް ދާން ބޭނުންވެގެން އުޅުނު އުޅުމުގެ ތެރޭގައި އަހަންނަށް އާދެވުނީ މާލެއަށް. މާލެއަށް އައުމުން އަހަންނަށް ކުރެވެން ހުރި ކަންތައް އަހަންނަށް ފެނިއްޖެ. ވަރަށް ފަސޭހައިން މުއްސަންޖަކަށް ވެވިދާނެ މަގު އަހަނަށް ފެނިއްޖެ. ފައިދާހުރި ވިޔަފާރިއެއްގެ ދޮރު ހުޅުވިއްޖެ. އެ ވިޔަފާރީގައި އަހަންނަށް ބާރަށް ކުރިޔަށް ދެވިއްޖެ.
އަހަރެން އެންމެ ޒުވާން އިރު، އަތުގައި ލާރިވެސް ހުރުމާއެކު އަހަންނަށް އޮތް އިސްލާމް ދީން ހުއްދަކުރާ އެންމެ ގިނަ އަދަދަކަށް މީހުންނާ އިނުމުގެ ފުރުޞަތު. އެކަމަކު އަހަރެން ނުވި މީހަކާ އިންނަ ހިތެއް. ވަނީ އެ މީހުންގެ ބޭނުންކޮށްލާ ހިތް. ގަބޫލު ނުވަންޏާ ގަދަކަމުންވެސް.”
ކުރިން ގުޑައިވެސް ނުލައި އަޑު އަހަން އިން ސަމާ، އަޙުމަދު މޫސާގެ ވާހަކަ އެ ހިސާބަށް ދިއުމުން ކުޑަކޮށް ގޮނޑީގައި އިށީނދެ އިންގޮތް ބަދަލުކޮށްލިއެވެ. އަންހެނުން ދެކެ އެހާ ރުޅިއަންނަ މީހަކު އަދި މީހަކާ އިންނަން ބޭނުން ނުވާ މީހަކު އެހާ ވަރަކުން އޭނާއާ އިންނަންވެގެން އެ އުޅެނީ ކީއްވެގެން ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެހެން އަހަން ވެސް އޭނާ ބޭނުން ވިއެވެ. ނަމަވެސް އަޙުމަދުމުސާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“އަހަންނަށް އެނގޭ ސަމާ ހިތަށް އަރާނެކަން އެހެން ވީއިރު ކީއްވެހޭ އަހަރެން ސަމާއާ ކައިވެނިކުރަން ބޭނުންވެގެން މި އުޅެނީ. މަރިޔަން އަހަންނާ ވަކިވިފަހުން އަހަންނަށް މަރިޔަން ފެނުނީ ސަމާމެން މާލެ އައުމުން. ސަމާގެ މަންމަ އަހަންނަށް ފެނުމާއެކު އަހަރެންގެ ހަނދާންތައް އެނބުރި އަތުވެއްޖެ. އަހަރެން ވަރަށް އުފާވި މަރިޔަން ފެނުމުން. އަހަރެންގެ ތަނެއްގައި މަރިޔަންގެ އާއިލާ ތިބެން ދިމާވުމަކީ ވެސް އަހަރެން އުފާކުރިކަމެއް. އަހަރެން އެތަނަކަށް ކުލި ވެސް އަތުނުލަން. ބައްޕަ ގާތު ބުނެފައި އޮންނާނެ އެކަން މަރިޔަމަށް ނާންގާށޭ ގަބޫލު ނުވެދާނެއޭ.”
“ކުލި ނުހޯދީ އަހަރެން އަޙުމަދު މޫސާއާ ދެވަން ކަމަށް ބައްޕަ އެއްބަސް ކުރުވާފައެއްނު؟” ސަމާއަށް ނީނދެވިގެން އެއްސެވެ.
“ނޫން. ދުވަހަކު ވެސް އަހަރެން އިދުރީހުގެ ގާތަކު ސަމާގެ ވާހަކައެއް ދައްކާފައެއް ނޯންނާނެ.” އަޙުމަދު މޫސާ ބުންޏެވެ. “ސަމާގެ މަންމައާ މެދު އިދުރީސް ކަންތައް ކުރާ ގޮތުން އަހަރެން ވަރަށް ދެރަވޭ. އިދުރީހަކީ މަރިޔަން އަށް ޙައްޤު މީހެއްނޫން. އަހަރެން ކުރިން އިދުރީހަށް ނަޞޭޙަތް ދިނިން. ބަދަލެއް ނައުމުން ދަނޑިވަޅެއް ހޯދައިގެން އަހަރެން މަރިޔަން ގާތު ބުނިން އަންނާށޭ، އަހަރެންގެ ހިތުގައި އަދި ވެސް އޮތީ މަރިޔަމޭ. އާންނާށޭ. ކުދިން ތިބިނަމަވެސް ވަރިހަމައޭ. އަންނާށޭ. އަހަރެން މިހިރީ މަރިޔަމާ އިންނާށޭ.” ވާހަކަ މަޑުޖައްސާލާފައި އަނެއްކާ ވެސް އިސްދަށަށް ޖެއްސެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ބުންޏެވެ. “މަރިޔަމަކީ ވެސް ވަރަށް ބޯ ހަރު މީހެއް. މަރިޔަމެއް ނައި. ބުނީ ތިމަންނަގެ ހިތުގައި ވެސް އަހަރެން ވެއޭ. އެކަމަކު ހިތުގައި ވަޅުލާފައޭ ވަނީ. އަހަރެން ނޫން މީހަކު އެ ހިތަކު ނެތޭ. އެކަމަކު ދެނެއް ނުދެވޭނެއޭ. މިހާރަކު ނުދެވޭނެއޭ. ސަމާ ހަނދާން ވޭތަ އަހަރެން އެއްދުވަހަކު މަންމައާ ވާހަކަދައްކަން ހުއްޓާ ސަމާ ސްކޫލުން ނިމިގެން އައިސް ވަން ވަގުތު ސަމާގެ މަންމަ ބުންޏެއްނު، ދެން މިހިރީ އަހަރެންގެ ދަރިފުޅޭ؟”
ސަމާ އެ ހަނދާން ވިއެވެ. އެކަމަކު ޖަވާބެއް ނުދެއެވެ.
“އެކަމަކު މަންމަ އެހެން ބުނީމައެއްނޫން ސަމާއާ އަހަރެން ކައިވެނި ކުރަން ބޭނުންވަނީ.” އޭނާ ބުންޏެވެ. “އަހަރެން ސަމާއާ ކައިވެނިކުރަން ބޭނުންވަނީ އަހަންނަށް މަރިޔަން ނުލިބުނީތީ. މަރިޔަމާ ސަމާ ވައްތަރުކަމުން. ސަމާ ފެނުމުން އަހަންނަށް ހީވަނީ މަރިޔަން ފެންނަހެން.”
އަޙުމަދު މޫސާވެސް ގޮނޑީގައި އިން ގޮތް ބަދަލުކޮށްލިއެވެ. އޭނާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“އަހަންނަށް އެދުވަހު ސަމާއާ މެދު އެގޮތަށް ކަންތައް ކުރެވުނީ އަހަރެންގެ މި ބުނި ހިތްދަތި ތަޖުރިބާތަކުގެ ސަބަބުން އަހަރެންގެ ސިކުންޑިއަށް ވެފައިވާ ގޮތަކުން، އަހަރެންގެ އުޅުމަށް އަންނަ ބަދަލަކުން، އަހަންނަށް ވާގޮތެއްގެ ސަބަބުން. އަހަރެން އެކަމަށް އަދި ވެސް މަޢާފަށް އެދެން. އަހަރެން ސަމާ ގާތުން އާދޭހާ އެކު އެދެނީ އަހަންނަށް މާފުކުރުން. އަހަންނާ ކައިވެނިކުރުން.”
ސަމާގެ މަންމަގެ ސަބަބުން ވީކަމަކާ ސަމާއާމެދު އޭނަ ކަންކުރި ގޮތަކާ ގުޅުވާކަށް ސަމާ ބޭނުމެއް ނުވެއެވެ. އޭނާގެ އުޅުމަށް އައިސްފައި އެވާ ގުރުޑުކަމަކުން އެ ވާގޮތެއްގެ ސަބަބުން އެނާއަށް ކުރެވޭ ކަމެއް އެހެން އަންހެނުންނާ މެދުގައި ކުރަމުން ދިއުމަކާ ވެސް ސަމާގެ މަންމަ ކަންކުރިގޮތަކާ ގުޅުވާކަށް ސަމާ ބޭނުމެއް ނޫނެވެ. އޭނާ އެ ބުނާ ގޮތުން ކިހާ އަންހެނުން ތަކަކަށް އޭނާ އަނިޔާ ދީފައި ވާނެ ހެއްޔެވެ؟ ކިހާ އަންހެނުންތަކެއް ހާލުގައި ޖައްސާފައި ވާނެ ހެއްޔެވެ؟ ކިހާ އަންހެނުންތަކެއްގެ މުސްތަޤުބަލްގައި ހުޅުޖަހައިފައި ޥާނެ ހެއްޔެވެ؟ ސަމާ މިއަދު އަޙުމަދު މޫސާގެ ކިބައިން ހިފަން ޖެހެނީ އޭނާއަށް ދިން އަނިޔާގެ ބަދަލު އެކަންޏެއް ނޫނެވެ. އެހެން ހުރިހާ އަންހެނުންނަށް ދިން އަނިޔާގެ ބަދަލު ވެސް އޭނާ ހިފަން ޖެހޭނެއެވެ. ސަމާ އަޙުމަދު މޫސާ އަކަށް މާފުކުރާކަށް ބޭނުމެއް ނޫނެވެ. ސަމާ ބޭނުމީ ހަމަ އެކަމުގެ ބަދަލު ހިފާށެވެ.
“އެހާވަރަށް ލޯބިވެގެން އުޅުނު ދެ މީހުންނަށް ނީނދެވުނީތީ އަހަރެން ދެރަވަން. އެކަމަކު މަންމަގެ މަޖުބޫރުކަން އަޙުމަދު މޫސާއަށް ވެސް ގަބޫލު ކުރެވޭކަމަށް އަހަރެން ހީކުރަން. އަޙުމަދު މޫސާ އަހަރެންގެ މަންމައާ މެދު ބެހެއްޓި ގާތްކަމަށްޓަކައި އަހަރެން ޝުކުރުކުރަން. އެކަމަކު އަހަރެން އަޙުމަދު މޫސާއަކާ ކައިވެންޏެއް ނުކުރާނަން. އަހަންނަކަށް ނެތް އަޙުމަދު މޫސާ އަހަންނަށް ދިން އަނިޔާއަށް މާފުކުރެވޭކަށް. އަހަރެން އޭގެ ބަދަލު ހިފާނަން
