ލޯބިވާކަން ދެއްކުން
ފާހަގަކުރެވިފައިވާ ގޮތުގައި ދިވެހި ދެމަފިރިން އެކަކު އަނެކެއްގެ ކިބައިން އެންމެ ބޮޑަން ބޭނުންވަނީ އަޅާލުމާއި ތެދުވެރި ލޯތްބެވެ. މި ކަންކަން ޢަމަލާއި ބަހުން އަންގައި ދިނުމެވެ.
މި ލިޔުންކޮޅުގައި މި ވަނީ އެކަކު އަނެކަކު ދެކެ ލޯބިވާކަން އަންގައިދެވިދާނެ ބައެއް ގޮތެވެ.
ތަޢުރީފުގެ ބަހެއް
އެކަކު އަނެކަކަށް ކަންކަން ކޮށްދިނުމަކީ ދެމަފިރިން ކުރަން ޖެހޭ ކަމެކެވެ. އެއީ އަނެކާގެ ފަރާތުން ހެޔޮ ބަހެއް ހޯދުމަކަށް ނޫނެވެ. އެހެންނަމަވެސް، ފިރިމީހާ ކޮށްދޭ ކަންތަކަށް އަނބިމީހާ ހެޔޮ ބަސްތައް ރައްދުކުރުމަކީ، އަދި އަނބިމީހާ ކޮށްދޭ ކަންތަކަށް ފިރިމީހާ ތަޢުރީފުގެ ބަހެއް ބުނެލުމަކީ އެކަކު އަނެކެއްގެ ފަރާތުން އެފަދަ ކަންކަން ތަކުރާރުވުމަށް އެދޭކަން ހާމަވާ ކަމެކެވެ.
ލަފާ ހޯދުން
ގިނަ ފަހަރަށް އަނބިމީހާ މައްސަލައެއްގެ ވާހަކަ ފިރިމީހާ ގާތު ބުނަނީ އެ ވާހަކަ ފިރިމީހާއަށް އިއްވުމަށެވެ. ކޮންމެހެން އެކަމުގެ ހައްލު ހޯދާކަށް ނޫނެވެ. ފިރިމީހާ، ކަންކަމުގައި އަނބިމީހާގެ ލަފާ ބޭނުންވާ ކަމަށް ނުދެކިދާނެއެވެ. އެކަމަކު، އޭގެ ބަދަލުގައި، ކަންކަމުގައި އެކަކު އަނެކެއްގެ ލަފާ އަހައި އެ ކަންކަމާ މެދު މަޝްވަރާ ކުރާނަމަ، އެކަކު އަނެކެއްގެ ލަފައަށް މަރުޙަބާ ކިޔާކަން އެނގޭނެއެވެ. އެކަމުން ލޯބިވާކަން އިހުސާސް ކުރެވޭނެއެވެ.
ހެދުން އެޅުން
އަންހެނުންގެ ހެދުމަށް ފިރިހެނުން ޝައުޤުވެރި ވެއެވެ. ފިރިމީހާއަށް ރީތިވާ ގޮތަށް އަނބިމީހާ ހެދުން އަޅާނަމަ އޭނާ އެކަން ކުރަނީ ތިމަންގެ ރުހުން ހޯދަން ކަމާއި ރުހުން ބޭނުންވަނީ ތިމަންދެކެ ލޯބި ވާތީކަން ފިރިމީހާއަށް ގަބޫލުކުރެވޭނެއެވެ. ގިނަ ފަހަރަށް ފިރިހެނުންނަކީ ހެދުން އެޅުމަށް އެހާ ސަމާލުކަން ދޭ ބައެއް ކަމަކަށް ނުވެއެވެ. އެހެން ނަމަވެސް، އެކަމަށް އަނބިމީހާގެ އެދުން އޮތްކަމަށް ފެންނަ ނަމަ އެކަމަށް ސަމާލުކަން ދިނުމަކީ އަނބިމީހާ އެދޭގޮތަށް ފިރިމީހާ ކަންކުރަން ބޭނުންވާކަން ދެއްކޭނެ ކަމެކެވެ.
ސަމާލުކަން ދިނުން
އެކަކު އަނެކަކަށް ސަމާލުކަން ދޭކަން އަންގައިދިނުމަކީ ލޯބިވާކަން ހާމަކުރެވޭނެ ކަމެކެވެ. އޭނާ ބޭނުންވާނަމަ މިކަން ކުރަން ފިރިމީހާއަށް ފަސޭހަ ވެއެވެ. ސަބަބަކީ، ގޭގައި އެކުގައި އުޅެން ލިބޭ ވަގުތުގައި، ގޭގައި އޭނާ ކުރާ ކަންކަން އަނބިމީހާއަށް ވުރެން މަދުވުމެވެ. އަނބިމީހާ އަވަދިނެތި އުޅޭ ވަގުތުގައި އެކަމުގައި ބައިވެރިވެލާނަމަ، އޭނާއާ އަޅާލާކަން އަނބިމީހާއަށް ގަބޫލުކުރެވޭނެއެވެ. އަނބިމީހާއަކީ އެއް ފަހަރާ އެތައް ކަމެއް ކުރާ މީހެކެވެ. އެކަމުގެ ކުޅަދާނަކަން އޭނާއަށް ލިބިގެން ވެސް ވެއެވެ. ދަރިފުޅުގެ ކަމެއްގައި އުޅެމުން ވެސް ފިރިމީހާއަށް ސަމާލުކަން ދިނުމަކީ އަނބިމީހާހަށް ދަތިކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، އެގޮތަށް އެކަން ކުރުމުން އޭނާއަށް ސަމާލުކަން ދޭކަމަކަށް ފިރިމީހާއަށް ގަބޫލު ނުކުރެވިދާނެއެވެ. އެހެން ހުރިހާ ކަމަކާ ދުރުވެ ހުރެ ހަމަ އެކަނި އޭނާއަށް ސަމާލުކަންދޭ ނަމަ އޭނާ ދެކެ ލޯބިވާކަމަށް ފިރިމީހާއަށް ގަބޫލުކުރެވޭ މިންވަރު ބޮޑު ވާނެއެވެ.
ހިތް ބަންޑުންކޮށްލިޔަ ދިނުން
ޖަމާޢަތުގައި ބެލިފައި އޮންނަނީ ފިރިހެނުންނަކީ އެ މީހުންގެ އިހުސާސްތައް ބޭރު ނުކޮށް ހިފަހައްޓަން ޖެހޭ ބައެއްގެ ގޮތުގައެވެ. އިހުސާސްތައް ބޭރުކުރުމަކީ ފިނޑި ކަމެއްގެ ގޮތުގައި ދެކޭތީ ފިރިހެނުންނަށް އެމީހުންގެ އިހުސާސްތައް ބޭރުކޮށްލެވޭ ތަންތަން މަދެވެ. ފިރިމީހާގެ ހުރިހާ އިހުސާސެއް އަނބިމީހާ ގާތު ބަންޑުން ކޮށްލެވޭނަމަ، އަދި އަނބިމީހާ އޭނާގެ ހިތުގައިވާ ކަންކަމާމެދު ދައްކާ ވާހަކަތަކަށް ފިރިމީހާއަށް ކަނުލައި އަޑު އަހަމުންދެވޭ ނަމަ އެކަކުއަނެކަކުގެ އިހުސާސްތަކަށް އިހުތިރާމުކުރާކަން އެނގޭނެއެވެ.
އޭނާއާ ގަޔާވުން
ހިނގާފައި ދާނަމަ އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ދިއުމާއި، ފިރިމީހާގެ މޭގައި އަނބިމީހާ ބޯ އަޅައިގެން އޮތުމާއި ގައިގައި ފިރުމުން ފަދަ ކަންކަން ކުރުމުން އެކަކު އަނެކަކާ ގަޔާވާކަން ހާމަ ވާނެއެވެ.
އިސްކަން ދޭކަން ދެއްކުން
އަނބިމީހާވެސް އުޅޭނީ މަސައްކަތުގައެވެ. ފިރިމީހާ ވެސް މަސައްކަތުގައެވެ. އެހެން ނަމަވެސް، އެ ހުރިހާ ކަމެއްގެ ތެރޭގައި ވެސް އަނބިމީހާގެ އިސްކަށް ފިރިމީހާއަށް އޮތްކަން، އަދި ފިރިމީހާގެ އިސްކަން އަނބިމީހާއަށް އޮތްކަން ދައްކާނަމަ ލޯބިވާކަން އެނގޭނެއެވެ.
އުފާވެއޭ ބުނުން
ދިރިއުޅުމަކީ ދެމީހުންގެ ކަމެކެވެ. އެހެންނަމަވެސް، އޭނާއާ އެއްކޮށް އުޅެވުމަކީ އުފާވާ ކަމެއްކަމަށް ފިރިމީހާ އަނބިމީހާ ގާތު ބުނާނަމަ، އަދި އަނބިމީހާވެސް ބައިވެރިއާއެކުގައި އުޅެވުމަކީ ޙަޔާތުގައި ލިބުނު ނަސީބެއްކަމަށް ދޭހަވާފަދަ ބަސްތައް ބުނާނަމަ އެކަކު އަނެކަކު އަގުކުރާކަމާއި ލޯބިވާކަން ގަބޫލުކުރެވޭނެއެވެ.
