ލޯތްބަކީ އަނެކާއަށް އަރާމު ބާލީސް ދީފާ ތިމާ ބޭނުމީ އުނދަގޫ ބާލީސް ކަމުގައި ބުނުމެވެ. ކުރަން ޖެހިގެނެއްނޫނެވެ. އެކަން ކުރާ ހިތުންނެވެ. ލޯތްބަކީ ދަންވަރު ހޭލެވުމުން އޭނާ ގައިގާ ރަޖާ އަޅާލުމެވެ. މަޑުމަޑުން ފާޚާނާއަށް ވަނުމެވެ. ލޯތްބަކީ އަދި ނިދާލަން ބޭނުންވިޔަސް ހޭލުމެވެ. ނުވަތަ ހޭލަން ބޭނުންވިޔަސް އެހޫނުކަން އިހްސާސްވާ ހިސާބުގައި ލޯމަރާލައިގެން އޮތުމެވެ. ލޯތްބަކީ ބޫޓު ޕޮލިޝް ކޮށްދިނުމާ ބޮލުފޮތިކޮޅުގައި ކަޅު ދަތި ޖަހައިދިނުމެވެ. އެއީ ނަލަހެދި ނިމެންދެން ‘އަދި 2 މިނެޓު’ މަޑުކޮށްލުމެވެ. އަދި އެއީ ޓީޝަރޓުން ދަވާދު ފިލުވަން ދެއަތް ވާޅުވަންދެން އަތު ޖެހުނުހާ އެއްޗެއް އުނގުޅުމެވެ. ލޯތްބަކީ ކިތަންމެ ކާހިތްވެ އިނދެވެސް އެންމެ ފަހު ސާޓަނުގޭ ހަނޑުލު ގުޅަ، ކަދުރު ކޭކު ފޮތި، ފިހުނު މަސް ބުރި އޭނާއަށް ދިނުމެވެ. އަދި އެކަމާ އުފާވުމެވެ. ލޯތްބަކީ އެހެން މީހަކު މީރު އެއްޗެއް ދިއްކޮއްލިޔަސް އޭނާއަށް ވެސް ދެވޭނެ ނަމައޭ ހިތަށް އެރުމެވެ. ލޯތްބަކީ އޭނާ ދެކެ އެންމެ ނުރުހިފާ ހުންނަ ވަގުތުވެސް އެހެން މީހުން ކުރިމަތީ ދިފާއުކުރުމެވެ. އޭނާގެ އެބުނާ އުނި ސިފައަކަށްވުރެ ފުރިހަމަ ކަންކަން މާބޮޑަށްވެސް އިތުރުވީމައެވެ. ލޯތްބަކީ ކޮންމެ އަޑިގަނޑަކާ އުސްގަނޑަކަށްވެސް ފައްކާވެލުމެވެ. އަދި އަޑިގަނޑަކީ އުސްގަނޑެއްކަމުގައި ކިތަންމެ ވަރަކަށް ދައްކަން މަސައްކަތްކުރިޔަސް އެކަން ވިސްނި ޝަކުވާ ނުކުރުމެވެ. ލޯތްބަކީ އެކްޝަން މޫވީ ބާއްވާފާ ބްލެކް އެންޑް ވައިޓް ފިލްމެއް ބަލާލުމެވެ. ކުޑަކޮށް ތާއްޔާޖެހުނަސް އޭނާ އުފާކޮށްލުމަށެވެ. ލޯތްބަކީ އަނދިރީގައި އަތް ޖޯޑުވުމުން ލިބޭ ހިތްހަމަޖެހުމެވެ. އަނެކާގެ ގުގުރީގެ އަޑާނުލާ ލޮލުފިޔަ ޖަހަން އުނދަގޫވުމެވެ. އަދި އެއީ އަނެކާކެ ޝައުގުވެރިކަން ހުންނަ ކަންކަން އެނގެން މަސައްކަތްކުރުމެވެ. ތިމާއަށް އޭގެ ކަޅުދޮން ނޭނގުނަސް ހަމަގައިމުވެސް މަސައްކަތްކުރުމެވެ. ލޯތްބަކީ ފެންނުވަރާ މޫނު ނުދޮވެ ހުންނަ ވަގުތުވެސް ހާދަހާވާ ރީއްޗޭ ބުނެލުމެވެ. ވިހެއުމުގެ ވޭނާ ހަޅޭކާ އޮހޮރޭ ލޭތަކުން ތަތްތެޅިފައިވާ އިރު ވެސް ހަމަ އެހެން ބުނެލުމެވެ. އެއީ އިންސްޓަގްރާމްއަށް ލާ ގުދުރަތީ ރީތި މަންޒަރެއްގެ ފޮޓޯއަކާއެކު މޮޅު ޅެންވެރިއެއް އަމުނާލާފައިވާ ބަސްތަކެއްގެ ކެޕްޝަނަކުން ދޭހަވާ އެއްޗެއްނޫނެވެ. އެއީ ޔޫ އާ މައި ވަރލްޑް އޭ ބުނާ ފޭސްބުކް ސްޓޭޓަސް އެއްވެސް ނޫނެވެ. އަދި އެއީ 140 ކެރެކްޓަރގެ ޓްވިޓަރ ޕޯސްޓެއްވެސް ނުމެ ނޫންމެއެވެ. ލޯތްބަކީ ކުލަގަދަ އަޑުގަދަ އެއްޗެއްނޫނެވެ. ދެއްކުންތެރި ޖަރީކަން ބޮޑު ނާޗަރަންގީއެއް ނޫނެވެ. ލޯތްބަކީ މަޑު މަޑު ހިމޭން ވައިރޯޅިއެއްހާ އަރާމު، ފެނުން ތޮޅިލާ އިރުގެ އަވި ދޯދިއެއްހާ ތާޒާ، ސާދަ ވިލޭރޭގެ ހަނދުގެ ޗާލު ވިދުވަރު ފަދަ އުޖާލާ، ފައިގައި ބީހިލާ ރާޅުހާ ހިތްގައިމު، ހިތުގައި ކޮންމެ ދުވަހަކުމެ ދިރޭ، ކޮންމެ ހަރަކާތަކުން ފެންނަ، ހިތް ހަލާސް ހިތް ސާފު ހިތް ފުރޭ ޚިދުމަތެކެވެ.