ތިމަންމެންގެ ދަރިފުޅު ހެޔޮގޮތުގައި ބޮޑުކުރުމަށް ކޮންމެ މަޔަކާއި ބަފަޔަކު ނުހަނު ބޮޑަށް ބޭނުންވެއެވެ. އެ މީހުންގެ އުމުރުގެ ވަރަށް ބޮޑު ބައެއް އެކަމުގައި ހޭދަކުރެއެވެ. އެހެނަސް، މި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ އެކި މީހުންނަށް ލިބެނީ އެކި މިންވަރަށެވެ. ސަބަބުތައް ބައިވަރެވެ. ދެ ސަބަބަކަށް ބަލައިލާނަމެވެ

ތް ގުޅުން

ދަރިފުޅާއެކީ ގާތް ގުޅުމެއް ބޭއްވުން ވަރަށް މުހިންމެވެ. އަޅުގަނޑުމެންގެ ބެލެނިވެރިން ދަރިފުޅު އިނގިލިކުރީ ލައިގެން ސްކޫލަށް ދެއެވެ. ދަރިފުޅަށް ބޭނުންވާ ތަކެތި ހޯދައިދެއެވެ. ބޭނުންވާ ކަންތައް ކޮށްދެއެވެ. އެއީ ގާތް ގުޅުން ނޫންހެއްޔެވެ؟ އާނއެކެވެ. އެއީ ގުޅުން އޮންނާތީ މައިންބަފައިން ކުރާ ކަންކަމެވެ. އެކަމަކު، ކުއްޖާއަށް މައިން ބަފައިންގެ ގާތް ގުޅުމަކީ އެ ގުޅުން ކުއްޖާއަށް އިހުސާސްވާ ގުޅުމެވެ. މި ގުޅުން އުފެދޭނީ މަންމަގެ އިތުރުން ބައްޕަވެސް ގިނަގިނައިން ދަރިފުޅު އުރައި ލޯބި ކޮށްގެންނެވެ. ދަރިފުޅު ބޮޑުވަމުން ދާއިރު ދަރިފުޅާ އެއްކޮށް ވަގުތު ހޭދަކޮށްގެންނެވެ. އޭނާއާ ގިނައިން ވާހަކަދައްކައި، އޭނާއާ އެކިއެކި ސުވާލުތައް ކޮށް އޭނާގެ ސުވާލުތަކަށް ޖަވާބުދީ، އޭނާއަށް ވާހަކަ ކިޔައިދީ، އޭނާއާއެކު ކުޅިވެރުކުޅެ، ހީނސަމާސާކޮށް މަޖާކޮށް ހަދައިގެންނެވެ. އޭނާއަށް ސަމާލުކަމާއި ވަގުތު ދީގެންނެވެ

އިތުބާރު އުފެއްދުން

ދަރިފުޅާ މައިން ބަފައިނާ ދެމެދުގައި ހަރުދަނާ ގުޅުމެއް އުފައްދައި ދެމެހެއްޓުމުގައި އިތުބާރު އެއީ ވަރަށް މުހިންމު އެއްޗެކެވެ. މައިން ބަފައިންގެ މައްޗަށް ދަރިފުޅުގެ އިތުބާރު އުފައްދަން ޖެހެއެވެ. އެ އިތުބާރު އުފެދޭނީ އެންމެ ކުޑައިރު ވެސް އޭނާ ރޯން ފަށައިފިނަމަ އެއީ ކޮންމެވެސް ސަބަބަކާ ހުރެކަމަށް ދެކި އެކަމަކަށް ސަމާލުވުމުންނެވެ. ދަރިފުޅު އުރައިލުމަށް އެދޭ ފަހަރު ފަހަރު އެނާ އުރާލަ ދިނުމުންނެވެ. ދަރިފުޅު ބޮޑުވެގެން އަންނައިރު އޭނާ ކުރަން ބޭނުންވާ ކަންކަމުގައި ބައިވެރިވެ ހިއްސާކުރުމުންނާއި، ދަރިފުޅަށް އެއްވެސް ކަމަކުން ދަތިކަމެއް އުނދަގުލެއް ހިތްހަމަނުޖެހުމެއް ކުރިމަތިވާހިނދު އެކަމެއް ހައްލު ކުރުމުގައި އެހީތެރިވަމުން ދިއުމުންނެވެ. ކިޔެވުމުގައްޔާއި އެކިއެކި ކަންކަމުގައި އޭނާއާ މެދު ރަނގަޅުކޮށް ދެކިގެންނެވެ. ކަންކަމުގައި އޭނާއަށް ހިތްވަރުދީ ކަންކަން ޙާޞިލުކުރުމަށް އެހީވެ ދީގެންނެވެ

އިން ބަފައިން މި ގޮތަށް ޢަމަލު ކުރާނަމަ ދަރިފުޅު މައިންބަފައިންނަށް އިތުބާރުކުރާނެއެވެ. އޭގެ ސަބަބުން ދަރިފުޅާއި މައިންބަފައިންނާ ދެމެދުގައި އޮންނަ ލޯބި އިތުރުވާނެއެވެ. ގުޅުން ބަދަހިވާނެއެވެ. ދަރިފުޅާއި މައިންބަފައިންނާ ދެމެދުގެ ގުޅުން ބަދަހިވުމުގެ އިތުރުން، މި އިތުބާރުގެ ސަބަބުން ދަރިފުޅުގެ އަމިއްލަ ނަފުސަށާއި، އެހެން މީހުންނަށާއި ކަންކަމަށް ކުރެވޭ  އިތުބާރާއި އޮންނަ ޔަޤީންކަން އިތުރުވެ ހެޔޮގޮތުގައި ދަރިފުޅު ބޮޑުވުމަށް މަގު ފަހިވެގެން ދާނެއެވެ

ހެޔޮ ދަރިއެއްގެ ގޮތުގައި ދަރިފުޅު ބޮޑު ކުރެވޭ މިންވަރެއް ވަރަށް ބޮޑަށް ބިނާވެފައި އޮންނަނީ ބުނެވި މި ދިޔަ ކަންކަން މައިން ބަފައިންނަށް ކުރެވޭ މިންވަރެއްގެ މައްޗަށެވެ