ދުނިޔޭގެ ރެކޯރޑު ރާއްޖެއަށް
ދިވެހިރާއްޖެއަކީ ދުނިޔޭގައި ހަނީމޫން މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ ތަނެކެވެ. ކައިވެނި ކޮށްގެން ކައިވެނީގެ އުފަލުގައި ދުވަސްތައް ހޭދަކުރަން ބޭރު ޤައުމުތަކުން މީހުން އަންނަ ތަނެކެވެ. އެހެންނަމަވެސް، ދުނިޔޭގެ އެންމެ ވަރި ގިނަ ޤައުމުގެ ގޮތުން ދިވެހިރާއްޖެ ގިނަސްބުކް އޮފް ވޯލްޑް ރިކޯރޑްސްގައި ހިމެނިފައިވާކަމަށް ދަ ޓެލެގްރާފުން 26 ސެޕްޓެމްބަރ 2016 ގައި އޮލިވަރ ސްމިތް ފާހަގަކުރެއެވެ.
ސްމިތްގެ ރިޕޯޓުގައި ބުނާގޮތުން ދިވެހިރާއްޖޭގައި، ކޮންމެ އަހަރަކު އާބާދީގެ ކޮންމެ 1000 މީހުންގެ ތެރެއިން 10.97 މީހުން ވަރިކުރެއެވެ. ދިވެހިރާއްޖެއާ ޖެހިގެން އެންމެ ވަރި ގިނަ ގައުމުތަކުއި ވެސް މި އަދަދު އަރަނީ 4 އަށެވެ. އުމުރުން 30 އަހަރު ވާއިރު އެވްރެޖްކޮށް 3 ފަހަރު ދިވެހި އަންހެނުން ވަރިކުރާކަމަށް ޔޫ އެން ބުނާކަމަށް ވެސް އެ ރިޕޯޓްގައި ވެއެވެ.
ވަރި ގިނަވާ ސަބަބުތައް
ދިވެހިރާއްޖޭގައި މިހާ ވަރި ގިނަވާ ސަބަބު ފުރިހަމައަށް އަދި ދެނެގަނެވިފައި ނުވި ނަމަވެސް ސްމިތްގެ ރިޕޯޓްގައި ބައެއް ކަންކަން ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި، ރާއްޖެ މުސްލިމު ޤައުމަކަށް ވުމުން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިނގުން ބަލައިގަންނަގޮތުން އުމުރުން ހަގު އިރު ޖިންސީ ބޭނުމުގައި ކައިވެނިކުރުމާއި، ވަރިކުރުން ފަސޭހަވުމާއި، ތުއްތު ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ވަޞީލަތްތައް ރާއްޖޭގައި މަދުވުމުގެ ސަބަބުން ޢާއިލާގައި މައްސަލަތައް އުފެދުން އަވަސްވުމާއި، އަންހެނުން ވަޒީފާ އަދާކުރާ މިންވަރު އިތުރުވުން ހިމެނެއެވެ.
ދިވެހިރާއްޖޭގައި ވަރި ގިނަވާ ސަބަބުތަކާ ބެހޭގޮތުން އަޅުގަނޑުމެން އިންޓަވިއުކުރި 23 މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ދެކެނީ ރާއްޖޭގައި ކައިވެނި ރޫޅެން ދިމާވާ އެންމެ ބޮޑު ދެ ސަބަބަކީ ދެމަފިރިންނަށް ވާހަކަ ނުދެކެވޭތީއާއި އެކަކު އަނެކެއްގެ ބޭނުންތައް ދެނެނުގަނެވޭތީ ކަމަށެވެ. އެ މީހުން ބުންޏެވެ. “ގިނަ ދެމަފިރިންނަށް ވަރަށް ވާހަކަ ނުދެއްކޭ. މައްސަލައެއް ދިމާ ނުވާއިރު ވެސް ވާހަކަ ނުދެއްކޭ. އަމުދުން މައްސަލައެއް ދިމާވުމުން ވާހަކައެއް ނުދެއްކޭ. އެހެންވެ، މައްސަލަ ހައްލުކުރަން އުޅުމުގެ ބަދަލުގައި މައްސަލަ އަނެއްމީހާގެ ބޮލުގައި އަޅުވާފައި އަވަހަށް މައްސަލައިން ރެކިގަންނަން އުޅެވެނީ.” “ބައެއް ދެމަފިރިންނަށް އެކަކު އަނެކެއްގެ ބޭނުންތައް ދެނެގަނެވޭ މިންވަރު ވެސް ކުޑައީ. އެހެން ވަނީ ވެސް ވާހަކަދެއްކުމާއި ކަންކަމާމެދު މަޝްވަރާކުރުން މަދުވުމުން.”
މި ސަބަބުތަކާ ހުރެ، ނުވަތަ މި ނޫން އެހެން ސަބަބުތަކާހުރެ ނަމަވެސް ދެ މަފިރިން ވަރިފަށަށް އެރުމަކީ ކުއްލިއަކަށް ވާކަމެއް ނޫނެވެ. ސައިކޮލޮޖިސްޓް ޖޯން ގޮޓުމަން ހާމަކުރައްވާ ގޮތުގައި އެކަން 4 ހަރުފަތެއް ގިރާކުރެއެވެ.
ވަރިއާ ހަމައަށް ދާ ހަތަރު ހަރުފަތް
ކައިވެންޏަކީ މުޅިން ތަފާތު ޖިންސުގެ، ތަފާތު ވިސްނުމުގެ، ތަފާތު އުޅުމުގެ، އަދި މި ނޫންވެސް ތަފާތު އެތައް ކަމެއްގެ ދެ މީހަކު ގުޅިގެން އުފައްދާ ގުޅުމެއްކަމުގައި ވާތީ އެ ދެ މީހުންގެ ދެމެދުގައި މައްސަލަޖެހުމަކީ ދިމާ ވާނެ ކަމެކެވެ. މި ފަދަ މައްސަލަތައް ކާވެންޏެއް ރޫޅުމާ ހަމައަށް ދާއިރު 4 ހަރުފަތެއް ކަޑައްތުކުރާކަމަށް ސައިކޮލޮޖިސްޓް ޖޯން ގޮޓުމަން ބުނެއެވެ. ފުރަތަމަ ހަރުފަތަކީ ކަންކަމާ މެދު ދެބަސްވުމާއި ޒުވާބުކުރުމުގެ ހަރުފަތެވެ. މި ހަރުފަތުގައި ބައެއް އާއިލާތަކުން އެކަން ކާމިޔާބުކަމާއެކު ހައްލު ކުރެއެވެ. އަނެއްބައި އާއިލާތަކަށް އެކަން ހައްލު ނުކުރެވި ދެވަނަ ހަރުފަތަށް ދަތުރުކުރެއެވެ. ދެވަނަ ހަރުފަތަކީ އެކަކު އަނެކަކު ކުށްވެރިކޮށް، ގަދަރު ކުޑަކޮށް، އަގު ދައްކުރުމުގެ ހަރުފަތެވެ. މި ހަރުފަތުގައި ވެސް، ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށް ހަރުފަތުގެ ފުރަތަމަ ކޮޅުގައި ބައެއް އާއިލާތަކުން މައްސަލަ ހައްލުކުރެއެވެ. ހައްލު ނުކުރެވޭ ޢާއިލާތައް ތިންވަނަ ހަރުފަތަށް ދަތުރުކުރެއެވެ. ތިންވަނަ ހަރުފަތަކީ ތިމާ ސަލާމަތްވުމުގެ މަސައްކަތް ފަށާ ހަރުފަތެވެ. މި ހިސާބަށް ދިއުމުން ކައިވެނި ސަލާމަތްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ދެން ދާނީ ހަތަރުވަނަ ހަރުފަތަށެވެ. އެއީ ދެމަފިރިން ވަކިވާ ހަރުފަތެވެ.
ޕްރޮފެސަރ ގޮޓްމަން ބަޔާންކުރާގޮތުގައި ކައިވެނީގައި ދިމާވާ މައްސަލަތައް ހައްލުކޮށް ކުރިއަށް ދެވޭ މިންވަރު ބިނާވަނީ ދެމަފިރިންގެ އުންމީދުތަކާއި، ހުވަފެންތަކާއި އަގުކުރާ ކަންކަމުގައި ‘އެއްވައްތަރުކަން’ ހުރި މިންވަރެއްގެ މައްޗަށެވެ. މި ކަންކަމުގައި އެއް ވައްތަރުކަން ބޮޑުނަމަ ދިމާވާ މައްސަލަތައް ހައްލުކުރަމުން އެކުގައި ކުރިޔަށް ދިއުމަށް ފަސޭހަވެއެވެ. އެއްވައްތަރުކަން ކުޑަ ނަމަ މައްސަލަތައް ދިމާވާން ފެށުމުން އެ މީހެއްގެ އަމިއްލަ އުންމީދުތަކާއި ހުވަފެންތަކާ އަގުކުރާކަންކަމާ ދިމާލަށް އަވަހަށް ދީލާލުމުގެ ފުރުޞަތު ބޮޑު ވެއެވެ.
https://www.mentalhelp.net/articles/predictable-patterns-of-marriage-breakdown/
