(މީގެ 30 އަހަރުކުރިން ލިޔެފައިވާ ‘ޝާމް 2030’ ވާހަކައިން ނަގާފައިވާ ތަންކޮޅެއް)

ޝަރުމީލާގެ ސިޓީ ޖަލީލު ކިޔަމުން ގެންދިޔައިރު އޭނާގެ ލޮލުން ކަރުނަ އާދެއެވެ. “ނުދޭ. ނުދޭ. ޝަރު އަހަރެން ދޫކޮށްފައި ނުދޭ.” ޖަލީލަށް ރޮމުން ރޮމުން ހަޅޭއްލަވައިގަނެވުނެވެ. “އަހަރެންމީހަކާ ނީންނަން. ޝަރު ވަރިއެއް ނުކުރަން. އެއީ މުޅިން ދޮގު. އެއީ ނުލަފާ މީހެއްގެ ރޭވުމެއް.” ޖަލީލަށް ހަމަ ބާރަށް ރޮވެނީ އެވެ.

މިރުފަތު ޖަލީލު ކައިރިޔަށް އައިސް ޖަލީލުގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރި އެވެ. އެކަމަކު ކުޑަކުއްޖެއްހެން ޖަލީލަށް ހަމަ ރޮވެނީ އެވެ. ލޮލުން އޮހެމުން ދިޔަ ކަރުނައިގެ ތެރެއިން ސިޓީގެ އަކުރެއް ވަކި ނުވާއިރު ވެސް އެއަށް ބަލަހައްޓައިގެން އިނދެގެންނެވެ. އެތައް އިރެއް ވަންދެން އެހެން އިނުމަށްފަހު އެ ފަށްޖަހާފައި ޖީބަށްލި އެވެ. ކުއްލިއަކަށް އިންތަނުން ވަރަށް ބާރަށް ތެދުވެއްޖެ އެވެ. ފުންމައިގެންގޮސް ދެއަތުން މިރުފަތުގެ ގަމީހުގެ ގިރުވާނުގައި ހިފައި ތަޅުވައި ގެންފައި ގޮވަންފެށި އެވެ.

“ނުލަފާ މީހާ. ބަލާބަލަ ހުރި ގޮތްކުޑަކަން. އަހަރެންގެ އަންހެނުން މަރައިލާފައި އަހަންނަށް މާރަނގަޅުވެގެން
ކަމަށް އަދި އެބައުޅެ އެއްނު. ކަލޭ ބައްޕަޔަކީ މަތީމީހަކަށް ވީމަ، ރިޒޯޓްތައް އޮތީމަ ކޮންމެފަދަ ކަމެއްވެސް ކުރަންވީކަމަށްދޯ ހީކުރަނީ؟ އަތުލެވެން އޮތްގޮތަކަށް މީހުންގެ އަނބިން ވެސް އަތުލަންދޯ ބޭނުންވަނީ؟”

“ޖަލީލު ތަންކޮޅެއް މަޑުވެބަލަ. ހަމަ ޖެހިލަބަލަ.” ޖަލީލުގެ އަތުގައި ހިފައި ދުރުކުރުމަށް މަސައްކަތްކުރި އެވެ.
“އަހަރެން މި ބުނާ އެއްޗެއްގެ އަޑު އަހާ ބަލަ.”

ޖަލީލު މިރުފަތުގެ ގަމީހުގެ ގިރުވާނުން ދޫކޮށްލާފައި ކުޑަ ތަންކޮޅެއް ދުރަށް ޖެހިލައިފި އެވެ. އޭނާ ހުރީ ވަރަށް ރުޅި އައިސްފަ އެވެ.

“އަހަންނަކަށް ކުރީގައި ޖަލީލެއްނޭނގޭ. އަހަރެން ހީކުރީ ހަމަ އެހެން މީހުންކަހަލަ ބޯޓުދަތުރުކުރާ މީހެކޭތީ. އެއްވެސް ދޮގެއް ނަހަދާ މި ބުނަނީ. އަހަރެން ހީކުރިން ޝަރުމީލާއާ ޖަލީލަކާ އެކަށީގެނެއް ނުވެޔޭ. ޝަރުމީލާ ގާތުގައިވެސް އެހެންބުނިން. ޝަރުމީލާ ދެކެ އަހަރެން ލޯބިވާ ވާހަކަ ވެސް ބުނިން. އެނޫން އެއްވެސް ކަމެއް ނުވޭ. ޝަރުމީލާއަކީ ވަރަށް ހަރުދަނާ ކުއްޖެއް. ވަރަށް މާތް އިންސާނެއް.”

“ކަމެއް ނުވެއޭ ކިޔާފައި ކޮންދޮގެއް ހަދަނީ. އަހަންނަށް އުޅެން ޖެހުނީ ބޯޓުގައި ދުނިޔޭގެ ބޮޑެތި ކަނޑުތައް މަތީގައި ކަލޭ އުޅެމުންދިޔައީ އަހަރެންގެ އަންހެނުންނާއެކުއެގޭގައި. އެހެންވެއެއްނު ތި ސިޓީވެސް ކަލޭއަތަށް ލިބުނީ.”

“އެދުވަހު އެގޭގެ ބަޑޭރި ޝަރުމީލާގެ ކޮޓަރި ހުޅުވާފައި ހެޅޭއްލަވައިގަތް ވަގުތު އަހަންނަށް އެގޭގައި ހުރެވުނީ. ބަނޑޭރި
ފިޔަވައި އެންމެ ފުރަތަމަ އެތަންފެނުނީ އަހަންނަށް. އެންމެ ފުރަތަމަ އެސިޓީ ފެނުނީ އަހަންނަށް. އަހަރެންގެ ހިތަށް އެރީ ޝަރުމީލާއަށްޓަކައި އެސިޓީ ޖަލީލަށް އަހަރެން ރަށްދުކޮށް ދޭންވާނެއޭ. އެއީ އަހަންނަށް އެންމެ ފުރަތަމަ އެފެނުނީތީ. އަދި ޖަލީލު ދެކެ ޢަލީ މާހިރުމެން ރުޅިއަންނާނެ ވަރު ހީކޮށް އެމީހުނަށް އެސިޓީ ނުދެއްކުންވެސް އަހަރެންގެ ބޭނުމަކަށްވީ.”

“އެމީހުން އެ ސިޓީ ނުދެކޭތަ؟” ޖަލީލު ކުޑަކޮށް ހަމަޖެހުނެވެ.

“އާނ. އެމީހުނެއް ނުދެކޭ. ތަޙުޤީޤުކުރަން އައި މީހުން ލިއުމެއް އޮތްތޯ އެހި. އަމިއްލައަށް މަރުވާ މީހުން އާންމުކޮށް
ކޮންމެވެސް މެސެޖެއް ބާއްވާނެއޭ އެ މީހުން ބުނި. ޢަލީ މާހިރު ބުނި ނެތޭ. އަހަރެންވެސް ބުނިން ނެތޭ.”

“ވަރަށް ރަނގަޅު އަޅުގަނޑަށް މި ސިޓީ ރައްދު ކުރެއްވިކަން.” ޖަލީލު ހަޤީގަތުގައިވެސް އުފާވި އެވެ.
މިރުފަތަށް ޝުކުރު އަދާކުރަންވެސް ހިތަށްއެރި އެވެ. ނަމަވެސް، އޭނާގެ ހިތުގައި އަދިވެސް މިރުފަތަށް ވަނީ ރުޅިވެރިކަމެވެ. ޖަލީލު ހިތަށްއެރި އެވެ. ‘މީކޮންކަހަލަ މީހެއް؟ ދައްކާ ވާހަކަ ވަރަށް ރީތި. ހިއެއް ނުވޭ އެއްވެސް ނުލަފާ ކަމެއް ކޮށްފާނެހެންނެއް. ނުލަފާ މީހުން ބޭރު ފުށުން ވަރަށް ރީތިކުރާނެ. އެރީތި ކަމުގެ ނިވަލުގައި ތިބެގެން އެމީހުން ހެއްދެވިހާ ނުލަފާ ކަމެއް ކުރާނީ.’

“އަޅުގަނޑު ދަނީ” އެންމެ ފަހުން ޖަލީލު ކޮޓަރިން ނުކުންނަން ހިނގައިގެންފި އެވެ.

“ޖަލީލު ސިފައިން ގެއަށް ގެންދާނެ ވަރަށް އަވަހަށް.” ޔަޤީންކަމާއެކު މިރުފަތު ބުންޏެވެ. “ގެންދިއުމުން
އަހަރެން ބުނިގޮތަށް ބުނާތި. އަހަރެން ބަލާނަން އަދި އެހެން ގޮތެއްވެސް ވޭތޯ. ޖަލީލާ ބައްދަލުވީތީ ވަރަށް އުފާކުރަން. ކަމެއް ބޭނުންވެއްޖިއްޔާ ގުޅާލާތި.” މިރުފަތު ސަލާމް ކުރަން އަތްދިއްކުރި އެވެ. ޖަލީލު ސަލާމް ކުރަން ބޭނުން ނޫންނަމަވެސް ސަލާމް ކުރިއެވެ.

“ކާރުގައި ދާންވީނު؟ މިރުފަތު ބުންޏެވެ.

“ނޫން. އަޅުގަނޑު ދެންދާނީ ޝަރުމީލާގެ މަހާނަ ދޮށަށް. މިތަނާ އެހާ ދުރެއްވެސް ނޫން.” މިހެން ބުނަމުން
ހިނގައިގެންފި އެވެ.

އިމާރާތުން ބޭރަށް ނުކުތްއިރު އުޑުމަތި އޮތީ ވަރަށް ބޮޑަށް ބަނަވެފަ އެވެ. ދެންމެ ދެންމެ ވާރޭ ވެހިގެންފާނެހެން ހީވެއެވެ. ނަމަވެސް ޖަލީލު ދިޔައީ މަހާނަދޮށަށެވެ. ޖީބުގައި އޮތް ސިޓީ ނަގައި ކުޑަކުޑަކޮށް ފަށް ޖަހާފައި އޭނާގެ ވޮލެޓަށް ލިއެވެ. ވާރޭ ވެހުނަސް ސިޓީ ތެމުނަ ނުދިނުމަށެވެ. އޭނާގެ ހިނގުން އާދަޔާ ޚިލާފަށް ބާރެވެ. އެއީ ވާރޭ ވެހެން އުޅޭތީއެއް ނޫނެވެ. ޝަރުމީލާއާ ކައިރިއަށް އަވަހަށް ދާން ބޭނުންވާ ވަރުންނެވެ.

މަހާނައިގެ ބޯލާކޮޅުގައި ބިންމަތީގައި ދެއަތްތިލަ ބާއްވައިގެން ދެކަކޫ ޖަހައިގެން އިށީނދެއްޖެ އެވެ. ޝަރުމީލާއަށް ސުވަރުގޭގެ ރަޙްމަތް ލެއްވުމަށް އެދި ދުއާކުރި އެވެ.

“ޝަރު، ޖަލީލު އެހެން މީހަކާ ނީންނަން. ޝަރު ވަރިކޮށްފައި ސިޓީއެއް ނުފޮނުވަން. އެއީ ހުސްދޮގު.”
މަހާނައިގައި ފިރުމަމުން އޭނާ ވާހަކަދެއްކިއެވެ. “އެއީ އަނިޔާވެރި ރޭވުމެއް. ޝަރުގެ ބައްޕަމެންނަށް ކިޔައިދީފިން. އެމީހުން ފުރަތަމަ ގަބޫލެއްނުކުރި. އެކަމަކު އަދި ކުރާނެ. ކުރަންޖެހޭނެ. އަހަރެން މުޅިދުނިޔެއަށް ގަބޫޅުކޮށްދޭނަން ޝަރުގެ ފިރިމީހާއަކީ ރަނގަޅު މީހެއްކަން. ޝަރު، އަހަރެން ދަތުރުކޮށްފައި މިއައީ ހާދަ ބޮޑު އުއްމީދެއްގައޭ. އަހަރެން މިއައީ ޝަރުގެ ލޯބީގެ އުނގުގައި ބޯއަޅާލައިގެން އޮވެ މި ހުރިހާ ދުވެހެއްގެ އެކަނިވެރިކަން ހަނދާން ނައްތައިލުމަށް. އަހަރެންގެ މިލާފައިވާ ހިތަށް ޝަރުގެ ލޯބީގެ ހަރަކާތްތަކުން ދިރުން ގެނައުމަށް. ޝަރުގެ ލޯބީގެ ބާރުން އަހަރެންގެ ހިތްދަތި މާޒީ އަބަދަށްޓަކައި ދުރަށް ޖައްސައިލުމަށް. ނަމަވެސް އައި އިރު… ޝަރުދެކެ އަހަރެން ވަރަށް ލޯބިވޭ. އަހަރެންގެ ހިތް ހަލާކުވެއްޖެ. އަހަރެންގެ އުއްމީދު ގެއްލިއްޖެ. މާޔޫސްވެއްޖެ. އަހަރެމެންނަށް މިދުނިޔެ މިދިނީ ކޯއްޗެއް؟ ހިތްދަތިކަން. އެކަނިވެރިކަން.” ޖަލީލަށް ރޮވެން ފެށިއެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގެންފި އެވެ. ހަމަ އެވަގުތު ވާރޭ ވެހިގެންފިއެވެ އެވެ. އުޑުމަތީގައިވާ ވިލާތައް ވެސް ޖަލީލުގެ ހިތާމައިގައި ބައިވެރިވި ކަހަލަ އެވެ.

“ޝަރު، އަހަރެން ޝަރުދެރަވެދާނެ އެއްވެސް ކަމެއް ނުކުރަން. ޝަރު. ޝަރު ގަބޫޅުކުރަންދޯ؟”
“އާނ ޖަލީލު.” ޝަރުމީލާ ގެ އަޑު ޖަމީލަށް އިވުނުހެން ހީވި އެވެ. “އަހަންނަށް މިހާރު އެނގިއްޖެ. ހުރިހާ
ކަމެއް ސާފުވެއްޖެ. ޖަލީލު އަހަންނަށް މައާފުކުރޭ. އަހަންނަށް އެވާހަކަ ގަބޫޅުކުރެވުނީ. އަދި އެ ސިޓީއަކީ ޖަލީލުގެ ސިޓީއެއް ކަމަށް ގަބޫލުކުރެވުނީ.”

“އެހެން ވެދާނެ. ކުއްލިއަކަށް އެފަދަ ހިތި ޚަބަރެއް ލިބުމުން. ހަމަ ކޮންމެ މީހަކަށްވެސް އެހެންވެދާނެ. ޝަރު
މިހާރު ޝަރުއަށް އެއީ ދޮގު ވާހަކަ އެއްކަން އެނގުނުއިރު އެކަން ކުރީ ކާކުކަންވެސް އެނގޭނެ. ބުނެބަލަ. އެއީ ކާކު؟ އެމީހެއްގެ ދުވަސް ދުއްވާލާނަން.”

“އެނގޭ އެއީ ކާކުކަން. އެކަމަކު ނުބުނެވޭނެ. ޖަލީލު އެއީ ކާކުކަން ހޯދާ. އަހަރެން ވަރަށްބޮޑަށް އެދެން ޖަލީލު އަހަންނަށް އެކަން ކޮށްދިނުން. އަހަރެންގެ ފުރާނަ ދިއުމަށް މެދުވެރިވި ސަބަބު، އަހަރެމެންގެ ދިރިއުޅުން ނެތިކޮށްލި ފަރާތް ހޯދުން. ހޯދައި މުޅިދުނިޔެއަށް ހާމަކުރުން.”

“ޝަރު އިރާދަކުރެއްވިއްޔާ ތިކަން ކުރާނަން. ޝަރު ތީ ހާދަރަނގަޅު ކުއްޖެކޭ. ޝަރު އަހަރެންދެކެ ހާދަ ލޯބިވެޔޭ. ތީ އަހަރެންގެ ފުރާނަފަދަ ލޯބިވާ ޝަރު، ޝަރު ދެން ހަމަ ވަކިވީތަ؟ ޝަރުގެ ލޯބި އަހަންނަށް ގެއްލުނީތަ؟”
“ނޫން. ލޯތްބަކީ މަރުވާ އެއްޗެއް ނޫން. އަހަރެން މަރުވިޔަސް އަހަރެންގެ ލޯތްބެއް މަރެއް ނުވާނެ. އަހަރެންގެ ލޯބި ދިރިހުންނާނެ. އެ ލޯބި އެހެން ސިފައެއްގައި ޖަލީލު ވަށައިލާނެ… މިއީ އަހަރެންގެ ދުޢާ. މި ދުޢާ މާތް ﷲ އިޖާބަކުރައްވާށި.”
“އެހެންތަ ޝަރު؟” ޖަލީލަށް ބާރަށް ރޮއި ގަނެވުނެވެ. މަހާނާގައި ފިރުމާލާފައި މަހާނަމަތީގައި ދެއަތްތިލަ ބާއްވާފައި އޭގައި ނިތްކުރި ޖެއްސި އެވެ. ރޮއި ރޮއި އެތައް އިރަކު އޭނާ އެހެން އޮތެވެ. އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް މެދު ކެނޑުމެއްނެތި ވެހެމުންދިޔަ ވާރޭގެ ފެނާ އެކުވެގެން ޝަރުމީލާއާ ހަމައަށް ފޯރަމުންދިޔަ އެވެ.