ކަތްދައަކީ ހިތްދަތި އަންހެނެކެވެ. އޭނާގެ ހިތްދަތިކަން ފެށުނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ފިރިމީހާއާ ވަކިވުމުންނެވެ. އޭނާގެ ފިރިމިހާއަކީ އެހެން ރަށެއްގެ މީހެކެވެ. ކަތްދަމެންގެ ރަށަށް އާދަނު އައީ ކަތްދަމެން ގެއަށް ބަން މަސް ދޯންޏެއްގެ އަތްދަށު ވަޑިއެއްގެ ގޮތުގައެވެ. އެ ދުވަސްވަރަކީ ރަށްރަށުން ލަކުޑި ކަނޑައިގެން ލަކުޑިން އޮޑި ދޯނިފަހަރު ބަން ދުވަސްވަރެވެ. އެ ދުވަސްވަރަކީ އޮޑަލުން މަޑޫތައް މަށައިގެން ފޮނުމަތުން މަޑޫތައް ތޮރުފައިގެން ކުރެދި އިލިން މަޑޫތައް ހިންމިކުރަމުން ދޯނި ފަހަރު ބަން ދުވަސްވަރެވެ. 

އެ ދޯނި ބަންނަމުންދިޔައީ ކަތްދަމެންގެއާ ވަރަށް ކައިރީގައި ހުރި ހަރުގެއެއްގައެވެ. ގޭގެ ވަލު ފަރާތު ފުޅަށް ކައިރިޔަށް ދިއުމުން ވަޑިން ދިގު ކީހުން ލަކުޑި ކީހާ އަޑާއި ފުރޮއިން ލަކުޑި ކޮށާއަޑާއީ މުގުރުން ތަޅާ އަޑު އިވެއެވެ. ފުޅަފުގައި ފަން ނެތް ދިމާލުން ކަތްދަމެނަށް ދޯނި ބަންނަތަން ފެނެއެވެ. ވަޑިން ވަޑާންކުރާ މަންޒަރު ބަލަން ކަތްދަމެން ތިބެއެވެ. ވަޑިން ކާން ދަނީ އެ ގެއަށެވެ. ކާން ހަދައިދީ ދުފުން ތައްޔާރުކޮށް ދިނުމުގައި ކަތްދަ އުޅެންޖެހުނެވެ. ބައެއް ފަހަރު އުނދުނުގައި ޖެއްސުމަށްޓަކައި ރޮންދާ ދާލި ހޮވަން ވަށިގަނޑު ހިފައިގެން ހަރުގެއަށް ވެސް ވަދެ ހަދަން ޖެހުނެވެ. މިކަންކަމުގެ ތެރޭގައި ކަތްދައާއި އާދަނާ ދެމީހުންގެ މެދުގައި ގުޅުމެއް އުފެދުނެވެ. ދޯނި ބަނދެވެމުން ދިޔައިރު އެ ދެމީހުންގެ ގުޅުން ވެސް ދިޔައީ ވަރުގަދަ ވަމުންނެވެ.

މި ގުޅުމަކީ ކަތްދަގެ ޢާއިލާއަށް ރުހެވުނު ކަމެއްނޫނެވެ. އާދަނަކީ މަސަތްކަތްތެރި ނޫކަށިފުރައިގެ ޒުވާނެއް ކަމަކު އެއީ ބީރައްޓެއްސެކެވެ. ކަތްދައަށް އެދިއެދި ތިބި ގަދަރުހުރި އެތައް ޒުވާނުންނެއް ރަށުގައި އެބަ ތިއްބެވެ. ކަތްދައާއި އާދަނުގެ ލޯތްބާ ދެކޮޅަށް އެ މީހުން ކިތަންމެ ކަމެއް ކުރިއެވެ. ކުރި ކޮންމެ ކަމަކުން އެ ދެމީހުންގެ ލޯބީގެ ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ. އެންމެ ފަހުން ދޯނި ބަނދެ ނިމުނު އިރު އެ ދެމީހުން ކައިވެނި ކުރުމަށް އެއްބަސްވުން ނޫންގޮތެއް އޮތީ ނުފެނިފައެވެ.

އަންނަ މަހުގެ 15 ވިލޭރޭ ސަކީނާގެ ކައިވެނި އޮންނާނެއެވެ. ސަކީނާ އަކީ ކަތްދަގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އެ ދަރިފުޅުގެ ބައްޕައަކީ އާދަނެވެ. އެކަމަކު އާދަނެއް އެ ދަރިފުޅު ލޮލުންނެއް ނުދެކެއެވެ. ސަކީނާވެސް ބައްޕައެއް ނުދެކެއެވެ. ބައްޕަގެ މަޢުލޫމާތު ސަކީނާއަށް ލިބިފައިވަނީ އާއިލާ މީހުންގެ ފަރާތުންނެވެ. އެ މީހުން ސަކީނާއަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ ބައްޕަ އަކީ ބީރައްޓެއްސެކެވެ. ރަނގަޅު މީހެއް ނޫނެވެ. މަންމަ ބަނޑު ބޮޑުވިކަން އެނގުމުން ވަރިކޮށްފައި ރަށަށް ދިޔައީއެވެ. އޭގެ ފަހުން އެ ދެމައިންގެ ޚަބަރެއް ވެސް ބަލައި ނުލައެވެ. މިކަމާ ބެހޭ ގޮތުން ސަކީނާގެ މަންމަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ސަކީނާއަކަށް ވެސް އިސްވެ މަންމައާ އެ ވާހަކަ ދައްކާކަށް ނުކެރެއެވެ. 

ކަތްދަ ޢާންމުކޮށް އުޅެނީ ވަރަށް އެކަހެރި ދިރިއުޅުމެކެވެ. މީހުންނާ ވާހަކަދައްކާ އުޅެނީ މަދުންނެވެ. ތަންތަނަށް ގޮހެއް ނޫޅެއެވެ. އޭނާގެ ހުރިހާ ވެސް އުފަލަކީ ސަކީނާއެވެ. ދެން އޭނާއަށް އުފާ ލިބޭ ކަމަކީ ރޭޑިއޯ މޯލްޑިވްސް އިން ފޮނުވާ ހިންދީ ލަވަ އަޑުއެހުމެވެ. އެ ދުވަސްވަރަކީ ރާއްޖޭގެ ގޭގެއަށް ބެހުމަށް ކޮންމެވެސް ޤައުމަކުން ކުދި ރޭޑިއޯތަކެއް ހަދިޔާކުރި ދުވަސްވަރަކަށް ވާތީ ކަތްދައަށް ވެސް އޭގެ ރޭޑިއޯއެއް ލިބިފައި ވެއެވެ. ރޭޑިއޯ މޯލްޑިވްސް އިން ލަވައަށް އެދޭ ޕްރޮގްރާމް ފޮނުވަން ފެއްޓުމުން މާލޭގައި ހުރި ރައްޓެއްސަކަށް ލިޔެގެން ރ. މާކުރަތު އެތުމާގޭ ކަތްދަގެ ނަމުގައި ލަވަޔަށް އެދުނެވެ. ލަވަތައް ހަދިޔާ ކުރަން ބުނެފައިވަނީ ހަމަ އެކަނި ރ. މަޑުއްވަރީ ހަޒާރުމާގޭ އާދަން ޙުސައިންނަށެވެ. ސަކީނާގެ ބައްޕަ ދެކެ އޭނާގެ މަންމަ އަދި ވެސް ލޯބިވާކަން މިކަމުން ސަކީނާއަށް ވަޒަންކުރެވުނެވެ. މަންމަ ދިރިއުޅެމުން ގެންދަނީ ބައްޕަގެ ހަނދާނުގައިކަން އޭނާއަށް ވިސްނުނެވެ. އެކަމަކު އޭނާގެ ސުވާލަކީ މިހާ ދުވަސް ވާއިރުވެސް ބައްޕަގެ އެއްވެސް ޚަބަރެއް ނުވަނީ ކީއްވެގެން ހެއްޔެވެ؟ 

ސަކީނާގެ ކާވެންޏަށް ދެ ފަރާތުގެ ޢާއިލާއިން ވެސް ދަނީ ތައްޔާރުވަމުންނެވެ. ގެއަށް އުފާވެރިކަން ވަނީ ވެރިވެފައެވެ. އެހެން ނަމަވެސް ކަތްދަގެ މޫނުމަތިން ފެންނަ ހިތާމަވެރިކަމުގެ ކުލަވަރު އިހުނަށްވުރެ މިހާރު މާ ގަދައެވެ. ސަކީނާ އެކަމާ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އޭނާ ގަބޫލުކުރީ އޭނާގެ ކައިވެނީގެ ކަންތައްތަކުގެ ސަބަބުން މަންމަގެ ޅަދުވަސްވަރު ހަނދާނަށް އައިސް އެކަމުގެ ސަބަބުން މަންމައަށް ހިތްދަތިކަން ލިބެމުން ދަނީ ކަމަށެވެ. އެހެންނޫނީ އޭނާ މީހަކާ އިނދެ ވަކި ދިރިއުޅުމެއް ފެށުމުން މަންމަ މުޅިން އެކަނި ވެދާނެތީ އެކަމާ ކަންބޮޑުވަނީ ކަމަށެވެ. އެކަމާ ގުޅޭގޮތުން މަންމައާ ވާހަކަ ދައްކާލަން ސަކީނާ ބޭނުންވެފައި ހުއްޓާ އެއްދުވަހަކު މަންމަ ސަކީނާ އަށް ގޮވައި ގެންގޮސް ކައިރީގައި ބައިންދާފައި ދެއްކީ އެ ވާހަކަ އެވެ. 

      “ދަރިފުޅާ. މަންމައަށް މަޢާފުކުރޭ.” ކަތްދަބުންޏެވެ. “ދަރިފުޅާ. ދަރިފުޅުގެ ބައްޕައަކީ ވަރަށް ރަނގަޅު މީހެއް. ޢާއިލާގެ މީހުން އެ ކިޔާ ކަހަލަ މީހެއް ނޫން. ދަރިފުޅަށް ބައްޕަ ގެއްލުނީ މަންމަގެ ސަބަބުން. މަންމަ ގަދަކަމުން ބައްޕަގެ ގާތުން ވަރިވީ. ބައްޕަ މަންމައަށް ވަފާތެރި ނުވާ ކަމަށް ހީކޮށްގެން.”

      “ބައްޕަ ކީއްވެ އަހަރެން ދެކިލަން ވެސް ނައީ؟” ސަކީނާ އެއްސެވެ.

      “ދަރިފުޅު ހުރިކަމެއް ބައްޕައަކަށް ނޭނގޭނެ.” ކަތްދަ ކިޔައިދިނެވެ. ބަޕަ ކައިރިން ވަރިވުމުން މި ރަށުގައި ވެސް، މި އަތޮޅުގައި ވެސް ނުހުންނާނަމޭ، އަދި މި ދުނިޔޭގައި ވެސް ނުހުންނާނަމޭ ކިޔާފައި އޭގެ ފަހު ދުވަހު ފުރަން އޮތް އޮޑިއަކަށް އަރައިންގެން ފުރައިގެން ދިޔައީ. އޭރު މަންމައަކަށް ވެސް ނެނގޭ ދަރިފުޅަށް މަންމަ ބަނޑު ބޮޑު ކަމެއް. އެކަން އެނގުނީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުން. އޭރު މަންމައަށް ދަރިފުޅުގެ ބައްޕަ ގެއްލިއްޖެ. މަންމަ ވަރަށް މަސައްކަތް ކުރިން ބައްޕަ ފެނޭތޯ. އެކަމަކު އެކަމެއް ނުވި. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެއްވެސް ޚަބަރެއް ނުވޭ. ދުނިޔޭގައި ހުރި ކަމެއް ވެސް، އަދި ނެތް ކަމެއް ވެސް ނޭނގޭ.”

     “އިރާދަކުރެއްވިއްޔާ ބައްޕަ ދުނިޔޭގައި ހުންނާނެ.” ސަކީނާ ބުންޏެވެ. 

     “ދަރިފުޅަށް ބައްޕަ ހޯދިއްޖެނަމަ ބައްޕައަށް ވަރަށް ހެޔޮކޮށް ހިތާތި” ކަތްދަ ދަރިފުޅަށް ނަޞޭޙަތްތެރި ވިއެވެ. “ބައެއްގެ ދޮގު ވާހަކަތަކެއްގެ މައްޗަށް ބައްޕައާ މެދު މަންމައަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. ހަމައެކަނި ބައްޕައާ މެދަކު ނޫން. ކޮންފަދަ ބޮޑު ދެރައެއް ދަރިފުޅަށް ވެސް ދެވުނީ؟ ކޮންފަދަ ބޮޑު ދެރައެއް އަމިއްލަ ނަފްސަށް ވެސް ލިބުނީ؟ ބައްޕަ މަންމަ ދެކެ ނުހަނު ލޯބި ވާއިރު ގަދަކަމުން ބައްޕަ ފައްސައިލީ. މަންމަ އޭރުއްސުރެން މި އިންނަނީ އެކަމުގެ ހިތާމައިގައި. އެކަމާ ދެރަވެގެން ރޮއިރޮއި.” 

    “މަންމާ ދެރަނުވޭ. އިރާދަކުރެއްވިއްޔާ ބައްޕަ ފެންނާނެ.”

    “ދަރިފުޅު ވަރަށް ބޮޑަށް ވިސްނާތި އެހެން މީހުންގެ ވާހަކަ ތަކަށް ނުހެއްލެން. ހުރިހާ ގޮތަކަށް ވިސްނައި ހޯދައި ބަލައިފައި ނޫނީ ދިރިއުޅުމުގެ އެފަދަ ބޮޑު ނިންމުމެއް ނުނިންމަން.”

    “މަންމާ އަޅުގަނޑު ވަރަށް ވިސްނާނަން. އަޅުގަނޑާ ޙަމީދާ އުޅޭނީ މުޅި ޢުމުރަށް ވެސް އެކުގައި.”

   “ދަރިފުޅާ. މަންމައަކަށް ތި ނަސީބެއް ނުލިބުނު.” ސަކީނާ ގައިގައި ކަތްދަ ބައްދައިލިއެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ.

      ޒުވާން އަންހެނަކާއި ފިރިހެނަކު އޭނާގެ ޖިފުޓިގަނޑު ކައިރިން ފެނުމުން އޭނާ ހުރީ ހައިރާން ވެފައެވެ. ދަރު ހޯދުން ފަދަ އެކި އެކި ބޭނުމުގައި މަދުމަދުން އެ ރަށަށް މީހުން އާދެއެވެ. ނަމަވެސް މިހާ ޒުވާން ބަޔަކު ވަރަށް ނުފެނެއެވެ. އެ މީހުން ތިބީ އޭނާގެ އިންތިޒާރުގައި ކަން އޭނާއަށް އެނގުނެވެ. އޭނާގެ ކަނާތުގައި އޮތް ވަޅި އަނެއް އަތްމަތީގައި ހުރި ވަށިގަނޑަށް ވައްޓާލާފައި ވަށިގަނޑު އެތާ އޮތް ލަކުޑިގަނޑެއްގެ މަތީގައި ބެހެއްޓިއެވެ. ކީއްކުރަން އައި ބައެއް ތޯ އެމީހުން ކުރެން އަހަން އުޅުނުތަނާ އެ މީހުން ވާހަކަ ދެއްކިއެވެ. 

       “ތީ ރ. މަޑުއްވަރީ ހަޒާރުމާގޭ އާދަން ޙުސައިންތަ؟” އޭނާގެ ކުރިމަތީގައި ހުއްޓިހުރި އަންހެން ކުއްޖާ އެއްސެވެ. 

      “އާނ. ކީއްތަވީ؟” އާދަނު ޖަވާބުދިނެވެ.

      “ދަންނަންތަ ރ. މާކުރަތު އެތުމާގޭ ކަތްދައޭ ކިޔާ މީހަކު؟” ފިރިހެން ކުއްޖާ ސުވާލު ކުރިއެވެ.

      “އާނ. ދަންނަން. ކީއްތަވީ؟” އާދަނު ހައިރާން ވިއެވެ. އާދަނާ ރ. މާކުރަތު އެތުމާގޭ ކަތްދައާ ގުޅުމެއް އޮތްކަން އެނގޭ މީހަކު މި ބޮޑު ތިލަދުންމައްޗަކު ނޫޅޭނެއެވެ. 

      “ކަތްދައާ އާދަނާ އެއްވެސް ގުޅުމެއް އޮވޭތަ؟” އަންހެން ކުއްޖާ ސުވާލުކުރިއެވެ. 

      “ކިހިނެތް ވެގެން ތިއުޅެނީ؟” އާދަނު ރުޅިވެރި ރާގަކަށް އެއްސެވެ. އެއީ ކުރިން އަހަރެން އިނދެގެން އުޅުނު މީހެއް. ކަލޭމެން ތީ ކޮން ބައެއް؟”

      “އަހަރެމެން މީ އާދަނުގެ ދިރިއުޅުން ދިޔަ ގޮތް ހޯދަން އުޅޭ ބައެއް.” ފިރިހެން ކުއްޖާ ޖަވާބު ދިނެވެ. 

      “ކީއްވެ އާދަނު ފަޅުރަށެއްގައި އެކަނި މާ އެކަނި ތިއުޅެނީ؟” އަންހެން ކުއްޖާ ސުވާލު ކުރިއެވެ.

      “އަހަރެންގެ ދިރިއުޅުން ދިޔަގޮތް މި ފެންނަނީނު؟ އަހަރެންގެ ރަށަކީ މިއީ. މީހަކު ނޫޅޭ ފަޅުރަށެއް.” ވަށިގަނޑު ބެހެއްޓި ލަކުޑިގަނޑުގައި އާދަނު އިށީނެވެ. އެތާ އޮށިން ހަދާފައި ހުރި އަށީގައި އިށީނުމަށް މެހުމާނުންނަށް އިޝާރާތް ކުރިއެވެ. “އަހަރެން މި އުޅެނީ ފަޅު ދިރިއުޅުމެއް. އަހަރެންގެ އެކުވެރިންނަކީ މިރަށުގައި އަހަރެން ގެންގުޅޭ ކުކުޅު ހާތައް.” އެހެން ބުނެފައި އަޑުގެ ކޮޅަށް “ކާން ކާން ކާން” އޭ ކިޔައި ގޮވައިލިއެވެ. ހަމަ އެއާއެކު އެކި ދިމަދުމާލުން ދުވެފައާއި އުދުހިފައި އެކި ވަރުވަރުގެ އެކި ކުލަކުލައިގެ ކުކުޅު ހާތަށް އެތަނަށް ޖަމާވިއެވެ. އާދަނު ކޮށާފައި ހުރި ކާށިތަކެއް ވަށިގަނޑުން ނަގައި ބިންމައްޗަށް އުކަން ފެއްޓިއެވެ. ކުކުޅު ހާތައް ރަކަރަކަ ޖަހަމުން ކާށިތައް ކަމުން ގެންދިޔައެވެ. 

       “ހާދަ ބައިވަރު ކުކުޅުތަކެއް!” ބިންމަތި ފޮރުވޭވަރަށް އެތަނަށް ޖަމާވެފައިވާ ކުކުޅުތައް ފެނުމުން އަންހެންކުއްޖާ ހައިރާންވިއެވެ.

       “އާނ މީ އަހަރެންގެ ހުރިހާ ވެސް އެކުވެރިންނަކީ. އަހަރެން ވާހަކަ ދައްކަނީ މި ދޫނިތަކާ.” އާދަނު ކާށި އުކަމުން ކިޔައިދިނެވެ. “އަހަރެންގެ ލޮލުން އިންސާނަކު ފެންނަނީ ވަރަށް މަދު ފަހަރަކު. އަހަންނަށް އިންސާނުންގެ އަޑު އިވެނީ ބިތުގައި އެލުވާފައި އެއޮތް ކުޑަ ރޭޑިއޯއިން. އަހަރެން ވަރަށް އުފާވޭ މީހުން ފެނުމުން. މީހަކާ ވާހަކަ ދައްކާ ލެވުމުން ވަރަށް ހިތްހަމަޖެހޭ. ކަލޭމެން ފެނުމުން ވަރަށް އުފާވޭ.”  

       “ކިހިނެއް މި ރަށަށް އާދެވުނީ؟” އަންހެން ކުއްޖާ އެއްސެވެ. 

      “އަޑު އަހާ. އަހަރެން ކަތްދަ ދެކެ ވަރަށް ލޯބިވޭ. ކަތްދަ ވެސް އަހަރެން ދެކެ ކުރިން ވަރަށް ލޯބިވި. އެކަމަކު ފަހުންފަހުން ޒުވާބުކުރަން ފަށައިފި. ގަބޫލުކުރީ އަހަންނާ ބެހޭ ގޮތުން އެހެން މީހުން ދައްކާ ވާހަކަތައް. އަހަރެން ބުނި އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރި. އެންމެފަހުން އެންމެން ވެގެން މަޖުބޫރު ކުރީ ވަރިކުރަން. އެ ހިސާބުން އަހަރެން ދިރިއުޅުމުގެ މަތިން ފޫހި ވެއްޖެ. އަހަރެން ބޭނުންވީ ކަތްދައާ ވީހާވެސް ދުރަކަށް ދާން. މީހުންނާ ވެސް ދުރުގައި އުޅެން. އެހެންވެ މި ރަށުގައި ރަށް ބަލަހައްޓައިދޭން އައީ. ކިހިނެތް އަހަރެން މިރަށުގައި އުޅޭކަން ކަލޭމެނަށް އެނގުނީ؟”

     “އަހަރެމެން ހޯދީ.” އަންހެންކުއްޖާ ޖަވާބު ދިނެވެ. “އަހަރެމެން މިއައީ ރ. މާކުރަތު އެތުމާގޭ ކަތްދަ ފޮނުވައިގެން.”

     “ތިއީ އަހަންނަށް ކުރާ މަލާމާތެއްތަ؟” އާދަނު އަސަރާއެކު ބުންޏެވެ. “އަހަރެން ނޫން މީހުންވެސް އެ މީހުން ލޯބިވާ އަނބިން ގެއްލި، ދިރިއުޅުން ގެއްލި މާޔޫސްވެފައި ދުނިޔެއިން ބާކީވެފައި ތިބޭ. އަދި ބައެއް މީހުން ދުނިޔެއިން މޮޔަވެސް ވޭ.”

     “ނޫން. އެއް ގޮތަކަށް ވެސް އެހެންނެއް ނޫން. އަހަރެމެން މި ހަދަނީ ޙައްޤު ތެދު.” އަންހެން ކުއްޖާ ތެދުވެގެން އައިސް އާދަނު އިން ލަކުޑިގަނޑުގައި އިށީނދެ ކުކުޅުތަކަށް ކާންދޭން ފެއްޓިއެވެ. އަންހެން ކުއްޖާ އެއްސެވެ. “މީގެ ދުވަސްތަކެއް ކުރިން ރޭޑިއޯ މޯލްޑިވްސް މެދުވެރިކޮށް ކަތްދައަށް ލަވައެއް ހަދީޔާކުރިންތަ؟” 

     “އާނ. އަހަންނަށް ރޭޑިއޯއިން އަޑު އިވުނީ ކަތްދަ އަހަންނަށް ހަދިޔާކޮށް ފޮނުވި ލަވަތަކެއް. އަހަރެން މި ރަށުގެ ވެރި މީހާ މާލެ ދިޔަ ފަހަރެއްގައި އޭގެ ބަދަލުގައި ލަވައެއް ފޮނުވިން. ފަހުން ވެސް ލަވަ ފޮނުވިން.”

     “އެ ލަވަތައް ކަތްދައަށް އަޑު އިވުމުން ކަތްދަ އަހަރެމެން ގާތު އެދުނީ އާދަނު ހޯދަން. އަހަރެމެން ރޭޑިއޯ މޯލްޑިވްސްއަށް ގޮސްގެން ހޯދީ ލަވައަށް އެދުނު މީހާ ހުރި ތަނެއް. ހޯދައިގެން މިރަށަށް މި އައީ.”

     “ތީ ހަމަ ބުހުތާން ދޮގު. ކަތްދައެއް ބޭނުމެއް ނުވާނެ އަހަރެން ހޯދާކަށް. އަހަރެން ބަލައެއް ނުފޮނުވާނެ. ރަށުގެ ގަދަރުވެރިއަކާ އިނދެގެން އޭނާ މިހާރު ދިރިއުޅެމުންދާނީ ނުހަނު އުފަލުގައި.” 

     “ކަތްދަ އާދަނާ ވަކިން އެހާ އުފާވެރި ދިރިއުޅުމެއް އުޅެމުން ދާނަމަ ކީއްކުރަން އާދަނަށް ލަވަ ހަދިޔާކުރަންވީ؟” ފިރިހެން ކުއްޖާ އެއްސެވެ. “ރޭޑިއޯއިން ލަވަ ހަދިޔާކުރެވޭ ގޮތް ވުމާއެކު ކަތްދަ އާދަނަށް ލަވަ ފޮނުވަން ފަށައިފި.” 

     “އެއީ އަހަރެން ހިތުގައި ޖައްސަން. އެނޫންކަމަކު ނޫން.” އާދަނު ޖަވާބު ދިނެވެ.

     “ދެން އެހެން ވީއިރު ކީއްވެ ކަތްދައަށް މިކޮޅުން ލަވަ ފޮނުވަނީ؟” އަންހެން ކުއްޖާ އެއްސެވެ.

     “އަހަރެން ދިރިހުރިކަން އަންގަން. އަހަރެން އަދިވެސް ކަތްދަ ދެކެ ލޯބިވާކަން އަންގަން.” އާދަނު ބުންޏެވެ.

     “ކަތްދަ ވެސް ލަވަ ފޮނުވަނީ ހަމަ އެ ބޭނުމުގައި ކަމަށް ވެދާނެއެއްނު؟” އަންހެން ކުއްޖާ ބުންޏެވެ.

     “ކަލޭމެން ތީ ކޮން ބައެއް؟” އާދަނު އެއްސެވެ. “ތި އުޅެނީ އަހަރެން އޮޅުވާލަން. ތިއުޅެނީ ރޭޑިއޯއިން ފޮނުވަން ޑްރާމާއެއް ހަދަންވެގެން.” 

     “މި ބުނަނީ ޙައްޤު ތެދު.” އަންހެން ކުއްޖާ ކޮޅަށް ތެދުވިއެވެ. “އަދިވެސް އެބައޮތް ވަރަށް ބޮޑު ތެދެއް ބުނަންވެފައި.”

     “އެއީ އަނެއްކާ ކޮން ތެދެއް؟” އާދަނު އެއްސެވެ.

     “ތީ އަހަރެންގެ ބައްޕަ.” އަންހެން ކުއްޖާ އާދަނުގެ ކުރިމައްޗަށް ހުއްޓި އާދަނުގެ ދެއަތުގައި ހިފާފައި  ބުންޏެވެ. “ބައްޕާ. ތީ އަހަރެންގެ ބައްޕަ. އަހަރެން މީ ބައްޕަގެ ދަރިއެއް. އަހަރެންމީ ސަކީނާ.”

     “އަނެއް ބުހުތާން ދޮގު! އަހަރެންގެ ދަރިއެއް ނުހުންނާނެ.” ހައިރާންވެ އަންތަރީސް ވެ ދެ ލޯ ބޮޑުވެފައި އިނދެ ބޯ ހުރާލަމުން އާދަނު ބުންޏެވެ. “ކަތްދަ ވަރިކުރިފަހުން އަހަރެން މީހަކާ ނީންނަން.” އާދަނު ކަޅި ޖަހައިނުލައި ސަކީނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ބުންޏެވެ. “ކަލޭމެން ތިއުޅެނީ އަހަންނާ ކޮންމެވެސް މީހަކާ އޮޅުވާލައިގެން.”

     “ނޫން ބައްޕާ.” ސަކީނާ ބުންޏެވެ. އަހަރެމެން މިއުޅެނީ އޮޅުވާލައިގެންނެއް ނޫން. އަހަރެން މީ ބައްޕަގެ ކުއްޖެއް. އެ އިނީ އަހަރެންގެ ފިރިމީހާ ޙަމީދު. ބައްޕަ މަންމަ ވަރިކުރި އިރު މަންމަ އިނީ އަހަންނަށް ބަލިވެ. މަންމައަށް ވެސް އެކަން އެނގުނީ ބައްޕަ ރަށުން ފުރައިގެން ދިޔަފަހުން. ބައްޕަ މަންމަ ވަރިކުރިފަހަކުން މީހަކާ ނީނދޭ. މަންމަ އިންނަނީ ބައްޕައާ ވަކިވީތީ އެކަމުގެ ހިތާމައިގައި. ބައްޕަ އަހަރެމެންނާއެކު ހިނގާ މަންމަ ގާތަށް. މަންމަ އެއިނީ ބައްޕަގެ އިންތިޒާރުގައި.” 

ބިތުގައި އަޅުވާފައިވާ ކުޑަކުޑަ ރޭޑިއޯއިން އިއްތިފާގަކުން އެ އިވެނީ ރ. މާކުރަތު އެތުމާގޭ ކަތްދަ ރ. މަޑުއްވަރީ ހަޒާރުމާގޭ އާދަން ޙުސައިންނަށް ހަދިޔާކުރާ ލަވައެކެވެ. ….