
“މަންމާ، މަންމަ އަލުން ބައްޕައާ ކައިވެނިކުރަންވީނު؟” އޭނާގެ ދަރިފުޅު ނޫރާ ފޯނުކޮށްފައި މިހެންބުނި މިއީ ދެވަނަ ދުވަހެވެ. މީގެ ކުރީގައި ނޫރާ ދުވަހަކު ވެސް ބައްޕަގެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޭނާގެ ފިރިމީހާ ހުސޭނު ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަނަށް ގެންދިއުމަށް ފަހު އޭނާ ކޮރަންޓީނުގައި ހުންނަން ޖެހުމުން މިހާރު އޭނާ ވަނީ ވަރަށް އަނގަ ގަދަވެފައެވެ. މާ ކުރީގެ ކަންކަމާ މެދުވެސް ވާހަކަ ދައްކަނީއެވެ. އޭނާގެ ބައްޕަގެ ވާހަކަވެސް ދައްކަނީއެވެ. ކަރަންޓީނުގައި އެކަނި ނުހުރެވޭނެ ވާހަކައާއި ރޭގަނޑު އަޑުއަޑު އިވޭ ވާހަކަ ވެސް ދައްކައެވެ. ބައެއްފަހަރު ދައްކާ ވާހަކަ ހަމައެއް ވެސް ނުޖެހެއެވެ. މިކަމާ އައިމިނެ ވަރަށް ކަންބޮޑު ވެއެވެ. އެހެންނަމަވެސް އޭނާއަށް ނޫރާ ގާތަށް މާލެ އާދެވޭކަށް ނެތެވެ. އިރާދަކުރެއްވިއްޔާ ހުސައިން ވަރަށް އަވަހަށް ރަނގަޅު ވާނެއެވެ.
“ދަރިފުޅު ތިދައްކަނީ ކޮންކަހަލަ ވާހައެއް؟” އައިމިނެ ބުންޏެވެ. “ތި އުޅެނީ މާ ބޮޑަށް ހާސްވެގެން. ނޫރާ އަވަހަށް ރަނގަޅުވާނީ ވެސް އަނގަގަދަ ނުކޮށް ހެޔޮ އެއްޗެހި ކިއައިގެން ކެތްކުރުމުންނެއްނު؟”
“މަންމާ، ދޮންމަންމަ ނިޔާވިފަހުން ބައްޕަ އުޅެނީ ވަރަށް އެކަނިވެރިކޮށެއްނު؟” ނޫރާ ބުންޏެވެ. “ބައްޕައަށް އެހީތެރިކަން ވެސް ބޭނުންވާނެއެއްނު؟”
“ދަރިފުޅު ރޭގަނޑު ނުނިދަނީހެން މަންމައަށް ހީވަނީ.” އައިމިނެ ބުންޏެވެ. “ނިދި މަދުވަންޏާ ފާޑުފާޑުގެ ޚިޔާލުތައް ހިތަށް ވަންނާނެ.”
“މަންމާ ހަމަ ރަނގަޅަށް ތި ބުނީ. ވަރަށް ކުޑަކޮށް ނިދެނީ. ނިދި ނާދޭ އެއްގޮތަކަށް ވެސް.” ނޫރާ ބުންޏެވެ. “އެކަމަކު ބައްޕަ އެކަނި އުޅޭތީ އަހަރެން ކޮވިޑްގެ ކުރިން ވެސް ކަންބޮޑުވޭ.”
“މަންމަ ތިކަމާ ވިސްނާނަން.” އައިމިނެ ބޭނުންވީ އެ ވާހަކަ ހުއްޓުވާށެވެ.
އައިމިނެ އެހެން ބުނީމަވެސް ނޫރާ ބުންޏެވެ. “މަންމަ ވިސްނައްޗޭ. ބައްޕައާ ކައިވެނިކުރައްޗޭ.”
“މި ބުނީނު މަންމަ ވިސްނާނަމޭ. ދެން ތިވާހަކަ ނުދައްކާ.”
އައިމިނެގެ އެހެން ބުނުމާއެކު ނޫރާ ފޯނު ބެއްވިއެވެ.
އައިމިނެގެ ހިތުގެ އެނމެ އެތެރޭގައި މިހާތަނަށް ވަޅުޖަހާފައިވާ ހަނދާންތަކާއި މަންޒަރުތަކާއި އިހުސާސްތައް ކުއްލިއަކަށް އޭނާގެ ހިތަށް ބަންޑުންވިއެވެ.
އައިމިނެ ނޫރާގެ ބައްޕަ އިބުރާހީމާ ކައިވެނިކުރީ އައިމިނެގެ އުމުރުން އެންމެ ސަތާރަ އަހަރުގައެވެ. އައިމިނެއަކީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. އޭނާއާ ކައިވެނިކުރަން ބޭނުންވެފައި ތިބި ގިނަ ފިރިހެންކުދިން އެ ރަށުގައި ތިއްބެވެ. އައިމިނެ ކައިވެނިކުރަން ވަރަށް ބޭނުންވާ ކުއްޖަކު ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެހެންނަމަވެސް އައިމިނެގެ ބައްޕަމެން އޭނާ ދެވީ އިބްރާހީމާ އެވެ. އިބްރާހީމަކީ ރަށުގެ ރަނގަޅު ޢާއިލާއެއްގެ ކުއްޖެކެވެ. މާ މައްޗަށް ކިޔަވާފައި ނެތަސްވެސް ރަށުން ލިބުނު ތަޢުލީމެއް ހޯދާފައިވާ، ގިނަ މަސައްކަތްތަކެއް ދަންނަ ކުއްޖެކެވެ. އޭނާގެ ބައްޕައަކީ ވިޔަފާރިއެއް ހިންގާ މީހަކަށް ވުމާއެކު އެ ވިޔަފާރީގެ ތެރެއަށް އޭނާ ވަރަށް އަވަހަށް ވަދެއްޖެއެވެ.
އެ ދެމީހުންގެ ކައިވަންޏަށް ފުރަތަމަ ދަރިފުޅު ލިބުނުތަނާ އިބުރާހީމުގެ ބައްޕަ ގަދަ ހުމެއްގައި ނިޔާވެއްޖެއެވެ. އޭގެ ފަހުން ވިޔަފާރީގެ ހުރިހާކަމެއް ކުރިއަށް ގެންދިޔައީ އިބްރާހީމެވެ. އޭނާގެ ހީވާގިކަމާއި ހުނަރުވެރިކަމުގެ ސަބަބުން ދާދި އަވަހަށް އެރަށުގައި ހުރި އެންމެ ރަނގަޅު ފިހާރައަކީ އޭނާގެ ފިހާރަ ކަމުގައި ވެއްޖެއެވެ.
ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ކަމެއްހެން ވަނީ ހަމަޖެހިފައެވެ. އިބްރާހީމުގެ ޢާއިލާއަކީ ރަށުގެ ގަދަރުވެރި ޢާއިލާއެކެވެ. އިބްރާހީމު މުއްސަންޖެވެ. ގެދޮރު އެބަހުއްޓެވެ. އައިމިނެއަކީ ވަރަށް ހީވާގި ހެޔޮލަފާ އަންހެނެކެވެ. އެ މީހުންގެ ދިރިއުޅުން ވަރަށް ރަނގަޅަށް ކުރިޔަށް ގެންދެވޭނެކަމަށް ކޮންމެ މީހަކަށް ވެސް ހީކުރެވޭނެއެވެ.
އެހެންނަމަވެސް ހިތްހަމަޖެހިގެން އައިމިނައަށް އުޅެވުނީ ދެވަނަ ދަރިފުޅު ލިބެންދެންނެވެ. ދެވަނަ ދަރިފުޅު ލިބުމަށް ފަހު އައި ދުވަސްތައް ވެގެން ދިޔައީ އައިމިނައަށް ވަރަށް ހިތްދަތި ދުވަސްތަކަކަށެވެ.
ދެވަނަ ދަރިފުޅު ލިބުނުތަނާ އޭނާގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެ ތަންމަތީގައި އޮވެވިއްޖެއެވެ. އޭނާ ނޫން އެއްވެސް ކުއްޖެއް ރަށުގައި ނޫޅެއެވެ. އެއްވެސް ކުއްޖެއްގެ ފަރާތުން އެހީއެއްވެސް ނުލިބެއެވެ. މަންމަވެސް ނެތުމާއެކު ބައްޕަ ބަލަން ޖެހުނީ އޭނާއެވެ. މަސައްކަތް އިންތިހާއަށް ބުރަވެއްޖެއެވެ. ޚަރަދުތައް ވަރަށް މައްޗަށް ދާންފަށައިފިއެވެ.
އެ ދެމަފީރީގެން ދެމެދުގައި ކުރީގައި ވެސް މާ ގާތްގުޅުމެއް ނޯވެއެވެ. ކައިވެނިކުރުމާއެކު ކައިރިކައިރީގައި ދެ ކުދިން ލިބުމުމާއި އިބްރާހީމު އަވަދިނެތި މަސައްކަތުގައި އުޅެންޖެހިފައިވުމުންކަމަށް ވެސް ވެދާނެއެވެ. ދެވަނަ ދަރިފުޅު ލިބުނުފަހުން ގުޅުން ވަނީ ވަރަށް ގޯސްވެފައެވެ. ދެ މީހުންގެ ދެމެދުގައި މައްސަލަޖެހި ޒުވާބު ކުރަންޖެހޭ ދަނޑިވަޅުތައް ގިނަވާން ފަށައިފިއެވެ. ގޭގެ ޚަރަދު ބޮޑުވެގެންނެވެ. ބައްޕަގެ އެހެން ކުދިން ވެސް ތިބި އިރު އައިމިނަ ބައްޕަގެ ކަންތައް ބޮލުގައި އަޅައިގެން އުޅޭތީއެވެ. އިބްރާހީމަށް ކުރަންޖެހޭ ކަންކަން ބަރާބަރަށް ކޮށްނުދެވޭތީއެވެ.
އެ މީހުންގެ ތިންވަނަ ދަރިފުޅަކީ ނޫރާ އެވެ. ނޫރާ ލިބުނީ ދެވަނަ ދަރިފުޅަށް ފަހު ދުވަސްގަނޑެއް ވޭތުވެ ދިޔަ ފަހުންނެވެ. އޭރު އެ ދެމަފިރިންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިބްރާހީމް އުޅެނީ އެހެން މީހަކާ ރައްޓެހިވެގެންނެވެ. ނޫރާއަށް އަހަރުވެސް ނުވަނީސް އިބްރާހީމު އައިމިނަ ވަރިކޮށްފައި އެ މީހާއާ ކައިވެނިކޮށްފިއެވެ.
އައިމިނައަށް ޖެހުނީ ތިން ކުދިިން ގޮވައިގެން އޭނާގެ ގެއަށް އަންނާށެވެ. އެ ގެއަކީ ރަށުގައި ހުރި އެންމެ ދެރަދެރަ ގެތަކުގެ ތެރެއިން އެއް ގެއެވެ. އައިމިނެ އެ ގެއަށް އައިތާ ކުރީކޮޅު ކުދިންގެ ބައްޕަގެ ފަރާތުން އެ ކުދިންނަށް ބޭނުންވާ ކާބޯތަކެތި ލިބެއެވެ. އަދި ބައެއް އެހެން ތަކެތިވެސް ފޮނުވައެވެ. އެހެންނަމަވެސް ދޮށީ ދެކުދިން މާލޭގައި ދިރިއުޅޭ އިބްރާހީމުގެ ޢާއިލީ ބައެއްގެ ގާތަށް ފޮނުވި ފަހުން ގެއަށް އެއްވެސް އެއްޗެއް ނުފޮނުވައެވެ. ނޫރާއަށް ބޭނުންވާ އެއްޗެހި ހޯދުމަށް އިބްރާހީމު ގާތަށް މީހަކު ފޮނުވިއަސް އެއްޗެއް ވެސް ނުދެއެވެ. އެއްޗެއް ނުދޭތާނގައި ނޫރާ ދެކިލަން ވެސް ނާދެއެވެ.
އައިމިނަގެ ބައްޕައާއި އައިމިނެއާ ދަރިފުޅު އުޅެމުން ގެންދިޔައީ ބައްޕައަށް ލިބޭ 5000 ރުފިޔާއިންނެވެ. ބައްޕަ މަރުވުމުން ދިރިއުޅެންޖެހުނީ ވަރަށް ނިކަމެތިކަން މަތީގައެވެ. ތިމާގެ މީހަކު އެއްޗެއް ދީފިއްޔާ ކައިގެން ނުދީފިއްޔާ ނުކައެވެ. އެ ހާލުގައި އުޅޭ އިރުވެސް އޭނާގެ ދަރިފުޅާމެދު އިބްރާހީމުގެ އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތެވެ. ބައްޕައަކީ ވަރަށް ބޮޑު މުއްސަންޖެއްކަން ނޫރާއަށް އެނގެއެވެ. ނޫރާ ވަރަށްބޮޑަށް ބައްޕަ ދެކޭ ހިތް ވެއެވެ. ބައްޕަ ފެންނަ ހިސާބަށް ކުދިންނާއެކު ދެއެވެ. ބައްޕައާ ވާހަކަ ދައްކަން ބޭނުންވެއެވެ. އެކަމަކު ދުވަހަކުވެސް ނޫރާއަށް ގޮވައިވެސް ނުލައެވެ.
ނޫރާ ކުޑައިރު، ބައްޕަ ނާންނަނީ ކީއްވެގެންތޯ، ބައްޕަ އެއްޗެހި ނުދެނީ ކީއްވެގެންތޯ، ބައްޕަ ކޮއްކޮ ދެކެ ރުޅީހޭ، މަންމަ ދެކެ ރުޅީހޭ އަހައެވެ. ދައްތައާއި ބޭބެ މާލެއަށް ގެންދިޔައިރު ކޮއްކޮ ނުގެންދިޔައީ ކީއްވެތޯ އަހައެވެ. މަންމަ ބައްޕައާ ވާހަކަ ނުދައްކަނީ، ބައްޕަގެ ގެއަށް ނުދަނީ ކީއްވެތޯ އަހައެވެ. ބައްޕައާ ގުޅޭ ގޮތުން އޭނާ ކުރާ އެފަދަ ސުވާލުތަކުން އައިމިނަގެ ހިތް ކުދިކުދިވާ ވަރުވެއެވެ. ކިތަންމެ ފަހަރަކު ލޮލުން ކަރުނަ އާދެއެވެ. ދަރިފުޅު ގާތު ބުނާނީ ކީކޭހޭ ކިޔައިދޭނީ ކިހިނެއްހޭ ހިތަށް އަރައެވެ.
އައިމިނަ ދުވަހަކު ވެސް ނޫރާގެ ބައްޕަގެ ގޯސް ވާހަކައެއް ނުބުނެއެވެ. ދަރިފުޅަށް އަޑުއިވޭ ހިސާބެއްގައި ވެސް އެފަދަ ވާހަކައެއް ނުދައްކައެވެ. އަބަދުވެސް ބުނަނީ ބައްޕަ ދަރިފުޅުދެކެ ލޯބިވާނެކަމަށާއި އެކަމަކު ބައްޕަ އުޅެންޖެހޭ ގޮތުން ނުވަތަ އެފަދަ ކޮންމެވެސް ސަބަބަކާހުރެ ނާދެވެނީ ކަމަށެވެ. ކޮންމެވެސް އެއްޗެއް ކިޔައިގެން ހަމަޖައްސަނީއެވެ. ކުޑައިރު އެހެން ހަމަޖެއްސިދާނެކަމަށާއި އެކަމަކު ބޮޑުވީމާ ދައްކާނީ ކޮން ވާހަކައެއްހޭ އައިމިނަގެ ހިތަށް އަރައެވެ.
އެކަމު، ނޫރާ ބޮޑުވިވަރަކަށް ބައްޕަގެ ވާހަކަދެއްކުން ވީ މަދެވެ. ހަމައެކަނި ބައްޕަގެ ވާހަކަ ދެއްކުން މަދުވީކީއެއް ނޫނެވެ. މަންމައާ ވާހަކަދެއްކުން ވެސް މަދެވެ. ކަންކަމާ މެދު ވިސްނައި ކަންކަން އަމިއްލައަށް ސާފުކުރެވޭވަރު ވީއިރު ނޫރާގެ ވާހަކަދެއްކުން ވަރަށް މަދުވެއްޖެއެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ފިޔަވައި އެހެން އެއްޗެއް ނުބުނެއެވެ. ގިނަ ވަގުތު އިންނަނީ ކޮންމެވެސް ޚިޔާލެއްގައެވެ.
ނޫރާއަށް މި ދިމާވި ކަންތަކާ ގުޅިގެން މާބޮޑަށް އަނގަގަދަވެ ބައްޕަގެ ވާހަކަ ދައްކާތީ އައިމިނަ ހައިރާން ވިއެވެ. އައިމިނަގެ ހިތަށް އެރިއެވެ. ‘ނޫރާގެ ހިތުގައި ބައްޕައާ މެދު ލޯބި އުފެދިފައިވޭ. އެކަމަކު އެއީ ކިހިނެއް؟ ބައްޕައަކަށް ވީތީ ހަމަ ލޯބި އުފެދެނީބާ؟ ނޫނީ ބައްޕަ އޭނާއާ އަޅާ ނުލީ މަންމަގެ ސަބަބުންކަމަށް ހީކޮށް ބައްޕައާމެދު އެއްވެސް ނުރުހުމެއް އޭނާގެ ހިތުގައި ނޫފެދި މަންމަދެކެ ރުޅިވެރިކަން އުފެދިފައި އޮތީބާ؟’ އޭނާގެ ޚިޔާލު ކުރިޔަށް ދިޔައެވެ. ‘އޭނާގެ ބައްޕަ އޭނާއާ އަޅާނުލީ އަހަރެންގެ ސަބަބުންކަމަށް ހީކުރަނީބާ؟ ހަމަގައިމު، އޭނާގެ ބައްޕަ މަންމައަށް ކުރި އަނިޔާތަކުގެ ވާހަކައާއި މަންމައާމެދު ކަންތައްކުރި ގޮތުގެ ވާހަކަ އަހަރެން ނުދެއްކި ނަމަވެސް އޭނާގާތު އެކިއެކި މީހުން އެ ވާހަކަތައް ދައްކާފައި ވެއެވެ. ބައްޕައާ އަލުން މަންމަ ކައިވެނި ކުރަންވީ ނޫންހޭ ބައްޕަ ކިހާ އެކަނިވެރިހޭ ބުނި އިރު ނޫރާ ކުޑައިރު އަހަރެން އުޅުނު އެކަނިވެރިކަމާއި ނިކަމެތިކަން ނޫރާއަށް ނުފެންނަނީބާ؟ އަދި މިހާރުވެސް އަހަރެން އުޅޭގޮތް ނޭނގެނީބާ؟ އަހަރެން އަސްލު ވަރަށް ދެރަވޭ. ދުވަހަކު ވެސް ނޫރާ އަހަންނަކަށް ކަމެއް ކޮށް ނުދޭ. އެއްޗެއްވެސް ނުދޭ. ލޯބިން ބަހެއްވެސް ބުނެނުލާ. އެކަމަކު މިހާރު ވެސް އޭނާއަށް ކަމެއް ވެއްޖިއްޔާ އަހަރެން އެ ކަމެއްގައި އުޅެން. އަހަންނަކަށް ނޭނގޭ ކަންކަން މިވާ ގޮތެއް. އަނެއް ދެ ކުދިންވެސް އަހަރެން ދެކެ ލޯތްބެއް ނުވޭ. ދުރުގައި ތިބެގެން ބޮޑުވީމާ ކަމަށް ވެދާނެ. އަދި އަހަރެން އެ މީހުން ނުބެލީ ކަމަށް ކުޑައިރު ގަބޫލުކުރެވި އެ އިޙުސާސްތައް ހިތުގައި ބިންވަޅުނެގިފައި ވަނީ ކަމަށް ވެސް ވެދާނެ. އެކަމަކު، އެ ގޮތަށް އަހަރެން އެކަނި މާއެކަނި ނޫރާ ބަލައި ބޮޑުކުރީތީ އޭނާގެ ހިތުގައި އަހަންނާމެދު ލޯބި އުފެދިފައި ނުވަނީ ކީއްވެގެންބާ؟’
‘އަހަރެން އިބްރާހީމަކާ ނީންނާނަށް.’ އައިމިނެ ހިތާހިތާ ބުންޏެވެ. ‘ދެން ނޫރާ އެ ވާހަކަ ދައްކައިފިނަމަ ފިސާރި ރަނގަޅަށް ކިޔާލަދޭނަން.’
