ލޯބި މިއީ ކުރުކުރު ބަހެކެވެ. އެބަހުގައި އެތައް ކަމެއް އެކުލެވެއެވެ. ރަޙުމެވެ. ކުލުނެވެ. އަސަރެވެ. ހަށިގަނޑާއި ފުރާނައެވެ. ލޯތްބަކީ ދުނިޔޭގައި ލެއްވިހާ ރީތި ކުލަތަކެކެވެ. ހުރިހާ މީރު ވަހެކެވެ. ހުރިހާ އުޖާލާކަމެކެވެ. ލޯބި ލިބުމުން ހިތުގައި ރީތި ކުލަ ޖެހިގެންދެއެވެ. ސެންޓު ލެވިގެންދެއެވެ. ދިރިއުޅުން އުޖާލާކޮށްދެއެވެ.     

– އިރުއަރަނީއެވެ. ހަދުވަރުދެނީއެވެ. ބަގީޗާގައި މާތައް ފަރިވެ ފޮޅެނީއެވެ. ދޫނިތައް ލަވަކިޔައި ނަށަނީއެވެ. އެއީ ލޯތްބެއްގެ ނަތީޖާއެވެ. 

– ލޯބީގެ ޖާދުވީ ދޮރުން ވަދެވުމުން ހާސްކަމާއި ފޫހިކަން ފިލައި ހިނގައްޖެއެވެ. ހަޔާތުގައި މާމެލި ފަރިވެ ފޮޅިއްޖެއެވެ. ދުނިޔެ ސުވަރުގެއަކަށް ބަދަލުވެއެވެ. ހިތުގެ ދޮރުގައި ލިޔެފީމެވެ. ތިޔަ ލޯބި ނޫން ލޯތްބެއް މި ދޮރުން ނުވަންނާށެވެ. ނުވަންނާނެއެވެ. ވަނަކަނުދޭނަމެވެ.

– ޙަޤީޤީ ލޯތްބަކީ މަރުވާއެއްޗެއްނޫނެވެ. 

– ހިތުގެތެރޭގައި ގޮވައެވެ. އެއީ ބޮމެއްހެއްޔެވެ؟ އަޑެއް ނެތެވެ. ހަލާކެއް ނެތެވެ. މިޔުޒިކެވެ. ތާޒާކަމާއި އާރޯކަމެވެ. އެއީ ލޯތްބެވެ.    

– ގަދަފަދަ ލޯތްބަކީ އިރުވައިގެ ހަޅައެއް ނޫނެވެ. ހުޅަނގުގެ ވިއްސާރައެއް ނޫނެވެ. އެއީ ދަގަތްފާނެވެ. ނުފެންނާނެއެވެ. ނަމަވެސް ވަރުގަދައެވެ.  

– ބޭހެކެވެ. ޒަޚަމުތައް ރަނގަޅުކުރެއެވެ. ބަލި ފަސޭހަކުރެއެވެ. އުންމީދު ގެނުވައެވެ. 

– ލޯބިވުމުން ހިނިތުންވެވެއެވެ. މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. މާމެލާމެލީގެ މީރުވަހުން އުފާހޯދަން ބޭނުންވެއެވެ. ހަނދުވަރުގެ ރީތިކަމުގެ ތެރޭގައިވާހިތްވެއެވެ. ބަގީޗާގައި ބަޅިދާއި ކޮކާތައް އުޅޭތަން ދެކޭހިތްވެއެވެ. ގޮނޑުދޮށަށް ޖަހާ ރާޅުގެ އަޑު އަހާހިތްވެއެވެ. ލޯބި ނެތްނަމަ މާތަކުގެ ރީތިކަމެއް ނުވާނެއެވެ. މާމެލާމެލީގައި މީރު ވަހެއް ނުދުވާނެއެވެ. ހަނދުވަރުގައި އަލިކަމެއް ނުވާނެއެވެ. ދޫނިތަކުގެ ލަވައިން އުފަލެއް ނުލިބޭނެއެވެ. ގޮނޑުދޮށަށް ޖަހާ ރާޅުތަކުގައި މިޔުޒިކެއްނުވާނެއެވެ. ދުނިޔެ ވީހީ ފޫހިތަނަކަށެވެ.  

– ލޯތްބަކީ އަނެކާގެ އުފާ ތިމާގެ އުފަލަށްވުރެ އިސްކުރުމެވެ. ޙަޤީޤީ ލޯތްބަކީ އަނެކާއަށްޓަކައި ތިމާގެ ޖާނު ޤުރުބާންކުރާ ވަރަށް އަނެކާ ބޭނުންވުމެވެ.

– މަރުވެފައިވާ މީހުންނާއި ދިރިތިބި މީހުންނާ ގުޅުވައިދެނީ ލޯތްބެވެ. ހަމައެކަނި ލޯތްބެވެ. 

– ލޯބި ދެކޭކަށް ލޮލެއް ބޭނުމެއްނުވެއެވެ. ލޯބީގެ އަޑު އަހާކަށް ކަންފަތެއް ބޭނުމެއް ނުވެއެވެ. ލޯބި ދެކެނީ ހިތުންނެވެ. ލޯބީގެ އަޑު އަހަނީ ވެސް ހިތުންނެވެ. 

– ލޯތްބަކީ ދަންތުރައެއްނޫނެވެ. “ޖެހުމުން އެ ޖާދޫގާތެރޭ ފިސްހިތްވެ ގޮސް ކަންނެތް ކުރާ” އެއްޗެއް ނޫނެވެ. އެއީ އުފަލާއި އަރާމުގެ ތަޅުދަނޑިއެވެ.

– ލޯތްބަކީ ފުން ކަނޑެކެވެ. ފީނިވަރަކަށް ފީނޭނެއެވެ. އަޑިއަށް ދެވުނުވަރަކަށް އަޖައިބުތަކާ ދިމާވާނެއެވެ.

– މޫސަގެ ޚަބަރެއް ދަބަރެއް ނުވެއެވެ. މޫސަގެ ސިޓީއެއް ލިބޭނެނަމަ އަހަރެން އެ ބަޑިއަކަށް ލައިގެން އުނަގަނޑުގައި އަޅާނަމެވެ. އުނނަގަނޑުގައިވާ ގޮށްފައްޓަރު ބާލާނަމެވެ. މޫސަގެ އަޑު އިވޭނެނަމަ އަހަރެން ލަވަކިޔާނަމެވެ. މޫސަ ފެންނާނެނަމަ އަހަރެން މޫސަގައިގައި ބައްދައިލާނަމެވެ. މޫސައެވެ. އަހަރެންގެ ބޯމަތީގައި މޫސަގެ ލޯބީގެ ފިޔަގަނޑު އަވަހަށް ދަމައިލަދޭށެވެ. އަވިން އަހަރެން ހޫނުވިޔަނުދޭށެވެ. ވާރެއިން އަހަރެން ތެމުނަނުދޭށެވެ. ޠޫފާންތަކުން އަހަރެން ބިރުގަތަނުދޭށެވެ. ނުރައްކާތައް އަހަންނާ ކުރިމަތިވިޔަ ނުދޭށެވެ. ރައްކާތެރިކޮށްދޭށެވެ. އަހަރެން ސަލާމަތްކޮށްދޭށެވެ. މޫސައަށްް އަހަރެން ފެންނާނެހެއްޔެވެ؟ އަހަރެން ހުންނާނީ ކިހިނެއްހެއްޔެވެ؟ އަހަރެން މިލައިފިއެވެ. ހިކިއްޖެއެވެ. އެކަމަކު އަހަރެންގެ ލޯތްބެއް ނުމިލައެވެ. ނުހިކެއެވެ. އަހަރެން ނިމިދިޔަޔަސް އަހަރެންގެ ލޯތްބަކަށް ބަދަލެއް ނާންނާނެއެވެ. މޫސައެވެ. އިރު އޮއްސެނީއެވެ. އަނދިރިކަން ފެތުރެނީއެވެ. އަހަރެންގެ ނިމުން އަންނަނީހެއްޔެވެ؟ މޫސައެވެ. ދެރަނުވާށެވެ. އަހަރެންގެ ލޯތްބަކަށް ނިމުމެއް ނާންނާނެއެވެ.

– ސަންފާއެވެ. ދެމީހުން މި ތިބީ ރާއްޖޭގެ ދެކޮޅުގައެވެ. އެކަމަކު ދެމީހުންވަނީ ލޯބީގެ ޗޭނުން ގުޅިފައެވެ. ސަންފަގެ ހިތުގެ ހިނގުމުގެ އަޑު އެތައްމޭލެއްގެ ދުރުން ވެސް އަހަންނަށް އެބައިވެއެވެ. އަހަރެންގެ ހިތުގެ އަޑުވެސް ސަންފައަށް އިވޭނެއެވެ. އެއްތަނެގައި ނުވިޔަސް ދެ މީހުން ވަނީ އެކުގައެވެ. ލޯތްބަކަށް ޖާގައެއް ބޭނުމެއް ނުވެއެވެ. ސަންފާއެވެ. އަހަރެން ތަންކޮޅެއް ލަސް ވިޔަސް ދެރަނުވާށެވެ. ކިތަންމެ ޒަމާނެއް ވިޔަސް އެހެން ލޯތްބެއް މި ހިތަކަށް ނުވަންނާނެއެވެ. އަހަރެންގެ ލޯތްބަކީ ސަންފައެވެ. އެހެންމީހަކާއެކު އަހަންނަށް ރާއްޖޭގެ ވެރިކަން ލިބުނަސް، ކަލާއާއެކު އަހަންނަށް ކަލާގެ ލޯބިނޫން އެހެން އެކައްޗެއް ނުލިބުނަސް އަހަރެން ވާނީ ކަލާއާ އެކުގައެވެ. އަހަރެންގެ ހުރިހާއެއްޗެއް ދޫކޮށް ސަންފަ ގާތަށް ދާނަމެވެ. އަހަރެން އުދެލި ހިފައިގެން ވަލަށްގޮސް ދަނޑުހައްދާނަމެވެ. މަހަށްގޮސް މަސް ބާނާނަމެވެ. ރުކަށް އަރައި ރާ ބާލާނަމެވެ. ލަކުނޑި ކަނޑައިގެން އޮޑިދޯނިފަހަރު ބަންނާނަމެވެ. އުވަދަވައިގެން، ގާތަޅައިގެން ގެދޮރު ހަދާނަމެވެ. ސަންފަ އަހަންނާއެކުގައި ހުރިއްޔާއެވެ