
އަހަރެން މި އިންނަނީ އުސް އިމާރާތެއްގެ މަތީބުރީގެ ކޮޓަރިއެއްގައެވެ. މި ކޮޓަރިއާ ޖެހިގެން ދެންހުންނަ ކޮޓަރީގައި އުޅެނީ އަހަރެން ބަލަހައްޓަން ގެނައި ބަންގްލާދޭޟް މީހަކާއި މި ތަނުގައި ކޮންމެވެސް ވަޒީފާއެއް އަދާކުރާ އޭނާގެ ފިރިމީހާއެވެ.
އަހަންނަށް ކުޑަކޮށް ހިނގާ އުޅެވެއެވެ. ނަމަވެސް، ލިފުޓުގައި އެއްދުވަހަކު އަހަރެން ތާށިވީފަހުން އެއަށް އަރާކަށް ނުކެރެއެވެ. ކަކުލުހުޅަށް ތަދުވާވަރުން ސިޑިން ނުފޭބެއެވެ. ތިރިއަކަށް ނުދެވެއެވެ. ބިންމަތީގައި ހިނގައެއް ނުލެވެއެވެ. މީހުނަކާ ބައްދަލެއް ނުވެއެވެ. މިތާނގައި މި ޖެހެނީ އިންނާށެވެ. ނުވަތަ އޮށޯވެ އޮންނާށެވެ.
ފެންނަނީ ހަމައެކަނި އަހަރެން ބަލަހައްޓާ މީހާއެވެ. އަނގައިން ބުނެލެވެނީ އޭނާއާއެވެ. އޭނާއަށް ކުޑައިކޮށް ދިވެހިބަހުން ވާހަކަ ދައްކާލަން އެނގެއެވެ. އޭނާ ވަރަށް ރަނގަޅެވެ. ކާންދީ ހަދަނީ އޭނާއެވެ. ބޭސް ކައިފިތޯ ބަލައި ކަކުލު ހުޅުގައި ބޭސް އުނގުޅައިދީ ހަދައެވެ. ހެދުން ދޮވެދެނީ އޭނާއެވެ. ވަރަށް ރަނގަޅު މީހެކެވެ. ޑޮކްޓަރަށް ދާންޖެހޭ ފަހަރު ފަހަރު އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދަނީ އޭނާގެ ފިރިމީހާއެވެ. އެއީވެސް ރަނގަޅު މީހެކެވެ. އަހަރެންމީ ޢިމާރާތުގެ ވެރިމީހާ ‘މެޑަމް’ގެ މަންމަކަން އެ މީހުން ދަނެއެވެ.
މެޑަމަކީ އަހަރެންގެ ދަރިފުޅެވެ. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދަރިފުޅު ލިބުމާއެކުގައި އަހަރެމެން ދޫކޮށް އޭނާގެ ބައްޕަ ހިނގައްޖެއެވެ. އެހެން ރަށަކަށް ގޮސް އެހެން މީހަކާ އިނދެފިއެވެ. އޭނާ ކުއްޖެއް ބޭނުންނުވަނީ ކަންނޭނގެއެވެ. ނަމަވެސް، އެ ދަރިފުޅަކީ އަހަރެންގެ ފޮނި އުންމީދެކެވެ. އަހަންނަށް އެނާ ލިބުނީ ކުއްޖަކަށް ބޭނުންވެފައި ހުއްޓައެވެ. ކުއްޖަކު ގެންގުޅޭހިތުން ހުއްޓައެވެ. އެއީ އަހަރެންގެ ޙަޔާތުގެ ކުރީކޮޅެވެ. ގައިގައި ވަރުހުރި ދުވަސްވަރެވެ. އޭނާ ގެންގުޅެ ބޮޑުކުރީ އަހަރެންގެ މަންމައާއި އަހަރެންނާ ދެމީހުންވެގެންނެވެ. އަހަރެންގެ ބައްޕަ ވަނީ މަރުވެފައެވެ. މަންމަމެންގެ އަހަރެން ނޫން ކުއްޖަކު ނުހުރެއެވެ.
އެ ދަރިފުޅު އަހަރެމެން ގެންގުޅެ ބޮޑުކުރީ ހާދަ ލޯބިންނެވެ. ނިންދެވީ އުނގުގައި ބައިންދައިގެން ނާނަނާ ކިޔައިދީގެންނެވެ. އެތައް މަހެއް ވަންދެން ގާތުން ކިރުދިނީމެވެ. ކުޑަ ދަރިފުޅަށް އެންމެ ރަނގަޅު ކާނާއަކީ އެއީކަމަށްވާތީއެވެ. އަދި ގާތުން ކިރު ދިނުމަކީ މަންމަޔާއި ދަރިފުޅުގެ ލޯބި އިތުރުވާކަމެކޭވެސް ބުނެއުޅޭތީއެވެ. ރަނގަޅަށް ކާންދިނީމެވެ. އެހާ ހަށިގަނޑު ރަނގަޅުކޮށް ރީތިކޮށް ފުރާފުރިހަމަވެފައި އެހެރީ އެހެންވެގެންނެވެ. އެކުގައި ކުޅިވަރު ކުޅެއުޅުނީމެވެ. އިނގިލި ކުރީ ލައިގެން ތަންތަނަށް ގޮސްހެދީމެވެ. ގިނަގިނައިން އޭނައާ ވާހަކަދައްކައި އެކިއެކި ވާހަކަ ކިޔައިދީ ހެދީމެވެ. އެގޮތަށް ކަންތައްކުރުމުން ދަރިފުޅުގެ ވިސްނުން ތޫނުވާނެއޭ މީހަކު ބުނި އަޑު އަހާފައިވާތީއެވެ. ކިއެއްވީމެވެ. މައްޗަށް ކިޔަވަން ރާއްޖެއިން ބޭރަށް ދެވުނީ އެހެންވެގެންނެވެ. ޑިގްރީ ލިބުނީ އެހެންވެގެންނެވެ. މަތީ ވަޒީފާއެއްލިބުނީ އެހެން ވެގެންނެވެ. މި ހުރިހާ ކަމެއް އަހަންނާ މަންމައާ ދެމީހުން ވެގެން ކުރީ ހާދަހާ ބުރައެއް އުފުލައިގެންނެވެ.
މަންމަގެ ފަރާތުން އަހަންނަށް ލިބުނު ގޯތި ދަރިފުޅަށް ދިނީމެވެ. އަހަރެންގެ މަންމަވެސް ކަންތައް ކުރިގޮތަށެވެ. ގޯތި ރަހުނުކޮށްފައި ބޭންކުން ލޯނެއްނަގައިގެން މިހިރީ ބޮޑު އިމާރާތެއް ހަދާފައެވެ. އެތައް ބުރިއެއް އެހެރީ ކުއްޔަށްދީފައެވެ. ދަރިފުޅަށް ލާރި ލިބެއެވެ. އަގުބޮޑެތިހާ އެއްޗެހި ގަނެވެއެވެ. ޕާޓީ ބޭއްވެއެވެ. ކުޅިވަރުކުޅެވެއެވެ. ގިނަގިނައިން ރާއްޖެއިން ބޭރަށް ދެވެއެވެ. އަހަރެން ބަލަހައްޓާ މީހާ ބުނާނެއެވެ. ‘މެޑަމް ސިންގަޕޫރަށް ހިނގައްޖެ. މެޑަމް ހިނގައްޖެ ލަންޑަނަށް. މެޑަމް މިރޭ ވަރަށް ބޮޑު ޕާޓީއެއް ބާއްވައިގެން.’ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ވަރަށް ފުރިހަމައެވެ. ވަރަށް އުފާވެރިއެވެ. މި ކޮޓަރީގައި އެކަނި މާއެކަނި މިހެން އިންނައިރު، ނުވަތަ އޮންނައިރު އަހަރެންނަށް އުފާލިބޭ ކަމަކީ ހަމައެކަނި އެއީއެވެ. އަހަރެންގެ ދަރިފުޅު އުޅެނީ އުފަލުގައިކަން އެނގޭތީއެވެ.
މަހަކު އެއްފަހަރު ވެސް އަހަރެންގެ ދަރިފުޅު އަހަންނަކަށް ނުފެނެއެވެ. މަންމާޢޭ ކިޔާފައި ގޮވައިލި އަޑު އިވުނު ހަނދާނެއްވެސް ނެތެވެ. އޭނާ ކައިރީ އެއްޗެއް ބުނަން ބޭނުންވެއްޖެނަމަ ޖެހޭނީ ފޯނުކުރާށެވެ. އޭނާ ކިޔާނީ ‘އާނ. ހޫނ. އެނގިއްޖެ. އެނގިއްޖެ.’ މާގިނަ ވާހަކައެއް ނުދައްކާނެއެވެ. ހީވާނީ ދެންބާއްވާށޭ ބުނާހެންނެވެ. ދެން އަހަރެން ފޯނު ބާއްވަނީއެވެ. ދެރަވެއެވެ. ލޮލުން ކަރުނަ އާދެއެވެ. ހިތް ފަޅައިގެންދާވަރު ވެއެވެ.
އަހަރެންގެ ހިތަށް އަރައެވެ. ދަރިފުޅު އެހެން އެ ހަދަނީ ހަމަގައިމު އަހަންނަށް ނަމޫނާ ދެއްކުނު ގޮތަކުންނޫނެވެ. އަހަރެން މަންމަޔާހެދި އުޅުނު މިންވަރު އޭނާއަށް އެނގޭނެއެވެ. މަންމަޔާމެދު އަހަރެން ކަންކުރަމުން ދިޔަގޮތް އޭނާއަށް ފެންނާނެއެވެ.
އޭނާގެ ބައްޕަ ދިޔައީ އަހަރެންގެ ސަބަބުންކަމަށް އޭނާއަށް ހީވަނީ ކަންނޭނގެއެވެ. އެހެން ނޫންކަން އޭނާއަށް އެނގެންވާނެއެވެ. ބައްޕަގެ ހަނދާންތައް ރައްކާކުރަން އަހަރެން މަސައްކަތްކުރަމުން ދިޔަކަން އޭނާއަށް އެނގޭނެއެވެ. އޭނާއަށް ބައްޕަގެ ރަނގަޅު ވާހަކަ ކިޔައިދީ ބައްޕައާ ގުޅުވަން މަސައްކަތްކުރި ހަނދާން ހުންނާނެއެވެ.
އޭނާގެ ތަޢުލީމުގެ ތެރޭގައި ދަރިން މައިންބަފައިންނާމެދު ކަންތައް ކުރަންޖެހޭ ގޮތް ކިޔައިދީ ދަސްކޮށްދީފައި ނުވަނީކަންނޭނގެއެވެ. ނޫނީ އެފަދަ މޮޅު އިނގިރޭސި ތަޢުލީމެއް އަހަންނަށް ލިބިފައިނުވާތީއާޢި ބައެއްފަހަރު ދިވެހި ލިބާސްލައިފައި ކަނޑިކި އަދެފައި ހުންނާތީ، އަހަންނަކީ މާ ދަށް މީހެއްކަމަށް ދެކި މަންމާއޭ ގޮވާލަން ވެސް ލަދުގަންނަނީކަން ނޭނގެއެވެ. އަހަންނަކީ އޭނާގެ މަންމަކަން، އެއުޅޭ މަތީދަރަޖައިގެ މިހުންނަށް އެނގިދާނެތީ ޖެހިލުންވަނީކަންނޭނގެއެވެ.
ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސްވެސް، މިއީ ނުވަމަހާއި ދިހަދުވަސް ވަންދެން ބަނޑުގައި ބާއްވައިގެން އުޅުނު ތިމާގެ މައިމީހާކަން ދަންނަންވާނެ ނޫންހެއްޔެވެ؟ މިއީ އެއްވެސް ކަމެއް އަމިއްލައަށް ނުކުރެވޭ ކުޑަކުއްޖެއްގެ ގޮތުގައި އޮތްއިރުން ފެށިގެން ބޮޑުވެ ތަޞައްރަފު ފުދެންދެން ނުހަނު ލޯބިން ގެންގުޅެ ބޮޑުކުރި އޭނާގެ މަންމަކަން ދަންނަން ވާނެ ނޫންހެއްޔެވެ؟ އެ ހިސާބަށް އާދެވުނީ މި ނިކަމެތިމީހާގެ މަސައްކަތުންކަން ގަބުލުކުރަން ވާނެ ނުންހެއްޔެވެ؟
ތިމަންނާއަކީ މަންމަޔާއި ބައްޕަގެ އުފަލަށްޓަކައި ކުރިކަމެއްގެ ނަޖީއޭ، ތިމަން ދުނިޔެއަށް ގެންނާށޭ، ތިމަންނާއަށް ކަމެއް ކޮށްދޭށެކޭ ނުބުނަމެއްނޫންހޭ އޭނާ ހީކުރަނީކަންނޭނގެއެވެ. އެއީ މުޅިން ގޯސްހީއަކަށް ނުވާނެކަންނޭނގެއެވެ. އަހަރެން ޤަބޫލުކުރަމެވެ.
އަހަރެން ވިސްނީ އަހަންނަށް ވެވުނު އެންމެ ރަނގަޅަކަށް އަހަރެންގެ ދަރިފުޅު ބޮޑުކުރުމަށެވެ. އަހަރެން މުސްކުޅިވެ ގައި ބާރު ދޫވާ ދުވަހު އެ ދަރިފުޅު އަހަރެން ބަލާނެކަމަށް އުންމީދު ކޮށްގެންނެވެ. އެއީ ގޯސް ވިސްނުމެއްކަން މިއަދު އެނގިއްޖެއެވެ. އަހަރެމެންވެސް ދަރިފުޅަށްޓަކައި ކަންތައް ކުރަންވާނީ އޭނާގެ ފަރާތުން އޭގެ ބަދަލަކަށް އެދިގެންނެއް ނޫނެވެ.
އެހެންނަމަވެސް، މައިންބަފައިންނާޢި ދަރީންގެ މެދުގައި ލޯބި އޮންނަންވާނެ ނޫންހެއްޔެވެ؟ އިސްލާމްދީނާއި އިންސާނިއްޔަތުކަމާ އަދި ދިވެހި އާދަކާދަ ލާޒިމުކުރާ އުޞޫލުން ވެސް މައިން ބަފައިންނާ ދަރީނާ ދެމެދު ގުޅުމާއި ލޯބި އޮންނަންވާނެ ނޫންހެއްޔެވެ؟
އަހަރެން ދަރިފުޅު ގާތުގައި ބުނެލަންބޭނުމެވެ. ‘އެކަނި މާއެކަނި މަތީބުރީގެ ކޮޓަރިއެއްގެ ތެރޭގައި އިނދެ ރޮއިރޮއި މިހަލާކުވަނީ ދަރިފުޅުގެ މަންމައެވެ. ދަރިފުޅާއެވެ. މަންމަ އެކަނި ނުކުރާށެވެ. މަންމަ ނިކަމެތިކޮށްނުލާށެވެ. މަންމަގެ ހިތަށް ތަދުނުކުރާށެވެ. މަންމަ ދެން މާގިނަދުވަހަކު ދުނިޔެއަކު ނޯންނާނެއެވެ. ދަރިފުޅު މަންމަދެކެ ލޯބިވާކަން މަންމަޔަށް އަންގައިދޭށެވެ. މަންމާއޭ ކިޔާފައި ދަރިފުޅު ގޮވައިލާ އަޑު މަންމަގެ ކަންފަތަށް އިއްވައިލަދޭށެވެ. ދަރިފުޅާއެވެ. މާތް ﷲ ދަރިފުޅަށް ރަޙުމަތް ލައްވާށިއެވެ
