
ސަލީމަކާ ހަމަ އެއްވެސް ތަފާތެއް ނެތް.” ތުއްތު ދަރިފުޅު ބަލައިލާފައި އަހަރެންގެ މަންމަ ބުންޏެވެ. “ހަމަ އެ ނިއްކުރި. އެ ނޭފަތް. އެ ތުންފަތް. ސަލީމު ހުރިނަމަ ހާދަހާ އުފަލެއް ވާނެއޭ.”
“އާނ، މަންމާ. މިއަދު ސަލީމު ހުރިނަމަ އުފަލުން ގޮސް މަރުވާނެ.” އަހަރެން ބުނެލީމެވެ.
“އަދި މިއަދަކީ ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ހުރި ދުވަހެއްނަމަ ވަރަށް ކަންތައް ހުރީސް.” މަންމަ ބުންޏެވެ. އެކަމަކު އެއްވެސް އިރަކު އެއްވެސް މީހަކަށް ރަނގަޅު ހުރިހާކަމެއް ވެފައެއް ނޯވޭނު؟”
“އެކަމަކު، މިއަދު މި ތުއްތު ދަރިފުޅުގެ ބައްޕަ މިތާ ނެތުން، އަދި ސަލީމު ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ވުން އެއީ އަހަރެންގެ ހިތަށް ހާދަ އަސަރު ކުރާ ކަމެކޭ މަންމާ.” ދަރިފުޅުގެ ނިއްކުރީގައި މަޑުމަޑުން އިނގިލިން ފިރުމާލަމުން އަހަރެން ބުނީމެވެ.
“މަންމަމެނަށް އެނގޭ ދަރިފުޅާ.” މަންމަ ކުޑަކޮށް ހިނިތުންވެލާފައި ބުންޏެވެ. “ދަރިފުޅު އެ ވޭންގަނޑުގެ ތެރޭގައި ވެސް ގޮވަމުން ދިޔައީ ސަލީމަކަށްނު؟”
“އެހެންތަ މަންމާ.” އަހަރެން ލަދުގަތެވެ. “އަޅާ ވޭން ގަދަކަމުން ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭގެންޏާ.”
“އިރާދަކުރެއްވީތީ ވިހެމުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް.” މަންމަ ބުންޏެވެ. “ދަރިފުޅު ދެން ދެރަ ނުވެ އުފާކުރޭ. ދަރިފުޅު ގާތުގައި ތިއޮތީ ހަމަ ކުޑަކުޑަ ސަލީމެއް.”
އެހާ ތުއްތު އިރު މަންމަ މެނަށް ވައްތަރު ކިޔަން އެނގޭތީ އަހަރެން ހައިރާން ވިއެވެ. އަހަރެންގެ ހިތަށް އެރީ މަންމައަށް ސަލީމު ރަނގަޅުކަމުން އެގޮތަށް ފެނުނީ ކަމަށެވެ. ސަލީމަކީ އަހަރެންގެ މަންމަޔާ ވަރަށް ގުޅޭ މިޒާޖެއްގެ މީހެކެވެ. މަންމަޔަށް އޭނާ އެންމެ ކަމުދަނީ ގޭގައި ކުރަންޖެހޭ އެންމެހާ ކަންކަން އޭނާގެ ދެއަތުން އޭނާއަށް ކުރެވޭތީއެވެ. އޭނާ އެ ކަންކަން ކުރާތީއެވެ. ދޭތެރެ ދޭތެރެއިން މަންމައަށް ހަދިޔާ ގެނެސްދީ، ހިތްހެޔޮކަމާއެކު މަންމައާ ވާހަކަ ދައްކައި އުޅޭތީއެވެ. މަންމަ ކިރިޔާ ބަލިވާ އިރަށް ވެސް މަންމަ ހޮސްޕިޓަލަށް ގެންދާށޭ އަހަރެން ގާތު ބުނެ، އަހަރެން މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާއިރު އަހަރެމެންނާއެކު ހޮސްޕިޓަލަށް ވެސް ދާތީއެވެ. އުފަން ދަރީންނަށް ވުރެ ވެސް ސަލީމު ތިމަންނައަށް ހެވޭ މަންމަ ބުނެ އުޅެއެވެ.
މަންމައާމެދު ސަލީމު ހެޔޮކޮށް ކަންތައް ކުރަނީ އަޒްހާނު ދެކެ މަންމަ ނުގަބޫލު ވެ ރުޅި އަންނާތީއެއް ނޫނެވެ. އޭނާ މިގެއަށް ވަނުން މަނާ ކުރީތީއެއްވެސް ނޫނެވެ. މިގެއަށް އޭނާ ވަނުން މަނާކުރީ އަހަރެން ބުނެގެންނެވެ. ސަލީމު މަންމައަށް ހެޔޮކޮށް ހިތަނީ އަހަރެންގެ މަންމަ ވީމައެވެ.
އަޒުހާނަކީ އަހަރެން ކުރިން ރައްޓެހިވެގެން އުޅުނު މީހާއެވެ. އަޒުހާނު އަހަންނާ ރައްޓެހިވީ އަހަރެން ކޮލެޖްގައި ކިޔަވަމުން ދިޔަ ދުވަސްވަރުއެވެ. ކޮންމެ ދުވަހަކު ކޮލެޖް ނިއްމާފައި ގެއަށް ދާއިރު އޭނާ އަހަންނާ ބައްދަލުކުރަން އައިސް ހުރެއެވެ. އަހަންނާއެކުގައި ހިނގައިގަނެއެވެ. އެކިއެކި ވާހަކަދައްކައި އަހަރެން ހެއްވަން އުޅެއެވެ. އޭނާ އެކަމަށް ވަރަށް ކުޅަދާނައެވެ. ވަރަށް އަވަހަށް އަހަރެން އޭނާއާ ގަޔާވިއެވެ. ދެ މީހުން ރައްޓެހިވިއެވެ. އެކުގައި ކޮފީއަށް ދާން ފެށީމެވެ. އޭނާ އަހަރެން ދެކެ ލޯބިވާ ސަބަބުތައް ކިޔައިދިނެވެ. އެއީ އަހަރެން ޑިސިޕްލިންގ ކަމުންނޭ ބުންޏެވެ. އެއީ އަހަރެން ރީތިކަމުންނޭ ބުންޏެވެ. އެއީ އަހަރެން އޭނާގެ މިޒާޖާ ގުޅޭތީކަމަށް ބުންޏެވެ. އަހަންނަކީ އޭނާގެ ފުރަތަމަ ލޯބިވެރިޔާކަމަށާއި އޭނާ ބޭނުންވަނީ އަވަހަށް އަހަންނާ އިންނަން ކަމަށް ބުންޏެވެ.
އެއްރެއަކު އަހަރެން އުމުރުގެ އަންހެން ކުއްޖަކާއި ހަމަ އެވަރުގެ ފިރިހެން ކުއްޖެއް އަހަންނާ ބައްދަލުކުރިއެވެ. ތިމަންމެން މިއައީ ވާހަކައެއް ދައްކަން ވެގެންނޭ ބުނެ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ހެކި ދައްކަމުންނެވެ. އެ މީހުންގެ ވާހަކަ އަޑުއަހަން އަހަންނަށް އިނދެވުނީ އަޖައިބުވެ އަންތަރީސް ވެފައެވެ. ކަންފަތުން މި އިވޭ އަޑުތަކާއި ލޮލަށް މި ފެންނަ މަންޒަރުތައް ޤަބޫލު ނުކުރެވިފައެވެ. އަޒުހާނު އަހަރެން ގާތު ދައްކާފައިވާ ވާހަކަތަކާއި މި މީހުން ދައްކާ ވާހަކަތަކާއި އެ ފޮޓޯތަކުން އެ ފެންނަ މަންޒަރުތަކާ ދިމާ ނުވާވަރު ބޮޑުކަމުންނެވެ. އެކަމަކު އެއީ ހަމަ އަޒުހާނެވެ. އަހަރެން ކައިވެނިކުރަން އުޅޭ އަޒުހާނެވެ. އޭނާ އަހަރެން ގާތު ހަދައިފައިވަނީ ހުސް ދޮގެވެ. އޭނާ ވަނީ އަހަންނަށް ވަރަށް ބޮޑަށް އޮޅުވައިލާފައެވެ.
އެރޭ އަޒުހާނު ދެކެ އަހަރެންގެ ގާތަށް ގަދަފަދަ ރުޅިއެއް އައީ އަހަރެންގެ ނަޞީބަކަށެވެ. އަހަރެން ދެރަ ނުވީ، އަދި އަހަރެންގެ ހިތް ވިރިގެން ނުދިޔައީ އެހާ ވަރަށް ރުޅި އައީމައެވެ. އެހެން ނޫންނަމަ އަހަރެންގެ ލޯބިވެރިޔާއާ ބެހޭ ގޮތުން އަހަންނަށް އިވުނު ވާހަކަތަކާއި ފެނުނު މަންޒަރުތަކުން އަހަރެންގެ ހިތް ހަލާކުވެ އަހަރެން ނެތި ހިނގައިދާނެއެވެ.
އަހަރެންގެ ހިތަށް ނުހަނު ބޮޑަށް ތަދުވެފައި ވީނަމަވެސް އަހަރެން އައިސްފައި ހުރި ރުޅީގައި ހަމަ އެ ރޭ އަޒުހާނާ ގުޅާފައި މި ވާހަކަ ދެއްކީމެވެ. އެއީ އޮޅުމެއްކަމަށް ބުނެ ވަރަށް ވާހަކަ ދެއްކިއެވެ. ހުރިހާ ވާހަކައެއް ކިޔައިދިނުމުން އެއީ އެއްގޮތަކަށް ވެސް އެހެން ހިނގާފައިވާ ކަންކަމެއް ނޫނޭ ބުނެ އޮޅުވައިލާން މަސައްކަތްކުރިއެވެ. ނަމަވެސް، މިކަން މި ނިމުނީއޭ އަހަންނަށް ފޯނު ނުކުރާށޭ، އަހަރެން ހޯދަން މިގެއަށް އަންނަން ނޫޅޭށޭ. މި ގެއަކަށް ނުވަދެވޭނެއޭ އަހަރެން ބުނީމެވެ. މިކަން ނުނިމެއޭ، އަހަރެން ދެކެ ލޯބި ވަމޭ، އަހަންނާ އޭ ތިމަން ކައިވެނިކުރާނީ، ކިޔައި ވާހަކަ ދެއްކިއެވެ.
އޭގެ ފަހުން އަހަރެން އުޅެން ޖެހުނީ އަޒުހާނުގެ އުނދަގުލުން ސަލާމަތް ނުވެގެންނެވެ. އަހަންނަށް ފޯނުކޮށް، މަގުމަތިން އަހަންނާ ބައްދަލުކޮށް، ފާޑުފާޑުގެ މީހުން އަހަރެން ގާތަށް ފޮނުވައި ހަދަން ފެއްޓިއެވެ. އަޒުހާނާއި އަޒުހާނުގެ ރައްޓެހީން އެނގި އަހަރެން ޖެހިލުން ވިއެވެ.
އަހަރެންގެ ޙަޔާތަށް ސަލީމު އައީ މި މުޞީބާތުގެ ތެރޭގައި އަހަރެން އުޅެމުންދަނިކޮށެވެ. ސަލީމަކީ ކުރިން ވެސް އަހަރެން ދަންނަ މީހެކެވެ. ކޮލެޖްތެރެއިން އަހަންނާ ދިމާވެފައިވާ ޒުވާނެކެވެ. އެއްދުވަހު އަހަރެން ކޮލެޖްގެ ގަސްދަށުގައި ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންދައި އަހަރެން ސިއްސުވައިލީ ސަލީމެވެ. ސަލީމު ކޮން ޚިޔާލެއްހޭ ތިކުރަނީ އެހުމާއެކު އެ ހުރިހާ ވާހަކަތަކެއް އަހަންނަށް ބަންޑުން ކޮށްލެވުނެވެ. ސަލީމަށް އަޒުހާނު އެނގެއެވެ. އޭނާގެ ވާހަކަ އަހަންނަށް ކިޔައިދިނެވެ. ސަލީމު އަހަންނަށް ވަރަށް ހިތްވަރު ދިނެވެ. އޭގެ ފަހުން އަހަންނާ ސަލީމު ގާތް ވިއެވެ. އެ ގާތްކަމަށް އަހަރެން ވަރަށް ބޮޑަށް ތަރުޙީބު ދިނީމެވެ. އަހަރެން ހުރީ އެފަދަ އެހީތެރިއަކަށް ބޭނުންވެފައެވެ. އަހަރެމެން ދެ މީހުންގެ ގުޅުން ވަރަށް އަވަހަށް ބަދަހިވެ ލޯތްބަކަށް ބަދަލުވެއްޖެއެވެ. އަހަންނަށް މިހާ ރަނގަޅަށް ނޭނގި އޭނާ ދެކެ ލޯބި ވެވެނީއޭ އަހަރެންގެ ހިތަށް އެރިއެވެ. ލޯތްބަކީ ހޯދައި ބަލައި ދިރާސާ ކޮށްގެން ވާ ކަމެއް ނޫންކަން އަހަންނަށް ގަބޫލުކުރެވުނެވެ. އަޒުހާނު ދެކެ އަހަންނަށް ލޯބި ވެވުނީ އޭނާގެ މަޖާކަމުންނެވެ. ސަލީމު ދެކެ އަހަންނަށް ލޯބި މި ވެވުނީ އޭނާގެ ހިތްހެޔޮކަމާއި ސާދާކަމުންނެވެ.
އަހަންނާއި ސަލީމާ ގުޅިއްޖެކަން އަޒުހާނަށް އެނގުމުން އެކަމާ ރުޅިއައިސް އެތައް ދުއްތުރާލެއް އަހަރެމެނަށް ދެމުން ގެންދިޔައެވެ. މި ކަންތައް އަހަރެމެންގެ ކައިވަންޏާ ހަމައަށް ވެސް ދެމިގެން ދިޔައެވެ.
ސަލީމަކީ ވަރަށް ރަނގަޅު މީހެކެވެ. ސަލީމު އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އަހަރެންގެ ބޭނުންތަކަށް އަބަދުވެސް އިސްކަން ދެއެވެ. ސަލީމަށް އޮފީހުން ލިބޭ މުސާރަ އެއްކޮށް އަހަންނާ ހަވާލުކުރެއެވެ. އަހަރެންގެ މުސާރަވެސް ހުންނަނީ އަހަރެން އަތުގައެވެ. އަހަރެން ބޭނުން ގޮތަކަށް ޚަރަދުކުރެވެއެވެ. އަހަރެން އަތުގައި ފައިސާ ހުއްޓަސް އަހަރެންގެ އަމިއްލަ ބޭނުމަށް އެއްޗެތި ގަތުމަކީ އަހަންނަށް އުނދަގޫ ކަމެއްކަން ސަލީމަށް އެނގޭތީ އަހަންނަށް ބޭނުންވާ ސެންޓާއި ރިތިވާ ސާމާނާއި އަދި ވެސް އެފަދަ އަމިއްލަ ތަކެތި ސަލީމު އަހަންނަށް ގަނެދެއެވެ. ދުވަހަކުވެސް ބުނާކަށް ނުޖެހެއެވެ. ގޭގެ ހުރިހާ ކަމެއް އަހަންނަށް އެންމެ ފަސޭހަވާ ގޮތަށް ކޮށްދިމުމަށް އޭނާ ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. އަހަރެން އުފަލުގައި ބޭންދުމަކީ އޭނާގެ އުފަލެކެވެ.
މަންމަ ބުނި ފަދައިން ސަލީމު ހުރިނަމަ މިއަދު އޭނާ ހާދަހާ އުފަލެއް ވާނެއެވެ. އަހަރެން ބަނޑު ބޮޑުވިކަން އެނގުނީއްސުރެން ސަލީމު ގެންދިޔައީ އެ ދަރިފުޅަށްޓަކައި ތައްޔާރީތައް ވަމުންނެވެ. ކޮޓަރި ތައްޔާރު ކުރަމުންނެވެ. އެއްޗެތި ގަންނަމުންނެވެ. އަހަރެންގެ ބަނޑުގައި ފިރުމަމުން ދަރިފުޅާ ވާހަކަ ދައްކަމުންނެވެ. އަހަރެން ބަނޑު ބޮޑުވުމުން ސަލީމު އަހަރެން ދެކެ ވާ ލޯބި ވަރުގަދަ ވިއެވެ. އަހަންނާއެކު ހޭދަކުރާ ވަގުތު އިތުރު ވިއެވެ. ލޯބީގެ ވާހަކަ ދެއްކުން ގިނަ ވިއެވެ. އަހަރެންގެ ގައިގައި ލޯބިން ފިރުމާ މިންވަރު އިތުރުވިއެވެ. އަހަރެމެންގެ ގުޅުން އިތުރަށް ބަދަހިވިއެވެ.
މި އުފާވެރިކަން ދެމި އޮތީ އަހަރެންގެ ބަނޑަށް ހަތް މަހެއްހާ ދުވަސް ވެފައި ވަނިކޮށް އެ ހަބަރުގެ ފޯނުކޯލު އަހަންނަށް ލިބުމާ ހަމައަށެވެ. އެ ފޯންކޯލު ލިބުމާއެކީ އަހަރެންގެ ވަށައިގެންވާ ދުނިޔެ ނަގޫ ރޯޅިއަކަށް ބަދަލުވެ އޭގެ ތެރެއަށް އަހަރެން ލައި އޮޅައިލިއެވެ. އަހަރެންގެ ހުރިހާ ރޫޙަކާއި އުފަލެއް ނެތިކޮށްލިއެވެ. އަހަރެމެންގެ އުންމީދުގެ ކިއްލާ ފުނޑުފުނޑުކޮށް ކުދިކުދި ކޮށްލިއެވެ. އަހަންނަށް ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގެ އެނދެއްގެ މަތީގައެވެ. ކައިރީގައި ނަރުހަކު ހުއްޓެވެ. މަންމަ މެންވެސް ތިއްބެވެ.
“ދަރިފުޅާ ކިހިނެއްތަވީ؟” މަންމަ އެއްސެވެ.
“ދަރިފުޅު ކިހިނެއް ނަރސް؟” އަހަންނަށް އަހައިލެވުނީ ބަނޑުގައި އޮތް ދަރިފުޅުގެ ވާހަކައެވެ.
“އިރާދަކުރެއްވީތީ ދަރިފުޅު ރަނގަޅު.” ނަރުސް ބުންޏެވެ. “ވެއްޓުނު ގޮތުން ނިއުމާގެ އަތް ބިންދައިގެން ގޮސްފައި ވަނީ. އެ ނޫން ގެއްލުމެއް ނުވޭ.”
އަހަރެންގެ އަތަށް ބަލައިލެވުނެވެ. ވާތުގައި ވަނީ ޕްލާސްޓަރު އަޅައިފައެވެ.
“މަންމާ. ސަލީމުގެ ފޯނުކޯލެއް ލިބުނީ.” އަހަންނަށް އަނެއްބައި ބުނަން ދަތިވިއެވެ. ނަރުސް ކުއްޖާ ހީކުރީ އޭނާ ހުރީމާ ކަމަށެވެ. އޭނާ ކޮޓަރިން ބޭރަށް ދިޔައެވެ.
“މަންމާ އަވަހަށް ޚަބަރު ބަލާބަލަ. ސަލީމު ބުނީ ތިމަން ކޮންމެވެސް ތުހުމަތެއްގައި ޖަލަށް ގެނެސްފައޭ އިނީ. އަހަންނަށް އެނގޭ ސަލީމު އެފަދަ ކަމެއް ނުކުރާނެކަން.”
“ތި ފޯނުކޯލެއް ކުރީ ހަމަ ސަލީމުކަން ކަށަވަރުތަ؟” އެތާހުރި އަހަރެންގެ ރައްޓެއްސަކު އެއްސެވެ.
“އާން.” އަހަރެން ބުނީމެވެ. “އެއީ ސަލީމު. އެތަނުގެ ފޯނުން ފޯނުކުރީ. ސަލީމަކަށް ވާހަކައެއް ނުދެއްކުނު. ހަމައެކަނި ބުނެވުނީ ޝައްކެއް ވެގެން ޖަލަށް ގެނެސްފައޭ. ގޯސް އެއްވެސް ކަމެއް ނުކުރަމޭ.”
“ސަލީމު ނުރަނގަޅު މަގަކުން ނުދާނެ. ތި ވާނީ އޮޅުމަކަށް.” މަންމަ ބުންޏެވެ.
“މާދަމާ ތިކަންތައް ސާފުވާނެ.” އަހަރެން ބުނީމެވެ. “ސަލީމު ނުކުރާނެ އެއްވެސް ގޯސްކަމެއް. “މަންމާ އަވަހަށް ވަކީލަކު ހޯދައިގެން އެކަމާ އުޅެދޭށޭ ބޭބެ ގާތު ބުނެދީ.”
ސަލީމު ޖަލަށް ލީ މާރާމާރީއެއްގެ ތުހުމަތުގައި ކަން ފަހު ދުވަހު އެނގިއްޖެއެވެ. އެކަމަކު ސަލީމާކީ ނުސިޔާނު ގޮތަކަށް މީހެއްގެ ގައިގައި އިނގިލިކުރި ވެސް ޖައްސައިލާނެ މީހެއް ނޫންކަން އޭނާ ދަންނަ ހަމަ ކޮންމެ މީހަކަށްމެ އެނގޭނެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ވެސް އަޒުހާނު އަހަންނަށް ފޯނުކޮށްފައި ކޮބައިހޭ ސަލީމަކީ ވަކި ކާކުހޭ. އެއީ މާ ޞޯލިޙު މީހެއްހޭ. އެވަނީ މީހަކު ގަޔަށް ވަޅި ހަރައިގެން ޖަލަށް ލައިފައޭ. އަވަހަށް ވަރިވާން އުޅޭށޭ ކިޔައި ވާހަކަ ދެއްކިއެވެ. ހާދަ ނުބައި ނުލަފާ މީހެކޭ އަހަރެންގެ ހިތަށް އެރިއެވެ.
ވަރަށް އުނދަގޫ ދުވަސްކޮޅެކެވެ. މީހުން ދައްކާނެ ވާހަކަތަކާހުރެ ކަންބޮޑުވެއެވެ. ސަލީމުގެ ތަޙުޤީޤު ދާގޮތާމެދު ދެރަވެއެވެ. ހީކުރި ގޮތަށް ސަލީމު ދުލެއް ނުކުރިއެވެ. އެ ދަނީ ފަނަރަ ދުވަހުން، ތިރީސް ދުވަހުން، މުއްދަތު ޖަހަމުންނެވެ. އަހަރެންގެ އަތުގެ ކަށި ބެދުނެއްކަމަކު އަތަކުން ތަދެއް ނުފިލައެވެ. ހިތަކުން ވޭނެއް ނުކެނޑެއެވެ. އިރުއިރުކޮޅާ ކޮންމެވެސް ކަމެއް ދިމާވެގެން ހޮސްޕިޓަލަށް ދާން ޖެހެއެވެ. ބަނޑުގައި އޮތް ދަރިފުޅަށް ޓަކައި ވަރަށް ހިތްވަރު ކުރަމެވެ. އެހެން ނަމަވެސް، ރަނގަޅަކަށް ނުކެވެއެވެ. ނުއެއް ނިދެއެވެ. ހިކެނީއެވެ. ވަރު ދެރަވަނީއެވެ. ބަލިވަނީއެވެ.
އެ ދުވަސްތަކުގެ ތެރޭގައި އަހަންނަށް ޖަލަށް ގޮސް ހަފްތާއަކު އެއްފަހަރު ސަލީމާ ބައްދަލުކުރެވެއެވެ. ވާހަކަ ދައްކައި ހެދެއެވެ. ސަލީމު ހުންނަނީ ވަރަށް ޔަޤީންކަމާއެކުގައެވެ. ސަލީމު ކިޔައިދިން ގޮތުގައި އޭނާ އެރޭވެސް ގެއަށް ދާން ނުކުތީ އޮފީސް ބަންދު ކުރުމުގެ ބައިގަނޑިއިރު ކުރިންނެވެ. އޭނާ ބޭރަށް ނުކުތް އިރު ފެނުނީ އަނެއް ފަރާތު ފާރު ކައިރީގައި މީހަކު ވެއްޓިފައި އޮއްވައެވެ. އޭނާގެ އިހުސާންތެރިކަން ހުރި ވަރުންނާއި މިފަދަ ކަންކަމުގައި ކަން ކުރަން ވާނެ ގޮތް ނޭނގުމާއެކު އޭނާ ދިޔައީ އެ މީހާއަށް އެހީތެރިވުމަށެވެ. އޭނާގެ ފައި ސައިކަލް ދަށު ވެފައި އޮތުމާއެކު ސައިކަލް ހިއްލައި އޭނާގެ ފައި ދުރައްޖައސައިލި ވަގުތު އޭނާއަށް ފެނުނީ އެ މީހާގެ ބުރަކައްޓާ ދިމާލުން ލޭފައިބާތަނެވެ. ސަލީމު ދުވެ ގޮސް ވަނީ އޭނާގެ އޮފީހަށެވެ. ސެކްރެޓަރީއަށް ގޮވުމަށެވެ. އަދި ފުލުހުންނަށް ވެސް އެންގުމަށެވެ. ނަމަވެސް، އޭނާ އޮފީހަށް ވަންތަނާ ފަހަތުން ކަހަކަ ގޮތަކަށް ފުލުހުން ވެސް އޮފީހަށް ވަނެވެ. ވަގުތުން އޭނާ ހިފައި ހައްޔަރުކޮށް ބިޑި އެޅުވިއެވެ.
ސަލީމު ދިޔައީ އެކަމަށް އިންކާރު ކުރަމުން ނެވެ. ކަން ހިނގިގޮތް ތަފުސީލުކޮށް ކިޔައި ދެމުންނެވެ. ފުލުހުން ގެންދިޔައީ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ. ވަކީލު ދިޔައީ ހެއްކާއި ޤަރީނާ ހޯދަމުން ދަޢުވާއަށް ތައްޔާރު ވަމުންނެވެ.
އަދަކީ އަހަންނަށް އުފަލެއް ލިބުނު ދުވަހެކެވެ. ދަރިފުޅު ސަލާމަތުން ދުނިޔެއަށް އައީތީ އަހަރެން ﷲ ޝަކުރުދަންނަވަމެވެ. އަހަރެމެންގެ ތުއްތު ތުއްތު ދަރިފުޅު އަހަރެންގެ ގާތުގައި ނިދާފައި އޮތް އިރު އަހަރެންގެ ހިތަށް އަރައެވެ. ‘މި ދަރިފުޅު މިއޮތީ އަހަރެންގެ ގާތުގައެވެ. ދަރިފުޅުގެ ބައްޕަ އެ އޮތީ ޖަލުގައެވެ. ދަރިފުޅު އަހަރެންގެ ބަނޑުން މިނިވަންކަމުގެ ތެރެއަށް ނޭވާލީއިރު ދަރިފުޅުގެ ބައްޕަ އެވަނީ ޖަލުގެ ކުޑަ ގޮޅީގައި ބަންދުކުރެވިފައެވެ. ދަރިފުޅު ނިދާފައި މިއޮތީ ދަރިފުޅުގެ މަންމައާއެކު އަރާމު ތަންމައްޗެއްގައެވެ. އޭނާގެ ބައްޕަ އޮންނާނީ ކުށްވެރިންތަކަކާ އެކު ހަރު ތަޅުންގަނޑެއްގެ މަތީ ކުނަލެއް ފަތުރާލައިގެންނެވެ. ބޯދަށުގައި އޮންނާނީ ވަރަށް ތުނިތުނި ބާލީހެކެވެ. ބާލީސް ތުނިކަމުންނާއި ތަން ހަރުކަމުން އޭނާ އުޅޭނީ ނުނިދިގެންނެވެ.
މި ދަރިފުޅު ދުނިޔެއަށް އައި އިރު އޭނާގެ ބައްޕައަށް ނުހުރެވުނީ ދަރިފުޅުގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އަހަރެން މި ދަރިފުޅު ވިހެއި އިރު އަހަރެންގެ ފިރިމީހާއަށް އަހަރެން ގާތުގައި ނުހުރެވުނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ މި އުފާވެރި ވަގުތު ސަލީމު ޖަލުގައި އޮންނަން ޖެހުނީ ސަލީމުގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އަހަރެމެންގެ މި ދަރިފުޅު ބޮޑުވާނީ ބައްޕައެއްގެ ލޯބި ނުލިބިހެއްޔެވެ؟ މި ދަރިފުޅު ވާނީ އެހާ ނަޞީބު ދެރަ ކުއްޖަކަށް ހެއްޔެވެ؟ މިހެން މި ކަންކަން ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ މާތް ﷲ މަޢުޞޫމު މި ތުއްތު ދަރިފުޅަށްޓަކައި، އެ ދަރިފުޅުގެ ބައްޕަގެ ކުށެއްނެތްކަން ހާމަކުރައްވައިފާދޭވެ! އެ ދަރިފުޅުގެ ބައްޕަ ޖަލުން މިންޖުކުރައްވައިފާދޭވެ! އަހަންނަށް ނިދުނީ ދުޢާކުރުމުގައި އޮއްވައެވެ.
އަހަންނަށް ހޭލެވުނު އިރު އެނދުކައިރީގައި ހުއްޓިލައިގެން ދަރިފުޅުގެ ގައިގައި ފިރުމަ ފިރުމާ އެހުރީ ސަލީމެވެ. އަހަންނަށް ސަލީމޭ ކިޔައި ހަޅޭއްލަވައި ގަނެވުނެވެ. ދަރިފުޅު ސިއްސައިގެން ދިއުމާއެކު ރޯން ފެއްޓިއެވެ. ސަލީމު އަހަރެންގެ ގައިގައި ބައްދައިގަތެވެ. އަހަންނަށް ހީކުރެވުނީ ހުވަފެނެއް ކަމަށެވެ. ނަމަވެސް ހުވަފެނެއް ނޫނެވެ. އެ ކުށްކުރިމީހާ ހޯދުނީއެވެ. އެއީ ސަލީމުގެ ބޮލުގައި އެޅުވުމަށްޓަކައި ދުރާލާ ރާވައިގެން އަޒުހާނު ހިންގި ޖަރީމާއެއްކަން ސާފުވީއެވެ. ދަރިފުޅު ދުނިޔެއަށް އައި ދުވަހާ ސަލީމު މިނިވަންވި ދުވަހާ އެއްދުވަހަކަށް ވީއެވެ.
