
“ރޮނީތަ؟” އަންހެނުންގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން އަހަރެން އެހީމެވެ؟ “ކީއްވެ ތި ރޮނީ؟”
ޝަހާ އަނގަޔަކުން ނުބުންޏެވެ. އެ އޮތްގޮތަށް އަނެއް ފަރާތަށް އެނބުރިގެން އޮތީއެވެ.
“ބުނެބަލަ ޝަހާ.” ޝަހާއާ ބޮޑަށް ކައިރިއަށް ޖެހިލާފައި އަހަރެން ބުނީމެވެ. “ކިހިނެއްވެގެން ތިރޮނީ؟ ޝަހާ ބުނެބަލަ، ކަމަކާ ކަންބޮޑުވަނީތަ؟” ޝަހާ އަގަޔަކުން ނުބުނެ އެ އޮތް ގޮތަށް އޮތެވެ.
އަހަރެން ޝަހާގެ ކޮނޑުން އަތް ނެގީމެވެ. ސީލިންއަށް ބަލަހައްޓައިގެން އަހަންނަށް އޮވެވުނެވެ. އޭރު އަހަރެންގެ ޚިޔާލަށް އައީ މީގެ ދުވަސްގަނޑެއް ކުރީގެ ރޭތައް އަހަރެމެން ހޭދަކުރި ގޮތެވެ. ރޭގަނޑަށް އަހަރެމެން އުފާވެރިކަމާއެކު އިންތިޒާރު ކުރީމެވެ. ހަވީރު ފެންވަރައި ރީތި ވީމެވެ. ސެންޓް ލައި މީރު ވަސް ދުއްވީމެވެ. އެކުގައި ހަވީރު ސައިބޮއި ގައިގޯޅިވެ ހެދީމެވެ. އެރޭ ޖަހާނެ މިޔުޒިކާމެދު ވާހަކަދައްކައި، ޖޯކުޖަހައި، ހީނ ސަމާސާކޮށް ހެދީމެވެ. ނިދަން ކޮޓަރިއަށް ވަންނަހިތުން ތިބެނީ ކެތް މަދުވެފައެވެ. ކޮޓަރިއަށް ވަދެވުމާއެކު ބޮކި ނިއްވައި، ކުލަބޮކި ދިއްލައި، މިޔުޒިކު ޖަހައި، ކޮޓަރިއަށް ‘ނައިޓް އެންޖަލް’ ސްޕްރޭކޮށް، މާހައުލު ހުވަފެނީ ކޮށްލަމެވެ. އަހަރެމެންގެ އެންމެހާ ޙަރަކާތްތަކާއި މުޅި ހަށިގަނޑު ލޯބީގެ އޮއިވަރަށް ދޫކޮށްލަމެވެ. ކޮންފަދަ އުފާވެރި ރޭތަކެއް ހެއްޔެވެ؟ ޝަހާގެ ކޮންމެ ޙަރަކާތެއް އެއީ އަހަރެން އެއަށް ދަމައިގަތް ޖާދުލެކެވެ. ޝަހާގެ ކޮންމެ އަޑެއް އެއީ އަހަރެންގެ ހިތް އަވަސްކުރުވި މިޔުޒިކެކެވެ. ޝަހާގެ ކޮންމެ ބީހިލުމެއް އެއީ އަހަރެން މަސްތުކުރުވި އިހުސާސެކެވެ. އެއްވެސް ރެއަކު ނިދާކަށް ބޭނުމެއް ނުވެއެވެ. އަރާމު ވަރުބައްޔެއްގައި ނިދެނީއެވެ. ހޭލެވެނީ އުފާވެރި އުންމީދީ ހެނދުނަކަށެވެ.
އަނެއްކާވެސް ޝަހާއަށް ގޮވައިލީމެވެ. އަނގަޔަކުން ނުބުނުމުން އަދި ވަރަށް ބޮޑަށް ކައިރިވެލާފައި ޝަހާގެ މޫނުގައި ބޮސްދިނީމެވެ. ޝަހާގެ ލޮލުން ކަރުނަ ފައިބައިފައި ހުރިކަން އިހުސާސް ކުރެވުނެވެ. ޝަހާ ހަމަ އެއްވެސް ޙަރަކާތެއް ނުކޮށް އޮތެވެ. މިއީ މިރޭ ފުރަތަމަ ފަހަރަށް ދިމާވި ކަމެއް ނޫނެވެ. މި ފަހަކަށް އައިސް މިހެން ދިމާވެއެވެ. މިހާރު ދުވާލުވެސް އަހަރެމެން ދެމީހުންގެ ދޭތެރޭގައި އިހު ނެތް ދުރުމިނެއް އުފެދެން ފަށާފައި ވެއެވެ. މިކަމާ މެދު އަހަރެން ވިސްނަމެވެ. ޝާހާއާ ސުވާލުވެސް ކުރަމެވެ. ނަމަވެސް ޝަހާ އެއަކަށް ޖަވާބެއް ނުދެއެވެ.
“ޝަހާ ކީއްވެ ތިހެން ތިހަދަނީ؟” އަހަރެން އެހީމެވެ. “ކީއްވެ އަނގައިން ނުބުނަނީ؟ ކީއްވެ ތި ވެގެން އުޅޭ ކަމެއްގެ ވާހަކަ އަހަރެން ގާތު ނުބުނަނީ؟”
ޝަހާ ޖަވާބެއް ނުދިނެވެ.
“ޝަހާ، މިހާރު ކިތައް ދުވަހު އަހަފިން؟ ކިހާވަރަކަށް އާދޭސްކޮށްފިން.” އާދޭހުގެ ރާގެއްގައި އަހަރެން ބުނީމެވެ. “އަހަރެމެން މީ ކިހާ އުފަލެއްގައި އުޅުނު ދެމީހުން؟ މިހާރު ކިހިނެއް މި އުޅެނީ؟ ކީއްވެ މިހެން ވާންވީ؟ އަހަރެން ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ޝަހާދެކެ ލޯބިވަން. އަހަރެން ޝަހާއަށް ބޭވަފާތެރިއެއް ނުވަން. ޝަހާ ދެރަވާނެ އެއްވެސް ކަމެއް ނުކުރަން. އެކަމަކު ކީއްވެ ޝަހާ އަހަންނަށް ތި އަނިޔާ ދެނީ؟”
އަހަރެން މިހެން ބުނުމުން ޝަހާގެ ރުއިން ފަޅައިގެން ދިޔައެވެ. ހަމަ ރަނގަޅަށް ރޯން ފެއްޓިއެވެ. ރޮމުން އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. “ހަމީ. މަޢާފުކުރޭ. އަހަރެން ބޭނުމެއް ނޫން ހަމީއަކަށް އަނިޔާދޭކަށް.” ޝަހާ ބުންޏެވެ. “އަހަރެން މި ރޮނީ އަހަރެންގެ އަމިއްލަ ކަމަކާ.”
“ޝަހާގެ ކޮން އަމިއްލަ ކަމެއް؟” އަހަރެން އަވަސް އަވަހަށް ސުވާލުކުރީމެވެ. “އަހަރެން ގާތު ނުބުނާ ވަރުގެ އަމިއްލަ ކަމެއް ޝަހާގެ އޮންނާނެތަ؟”
“އަހަރެން ހަމަ ދެރަވަނީ.” ޝަހާ ބުންޏެވެ “ހަމަ ދެރަވަނީ.”
“ކޮންމެވެސް ކަމަކާނު ދެރަވާނީ؟” ޝަހާގެ މޫނުމަތީގައި ހުރި ކަރުނަތައް ފޮހެލާދެމުން އަހަރެން އެހީމެވެ. “ތި ދެރަވާ ކަމެއް ހަމީއަށް ނާންގާ ތި ހުންނަނީ ކީއްވެ؟ އެ ދުވަހު ޑޮކްޓަރަށް ދެއްކުމުން ނުރަގަނޅު ވާހަކައެއް ޑޮކްޓަރު ބުނީތަ؟”
“ނޫން. އެއްވެސް މައްސަލައެއް ނެތްކަމަށް ޑޮކްޓަރު ބުނުއްވީ.” ޝަހާ އަހަރެންގެ މޭމަތީގައި ހަމަޖެހިލަމުން ބުންޏެވެ. “އަހަންނަށް މަޢާފުކުރޭ ހަމީ.”
“އަޅެ ކޮން ކަމަކާތަ އަހަރެން މަޢާފު ކުރަންވީ؟” ހާސްކަމެއް އަހަންނަށް ވެރިވިއެވެ. “އަނެއްކާ ޝަހާއަށް ގޯސްކަމެއް ކުރެވުނީތަ؟”
“ގޯސްކަމެއް؟” ޝަހާ ބުންޏެވެ. “އާނ ގޯސްކަމެއް.”
“ކޮން ގޯސްކަމެއް؟” އަހަންނަށް ކުއްލިއަކަށް އެނދުގައި އިށީނދެލެވުނެވެ. “ޝަހާ އެހެން މީހަކާ ރައްޓެހިވީތަ؟” އެވަގުތު އަހަރެންގެ ހިތަށް ވަނީ މި ފަހަކަށް އައިސް މި ގެއަށް މާ ގަދަވެގަނެގެން އުޅޭ މީދޫ އަދުނާނުގެ މަތިންނެވެ. ޝަހާގެ މަންމަމެނަށް އެއީ މާ ރަނގަޅު މީހެކެވެ. އޭނައާ ނުލާ ގޭގެ އެއްވެސް ކަމެއް ފުރިހަމަ ނުވާ ކަހަލައެވެ. އޭނާ ވެސް އުޅެނީ ހިތުން މިގޭ ވެރިޔަކަށް ވެގެންނެވެ. މީނާއާ މެދު އަހަންނަށް ޝައްކުކުރެވެމުން ދާތާ ދުވަސްގަނޑެއް ވެއްޖެއެވެ. ޝަހާ އޭނާއަށް ބަލައިލިޔަސް، އަދި އަނގައިން ބުނެލިޔަސް އަހަރެން ގާތަށް ރުޅި އާދެއެވެ.
“ނޫން. އެކަހަލަ ކަމެއް ނޫން.” ޝަހާ އަހަރެން ކޮނޑުގައި ހިފައި އެނދުގައި ބާއްވަން މަސައްކަތްކުރިއެވެ.
“ދެން ކޮންކަމެއް؟ އަވަހަށް ބުނޭ.” އަމުރުވެރި ރާގަކަށް އަހަންނަށް ބުނެވުނެވެ.
“ހަމަ ބުނަންވީތަ؟” ޝަހާ އެއްސެވެ. “ބުނީމަ ހަމީ ދެރަވާނެ. ވަރަށް ބޮޑަށް ދެރަވާނެ.”
“ބުނޭ. މިހާރު ހަމަ ބުނޭ. އަހަރެން ކިތަންމެ ދެރަވިޔަސް ތިވާހަކަ ވާނީ ބުނަން. މިހާރު ކިހާ ދުވަހެއް ތިކަމެއްގައި އަހަރެމެން އުޅޭތާ؟ އަވަހަށް ބުނޭ.”
“ހަމީ.” ޝަހާ އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ. މަޑުމަޑުން ބުންޏެވެ “ޝަހާ ކުއްޖެއް ބޭނުން ވަނީ.”
ޝަހާ އެހެން ބުނި އަޑު އިވުމުން، އަހަރެންގެ މުޅި މާޒީ އެއް ސިކުންތުގެ ތެރޭގައި އަހަރެންގެ ޚިޔާލަށް އައިސްފައި ގެއްލުނެވެ. އަހަރެންގެ އުންމީދުތަކުގައި ކަޅުކުލަޖެހި މުޅި ދުނިޔެ އަނދިރި ވިއެވެ. އަހަރެންގެ ގައިން ވަރު ދޫވިއެވެ. އަހަރެން ގައުވިއެވެ. އެއްވެސް ޙަރަކާތެއް ނެތި އަހަންނަށް އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ މޭމަތީގައި ބޯ އަޅައިގެން ޝަހާ މަޑުމަޑުން އޮތީ ކިހާއިރެއް ވަންދެންކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.
އަހަރެން އެނބުރި ދުނިޔެއަށް އައި އިރު އަހަންނަށް ފެނުނީ މުޅީން އެހެން ދުނިޔެއެކެވެ. އަހަރެންގެ މޭމަތީގައި އޮތް ޝަހާ އަހަންނަށް ފެނުނީ މުޅީން އެހެން މީހެއްގެ ގޮތުގައެވެ. ކިތަންމެ ގާތުގައި އޮތަސް އޮތީ ވަރަށް ދުރުގައެވެ. ޝަހާ ކިތަންމެ ވައުދެއް ވެފައި ވިޔަސް އެ ހަނދާނެއް މިހާރަކު ނެތެވެ. ކިތަންމެ ލޯތްބެއް ވިޔަސް އެ ހިތުގައި މިހާރު ވަނީ އެހެން ކަމެކެވެ. ނުވަތަ އެހެން މީހެކެވެ. ކަށަވެރެވެ. އަހަރެންގެ ހިތަށް ވެރިވީ އަހަރެންގެ ކުރީގެ އަނބިމީހާގެ ހަނދާންތަކެވެ. މިއީ ހަމަ އޭނާ ވެސް ދެމި ހާސަރުތަކެވެ. އަހަރެންދެކެ ލޯބި ވާ ވާހަކައެވެ. ލޯބިވާ އެހެން މީހަކު ނެތް ވާހަކައެވެ. ކުއްޖެއް ބޭނުންވާ ކަމުގެ ވާހަކައެވެ. އެކަމަކު އަހަރެން އޭނާ ވަރިކުރިތާ ހަތަރުވަނައަށް ވީމަހު އެހެން މީހަކާ އިނދެފިއެވެ. ނުވާނެ ކަމަށް ހީކުރި ކަންތައް އަނެއްކާ ވެސް މި ވީއެވެ. އަލުން މި އާދެވުނީ ހަމަ އެ ތަނަށެވެ.
“ޝަހާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެއްނު؟” އަހަރެން ހިތާމައާއެކު ބުނީމެވެ. “އަހަރެން އެކަމަށްޓަކައި ކޮށްފައިވާ މަސައްކަތް ޝަހާއަށް އެނގެއެއްނު؟ ޓެސްޓްތަކުގެ ނަތީޖާތަކާއި ޑޮކްޓަރުގެ ރިޕޯރޓްތައް ޝަހާ ދުށީމެއްނު؟ އަހަންނަށް ކުއްޖެއް ނުލިބޭނެކަން ޝަހާއަށް ޔަޤީން ވެއެއްނު؟ އަހަރެންގެ ކުރީގެ އަންހެނުން ވަރިކުރަން ޖެހުނު ގޮތް ވެސް ޝަހާއަށް ކިޔައިދިނީމެއްނު؟ އެފަދަ ނިކަމެތި ގޮތެއް އަހަންނަށް ނުޖައްސާނެ ކަމަށް ޝަހާ ވަޢުދުވީމެއްނު؟ ޝަހާ ބުނީމެއްނު ތިމަން ކުއްޖެއް ބޭނުމެއް ނޫނޭ. ތިމަން ބޭނުމީ ހަމީއޭ. މިއަދު ކިހިނެއް ތިވީ؟”
“ހަމީ. އަހަންނަށް މަޢާފު ކުރޭ.” ޝަހާ ވަރަށް ދެރަވެފައި ބުންޏެވެ. “އާނ. އަހަންނަށް އެނގޭ. ހަމީ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިން. އަހަރެން ވެސް ކުރިއަކުން ކުއްޖެއް ބޭނުމެއް ނޫން. އެކަމަކު މިހާރު އަހަރެމެނާ އެއްދުވަސްވަރެއްގައި ކައިވެނި ކުރި އަހަރެންގެ ރައްޓެހިންނަށް ކުދިން ލިބި އެކަމުގެ އުފަލުގައި އުޅޭތަން ފެނުމުން އެ ޚިޔާލު ކުރެވެނީކަން ނޭގޭ.”
“އަހަންނަށް އެނގޭ ތި ވާގޮތް.” އަހަރެން ބުނީމެވެ. “ތީ ރައްޓެހިން ކުދިން ގެންގުޅޭތަން ފެނިގެން ވާކަމެއް ނޫން. އަހަރެމެން ދެމީހުން އިންއިރު ވެސް ޝަހާއަށް ފެންނާނެއެއްނު މީހުން ދަރިން ގޮވައިގެން އުޅޭތަން. ތި ވާނީ މީދޫ އަދުނާނު މާ ރަނގަޅުވެގެން ޝަހާގެ މަންމަމެން އެ ވާހަކަ ދައްކަނީ ކަމަށް. ތި ވާނީ ޝަހާގެ މަންމަމެން މާމަކުއްޖެއް ބޭނުންވެގެން އެކަމާ ވާހަކަ ދައްކަނީ ކަމަށް. ތި ވާނީ ޝަހާގެ ޚިޔާލު ވެސް ބަދަލު ވަނީކަމަށް.”
“ހަމީ، ކިތައް ދުވަހު ބުނެފިން އަހަންނަކާ ތި އަދުނާނަކާ އެއްވެސް ގުޅުމެއް ނެތޭ. ދެން އަދުނާނެއްގެ ވާހަކަ ނުދައްކާ. ތެދެއް މަންމަމެން މާމަ ކުއްޖެއްގެ ވާހަކަ ދައްކާ.” ޝަހާ ޖަވާބު ދިނެވެ. “މަންމަ ބަލިވިފަހުން އަދި މާ ބޮޑަށް ވެސް އެ ވާހަކަ ދައްކާ. މަންމަ މަރުވުމުގެ ކުރިން މާމަ ކުއްޖަކު ދެކޭ ހިތްވާވާހަކަ ބުނޭ. މަންމަމެން ހީކުރަނީ އަހަރެމެން ކުއްޖެއް ހޯދަން ބޭނުން ނުވަނީކަމަށް. އެކަމަކު ހަމީ، އެހެން ވެގެންނެއް ނޫން އަހަރެންގެ ހިތަށް މިހެން އަރަނީކީ. މިހާރު ހަމަ ކުއްޖެއްގެ ޚިޔާލު އަންނަނީ. ހީވަނީ މިއީ އަންހެނަކަށް ވާތީ ދިމާވާ ކަމެއްހެން.”
“ނުވާނެ ތިހެން.” އަހަރެން ބުނީމެވެ. “އޭރު އަހަރެން ހުރުމުން ފުދޭ. މިހާރު އަހަރެންގެ މަތިން ފޫހިވީ. ކޮންމެ ވެސް މާ ރަނގަޅު އެހެން މީހަކު ފެންނަނީ. އެއީ ތި ވީގޮތަކީ. އެހެންވެ ކޮންމެވެސް އުޒުރެއް ދައްކަނީ.”
“ނޫން ހަމީ. ހެޔޮނުވާނެ ތިހެން ނުބުނޭ.” ޝަހާ އާދޭހުގެ ރާގެއްގައި ބުންޏެވެ. “އަހަރެން ހަމީ ދެކެ ފޫއްސެއް ނުވޭ. ނުވެސް ވާނެ. އަހަރެން މީ ހަމީގެ ކުރީގެ އަންހެނުން ޝިރުހާ ކަހަލަ މީހެއްނޫން. އޭނާއާ އަހަންނާ އެއްފަދަ ނުކުރޭ. ހަމީ ވެސް ނިކަން ވިސްނާލަބަލަ ފެންނަހާ އަންހެނުން ދަރިން ގޮވައިގެން އުޅޭއިރު އަހަރެމެންގެ ދަރިއަކު ނެތުމުން އެކަން ހިތަކަށް ނާރާނެތަ؟ އެ މީހުން ދަރިންގެ އުފާވެރި ވާހަކަ ދައްކާއިރު އެކަމާމެދު ނުވިސްނޭނެތަ؟ އެ ހުސްކަން އިޙުސާސް ނުކުރެވޭނެތަ؟ ކައިވެނީގައި ވަކި ހިސާބަކަށް ދެވުމުން އަންހެން މީހާގެ ހަށިގަނޑު ކުދިންނަކަށް ނޭދޭނެތަ؟ އަހަންނަށް ހީވަނީ ދަރިން ބޭނުންވުން އަންހެން މީހާގެ ހަށިގަނޑުގައި ލައްވާފައިވޭހެން. އެހެން ނޫނީ އަހަންނަކަށް ހިއެއްނުވޭ މިހާ ވަރަށް އަހަންނަށް އެޚިޔާލު ކުރެވޭނެހެނެއް. ކުއްޖެއް ނުލިބޭތީ މިހާ ދެރަވާނެހެނެއް. އަހަންނަށް ހީވަނީ ހަމީ އަށް ވެސް މި ޚިޔާލު ކުރެވޭނެހެން.”
“ޝަހާ ކިތަންމެ ވަރަކަށް ކުއްޖެއް ބޭނުންވިޔަސް، އަދި އަހަރެން ކުއްޖެއް ބޭނުންވިޔަސް އެކަމެއް ވާކަށް ނެތެއްނު؟” އެންމެ ފަހުން އަހަންނަށް ބުނެވުނެވެ. “ޝަހާ އެހާވަރުން ކުއްޖެއް ބޭނުމިއްޔާ ޖެހޭނީ އެހެން މީހަކާ ކައިވެނިކުރާކަށްނު؟”
“އަހަރެން ބޭނުމެއްނޫން އެހެން މީހަކާ އިންނާކަށް.” ޝަހާ ބުންޏެވެ.
“ތީ އަރަތެއް. އަހަންނަށް ކުދިން ނުލިބޭނެކަން ޝަހާއަށް އެނގޭ.” އަހަރެން ބުނީމެވެ. “އެކަމަކު ޝަހާ ކުއްޖެއް ބޭނުން. އެހެން މީހަކާ އިނދެގެން ކުއްޖެއް ހޯދާކަށް ބޭނުމެއް ނޫން.”
“ތިބުނީ ރަނގަޅަށް.” ޝަހާ އެއްބަސްވިއެވެ. “މިއީ އަހަރެން ގަސްދުގައި ކުރާކަމެއް ނޫން ހަމީ. އަހަރެން ކުރިން ބުނިފަދައިން މިއީ ޠަބީޢީ ކަމެއް. އަހަންނަކަށް މިކަމަކަށް ބާރެއް ނުފޯރުވޭ. އެހެންވެ އަހަރެން ދެރަވަނީ. ހިތާމަކުރެވެނީ. ރޮވެނީ.”
“އެބައޮތް ގޮތެއް.” އަހަރެން ބުނީމެވެ. “ޑޯނާރއެއްގެ ދަރިފަނި ބޭނުންކޮށްގެން ކުއްޖެއް ހޯދިދާނެ. ޝަހާ ބޭނުންތަ އެގޮތް؟” މި ކަމާ މެދު އޭނާ ވަނީ ވިސްނާފައެވެ. މިކަމާ ބެހޭ ގޮތުން މަޢުލޫމާތު ވެސް ވަނީ ހޯދާފައެވެ. އެކަމަކު އެކަން ކުރާކަށް ނޫނެވެ.
“ހަމީ ބޭނުންތަ؟” ޝަހާ ސުވާލުކުރިއެވެ.
“ޝަހާ އެދޭނަމަ، ޝަހާ ހިތްހަމަޖެހޭނަމަ އަހަރެން މިހުރީ ކުރަން.” އަހަރެން އެއްބަސް ވީމެވެ. “ކޮންމެ ކަމެއް ކޮށްގެން ވެސް އަހަރެން ބޭނުން ޝަހާއާ އެކުގައި އުޅެން.”
“އަހަރެން ވެސް ބޭނުން ހަމީއާ އެކުގައި އަބަދަށް ވެސް ދިރިއުޅެން.” ޝަހާގެ މެއިން ބޮޑު ބަރެއް ނެގިގެން ދިޔަހާ ލުއިކަން އޭނާއަށް އިހުސާސް ކުރެވުނެވެ.
ޝަހާ ހަމީދުގެ މޭމަތީގައި އަތްކާއްތަން ފެއްޓިއެވެ. ހަމީދުވެސް ޝަހާގެ ގައިގެ އެތަން މިތާގައި ފިރުމައި ލޯބިކުރަން ފެއްޓިއެވެ. ލޯބީގެ ޖަޒުބާތީ ދުނިޔޭގައި ދެމީހުން އަނެއްކާ ވެސް އުދުހެން ފަށައިފިއެވެ.
